އެޕަލްގެ އައިއޯއެސް އަޕްޑޭޓް 18.1 ބީޓާ ދޫކުރަން ފަށައިފި

އެޕަލްގެ އައިއޯއެސް އަޕްޑޭޓް 18.1 ބީޓާ ދޫކުރަން ފަށައިފި

އެޕަލް އިން އައިފޯނަށް އައު އައިއޯއެސް 18.1 ޑިވެލޮޕާ އަދި ޕަބްލިކް އަޕްޑޭޓްތަކެއް މިދިޔަ ހޯމަ ދުވަހުން ފެށިގެން ތަޢާރަފުކުރަން ފަށައިފިއެވެ.

މި އައު އަޕްޑޭޓްތަކާއެކު، އެޕަލްއިން ވަނީ ކޮންޓްރޯލް ސެންޓަރުގައި އައު ޓޮގަލްތަކަކާއި، ނޯޓިފިކޭޝަން ސަމަރީތަކަށް ބަދަލުތަކަކާއި، ނިދުމުގެ ތެރޭގައި ނޭވާލުމަށް ދަތިވާ މައްސަލަ (ސްލީޕް އެޕްނިއާ) ދެނެގަތުމުގެ ފީޗާއަކާއި، އަދި އެޕަލް މިއުޒިކް ލަވަތައް ސީދާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޙިއްޞާކުރުމުގެ ފީޗާ ތަޢާރަފުކޮށްފައެވެ.

މި އަޕްޑޭޓްތައް ވަނީ އެޕަލްއިން ފާއިތުވި މަހު ނެރުނު އައިއޯއެސް 18.0.1 ގެ ފުރަތަމަ މޭޖާ ސްޓޭބަލް އަޕްޑޭޓަށްފަހު ދުވަސްކޮޅެއް ފަހުން ތަޢާރަފުކޮށްފައެވެ.

އެޕަލްގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އައިއޯއެސް 18 ޑިވެލޮޕާ ބީޓާ ސިކްސް އަޕްޑޭޓުގައި ކޮންޓްރޯލް ސެންޓަރަށް އެއާޑްރޮޕް އަދި ސެޓަލައިޓްއަށް ވަކި ދެ ޓޮގަލް އިތުރުކޮށްފައިވެއެވެ.

މީގެ ކުރިން މި އޮޕްޝަންތައް ލިބެން ހުރީ ހަމައެކަނި ކަނެކްޓިވިޓީ ވިންޑޯގެ ތެރެއިންނެވެ. އަދި މިހާރު މި ދެ ޓޮގަލް ވަކިން ކޮންޓްރޯލް ސެންޓަރުގައި ބެހެއްޓުމުގެ އިޚްތިޔާރު ލިބިގެންދާނެއެވެ. މީގެ އިތުރުން މިންކުރުމާއި ލެވެލް ހޯދުމުގެ އޮޕްޝަންތަކެއް ވެސް އިތުރުކޮށްފައިވެއެވެ.

މީގެ އިތުރުން، އެޕަލް އިންޓެލިޖެންސް އިން ބެކްކޮށްފައިވާ ނޯޓިފިކޭޝަން ސަމަރީތަކަށް ވެސް ކުޑަ ބަދަލެއް ގެނެސްފައިވެއެވެ. މިހާރު އައިފޯނުގެ ލޮކް ސްކްރީނުގައި ނޯޓިފިކޭޝަން ސްޓެކްގެ އަރިމަތީގައި ލިބިފައިވާ ނޯޓިފިކޭޝަންތަކުގެ އަދަދު ދައްކައެވެ. އަދި އެޕަލް މިއުޒިކް ބޭނުންކުރާ ފަރާތްތަކަށް މިހާރު އެޕްގެ ތެރެއިން ސީދާ ޓިކްޓޮކްގައި ލަވަތައް ޙިއްޞާކުރެވޭނެއެވެ.

މި ބީޓާ އަޕްޑޭޓުގައި ފާހަގަކޮށްލެވޭ އެއް އިތުރުކުރުމަކީ ސްލީޕް އެޕްނިއާ ދެނެގަތުމުގެ ފީޗާއެވެ. މިއީ އެޕަލްއިން ފާއިތުވި މަހު ނެރުނު ވޮޗް ސީރީސް 10ގައި ޕްރިވިއުކޮށްފައިވާ ފީޗާއެކެވެ. މި ފީޗާއިން ނިދުމުގެ ތެރޭގައި ނޭވާލުމުގައި ދިމާވާ މައްސަލަތައް ރެކޯޑުކޮށް ބޭނުންކުރާ ފަރާތަށް އަންގައިދޭނެއެވެ.

comment ކޮމެންޓް