އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް

އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް --

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ސެޕްޓެންބަރު މަހު 132،788 ފަތުރުވެރިން ރާއްޖެ އައެވެ. މިދިޔަ އަހަރުގެ ސެޕްޓެންބަރުގައި ރާއްޖެ އައިސްފައިވަނީ 130،967 ފަތުރުވެރިންނެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު، މި އަހަރުގެ ސެޕްޓެންބަރުގައި އިތުރު 1،828 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރުމާއެކު، މިއީ 1.39 އިންސައްތައިގެ ކުރިއެރުމެކެވެ.

މި ހިނގާ އޮކްޓޫބަރަށް ބަލާއިރު، އިއްޔެގެ ނިޔަލަށް 30،601 ފަތުރުވެރިން ރާއްޖެ އައެވެ. އެ ގޮތުން މި މަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް 5،100 ފަތުރުވެރިން ރާއްޖެ އަންނަމުން ދާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މި އަހަރުގެ މިހައިތަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައީ ފެބްރުއަރީގައެވެ. ފެބްރުއަރީގައި އެކަނި ވެސް 217،392 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ޖުމްލަ ގޮތެއްގައި މި އަހަރުގެ ކޮންމެ މަހެއްގައި ވެސް ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރާ ބަލާއިރު ވަނީ އިތުރުވެފައެވެ.

ޓޫރިސްޓު އެރައިވަލްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ އެވަރެޖްކޮށް ފަތުރުވެރިން ދަނީ ރާއްޖޭގައި ހަފުތާއެއްހައި ދުވަސް ހޭދަކުރަމުންނެވެ. އަދި މި އަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 9.5 އިންސައްތަ އިތުރުވެފައިވާ ކަމަށް އެ ހިސާބުތަކުން ދައްކައެވެ.

މި އަހަރުގެ މިހައިތަނަށް، އަދި މިދިޔަ ދެ އަހަރު ރާއްޖެ އައިސްފައިވާ ޖުމުލަ ފަތުރުވެރިންގެ އަދަދުތައް:

  • 2022: މުޅި ޖުމުލަ 1،675،303 ފަތުރުވެރިން
  • 2023: މުޅި ޖުމުލަ 1،878،543 ފަތުރުވެރިން
  • 2024: މިއަހަރު މިހާތަނަށް 1،522،621 ފަތުރުވެރިން

މި އަހަރު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނަނީ ޗައިނާއިންނެވެ. އެ ގައުމުން 227،978 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެއީ މި އަހަރު ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 15 ޕަސަންޓެވެ.

ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިޔާއިންނެވެ. މި އަހަރު ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 10.9 އިންސައްތަ ރަޝިޔާއިން ހިއްސާކުރާއިރު، އެ ގައުމުން އައިސްފައިވާ ފަތުރުވެރިންގެ އަދަދު 166،172 އަށް އަރައެވެ.

ތިންވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވާ އިނގިރޭސިވިލާތުން 128،262 ފަތުރުވެރިންވަނީ އައިސްފައެވެ. އެއީ މި އަހަރު ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 8.4 އިންސައްތައެވެ.

މިދިޔަ އަހަރު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައި އިންޑިއާ މިހާރު އޮތީ ޓޮޕް މާކެޓު ތާވަލުގެ ފަސްވަނައިގައެވެ. އެ ގައުމުން 92،270 ފަތުރުވެރިން ރާއްޖެ އައިއިރު، އިންޑިއާއިން ހިއްސާކުރަނީ ރާއްޖެއަށް އައި ފަތުރުވެރިންގެ 6.1 އިންސައްތައެވެ.

މިދިޔަ ދެ އަހަރާ އަޅައިބަލާއިރު، މި އަހަރު ރާއްޖޭގެ ފަތުރުވެރިކަން ވަނީ ކުރިއަރައިފައެވެ.

ސަރުކާރުގެ އަމާޒަކީ އަހަރުގެ ނިޔަލަށް ޓޫރިސްޓު އެރައިވަލްސްގެ ގޮތުގައި ދެ މިލިއަން ފަތުރުވެރިން ހަމަކުރުމެވެ.

comment ކޮމެންޓް