ނަފީސާގެ ނިދިވެސް ވަގުތުން ފިލައިގެން ދިޔައެވެ. ކުއްލިއަކަށް ތެދުވެ އިށީނދެވުނެވެ. ނަފީސާގެ ދެލޮލަށް ގިނަވެގަތް ކަރުނަތައް ކޯތާފަތްމައްޗަށް އޮހޭކަށް ގިނައިރެއް ނުނެގިއެވެ. ފޯނު އަތުން ދޫވެ އެނދުމައްޗަށް ވެއްޓުނުއިރުވެސް އަނގައިން ބަހެއް ބުނެލަން ނޭނގިފައި ނަފީސާ އިނެވެ.

********

"ދެން ކިޔާބަލަ!" ވަކި ހިސާބަކަށް ގޮސްފައި މުސްތަފާ ސުވާލުކުރިއެވެ.

"އަހަރެން މިދައްކާ ވާހަކަ އިތުރު މީހަކަށް އެނގިއްޖެއްޔާ ކަންތައް ވަރަށް ގޯސްވާނެ" އަފްސަމް މަސައްކަތްކުރީ މުސްތަފާއަށް ވިސްނައިދޭށެވެ.

"އަހަންނަށް އިތުބާރު ނުކުރަނީތަ؟" މުސްތަފާ ހިތްހަމަނުޖެހުނެވެ.

"އެހެނެއް ނޫން" އަފްސަމް ބޯ ހޫރައިލިއެވެ. "އެކަމަކު ދައްކަންޖެހެނީ ނިމާލުގެ ވާހަކައެއްވީމަ ޔަގީން ނުކޮށް ބުނަން ޖެހިލުންވަނީ"

ވާހަކަ ފެށުމުގެ ކުރިން އަފްސަމް ވަރަށް ފުންކޮށް ވިސްނައިލިއެވެ. ކަމަކީ ސިއްރުކުރެވޭ ވަރަށްވުރެ ބޮޑު ކަމެކެވެ. ރަޔާނަށް ދެރަގޮތެއްވުމުގެ ކުރިން ނިމާލު ހުއްޓުވަން އަފްސަމް ބޭނުންވެއެވެ. އެކަން ކުރަން ހުރަހަކަށްވެފައިވާ މުސްތަފާ ހުއްޓުވުމަކީ އެވަގުތަށް ކުރުން އެންމެ މުހިއްމު ކަންތަކެވެ.

"ނިމާލާ ދޭތެރޭ ޝައްކުކުރެވޭ ކަންތައްތަކެއް ފެނިއްޖެ" އަފްސަމް ދޫކޮށްލީ ފުން ނޭވާއެކެވެ. "ރަޔާންގެ އެކްސިޑެންޓާ ގުޅުމެއް ވާނެހެން އަހަންނަށް ހީވަނީ. އަހަރެން މި މަސައްކަތްކުރަނީ އެކަމެއް ހޯދަން. ފަހުން ހުރިހާ ވާހަކައެއް ކިޔައިދޭނަން... މިހާރު ނެތް ވަގުތެއް...."

"ނިމާލޭ؟" މުސްތަފާ ހުރީ ސުވާލު އުފެދިފައެވެ. "ޔޫތް މިނިސްޓްރީން އައިސްއުޅޭ ނިމާލުތަ؟ އޭނަ ކީއްކުރީ؟ އަހަރެންގެ ދަރިފުޅު އެކްސިޑެންޓްވީ..."

"ބޭބެ ހަމަޖެހިބަލަ! ބޭބެ ތިކުރި ކަމަކުން އެންމެ މުހިއްމު ހިސާބުން އަންނަން މިޖެހުނީ" މުސްތަފާގެ ސުވާލު ގިނަކަމުން އަފްސަމް ހުރީ ރުންކުރުވާގޮތްވެފައެވެ.

"އެންމެ ރަނގަޅު. ގޮސް އިތުރަށް ތިކަންތައް ސާފުކޮށްގެން އާދޭ. އަހަރެން މިތާ މަޑުކުރާނަން" އަފްސަމް ރުޅިއައިކަން އެނގުމުން މުސްތަފާ ގޮތްދޫކުރިއެވެ.

********

"މަންމާ ކިހިނެއްތަވީ؟" ޔަލްވީ ތަކުރާރުކޮށް ސުވާލުކުރުމުންވެސް ނަފީސާ ޖަވާބެއް ނުދިނެވެ.

ނަފީސާގެ ފޯނު އޮތީ ނިވިފައެވެ. ގުޅީ ނިމާލުކަން ޔަލްވީއަށް ޔަގީނެވެ. ނަފީސާގެ ޖަވާބެއް ނުލިބުމުން ޔަލްވީ ގުޅީ ނިމާލަށެވެ. ރިންގުވެފައި ކެނޑުނު އިރުވެސް ނިމާލު ފޯނެއް ނުނެގިއެވެ.

"ވަރަށް ހާސްވެޔޭ އެބަ.. ކިހިނެއްތަވީ؟" ޔަލްވީ ނަފީސާގެ ދެކޮނޑުގައި ހިފައި ތަޅުވައިގަތެވެ. "ރަޔާންއަށް ކަމެއްވީތަ؟ މަންމާ.... އަޅެ ވާހަކަ ދައްކަބަލަ...."

އަނގައިން ބުނާނެ ހިތްވަރެއް ނަފީސާގެ ގަޔަކު ނެތެވެ. ފެންކަޅިވެފައިވާ ދެލޮލުން ޔަލްވީ އާއި ދިމާއަށް ބަލައިލީ ގޮތް ހުސްވެފައިވާ ނަޒަރަކުންނެވެ.

"ދަރިފުޅާ.... ބައްޕަ..." ނަފީސާ ރޯން ފެށިއެވެ. އަދި ޔަލްވީގެ ކޮނޑުގައި ބޯ އަޅާލިއެވެ.

"ބައްޕައަށް ކަމެއްވީތަ؟" ޔަލްވީ ހާސްވިއެވެ.

ނަފީސާ އެވަރަށް ރޯނީ ކޮންމެވެސް ބޮޑުކަމެއް ވީމައިކަން ޔަލްވީއަށް އެނގެއެވެ. ދުވަހަކުވެސް އެނޫނީ ނަފީސާ އެފަދަ ގޮތަކަށް ޔަލްވީގެ ކުރިމަތީގައި ރޮއެފައެއް ނުވެއެވެ.

"ވީގޮތެއް ނުބުނަންޏާ، މި އަންނަނީ މަރުކަޒަށް ގޮސް ވެގެންއުޅޭގޮތެއް ސާފުކޮށްފަ" ޔަލްވީ ފަހުގެ ނިންމުން އިއްވިއެވެ. ނަފީސާއަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ޔަލްވީ ގޮސް ކޮޓަރިން ނުކުތެވެ.

********

ރަޔާން ދެކިލާ ހިތުން ލިމްޔާ އޮތީ ކެތްމަދުވެފައެވެ. އަމީރާ ފާހާނާއަށް ވަނުމުން ލިމްޔާ ހިތްވަރުކޮށްފައި ތެދުވިއެވެ. ލިމްޔާ ބޭރަށް ނުކުމެ، އެމެޖެންސީ ރޫމާއި ދިމާއަށް މިސްރާބުޖެހިއެވެ. ފައިގައިވާ ބޮޑެތި ޒަހަމުތަކުގެ ސަބަބުން ލިމްޔާއަށް ހިނގުންވީ ވޭނަކަށެވެ. ފާރުގައި ހިފަހައްޓައިގެން ހުރެ، ލިމްޔާ މަޑުމަޑުން ކުރިއަށް ދިޔައެވެ.

ލިމްޔާގެ ފިޔަވަޅުތައް މަޑުޖެހުނީ މުސްތަފާ އާއި އަފްސަމް ވާހަކަ ދައްކަން ތިއްބާ ފެނުމުންނެވެ. ދައްކަން ތިބި ވާހަކައިގެ ބާވަތުން ކޮންމެވެސް ކަމެއް ގޯސްވެއްޖެހެން ލިމްޔާއަށް ހީވިއެވެ. މުސްތަފާއަށް ފެނުމުގެ ކުރިން ލިމްޔާ ފާރާއި ނިވާވެލިއެވެ.

