ގަދަކަމުން ގައިދީންގެ ބޮލާއި، ތުނބުޅި މަތިމަސް ނުބޭލޭނެހެން އުސޫލުތައް އިސްލާހުކުރަން ހުށަހަޅައިފި

ހޭހަން އޮޕަރޭޝަންގެ ތެރެއިން ގައިދީއަކު ގެންދަނީ -- ފޮޓޯ: ކަރެކްޝަންސް

ޖަލުގައި ތިބޭ ފިރިހެން ގައިދީންނާއި، ބަންދުގައި ތިބޭ ފިރިހެނުންގެ ބޮލާއި، ތުނބުޅި މަތިމަސް ގަދަކަމުން ކޮށޭނެހެން މިހާރު މަގުފަހިވެފައި ހުރި އުސޫލުތައް އިސްލާހުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) އިން ހަ ކަމެއް ހުށަހަޅައިފިއެވެ.

ފިރިހެން ގައިދީންނާއި ޖަލުގައި ބަންދުކުރެވޭ މީހުންގެ ބޯކޮށުމާ ގުޅޭގޮތުން މިހާރު ރާއްޖޭގައި އަމަލުކުރަމުން އަންނަނީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 97ވަނަ މާއްދާއާއި 150ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ ގަަވައިދަކަށެވެ. އެ ގަވައިދަކީ ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ގަވައިދެވެ.

އެ ގަވައިދުގައި ވަރަށް ތަފްސީލީ ގޮތެއްގައިވަނީ ފިރިހެން ގައިދީންގެ ބޮލުގެ އިސްތައްޓާއި، ތުނބުޅި މަތިމަހުގެ ދިގުމިން ހުންނަންވާނެ މިންވަރު ބަޔާންކޮށްފައެވެ. އެއާ ޚިލާފުވާނަމަ އެ ގައިދީންގެ މައްސަލަ ބަލައި ފިޔަވަޅު އެޅޭނެކަން ވެސް ވަނީ ބަޔާންކޮށްފައެވެ.

ނަމަވެސް އެޗްއާރްސީއެމުން ފާހަގަކުރި ގޮތުގައި ޖަލުގައި ބޯކޮށޭނެ އިންތިޒާމު ހަމަޖެއްސުމުގެ ބޭނުމަކީ އެ ޚިދުމަތަށް އެދޭ ހާލަތުގައި އެ ކަން ފޯރުކޮށްދިނުމެވެ. އަދި އެ ކަން ކުރަން ގާނޫނުން މަޖުބޫރުކޮށްފައިނުވާ ކަމަށް ވެސް އެ ކޮމިޝަނުން ފާހަގަކުރިއެވެ.

އެޗްއާރްސީއެމުން ވަނީ ގައިދީންގެ ބޯކޮށުމުގެ އުސޫލު ބަދަލުކުރަން ހަ ކަމެއް ހުށަހަޅައިފައެވެ. އެ ކަންކަމަކީ:

  1. ގައިދީންގެ ބޯކޮށުމާ ގުޅޭ ކަންކަމަކީ ސާފުތާހިރުކަމާ ގުޅޭ ކަމަކަށް ވާތީ ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ގަވައިދުގެ 8ވަނަ މާއްދާ އުނިކުރުން
  2. އިސްތަށިގަނޑާއި ތުނބުޅި މަތިމަސްކޮށުމަކީ ގައިދީއެއް ނުވަތަ ބަންދުގައި ހުންނަ މީހެއްގެ އިޚްތިޔާރީ ކަމަކަށް ހެދުން
  3. ގައިދީންގެ ބޯކޮށުމާއި ތުނބުޅި މަތިމަސް ބޭލުމާ ގުޅޭ ކަންކަމަކީ ސާފުތާހިރުކަމާ ގުޅޭ ކަމަކަށް ވާތީ، އެ ކަން އަޚްލާގީ ކަމަކަށް ނުގުޅުވޭނެތީ، ގައިދީންނަށް ހިންގޭ ރިހެބިލިޓޭޝަން ޕްރޮގްރާމް ކުރިއަށް ގެންދިިއުމުގައާއި ޕެރޯލް ފުރުސަތު ދިނުމުގައި އަޚްލާގީ މިންގަނޑުން ބަލައި އެ ކަމަށް ރިއާޔަތްނުކުރުން
  4. ޖަލުގެ އާންމު ސިއްހަތު ރައްކާތެރިކުރުމަށް ނުވަތަ ގައިންގަޔަށް އަރާފަދަ ބަލިމަޑުކަމެއް ފެތުރިދާނެ ހާލަތުގައި ނުވަތަ ގައިދީއެއްގެ ސިއްހީ ސަބަބަކަށް ޓަކައި މެނުވީ އެއްވެސް ގައިދީއެއް ނުވަތަ ބަންދުގައި ހުންނަ މީހެއްގެ ބޮލާއި، ތުނބުޅި މަތިމަސް ނުރުހުމުގައި ގަދަކަމުން، ހެލްތު އޮފިސަރުގެ ލަފާގެ މަތިން ނޫނީ ބާލައިގެން ނުވާނެކަން އުސޫލުތަކުގައި ބަޔާންކުރުން
  5. ސިއްހީ މާހިރެއްގެ ލަފާގެ މަތިން ގައިދީއެއްގެ ބޯކޮށާއިރު އިންސާނީ ކަރާމާތަށް އުނިކަމެއް ނާންނަހެން އެ ކަން ކުރުން. އަދި އެ ކަން ކުރާނަމަ ލިޔެކިޔުމުން ރެކޯ ބެލެހެއްޓުން
  6. ދީނީ ގޮތުން ގަބޫލުކުރާ ކުރުމެއްގެ ސަބަބުން ބޯކޮށަން ނުވަތަ ތުނބުޅި މަތިމަސް ބާލަން އިންކާރުކުރާނަމަ އެ ކަން ކުރުމަށް މަޖުބޫރުނުކޮށް އެ ކަމަށް އިހްތިރާމްކުރުން.

ޖަލުތަކުގައި ގައިދީންނާ މެދު އަމަލުކުރާ ގޮތާމެދު ފެށުނީއްސުރެ ގިނަ ބައެއްގެ ކަންބޮޑުވުންތައް އޮވެއެވެ. ނަމަވެސް ކޮންމެ ސަރުކާރަކުން ވެސް ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތް ކުރާކަމަށް ބުނެއެވެ.

comment ކޮމެންޓް