﷽
----------------------
ފަތިސް ނަމާދަށްފަހު، އާސަހަރާގެ ތެރޭގައި ހުރި ގޮނޑިތަކުގައި އިށީނދެލައިގެން ތިބި މީހުންގެ ތެރޭގައި އިން އުމުރުން ސާޅީސް ހަ އަހަރުގެ ރާމިޒާގެ ދެލޮލުން ކަރުނަތައް އޮހޮރެމުން ދިޔައެވެ. އިރުއިރުކޮޅަކާ ނޭފަތް ދަމާލާފައި އަތުގައި އޮތް ޓިޝޫއިން މޫނު ފުހެލި ނަމަވެސް، އޭނާގެ ކަރުނަތަކަކަށް ހުއްޓުމެއް ނައެވެ. ހިތްވަރުކުރަން މަސައްކަތް ކުރި ނަމަވެސް، ހިތުގެ ގިލަންވެރިކަމާއި އުދާސްކަމުގެ ކުރިމަތީގައި ނިކަމެތިވެފައިވާ ހިތުގެ ސަބަބުން އެކަން ކުރަން އުނދަގޫވިއެވެ. މެއާ ދިމާލުގައި އަތް އަޅާލެވުނީ މެއަށް ވެރިވި ތޫނު ތަދެއްގެ ސަބަބުންނެވެ. ސަހަރާގެ މީހުން ވަޅުލަން ގެންދާ ދިމާލަށް ބަލައިލި ރާމިޒާ އިސްޖަހާލިއިރު، އޭނާގެ ކައިރީގައި ތިބި އާއިލާގެ މީހުން ހިތްވަރު ދެމުން ދިޔައެވެ. އެހެންނަމަވެސް، ލޯބިވާ ފިރިމީހާ ވަސީމްގެ ވަކިވުމުން ފުން އަސަރުތަކެއް ކޮށްފައިވާ ރާމިޒާއަށް އިތުރަށް ރޮވުން ނޫންކަމެއް ނުކުރެވުނެވެ. އޭނާއަށް ތަޤުދީރާ މެދު ޝަކުވާކުރެވުނެވެ. ވަސީމް އޭނާގެ ޙަޔާތަށް އަލްވަދާޢު ކިޔުމަކީ، ރާމިޒާއަށް ބަރުދާސްތުކުރަން ދަތި ވޭނަކަށް ވަނީ ވެފައެވެ. އޭނާގެ ސަމާލުކަން ދެން ހުއްޓުނީ ވަސީމް ވަޅުލުމަށްފަހު، މީހުންތައް އެ ދިމާލުން ނުކުމެގެން އަންނަން ފެށުމުން އެމީހުންނަށެވެ. އެހެން އިންދާ އޭނާގެ ގާތަށް އައިސް ހުއްޓުނީ އެއްބަނޑުގައި ހުރި ހަމައެކަނި ބޭބެ ޖާވިދެވެ.
"ރާމިޒާ… ދެން ހުއްޓާލާ! ހިތްވަރު ކުރަން ވާނެއެއްނު." ޖާވިދު ރާމިޒާގެ ކޮނޑުގައި އަތް ޖައްސާލިއެވެ. ޖާވިދަށް ބަލާލުމަށްފަހު، ރާމިޒާ ގޮނޑިން ތެދުވެ އަޅައިގެން ހުރި އާދައިގެ ކަޅު ބުރުގާ ރަނގަޅުކޮށްލިއެވެ. އެއަށްފަހު، އޭނާ އެތަނުން ނުކުންނަން ހިނގައިގަތެވެ. އިތުރު އެއްޗެއް ބުނުމުގެ ޚިޔާލެއް އޭނާ ނުކުރެއެވެ.
"ރާމިޒާ! ކޮންތާކަށް؟" ޖާވިދު ރާމިޒާގެ ފަހަތުން ހިނގައިގަންނަމުން ސުވާލުކޮށްލިއެވެ.
"ހޮސްޕިޓަލަށް…" ރާމިޒާ ޖާވިދަށް ޖަވާބު ދިނީ ދެނެވެ.
"އަހަރެންވެސް ދާނަން…" ރާމިޒާ އެކަނި ފޮނުވަން ހިތްހަމަ ނުޖެހޭތީ، ޖާވިދު އެހެން ބުނެލާފައި އޭނާގެ އަންހެނުން ޒުލްފާއަށް ބަލައިލިއެވެ.
"އަހަރެން ބޭނުމީ އެކަނި ވަގުތުކޮޅެއް." ރާމިޒާގެ ވާހަކައިން އޭނާ ބޭނުންވަނީ ކޮންކަމެއްކަން ޖާވިދަށް ފަހުމްވިއެވެ.
"އެންމެ ރަނގަޅު. އެކަމަކު ހޮސްޕިޓަލަށް ލައިދޭން އަހަރެން ދާނަން." ޖާވިދު އެހެން ބުނުމުން އެކަމާ ރާމިޒާވެސް ދެކޮޅެއް ނުހަދައެވެ. ބޯ ޖަހާލަމުން އޭނާ އެތަނުން ނުކުންނަން ހިނގައިގަތުމުން، ޖާވިދު އޭނާގެ އަންހެނުންނާ ދެން ތިބި މީހުންނަށްވެސް ލޮލުން އެތަނުން ދިޔުމަށް އިޝާރާތްކޮށްލާފައި، ރާމިޒާގެ ފަހަތުން ދިޔައެވެ.
ޖާވިދު ފިޔަވަޅުތައް ބާރުކޮށްލާފައި ގޮސް ކާރުގެ ދޮރުފަތް ހުޅުވާލުމުން ރާމިޒާ އަރާ އިށީނެވެ. އޭރުވެސް އޭނާ އިރުއިރުކޮޅަކާ ކަރުނަ ފުހެލައެވެ. ޖާވިދު ވެސް ޑްރައިވަރުގެ ސީޓަށް އަރާ ކާރު ދުއްވާލުމާއެކު، ރާމިޒާ ލޯގަނޑުން ބޭރު ބަލާލިއެވެ. ތުރުތުރު އަޅަމުންދިޔަ ދެ ތުންފަތުގައި ދަތް އަޅާލީ އޭނާގެ ޙާލަތު ޖާވިދަށް ސިއްރުކުރުމުގެ ގޮތުންނެވެ.
"މި އާދެވުނީ، އަހަރެން ވަންނަންތަ؟" ހޮސްޕިޓަލު ދޮރު މައްޗަށް ކާރު މަޑުކޮށްލުމަށްފަހު، ޖާވިދު އަދިވެސް އެއްފަހަރު ރާމިޒާ ގާތު އަހާލިއެވެ. މިފަހަރުވެސް ރާމިޒާ އެކަމާ ދެކޮޅު ހެދިއެވެ. ހަޤީގަތުގައި މިވަގުތު ރާމިޒާ އެކަނި ކޮށްލުމަކީ ޖާވިދު ބޭނުންވާ ގޮތެއް ނޫންނަމަވެސް، ރާމިޒާ ކަތި ފިޔަވަޅެއް ނާޅާނެކަން އެނގޭތީ އެގޮތާ އެއްބަސްވީއެވެ. ރާމިޒާގެ ހިތުގައި އުފެދިފައިވާ ރިހުން އޭނާއަށް ތަސައްވަރު ކުރެވޭތީއާވެސް އެކުގައެވެ.
"ނޫން. އަހަރެން އެކަނި ދާނީ…." ރާމިޒާ އެހެން ބުނެލާފައި، ކާރުން ފޭބީ މޫނުމަތި ރީތިކޮށް ފުހެލުމަށްފަހުއެވެ. ކާރުން ފޭބުމަށްފަހު، ފަހަތަށް ބަލާލުމެއްވެސް ނެތި އޭނާ ހޮސްޕިޓަލު ތެރެއަށް ވަދެގެން ދިޔަ މަންޒަރު ބަލަން އިނދެފައި، ޖާވިދު ކާރު ދުއްވާލީ ފަހަތުން އައި އުޅަނދުތަކުގެ ބަރުގޮނުގެ އަޑާއެކުގައެވެ.
ހޮސްޕިޓަލަށް ވަދެގެން ގޮސް ރާމިޒާ މަޑުކޮށްލީ ލިފްޓުތައް ކައިރީގައެވެ. އޭނާ ލިފްޓުގެ ބަޓަނަށް ފިތާލާފައި މަޑުކޮށްލިއިރު ވެސް ދިޔައީ އަމިއްލަ އިޙްސާސްތައް ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުންނެވެ.
ލިފްޓް އައުމާއެކު، ލިފްޓަށް އަރައިގެން އަށްވަނަ ފަންގިފިލާއަށް ގޮސް ދަބަހުން ނެގި ކާޑު ޖައްސާލުމަށްފަހު، ބިއްލޫރި ދޮރު ހުޅުވައިލިއެވެ. އެތެރެއަށް ވަދެގެން ގޮސް ރާމިޒާ ހުއްޓުނީ އެ ކޮރިޑޯގެ އެންމެ ބިއްދޮށުގައި ހުރި ކޮޓަރީގެ ދޮރުމަތީގައެވެ. އެތެރެއަށް ވަނުމުގެ ކުރިން ހަށިފުރާ ނޭވާއެއް ދޫކޮށްލުމަށްފަހު، އަދިވެސް އެއްފަހަރު މޫނު ރީތިކޮށްލިއެވެ.
ދޮރު ހުޅުވާލުމާއެކު، ފުރަތަމަވެސް ކަންފަތުގައި ޖެހުނީ އެ ކޮޓަރީގެ ހިމޭންކަން ފޫއަޅުވަމުން ދިޔަ މެޝިންތަކުގެ "ބީޕް" އަޑެވެ. ކުރިމަތީގައި ހުރި އެނދުގައި ބާއްވާފައި އޮތް ބަލިމީހާއަށް ބަލާލުމާއެކު، ރާމިޒާގެ ލޮލުން އަނެއްކާވެސް ކަރުނަ އޮހިގަތެވެ. އޭނާ ލަސް ފިޔަވަޅުތަކެއްގައި ގޮސް އެނދު ކައިރިއަށް ހުއްޓުނެވެ. އެނދުގައި އޮތީ ޒުވާން އަންހެން ކުއްޖެކެވެ. ގައިގެ އެތަން މިތަނަށް ތަފާތު ވައްތަރުގެ އެއްޗެހި ގުޅާފައި އޮތް އިރު ފުން ނިދީގައި އޮތް އެ އަންހެން ކުއްޖާ، ނޭވާލަނީ ކަރަށް ގުޅާފައިވާ ހޮޅިއެއްގެ އެހީގައެވެ. ތުރުތުރު އަޅަމުން ދިޔަ އަތަކުން އެ އަންހެން ކުއްޖާގެ އަތުގައި ހިފައްޓާލުމަށްފަހު، ބޮލުގައި ފިރުމާލި ރާމިޒާ ހިންދިރުވާލިއެވެ.
"ދަރިފުޅާ!" ތުރުތުރު އަޅަމުން ދިޔަ، މަޑުމަޑު އަޑަކުން ރާމިޒާ އޭނާގެ ލޯބިވާ ދަރިފުޅަށް ގޮވާލިއެވެ. އެއަށްފަހު އެތަނުގައި ހުރި ގޮނޑި ދަމާލާ އިށީނުމަށްފަހު، އެ އަންހެން ކުއްޖާގެ އަތުގައި ފިރުމަން ފެށިއެވެ.
* * * * *
"ވުޑްލޭންޑް" ގެ ތިންވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގެ ތެރޭގައި ހުރި އެނދުގައި އޮތް ޒުވާނާ މޯޅިއަކަށް ދެމިލަމުން ތެދުވިއިރުވެސް, އޭނާގެ ލޮލުގައިވަނީ ނިދިބަރުކަމެވެ. ދެލޯ އުނގުޅާލުމަށްފަހު، އެނދުން ތެދުވެގެން ގޮސް، ބެލްކަނީ ދޮރުގެ ފޮތިތައް ކަހާލުމާއެކު، އޭނާގެ ލޮލަށް އެޅިގެން ދިޔަ ގަދަ އަލީގެ ސަބަބުން ދެލޯ މަރާ ފިއްތާލަން މަޖުބޫރުވިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ލޯ ހުޅުވާލާފައި، ބެލްކަނީގެ ދޮރު ކަހާލާފައި އޭނާ ނުކުމެލިއެވެ. އެއާއެކު ހަށިގަނޑުގައި ބީހިލީ ލުއިލުއި ވައިރޯޅިތަކެކެވެ. އޭނާ ރެއިލިންގެ ދަގަނޑުގައި އަތް އަޅުވާލުމަށްފަހު، ރަނގަޅަށް ބޭރު ބަލާލިއެވެ. ތިން ވަނަ ފަންގިފިލާގައި ހުންނައިރު، ތަފާތު ވައްތަރުގެ މާގަސްތަކާއި ވިނަތައް ހައްދާފައިވާ އެގޭގެ ގޯތި ތެރެއާއި އެތަނުގައިވާ ފަތާ ފެންގަނޑު ރީއްޗަށް ފެނެއެވެ. އެ ދިމާލުގައި ހައްދާފައި ހުރި ބިޔަ ގަހެއްގެ ހިޔާ ފެންގަނޑުގެ ބޮޑު ބަޔަކަށް އެޅިފައިވެއެވެ. އެ ޒުވާނާ ހަށިގަނޑު ދަމާލި ގޮތުން ހީވީ ނިދުމުގެ ސަބަބުން ހަށިގަނޑުގައި އުފެދިފައިހުރި ވާންކަމުން ހަށިގަނޑަށް ލުޔެއް ދޭން ބޭނުންވެފައިވާ ހެންނެވެ. ހުސްގަޔާ ހަމައެކަނި ސޯޓެއްގައި ހުރިއިރު އެ ހަށިގަނޑުގެ މަސްތައް އެތުރިފައިވާލެއް ފުރިހަކަން ފެންނަމުން ދިޔައިރު، އެއީ ފަރުވާތެރިކަމާއެކު ބަލަހައްޓާ ހަށިގަނޑެއްކަން ދެނެގަންނާކަށް އުނދަގުލެއް ނުވެއެވެ. އަތުގެ މުލައްދަނޑީގެ މަސްތަކުގެ ބާރުގަދަކަން ވަޒަންކޮށްލާކަށް އުނދަގުލެއް ނުވެއެވެ. ނާރުތައް ކުޑަކޮށް ފުއްޕާލާފައި ހުރި ގޮތުންކަމަށްވެސް ވެދާނެއެވެ. ހަތަރެސްކަން މޫނަށް ފުރިހަމަކަމެއް ގެނެސްދެމުން ދިޔައީ ތުނިތުނިކޮށް ކޮށާލެވިފައިވާ ތުނބުޅިއާއި މަތިމަހުގެ ސަބަބުންނެވެ. ކަޅުކަން ގަދަ ބުމައަކާއި ގަދަ މުށިކުލައިގެ ކަޅި ހިމެނޭ އެ ބޮޑު ދެލޯ ކަނޑުހާ ފުންވެފައި ސިއްރުވެރިގޮތެއް ހުއްޓެވެ. އޭނާ ކޮންމެވެސް ކަމަކާ ވިސްނަމުން ދިޔަކަން ރަމްޒުކޮށްދެމުން ދިޔައީ އިރުއިރުކޮޅަކާ ލާ ފުންނޭވާއާއެކު ލޯ މަރާލާ ގޮތުންނެވެ. އަދި އޭނާގެ މުށިކުލައިގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލުމަށްފަހު، ނިތުގައި އަތް ހާކާލާ ގޮތުންނެވެ.
އިރުކޮޅަކު ވިސްނުންތަކެއްގައި ހުރުމަށްފަހު، އޭނާ އެނބުރި ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. އެއީ ބޮޑު ތަނަވަސް ކޮޓަރިއެކެވެ. ކޮޓަރީގައި ހުރީ ކިންގް ސައިޒަށް ވުރެ ތަންކޮޅެއް ބޮޑުކޮށް ފަރުމާކޮށްފައިވާ ހުދާ އަޅިކުލަ ހިމެނޭ އެނދެކެވެ. އެނދުގެ ދެފަރާތުގައި ހުރި ސައިޑް ކަބަޑު މަތީގައި ބެޑްސައިޑް ލޭންޕެއް ދިއްލާފައި ހުއްޓެވެ.
ޑްރެސިންޓޭބަލް މަތީގައިވެސް ވަނީ ހުސް އަގުބޮޑެތި ސެންޓު ފަދަ ތަކެއްޗެވެ. އެއްފަރާތުގައި މަސާޖިން ޗެއަރ އެއް ބަހައްޓާލެވިފައިވެއެވެ. އަނެއް ފަރާތުގައި ހުރި ސްޓަޑީ ޓޭބަލްމަތީގައި ލެޕްޓޮޕަކާއި ބައެއް ފޮތްތައް ހުއްޓެވެ. އޭގެ އިތުރުން ކޮޓަރީގެ ތެރެއިން އެތެރެއަށް ވަދެވޭ ގޮތަށް ދޮރު ނުލާ ކުޑަ ކޮޓަރިއެއް ފާޑު ތަނެއް ހުރިިއިރު، އެތަނުގައި ސޯފާސެޓަކާއި، ޓީވީއެއްގެ އިތުރުން ގޭމުކުޅެން ބޭނުންކުރާ ސާމާނުތައް ހުއްޓެވެ. ކޮޓަރީގެ ސީލިންގުގައި ލެޑް ލައިޓްތައް ދިއްލާފައި ހުރިއިރު، އެލުވާފައިހުރި ޗާނދަލިޔާގެ ހިތްގައިމުކަން ވެސް އިންތިހާއެވެ. ބަލައިލި ކޮންމެ ދިމާލަމުން ޝާހީކަމާއި، މުއްސަނދިކަމާއި ފުރިހަމަކަން ފެންނަމުން، ދިޔައިރު ކޮޓަރީގައި ހުރި ހުރިހާ ސާމާނެއްވެސް ހުރީ އެ ކޮޓަރީގެ "ތީމް" ކަމުގައިވާ ހުދާ އަޅިކުލައިންނެވެ.
އެ ޒުވާނާ ދިޔަ ގޮތަށް ދިޔައީ ފާޚާނާގެ އެއްފަރާތުގައި ހުރި ކަލާލެވޭ ދޮރާ ދިމާލަށެވެ. ބިއްލޫރި ދޮރެއް ނަމަވެސް، ދޮރުގައި ހިއްޕާލާފައިވާ ސްޓިކާގެ ސަބަބުން އެތަނުގެ އެތެރެވަނީ ފަރުދާވެފައެވެ. އޭނާ އެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. އެއީ ވޯކިން ކްލޯސެޓެކެވެ. އަރަން ގެންގުޅޭ ބޫޓާއި، ޓައީގެ އިތުރުން ލާން ގެންގުޅޭ ތަފާތު ވައްތަރުގެ އަންނައުނަށް ވެސް ޚާއްސަ ޖާގަތަކެއް ހަދާފައިވެއެވެ. ކަމުދާ ޓީޝާޓަކާއި ޖީންސްއެއް ނެގުމަށްފަހު، ނިކަން އަވަސް އަވަހަށް ނުކުމެ ފާޚާނާއަށް ވަދެ ތާޒާ ވެލިއެވެ.
ރީތިވެލުމަށްފަހު، އަތުގައި އޮތް ގަޑިއަށް ބަލާލުމަށްފަހު، އޭނާ އަވަސް އަވަހަށް ގޮސް ކޮޓަރިން ނުކުމެލާ މިސްރާބުޖެހީ، ސިޑީގެ ބަދަލުގައި ލިފްޓާ ދިމާލަށެވެ. ތިރިއަށް ގޮސް ބޮޑު ކޮޓަރީގެ ތެރެއިން ލާފައި ކާކޮޓަރިއަށް ދިޔައިރު، އާއިލާގެ އެންމެން މޭޒު ދޮށުގައި ތިއްބެވެ.
"ރިސާމާ! އަފްނާން ހޭލާތޯ ބަލާލަންވީނު.." އެ އާއިލާގެ އެންމެ އިސްމީހާ ކަމުގައިވާ ނަޖީބުގެ ވާހަކައާއެކު، ރިސާމާ އަވަސްވެގަތީ އަފްނާން ކޮބައިތޯ ބަލާލުމަށެވެ. އެހެންނަމަވެސް ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވީ އެތަނަށް އައިސް ހުއްޓުނު އަފްނާން ފެނުމުންނެވެ.
"ދަރިފުޅާ. އަދި ގޮވާލަން ދާންވެގެން މިއުޅެނީ… އަވަހަށް އާދޭ… އިށީނދޭ… " މޭޒު ދޮށުގައި ހުރި ރިސާމާ އަފްނާންއަށް ގޮވައިލިއެވެ. އަފްނާން އައިސް އިށީނުމާއެކު، ރިސާމާވެސް އިށީނދެ އެހެން އެންމެންނާ އެކު ނާސްތާކުރަން އަވަސްވެގަތެވެ.
ނަޖީބަކީ ރާއްޖޭގެ ނަން މަޝްހޫރު ކުރީގެ ވިޔަފާރިވެރިޔާ ފައުޒީގެ ދޮށީ ދަރިފުޅެވެ. ފައުޒީ ނިޔާވުމަށްފަހު، ވާރުތަވަމުން އައި އެ އާއިލާގެ ވިޔަފާރީގެ ހުރިހާ ޒިންމާއެއް ވަރަށް ޒުވާން އުމުރުގައި ނެގުމަށްފަހު، ހަަމަ އެކަނި ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރަމުން ދިޔަ ކުންފުނި ފުޅާކޮށް، ރިއަލް އެސްޓޭޓްއާއި ރިސޯޓް ވިޔަފާރީގެ ތެރެއަށް ނަޖީބު ވަނީ އޭނާގެ އެއްބަނޑު އެއްބަފާގައި ހުރި ހަމަ އެކަނި ކޮއްކޮ ނިޔާފްގެ ވެސް އެހީތެރިކަމާ އެކުގައެވެ. ކިޔަވަން މެލޭޝިޔާއަށް ދިޔުމަށްފަހު، މޮރޮކޯ އަންހެނަކާ އިނދެގެން ނިޔާފް އުޅެނީ މެލޭޝިޔާގައެވެ. ރާއްޖޭގެ އިތުރުން މެލޭޝިޔާގައިވެސް އެމީހުންގެ ކުންފުނި "ފައުޒީ ގްރޫޕް އޮފް ކޮންޕެނީސް ޕްރައިވެޓް ލިިމިޓެޑް" ގެ އޮފީހުގެ އިމާރާތެއް ހުރެއެވެ. އެތަނުގެ ހުރިހާ ވިޔަފާރިއެއް ބަލަހައްޓަނީ ވެސް ނިޔާފްއެވެ.
ފައުޒީ ނިޔާވިފަހުން ނަޖީބާއާއި ނިޔާފްގެ މަންމަ ނަސީރާ ވެސް ރާއްޖެ ދޫކޮށް ނިޔާފްގެ ކައިރިއަށް ދިރިއުޅުން ބަދަލުކުރީ ރާއްޖޭގައި ހުންނަން ބޭނުންނުވުމުންނެވެ. އޭގެ ފަހުން ނިޔާވަންދެންވެސް އޭނާ އުޅުނީ ރާއްޖޭން ބޭރުގައެވެ. ނަސީރާ ނިޔާވީ މީގެ ދެ އަހަރު ކުރިންނެވެ.
"ބައްޕަ ހީކުރީ ދަރިފުޅު މާސްޓާރސް ވެސް ފުރިހަމަކޮށްގެންކަމަށް ރާއްޖެ އަންނާނީ. ގައިމު އެކޮޅުގަ ކިޔެވުން ވެސް މާރަނގަޅުވާނެއެއްނު. އަޒްލަފްގެ ޚިޔާލެއް ބުނެބަލަ." ނަޖީބު ބުނެލިއެވެ. އޭނާ ދޮށީ ދަރިފުޅު އަޒްލަފްއަށް ބަލާލިއެވެ .
"މާ ބޮޑަށްވެސް ރަނގަޅުވާނެ. އަފޫ ކައިރީގައި ވަރަށް ކީން. އެކަމަކު އެއްބަހެއް ނުވި." އަޒްލަފް ބުނެލިއެވެ.
"އަޅުގަނޑު އޭރުވެސް އެކޮޅުގަ މަޑުކުރީ މަންމަމެން ކީވަރުން. އެހެން ނޫންނަމަ މަންމަމެން އައި އިރު އައީމުސް. ދެން މިކޮޅުގެ ކޯހުގެ ފެންވަރުވެސް ހަމަ ވަރަށް ރަނގަޅު…" އަފްނާން ޖަވާބު ދިނެވެ.
"ކޮން އިރަކު ދެން ޔުނިވާރސިޓީއަށް ދާން ޖެހެނީ؟ ހުރިހާ ލިޔެ ކިޔުމެއް ލައިފިންތަ؟" ނަޖީބު އަނެއްކާވެސް ސުވާލުކޮށްލިއެވެ.
"ރޭގަ މެސެޖްކޮށްފަ އޮތް މި ސެމެސްޓާރގެ ކްލާސްތަށް ފެށިކަމަށް. މިއަދު ދިހައެއް ޖަހާއިރު ޔުނިވާރސިޓީއަށް ދާން ޖެހޭ." އަފްނާން ބުނެލިއެވެ.
"މިއަދު މީ ހޮނިހިރު ދުވަހަކަސް ދާން ޖެހޭތަ؟" ރިސާމާގެ ސުވާލަށް އަފްނާން އާއެކޭ ބުނެލީ ބޯ ޖަހާލަމުންނެވެ.
ކެއުން ކުރިއަށް ދިޔަވަގުތުގައި އެފަދަ ތަފާތު ވާހަކަތަށް ދެކެވުނެވެ. ގިނައިން ވާހަކަ ދެއްކީ ރިސާމާއާއި ނަޖީބެވެ. އަފްނާން ވެސް ވާހަކަ ދެއްކިއެވެ. އެހެންނަމަވެސް، އަޒްލަފް ހީވަނީ ނެގިމަޑުވެފައި އިންހެންނެވެ. ކަމަކާ މާ ބޮޑަށް ވިސްނާހެންވެސް ހީވެއެވެ.
ދިހައެއް ޖެހުމުގެ ފަނަރަ މިނެޓް ކުރިން ދަބަސް ހިފައިގެން ކޮލެޖަށް ދާން ނުކުތް އަފްނާން ގޮސް އޭނާގެ ސައިކަލަށް އެރުމުން ދޮރު ވާނަކަށް ހުރި މީހާ ދުވެފައި ކަހަލަ ގޮތަކަށް އައިސް ގޭޓު ހުޅުވާލަ ދިނެވެ. އަފްނާން ސައިކަލަށް އަރައިގެން ގޮސް ގެއިން ނުކުމެގެން ޔުނިވާރސިޓީއާ ދިމާލަށް މިސްރާބުޖެހިއިރު، އޭނާގެ ހިތް ދިޔައީ އިންތިހާ ބާރުމިނުގައި ތެޅެމުންނެވެ. އޭނާގެ ސިކުނޑީގައި ތަފާތު ޚިޔާލުތައް ފުނިޖެހިފައިވާއިރު، އެ މޫނުމަތީގައި ނުތަނަވަސްކަމެއް ވެސް ވެއެވެ.
ޔުނިވާރސިޓީ ކުރިމަތީގައި އޮތް ޕާކިން އޭރިޔާގައި ސައިކަލު ޕާކުކޮށްލާފައި ގޭޓާ ދިމާލަށް ހިނގައިގަތްއިރު އަވި ގަދަކަމުން އަފްނާން ދާހިތްލަން ފަށައިފިއެވެ. ގޭޓާ ދިމާލަށް ހިނގަމުން ދިޔަ ވަރަކަށް މާޒީގެ ހަނދާންތައް ވެރިވަމުން ދިޔައެއްކަމަކު، އެ ހަނދާންތަކުން ސިކުނޑި މިންޖުކުރަންވެސް އޭނާ ދިޔައީ މަސައްކަތް ކުރަމުންނެވެެ. ފުންނޭވާއެއް ދޫކޮށްލަމުން ގޮސް ޔުނިވާސިޓީގެ ބޮޑު ގޭޓުން އެތެރެއަށް ވަނުމަށްފަހު، ޝަރީއާ އެންޑް ލޯގެ ފެކަލްޓީއާ ދިމާލަށް އޭނާ ހިނގައިގަތެވެ. އެ ވަގުތު އޭނާގެ ލޮލުގައި އަޅައިގަތް އަންހެން ކުއްޖާގެ ސަބަބުން ފިޔަވަޅުތައް މަޑުޖެހުނެވެ.
އިއްތިފާޤަކުން އެ ވަގުތުވީ އެ އަންހެން ކުއްޖާވެސް އިންތަނުން ތެދުވެ އެ ދިމާލަށް ބަލައިލި ވަގުތަށެވެ. އަފްނާން ލޮލުގައި އަޅައިގަތުމާއެކު، އޭނާގެ މޫނުމަތިން ވެސް ހައިރާންކަމުގެ އަސަރުތައް ފެނިގެން ދިޔައެވެ.
(ނުނިމޭ)
ނޯޓް: ވާހަކައަކީ އަމިއްލަ ޚިޔާލަކަށް ލިޔަމުން ގެންދާ ޚިޔާލީ ވާހަކައެކެވެ. ވުމާއެކު ވާހަކައިގެ ހިމެނޭ ކަންތައްތަކާއި ވާހަކައިގެ ސިފަކުރުންތައް ގެނެސްދީފައިވާނީ އަޅުގަނޑަށް ސިފަކުރެވޭ ގޮތަށެވެ. މީ ފަހަރެއްގައިވެސް ހިނގަމުންދާކަމަކާ ނުވަތަ ހިނގާފައިވާ ކަމަކާ ނުވަތަ ހިނގާފާނޭކަމަށް ލަފާކޮށް ލިޔަމުން ގެންދާ ވާހަކައެއް ނޫނެވެ. މި ވާހަކައަކީވެސް ތިޔަ ކިޔުންތެރިންނަށް ކަމުދާނެ ތަފާތު ރީތި ވާހަކައަކަށް ވާނެކަމަށް އުންމީދުކުރަމެވެ. މި ފުރުސަތުގައި އަޅުގަނޑުގެ ވާހަކަތަކަށް ތިޔަ ދެއްވާ ތަރުހީބަށް ހިތުގެ އިޚްލާސްތެރި ޝުކުރު ރައްދުކުރަމެވެ.