"ކިހިނެއްތަ ރުޅި މަޑުކުރާނީ؟ ތި ދެއްކީ ކުޑަކުޑަ ވާހަކައެއް ނޫނޭ. އަފްސަމަށް އިތުބާރުކޮށްފަ އަހަރެން މިހާއިރު މަޑުން މިހުރީ ޝައްކު ޔަގީން ނުވާތީ. އެކަމަކު މަޑުކުރެވުނީމަ، ކަންތައް ތިވީ އިތުރަށް ގޯހެއްނު. އެކްސިޑެންޓެއްވެގެން މީހަކުވެސް ނިޔާވެގެންނޭ އެދިޔައީ. ތިކަންތައް އެހާ ފަސޭހައިން ދޫކުރާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެން މިދަނީ ޕޮލިހަށް ތި މައްސަލަ ހުށަހަޅަން. އެކަން ކުރި ބަޔަކަށް އަދަބުދީފަ ނޫނީ އަހަރެން ނުހުއްޓާނަން" މުސްތަފާ ހުރީ ރުޅި އައިސްފައެވެ. އަފްސަމް ހިފެހެއްޓުމުންވެސް ފޮޅުވާލާފައި ދާން މަސައްކަތްކުރިއެވެ.

ލިމްޔާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. މުސްތަފާގެ ވާހަކައިން ލިމްޔާމެންގެ އެކްސިޑެންޓަކީ ބަޔަކު ރާވައިގެން ކުރި ކަމެއްހެން ލިމްޔާއަށް ހީވިއެވެ.

"ޕޮލިހަށް މައްސަލަ ހުށަހަޅައިގެން އެމީހުން މިމައްސަލަ ބަލާފާނެހެން ހީވޭތަ؟ އަހަރެމެންގެ އަތުގަ އެއްވެސް ހެއްކެއް އެބައޮތްތަ؟" މުސްތަފާ ވާހަކަދެއްކި ބާރުމިނުގައި އަފްސަމްވެސް ސުވާލުކުރިއެވެ. "ޑޮކްޓަރުން އެބުނަނީ ރަޔާންގެ ހާލަތު އިތުރަށް ގޯސްވެގެން އެމަޖެންސީގަ މާލެ ފޮނުވީއޭ. ދެން އަހަރެމެން ޕޮލިހަށް ގޮސް ކީކޭތަ ވަކި ބުނާނީ؟ ނިމާލު ރަޔާން ވަގަށް ނެގީއޭތަ؟ ނޫނީ ހާލުދެރަ ބަލިމީހަކު ގެއްލުނީއޭތަ؟ ނިމާލަކީ އާދައިގެ މީހެއް ނޫނޭ ބޭބޭ. މިހާ ކޮރަޕްޝަން ބޮޑު ދުވަސްވަރެއްގަ އޭނަގެ ނުފޫޒު ޕޮލިހުންނަށް ނުފޯރުވާނެކަމެއް އަހަރެމެންނަށް ކިހިނެއް އެނގޭނީ؟ މިކަމުގެ ހަގީގަތް ހޯދަން ޖެހޭނީ އަހަރެމެން އަމިއްލައަށް. އިތުރު ގޮތެއް ނެތް"

"ދެން ތިބުނަނީ ދެއަތް އުރާލައިގެން ތިބޭށޭތަ؟" މުސްތަފާގެ އަޑު ކުރިއަށްވުރެ ބާރުވިއެވެ. އަފްސަމް ހާސްވެގެން ދެކޮޅު ހޯދައިލިއެވެ. "ކިހިނެއް އެނގެނީ ރަޔާންއަށް ހަދަން އެއުޅޭ ގޮތެއް؟ ރަޔާން އަކީ އަހަރެންގެ ދަރިއެއް ކަހަލަ ކުއްޖެއް. އަދި އަމުދުން މިހާރު. ރަޔާންގެ ހުރިހާ ކަމަކާ ޒިންމާ ނަގަން މިހާރު ހުރި މީހަކީ އަހަރެން"

ލިމްޔާގެ ދެލޯ ވަނީ ބޮޑުވެފައެވެ. އަނގަމަތީގައި އަތް އަޅާލައިގެން ހުރިއިރު، ދެފައިން ވާގި ދޫވާހެން ލިމްޔާއަށް ހީވިއެވެ. ފެންކަޅިވަމުންދިޔަ ދެލޯ ފުރިގެން ކަރުނަތައް ބަންޑުންވާން ފެށިއެވެ. ލޮލުން ވެއްޓުނު ކަރުނަތިކި ރޮނގަކަށް ވާހެން ކޯތާފަތުގައި ބީހިލާފައި ދިޔައެވެ. މުސްތަފާމެން ދެއްކި ވާހަކަ މުޅިން ސާފުނުވި ނަމަވެސް ރަޔާން އަށް ބޮޑުކަމެއް ދިމާވެއްޖެކަމަށް ހިތް ބުނަމުން ދިޔައެވެ. ނިމާލު އެފަދަ ކަމެއް ކުރީ ކޮން މަގުސަދެއްގައި ހެއްޔެވެ؟ ލިމްޔާ ލޯ މަރައިލިއެވެ. އެއާއިއެކު އޭނާގެ ހަނދާނަށް އައީ ރަޔާން ފެނުނު ފަހުވަގުތުކޮޅެވެ. އެކްސިޑެންޓްވެގެން ހިތްދަތިގޮތަކަށް ނިމިގެންދިޔަ އެވަގުތުކޮޅު ހިތަށް ސިފަވުމުންވެސް ލިމްޔާގެ ހިތް ލޭކަރުނުން ފުރުނެވ

"ރެން އަހަންނަށް މާފުކުރޭ! ރެން ސަލާމަތްކުރަން އަހަންނަށް އެއްވެއް ކަމެއް ކޮށެއް ނުދެވުނު" ލިމްޔާ އޭނާގެ މޭގައި ފިރުމައިލިއެވެ.

ލިމްޔާއަށް ދާއިމީ އުފަލެއް ލިބުމެއް ނުވަނީ ހެއްޔެވެ؟ ކުޑަ އުފަލެއް ލިބޭއިރު، އެއަށްވުރެ ބޮޑު ހިތާމައެއް ލިބެއެވެ. ލިމްޔާގެ ހިތް ބިރުގަތީ، ރަޔާން އަބަދުގެ އަބަދަށް ވަކިވަނީހެން ހީވުމުންނެވެ.

ލިމްޔާ އޭނާގެ ދެލޯ ފޮހެލިއެވެ. އާ ހިތްވަރަކާއި އާ އަޒުމަކާއި އެކީގައެވެ. ވެގެން އުޅޭގޮތެއް އެނގެން އޭނާ ބޭނުންވިއެވެ. ލިމްޔާ ފިލާހުރިތަނުން ނުކުތެވެ.

"ލިމްޔާ؟" ލިމްޔާ ފެނުމުން އަފްސަމްގެ ދެލޯ ބޮޑުވިއެވެ.

މުސްތަފާއަށްވެސް ލިބުނީ ސިހުމެކެވެ އަވަސްއަވަހަށް ފަސްއެނބުރި ބަލައިލިއެވެ. ލިމްޔާ ފެނުމުން މުސްތަފާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ދުވެފައިކަހަލަ ގޮތަކަށް ގޮސް ލިމްޔާގެ ގައިގައި ހިފަހައްޓާލިއެވެ.

"ދަރިފުޅާ! މިތާ ކީއްތިކުރަނީ؟ ކީއްކުރަން އެކަނި ތިއައީ؟ ކޮބާ މަންމަ؟" މުސްތަފާ ފުލުފުލުގައި އެތައް ސުވާލެއް ކުރިއެވެ. "ބައްޕައަށް ގުޅާލިނަމަ...."

"ލިމް ބޭނުން ވީގޮތެއް އެނގެން" ލިމްޔާ ބުނެލިއެވެ.

މުސްތަފާ ހުއްޓުން އެރިއެވެ. އަފްސަމަށް އަވަސް ނަޒަރެއް ދިނެވެ. އެމީހުން ދެއްކި ވާހަކަތައް ލިމްޔާއަށް އަޑުއިވިއްޖެކަން އެނގުމުން ދެމީހުންވެސް ތިބީ ކަންބޮޑުވެފައެވެ.

"ރެންއަށް ކިހިނެއްވީ؟ ކާކު ނިޔާވީ؟" ލިމްޔާ ސުވާލުތައް ކުރަން ފެށިއެވެ.

މުސްތަފާއަށް ދެންވެސް އެއްޗެއް ނުބުނެވުނެވެ. ލިމްޔާ އެފަދަ ހާލެއްގައި ވަނިކޮށް ހިތްދަތި އެތައް ހަބަރެއް ދޭނީ ކިހިނެއް ހެއްޔެވެ؟ އެއްކޮޅުން ރަޔާންގެ ވާހަކައެވެ. އަނެއްކޮޅުން ރަޒީނާގެ މަރުގެ ހަބަރެވެ.

"ޕްލީޒް ބައްޕާ ޖަވާބު ދީބަލަ.... ކީއްވެތަ ކަންކަން ސިއްރުކުރަނީ؟ ރަޔާންއަށް ކޮންމެވެސް ކަމެއް ވެއްޖެ. ލިމް ބޭނުމޭ އެނގެން" ލިމްޔާ އާދޭސްކުރިއެވެ. މުސްތަފާގެ ދެއަތުގައި ހިފެހެއްޓިއެވެ.

"އަހަރެން ބުނެފާނަން..." އަފްސަމްގެ އަޑަށް ލިމްޔާއަށާއި މުސްތަފާއަށް އެދިމާއަށް ބަލައިލެވުނީ އެކުއެކީގައެވެ. މުސްތަފާ ދެފަރާތަށް ބޯ ހޫރައިލީ އެކަންތައް ލިމްޔާއަށް ސިއްރުކޮށްދޭން އެދެމުންނެވެ.

އަމީރާއަށް އެތަނަށް އާދެވުނީ އެންމެ މުހިއްމު ހިސާބުންނެވެ. ވާނުވާ ނޭނގިފައި ހުރި އަމީރާ އަވަސް އަވަހަށް ގޮސް ލިމްޔާގެ ގައިގައި ހިފަހައްޓާލިއެވެ.

"ނިމާލަކީ ތިހީކުރާހާ ރަނގަޅު މީހެއް ނޫން..." އަމީރާ އައި ނަމަވެސް އަފްސަމްގެ ފަރުވާލެއް ނެތެވެ. އޭނާ ބޭނުންވީ ނިމާލަކީ ނުބައި މީހެއްކަން އެންމެންނަށް އަންގާށެވެ. "ރަޔާން އެހާލުގަ އޮއްވާ އެކަކަށްވެސް އަންގާނުލާ ފިލައިގެން އެދިޔައީ. ކުޑަމިނުން އަހަރެމެންނަށް މޫނުވެސް ދައްކާނުލާ. މިތާ ސްޓާފަކުވެސް އިތުރު ތަފްސީލެއް ނުދިން"

"ނިމާލު ރަޔާން ގެންދިޔައީއޭ؟ ކޮންތާކަށް ގެންދިޔައީ؟" އަމީރާއަށް ލިބުނީ ސިހުމެކެވެ.

"މިތާ ސްޓާފަކަށް ފަސްސަތޭކައިގެ ނޫޓުބޮނޑިއެއް ދިންތަން ފެނުނީ އަހަރެންގެ ދެލޮލަށް" އަފްސަމް އިތުރު ތަފްސީލް ދިނެވެ.

"އެކަމަކު ނިމާލު އެކަހަލަ ކަމެއް ކުރަންވީ ކީއްކުރަން؟ އެއީ ޔަލްވީގެ ފިރިމީހާއެއްނު" އަމީރާ ހުރީ ގަބޫލުނުކުރެވިފައެވެ.

"ބަދަލުހިފަން" އަފްސަމްގެ އަޑުގައިވީ ޔަގީންކަމެވެ.

"ކޮންކަމަކާތަ ނިމާލު ރަޔާންގެ ކިބައިން ބަދަލު ހިފަންވީ؟" އަމީރާއަށް އެކައްޗެއްވެސް ނުވިސްނުނެވެ. އޭނާގެ ސިކުނޑި ވަނީ ސުމަކަށް ގޮސްފައެވެ.

އަމީރާ ފަހަރަކު ސުވާލެއް ކުރި ނަމަވެސް ލިމްޔާ ހުރީ ހިމޭނުންނެވެ. ނިމާލު އެކަހަލަ ކަމެއް ކޮށްފާނެކަމަށް ގަބޫލުކުރަން ލިމްޔާއަށްވެސް އުނދަގޫވިއެވެ. ރަޔާންގެ ކިބައިން ބަދަލު ހިފަން ބޭނުންނަމަ އެއްވެސް މީހަކަށް ނޭނގޭނެހެން ސިއްރުންވެސް ނިމާލަށް އެކަން ކުރެވުނީހެވެ. ވީއިރު އެހާ ފާޅުކަން ބޮޑު ގޮތެއްގައި ނިމާލު އެކަން ކުރުމުން ލިމްޔާގެ ހިތުގައި ނިމާލުގެ މަގްސަދާއި މެދު ސުވާލު އުފެދުނެވެ.

"ދައްތަގެ ތި ސުވާލުގެ ޖަވާބުވެސް އަހަރެން ދީފާނަން" އަފްސަމަށް އައު ހިތްވަރެއް ލިބިފައިވާ ކަހަލައެވެ. "ރަޔާން ޔަލްވީ އާއި ކައިވެނި ކުރީ މަޖުބޫރުން. އެކަން ކުރަން ރަޔާންއަށް މަޖުބޫރުކުރި މީހަކީ ނިމާލު. ނިމާލު އެކައިވެނި ކުރުވީ ޔަލްވީގެ ވެސް ނުރުހުމުގަ. އެދެމީހުން ދޭތެރޭ އޮންނަނީ ދައްތަމެން ތިހީކުރާ ކަހަލަ ގުޅުމެއް ނޫން. ނިމާލު އެކަން ކުރީ ރަޔާންގެ ބޮލުގަ ދޮގު އިލްޒާމެއް އަޅުވައިގެން. އެ އިލްޒާމް ރަޔާންގެ ބޮލުގައި އެޅުވި މީހަކީ ނިމާލުގެ ދަރި ޔަލްވީ. ޔަލްވީ އެކަން ކުރީ ރަޔާންގެ ކިބައިން ބަދަލު ހިފަންވެގެން"

"ސުބުހާނަﷲ. ކޮންފަދަ ވާހަކަތަކެއް މި އަޑު އިވެނީ...." އަމީރާ ފެންކަޅިވިއެވެ. މިދުވަސް ދެކެން ރަޒީނާ ދުނިޔޭގައި ނެތްކަން އެއީ ނަސީބެކޭ އަމީރާގެ ހިތަށް އެރިއެވެ. ރަޒީނާ ދުނިޔޭގައި ހުރިނަމަ، ހިތްފަޅައިގެން ދާނެއެވެ.

"ކޮންމެ ނިޔަތެއްގަ ކުރިޔަސް، ނިމާލު ކަންތައް އެކުރީ ވަރަށް ގޯސްކޮށް" މުސްތަފާ ބުނެލިއެވެ. "ރީތި ގޮތުގަ އަހަރެމެން ކައިރީ ބުނެލާފަވެސް ގެންދެވުނީހެއްނު"

ޔަލްވީ ހުރީ ފާރާއި ނިވާވެލައިގެންނެވެ. އިވެމުންދިޔަ އަޑުތައް ގަބޫލު ކުރަން އޭނާއަށް ދައްޗެވެ. ނިމާލަކީ އެފަދަ ކަމެއް ކުރާނެ މީހެއް ނޫނެވެ. ޔަލްވީ ރުޅިގަދަވިއެވެ.

"ކީކޭ ކިޔާނަމޭ ހިތާ ތިއުޅެނީ؟" ޔަލްވީގެ ބާރު އަޑު މުޅި ތަނުގައި ގުގުމައިލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު