ސްޕައިޑާ ޕްލާންޓް: ޤުދުރަތީ ގޮތުން ވައި ސާފުކޮށްދޭ ގަހެއް

ސްޕައިޑާ ޕްލާންޓް: ފަސޭހައިން ގޭތެރޭގައި ހައްދާލެވޭ އިންޑޯ ޕްލާންޓެއް--ފޮޓޯ/ޕިންޓްރެސްޓް

ގޭގައި ހައްދާ ބައެއް ގަސްތަކުގެތެރެއިން ގިނަ ގަސްތަކަކީ ހިތަށް ބޮޑު ހިތްހަމަޖެހުމެއް ގެނެސްދޭ ގަސްތަކެކެވެ.

އެ ގަސްތަކަކީ ލިބޭ ހިތްހަމަޖެހުމާ އެއްވަރަށް ސިއްހަތަށާއި ދިރިއުޅޭ މާހައުލަށް އެއިން ނުހަނު ގިނަ ފައިދާތަކެއް ލިއްބައިދޭ ގަސްތަކެކެވެ. ގޭގައި ގަސްތައް އިންދަން ވިސްނާއިރު ކޮންމެ މީހަކުވެސް ބަލާނީ އެންމެ ފަސޭހައިން މާބޮޑު އަޅާލުމެއް ދޭން ނުޖެހޭނެ ފަދަ ގަހެއް ހޯދުމަށެވެ.

މިގޮތަށް ބަލާއިރު ވަރަށް ގިނަ ގަސްތައް އެބަހުއްޓެވެ. އޭގެތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއް ގަހަކީ ސްޕައިޑާ ޕްލާންޓްގެ ނަމުން ނަންދެވިފައިވާ ގަހެވެ.

ސްޕައިޑާ ޕްލާންޓަކީ ނަފުސާނީ ދުޅަހެޔޮކަމަށް ވެސް ހެޔޮ އަސަރުތަކެއް ކުރުވުމަށް އެހީތެރިވެދޭ ގަހެއް--ފޮޓޯ/ޕިންޓްރެސްޓް

މިއީ ވަރަށް ކަންނެތްކޮށް އުޅޭ މީހަކަށްވެސް ފަސޭހައިން ގެންގުޅެވިދާނެ ކަހަލަ ގަހެކެވެ. މިގަހަކީ ކޮންމެ ކަހަލަ ގޮތަކަށް ގޭތެރެ ނުވަތަ އުޅޭ ކޮޓަރިއެއް ޒީނަތްތެރިކޮށްލަން ބޭނުންވިޔަސް އެކަމަށް ބޭނުންކޮށްލެވިދާނެ ގަހެކެވެ. އަލަށް ގަސް ގެންގުޅެން ބޭނުންވާ މީހަކަށްވެސް ފެށުމެއްގެ ގޮތުން ސްޕައިޑާ ޕްލާންޓެއް ގެންގުޅެވިދާނެއެވެ.

މި ގަހަށް އެހާ ގަދަ އަތްވެއް ބޭނުން ނުވާއިރު އާދައިގެ ފިނިހޫނުމިން ހުންނަ މާހައުލެއްގައި ގެންގުޅޭވޭނެއެވެ. ހަމައެއާއެކު މިއީ އެހާގިނައިން ފެން ބޭނުންވާ ގަހެއްވެސް ނޫނެވެ.
ސްޕައިޑާ ޕްލާންޓް ގިނަ ބަޔަކަށް މަޝްހޫރުވެފައި ވަނީ ގުދުރަތީ ގޮތުން ގޭތެރޭގެ ވައި ސާފުކޮށްދޭ ގަހެއްގެ ގޮތުގައެވެ.

ނަފުސާނީ ދުޅަހެޔޮކަމަށް ވެސް ހެޔޮ ބަދަލެއް ގެނެސްދޭ މިގަހަކީ ނިދުމުގެ މައްސަލަ ހުންނަ މީހުން ފަސޭހައިން ނިދުމަށް އެހީތެރިވެދޭ ގަހެކެވެ. ހަމައެއާއެކު މީހާގެ މޫޑު ރަގަޅުކޮށްދީ ސްޓްރެސް ލެވެލް ވަކި މިންވަރެއްގައި ހިފަހައްޓާލަދިނުމަށް މި ގަސް އެހީއަކަށްވެއެވެ.

ސްޕައިޑާ ޕްލާންޓް އަކީ ފޯމަލްޑިހައިޑް، ކާބަން މޮނޮކްސައިޑް އަދި އެހެނިހެން ވިހަ ގޭސްތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގާބިލުކަން ލިބިގެންވާ ގަހަކަށްވުމުން މިއީ ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލު އެހާމެ ހެޔޮއަގުގައި ލިބެންހުރި ގަހެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު