ޖުމުހޫރީ ޕާޓީއަށް މެންބަރުން އިތުރުވާނަމަ ފައިދާކުރާނީ ޕީޕީއެމަށް: އުމަރު

މެންބަރުން އިތުރު ކުރަން ޖުމުހޫރީ ޕާޓީން ކުރާ މަސައްކަތުގެ ސަބަބުނުން އަންނަ ރިޔާސީ އިންތިހާބުގައި ސިޔާސީ ގޮތުން ފައިދާ ކުރާނީ ޕީޕީއެމަށް ކަމަށް އުމަރު ނަސީރު ވިދާޅު ވެއްޖެ އެވެ.

ޕީޕީއެމްގެ އައްޑޫ މެންބަރުން ރޭ ޣިޔާސުއްދީނުގައި ބޭއްވި ހަފުލާގައި އުމަރު ނަސީރު ވިދާޅުވީ މެންބަރުން އިތުރު ކުރަން ޖުމްހޫރީ ޕާޓީން ކުރާ މަސައްކަތަށް ޕީޕީއެމުން މަރުހަބާކިޔާ ކަމަށާއި އެ ޕާޓީއަށް މެންބަރުން އިތުރުވާނަމަ އަންނަ ރިޔާސީ އިންތިހާބުގައި އޭގެ ސިޔާސީ ފައިދާ ޕީޕީއެމަށަށް ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން ވަރަަށް މަރުހަބާ ދަންނަވަން ގާސިމް އިބުރާހިމް އެކުރައްވާ މަސައްކަތްތަކަށް ސަބަބަކީ އެ މަސައްކަތްތަކުގެ ސަބަބުން ސިޔާސީ ގޮތުން އެންމެ ފައިދާވާނެ ބަޔަކީ ޕީޕީއެމް. ރިޔާސީ އިންތިހާބެއްގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ އަދަދު މަދުވި ވަރަކަށް އޭގެ ފައިދާ ޕީޕީއެމަށް ކުރާނެ. އެހެންވީމަ ދަންނަވަނީ ޖުމުހޫރީ ޕާޓީ ކުރާކަންތަކުގެ ސިޔާސީ ފައިދާ އެންމެ ބޮޑަށް އޮތީ ޕީޕީއެމަށް،" ޕީޕިއެމްގެ އިންތިގާލީ ނައިބު ރައީސް ވިދާޅުވި އެވެ.

ޖުމުހޫރީ ޕާޓީއަށް މެންބަރުން އިތުރުވެގެން ދިއުމަކީ އެއްވެސް ގޮތަކަށް ޕީޕީއެމުން ކަން ބޮޑުވާ ކަމެއް ނޫން ކަމަށާއި ޕާޓީތަކުން މެންބަރުން އިތުރު ކުރާ ދުވަސްވަރެއްގައި ޕީޕިއެމުން ކަންބޮޑުވާ އަދަދަދަށް އެ ޕާޓީން މެންބަރުން ކެނޑިގެން ނުދާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"ހާއްސަކޮށް ޖުމުހޫރީ ޕާޓީގެ މެންބަރުންގެ އަދަދުތައް ބޮޑު ކުރަމުން އެބަގެންދޭ. އެއީއަކީ އެއްގޮތަކަށް ވެސް ޕީޕީއެމް ކަން ބޮޑުވާ ކަމެއް ނޫން. އެއީ ޕީޕީއެމްގެ ފުރާޅުން ޓިނު ނައްޓައިގެން ޖުމުހޫރީ ޕާޓީގެ ފުރާޅުގައި ޖަހާ ޖެހުމެއް ނޫން. އެއީ އެމްޑީޕީގެ ފުރާޅުން ޓިނު ނައްޓަގައިގެން ޖުމުހޫރީ ޕާޓީގައި ޖަހާ ޖެހުމެއް،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގައި ހިމެނި ވަޑައިގަންނަވާ މަޖިލިސް މެންބަރުންތަކެއް ޕާޓީއާ ވަކިވެވަޑައިގަންނަވަން އުޅުއްވާ ކަމުގެ ވާހަކަތައް ފަހަކަށް އައިސް ފެތުރެމުންދާ ކަމަށާއި އެކަމުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. ޕީޕިއެމްގައި ތިއްބެވި މަޖިލިސް މެންބަރުން ޕާޓީން ވަކިވެ ވަޑައި ނުގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޕީޕީއެމުން ބުނަނީ އެ ޕާޓީގައި 20000 އަށް ވުރެ ގިނަ މެންބަރުން ތިބި ކަމަށެވެ. އެކަމަކު އިލެކްޝަންސްގެ ރަސްމީ ދަފުތަރުގައި އޮންނަ އަދަދަކީ 16565 އެކެވެ. ޖުމްހޫރީ ޕާޓީގެ މެންބަރުންގެ އަދަދަކީ 5914 އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު