މުޅި އުމުރަށް ހަށިގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ހަރަކާތްތެރިވެ އުޅޭއިރު ވަރަށް ގިނަ ފަހަރަށް ތިމާގެ ނަފުސާނީ ދުޅަހެޔޮ ކަމާމެދު އިހުމާލުވެވޭ ފަހަރު އާދެއެވެ.
މިހެން މިކަން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ނަފުސާނީ ދުޅަހެޔޮކަމަށް ވުރެ ޖިސްމާނީ ދުޅަހެޔޮކަމަށް އިސްކަންދެވި ތިމާގެ 'މެންޓަލް ހެލްތް'އާ މެދު ފަރުވާ ކުޑަކުރެވޭތީއެވެ.
އެހެންނަމަވެސް ދިރިއުޅުން ރަނގަޅު ފެންވަރެއްގައި ދެމެހެއްޓުމަށް ޖިސްމާނީ ދުޅަހެޔޮކަމާ އެއްވަރަށް ތިމާގެ މެންޓަލް ސްޓޭޓަސް ސްޓޭބަލްކޮށް ބެހެއްޓުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.
އާއްމުގޮތެއްގައި ނަފުސާނީ ދުޅަހެޔޮކަމުގައި އިސްކަމެއް ދިނުން މުހިއްމު ހަތަރު ތަނބެއްވެއެވެ. އެއީ ތިމާގެ އަމިއްލަ ޖަޒުބާތުތަކުގެ ދުޅަހެޔޮކަން، އިޖުތިމާއީ ދުޅަހެޔޮކަން، މާލީ އަދި ތިމާގެ ޖިސްމާނީ ދުޅަހެޔޮކަމެވެ.
އަޅުގަޑުމެންގެ ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމެއް ވެސް ގުޅިފައި މިވަނީ ތަފާތު އެކި ޖަޒުބާތުތަކާއެވެ. އެހެންކަމުން ދިރިއުޅުމުގައި ދިމާވާ ކަންކަމާ ކުރިމަތިލާން ނިންމާ ގޮތަކުން ވެސް އެ މީހެއްގެ ނަފުސާނީ ދުޅަހެޔޮކަމަށް އޭގެ އަސަރުކުރާނެއެވެ.
ތިޔައީ އަމިއްލަ ޖަޒުބާތުތައް ދުޅަހެޔޮކަންމަތީ ދަމަހައްޓަން އެނގޭ މީހެއްނަމަ ދިރިއުޅުމުގައި ދިމާވާ 'ނެގެޓިވް' ކަންކަމުން އަރައިގަންނާނެ އުކުޅުތައް ފަސޭހައިން ދެނެގަންނާނެއެވެ. މިފަދަ ކަންކަމާ ކުރިމަތިލުމުގެ އުކުޅުތައް ނޭނގޭ މީހެއްނަމަ އެކަމުގެ ސަބަބުން ނަފުސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާ މިންވަރު އަވަސްވުމުގެ ފުރުސަތު ބޮޑެވެ.
އިޖުތިމާއީ ދުޅަހެޔޮކަމުގައި އެންމެ މުހިއްމު ދައުރެއް ކުޅޭ އެއްބަޔަކީ ކައިރީގައި ތިބޭ ތިމާ ދެކެ އިންތިހާއަށް ލޯބިވާ މީހުންނެވެ. އޭގެތެރޭގައި އާއިލީ މެމްބަރުންނާއި، އެކި ފަންތީގެ އެކުވެރިންނާއި، ސްކޫލް ދައުރުގެ އެކުވެރިންގެ އިތުރުން ހަޔާތުގެ ބައިވެރިޔާ ހިމެނެއެވެ.
މިއީ އަޅުގަނޑުމެންގެ ހަޔާތުގައި ދިމާވާ މުހިއްމު ކަންކަމުގައި އެންމެ ގާތުގައި ތިބޭ މީހުންނެވެ. މިފަދަ މީހުންނާ އެކު އޮންނަ ގުޅުން ދުވަހެއް ދުވަހަކަށް ބަދަހިވުމަކީ ވެސް އަމިއްލަ ނަފުސުގެ ނަފުސާނީ ދުޅަހެޔޮކަމަށް ނުހަނު ހެޔޮ އަސަރުތަކެއް ކުރުވާ ކަމެކެވެ.
ބައެއް މީހުން ދެކޭ ގޮތުގައި ހަޔާތުގެ އުފާވެރިކަން އެންމެ ބޮޑަށް ގުޅިފައިވަނީ އެ މީހެއްގެ ބޭންކް ބެލެންސްގެ ބުރަދަނާއެވެ. އެހެންނަމަވެސް މިއީ ވަރަށް ބޮޑު ކުށްހީއެކެވެ. އަތުގައި ކިތަންމެ ގިނަ ފައިސާއެއް ހުއްޓަސް ނުވަތަ މާލީގޮތުން ތިމާއަކީ ކިތަންމެ ތަނަވަސް މީހަކަށް ވިޔަސް ނަފުސާނީ ގޮތުން ބައެއް މީހުންނަކީ ވަރަށް ބަލިކަށި ބައެކެވެ.
އެއާ ޚިލާފަށް ތިމާއަށް ލިބޭ އާމްދަނީ ކޮންޓްރޯލް ކުރާނެ އުކުޅު ދަސްވެ ދިރިއުޅުމުގައި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރަން ދަންނަ މީހުންނަކީ ނަފުސާނީ ގޮތުން ދުޅަހެޔޮ ބައެކޭ ބުނުން ދޮގަކަށް ނުވާނެއެވެ.
އަމިއްލަ ޖިސްމާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ވަކި ހާއްސަ ކެއުމެއް އިހުތިޔާރުކޮށް ކަސްރަތުތައް ކުރުމަށް އިސްކަންދޭ ފަދައިން ތިމާގެ ނަފުސާނީ ދުޅަހެޔޮކަމަށް ވެސް ހެޔޮ ބަދަލުތައް ގެނައުމުގެ މަސައްކަތް ފެށިދާނެއެވެ. އެގޮތުން ބަރާބަރަށް ގަޑިއަށް ނިދުމާއި ހަށިގަނޑަށް ބޭނުންވާ އަރާމު ހޯދައިދިނުމަށް މަސައްކަތްކުރުމާއި ތިމާގެ ނަފުސަށް ގެއްލުން ލިބޭނެ ކެއުންތަކާއި ބުއިންތަކުން ދުރުހެލިވެ ހުރުން މުހިއްމެވެ.