މާފަށްވުރެ ދުރުގައި

27 ޖޫން 2012 އާ ގުޅޭ

ރެޔާން ވާހަކަ ދައްކާ ކޮންމެ ފަހަރަކު މައިރާ ގެ ހިތް ގަޑުފެންކޮޅެއްހާ ފިނިވެއެވެ. އަދި "ސްވީޓްހާޓް" ފަދަ ލަފުޒުތައް ބުނެލާއިރު ހިތް ފިދާވެއެވެ. އަދި އޭނަ ލަދުގަންނަވާލާފަދަ ބާރެއް އެ ދެލޮލުގައިވެއެވެ. ސިކުންތުކޮޅަކަށް ރެޔާން ބަލަހައްޓައިގެން ހުއްޓަސް މައިރާގެ މޫނު އާފަލެއްހެން ރަތް ވެގެންދާނެއެވެ. އެދެމެދުގައި ވަރުގަދަ ކެމިސްޓްރީއެއްވާ ކަމަށް ރެޔާން ބުނަމުން އަޔަސް އެ ކެމިސްޓްރީ މާނަކުރާގޮތެއް މައިރާއަކަށް ނޭގެއެވެ.ނަމަވެސް ރެޔާން ފެންނަ ކޮންމެފަހަރަކު ގޮތްގޮތްވެގެންދެ އެވެ.
"ރެޔާން އަންނާނަމޭ ބުނީމަވެސް ހީކުރީ ސަމާސާއަކަށް ކަމަށް..."މައިރާ ތެދުވެ ހިންދަމާލަމުން ރަކި ހުނުމަކާއި އެކު އަނގަމަތީގައި އަތްއެޅި އެވެ. ރެޔާންގެ ކުރުކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑުގައި ވާރޭގެ ތިކިތައް ހަރުލާފައިވަނީ މުތީތަކެއްހެނެވެ. އޮރެންޖްއަލީގައި ވެސް ރެޔާންގެ ބްލީޗް ހުދު ދަތްތަކުގެ ހުދުކަން ވިދުވަރެއްހެން ފެންނަމުން ދިޔައެވެ. މައިރާ ހިނިތުންވުމަކާއިއެކު އޭނަގެ ލޯބިވެރިޔާއަށް ބަލަހައްޓައިގެން ހުރިއިރު ހިތް ތެޅެމުން ދިޔަވަރުން މޭ ފަޅާލާފައި ނުކުމެދާނެހެންހީވިއެވެ. ފައިގެ ކަކުލުހުޅުންވާގި ދޫވި އެވެ.
"މޫސުމް ރީތިކަމުން އަހަރެންގެ ފުރާނަ ދެކިލާހިތުން ކެތްނުކުރެވިގެން މިއައީ... އެހެންނޫނަސް މިއަދުގެ އެންމެ ސްޕެޝަލް ހަދިޔާ އަދި ނުދެވިއޮތީމަ ހިތަށް އެރީ ހިފައިގެން އަންނާނީއޭ..." ރެޔާން ޖިންސްގެ ޖީބުން ނެގި ރަންފަށަކާ އަނގޮޓީ ދައްކާލަމުން މަޑުމަޑުން ބުންޏެވެ.
"ވާއު... ތެންކިއު ރެއިންބޯ..."މައިރާ އެފަށް އަތުލަން އުޅުމުން ރެޔާން މުށްލެއްޕާލާފައި އޭނަ މިފަށް އަޅުވާދޭން ބޭނުމީ އަމިއްލަ އަތުން ކަމަށް ބުނެލިއެވެ. ރެޔާންގެ އަތް މައިރާގެ ކަނދުރާގައި ބީހިލުމުން މުޅިގައިގާ ކަރަންޓްގެ ރާޅުތަކެއް ދުވެލުމާއިއެކު ހީލިކަރުވައިގަތެވެ. މައިރާ ހެމުން ރެޔާންގެ އަތުގައި ހިފެހެއްޓިއެވެ.
"ކިހިނެއްތިވަނީ ... އެއްކަލަ ކްރޭޒީ ލާފްދޯ ސްވީޓްހާޓް... ނިދާއިރު ހުވަފެނުގައިވެސް މަށަށް ހީވަނީ ތިއަޑު ކަންފަތުގައި ހަރުލާފައިވާހެން... އަދި މި ސްޕެޝަލް އަނގޮޓި ދުވަހަކު މިއަތުން ނުނަގަން ޕްރޮމިސް ކުރަންވާނެ... މިއީ އަހަރެންގެ ހިތްކަމަށް ގަބޫލުކުރޭ..." ރެޔާން މައިރާގެ ހިމަ ހޯލި އިނގިލިތަކުގައި ހިފަހައްޓަމުން ކުދި ހިތަކާއިއެކު ޖަވާހިރެއް ޖަހާފައިވާ އަނގޮޓި މައިރާގެ އިނިގިއްޔަށް މަހާލައިފިއެވެ. އެ ސިކުންތުކޮޅު މައިރާގެ ލޮލުގެ ކުރިމަތިން އައިޒާންގެ ތަސްވީރު ފެނުނެވެ. އައިޒާން އޭނަދެކެ ލޯބިވެވިއްޖެއްޔާ ވާނީ ކިހިނެއްހެއްޔެވެ؟ އެހާ ފަގީރު ހިތާމަވެރި ޒުވާނެއްގެ ހިތް އިތުރަށް ހަލާކު ކޮށްލެވިދާނެހެއްޔެވެ؟ ސާދާ ހިތްތިރި ރީތި ޒުވާނެކެވެ.
ވައިރޯޅިތަކުގެ ގޯނާއިން ނަށަމުންދާ ހުޅުކޮޅާއި ވެހެމުންދާ ވާރޭގެ ސަބަބުން ރެޔާންގެ ހިތުގައި އިޝްގީ އަލިފާން ރޯވެ އުނދަގޫވާ ހިސާބަށް ދިޔައެވެ. އޭނަގެ ފުރާނަފަދަ ލޯބިވާ މައިރާ ގެ ގާތުގައި ހުންނައިރު ބައެއްފަހަރު އަމިއްލަ ނަފުސަށް ބާރު ނުފޯރުވިދާނެހެން ހީވާ ކިތަންމެ ވަގުތެއް އާދެއެވެ. މިފަހަރުވެސް މައިރާގެ ގައިގާ ބައްދާލެވުނުގޮތަށް އިރުކޮޅެއްވާންދެން ދުނިޔެމަތިން ހަނދާންނައްތާލެވުނެވެ.
"ރެއިން..." މައިރާ ތެޅިގެންފައި ދުރަށް ޖެހިލާ ހޭވިފައިވާ އިސްތަށިގަނޑު އަތުން ރީތި ކޮށްލައިފި އެވެ.
"ރިލެކްސް ބޭބީ... އަދި މާބޮޑުކަމެއް ނުވެއެއްނު... ހަމަޖެހިބަލަ...ހަމަޖެހިބަލަ... މިއީ ޑައިރީތަ؟ "ރެޔާން މައިރާގެ ކޯތާފަތުގައި ޖަހާލުމަށްފަހު މޭޒުމަތީގައި އޮތް ފޮތަށް ސަމާލުކަން ދިނެވެ. ރެޔާން އެ ފޮތް ބަލާލުމުގެ ނިޔަތުގައި އަތްދިއްކޮށްލުމުން މައިރާ އެފޮތްއަތުލަން މަސައްކަތްކުރިއެވެ. ނަމަވެސް ރެޔާން މައިރާގެ ދެއަތް ފަސޭހަކަމާއިއެކު އެއްއަތުތެރޭ ހައްޔަރުކޮށްލަމުން އަނެއް އަތުން ފޮތްހުޅުވާލައިފިއެވެ. އެއީ މައިރާ އެންމެނަށް ސިއްރުން އިގިރޭސިބަހުން ލިޔަމުން ދާ ޅެންތަކެކެވެ. ރެޔާން ހައިރާންވީ މިވަރުން މައިރާ މިފޮތް ސިއްރުކުރުމުގެ މަގުސަދެއް ނޭގުމުންނެވެ. ނަމަވެސް އޭގައި މުޅިންވެސް ވަނީ ފަގީރު މީހުންނާއިމެދު ހަމްދަރުދީވެ އެމީހުންގެ ދިރިއުޅުން ސިފަކޮށްދީފައިވާ ހަމްދަރުދީގެ ޅެންތަކެވެ. ރެޔާން ހަނދާންވީ ބައްޕަގެ ބޮޑުދައިތަ ސުލްތާނާ ބުނި ވާހަކައެކެވެ. މައިރާ ގެ އުމުރުން ދިހަވަރަކަށް އަހަރުގައި އިންޑިއާއަށް ކުރި ދަތުރެއްގައި ސަލާމްޖެހި ކޮންމެ މީހަކަށް ލާރި ނުދީގެން ހޮޓަލަށް އައިގޮތަށް ނުކައި ނުބޮއި އުޅުނުކަމަށާއި އެހެންވެ އަނެއް ދުވަހު ސުލްތާނާ ދިޔައީ ފައިސާ ކޮތަޅެއް ހިފައިގެން ފެންނަ ކޮންމެ މީހަކަށް ބަހަމުން ކަމަށެވެ.
މައިރާއަކީ ތަފާތު މިޒާޖެއްގެ ކުއްޖެކެވެ. ފަގީރުންގެ ހާލާއިމެދު ހަމްދަރުދީވެ އެމީހުންނަށްޓަކައި އަތުގައިވާ ފައިސާ ޚަރަދުކުރަން ވަރުފަށެއް ހުންނަކުއްޖެކެވެ. ރެޔާން ދެކޭގޮތުން މައިރާވަނީ ހިތްހެޔޮކަމުގެ ހައްދުން ބޭރުވެފައެވެ.
"ގުޑް ގާލް... މިހާރު ކުރިއަށް ވުރެ ބޮޑަށް ލޯބިވެވިއްޖެ. އަދިވެސް ސްވީޓްހާޓް ޚިޔާލުކުރަނީ ހަމަ ރެޑްކްރެސެންޓް ފަދަ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއަކަށް ވަންނަންތަ؟ މަގޭ ލޯބި ހާދަ މޮޅޭ... ހާދަ ރަގަޅޭ... ބައިނަލްއަގުވާމީ އިނާމެއް ލިބުން ހައްގުކަން ޔަގީން..."ރެޔާން ފޮތް މައިރާގެ އަތުގައި ލައްވާދެމުން އެ ފަށުވި އިސްތަށިގަނޑުގައި ބޮސްދިނެވެ. އެ އިސްތަށިގަނޑުގައި ދުވަމުން ދިޔަ ލެވެންޑަރ މަލުގެ މީރުވަސް ރެޔާން ގެ ސިނކުޑި އިތުރަށް ތާޒާކުރުވިއެވެ.ރެޔާން ނޭފަތް އެތެރެއަށް ދަމާލިއެވެ.
"ރެޔާންވެސް ފަގީރު ކުއްޖަކާއި އިންނަންވީނު..."ކުއްލިއަކަށް މައިރާއަށް ބުނެވުނެވެ. ރެޔާން ގެ ތުންފަތްމަތީގައިވާ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. އޭނަ މައިރާއަށް ބަލާލިގޮތުން ހީވީ ބުނެގެން ނުވާނެއެއްޗެއް ބުނެވުނުހެނެވެ.އެއީ އެއްގޮތަކަށްވެސް ސަމާސާއަކަށް ހަދައިގެންވެސް ރެޔާން އަޑުއަހަން ބޭނުންވިފަދަ ވާހަކައެއްހެން އޭނަގެ މޫނަށް ވެރިވި ކުލަވަރުން ހިޔެއްނުވެއެވެ.
"ސޮރީ ސްވީޓްހާޓް... އަހަރެންގެ ހަޔާތުގެ ބައިވެރިޔާ މިވަނީ ހޮވާފައި..މަގޭ ހިތާއި ހަށިގަނޑަކީ އެކުއްޖާގެ މިލްކެއް... ވީއިރު ތިއީ އެކަށީގެންނުވާކަމެއް... އެކަމަކު ބޭބީ ތިހެން ބުނި ސަބަބެއް އެގެން ބޭނުން.. "ރެޔާން އެއިންގޮތަށް އިދެ ދަތްދޮޅީގައި އަތްވިއްދާލަމުން މައިރާގެ މޫނަށް ބަލަންފެށިއެވެ. އެ ތޫނު ނަޒަރުން މައިރާގެ މޫނަށް ރަތްކުލަ ފާއްދަން ފަށައިފިއެވެ. މައިރާ ލަދުގެންނެވުމަކީ ރެޔާން ކުރަން އެންމެ ބޭނުން އެއްކަމެވެ.އެ ކޮލަށް ވެރިވެގެންދާ ކުލައިގެ ރީތިކަމުންނެވެ.
"އޭރުން ކޮންމެވެސް ނިކަމެތިކުއްޖެއްގެ ގެ އާބާދުކޮށްދެވިދާނެ... ރެއިންގެ ބައްޕަ އަޅުއްވާދެއްވާ ގޭގައި އެކުއްޖާގެ އާއިލާއަށް ތިބެވިދާނެ..."މައިރާ ތުންފަތުގައި ދަތްއަޅާލަމުން ބުންޏެވެ.ރެޔާން މަޖާވިވަރުން ހޭންފެށިއެވެ.
"ބޭބީވެސް ހާދަ މޮޔައޭ ދޯ... މޭއި ބޭނުމިއްޔާ އަހަރެން ޔަތީމުޚާނާއެއް ހުޅުވަދީފާނަން.ނިކަމެތި މުސްކުޅިންނަށް ގެއެއް އަޅާދީފާނަން. އެކަމަކު އަހަރެން އަދި އެންމެ ނިކަމެތި ކުއްޖަކާއި ކާވެނިކުރިޔަސް އަދި ދުނިޔޭގައި އެތައްމިލިއަން އެފަދަކުދިންނެއް އެބަތިބި.ކިހިނެއް އެންމެނާއި އިންނާނީ.. އަހަރެންގެ އަންބަކަށް ވެގެން އެގެއަށް ވަދެވޭނީ ހަމައެކަނި މައިރާ އައިމަންއަށް..އެހެން މީހަކަށް އެ ފުރުސަތެއް ދެން ނެތް.." ރެޔާން ވާހަކަދެއްކީ ޔަގީންކަމާއިއެކުގައެވެ.
"ރައްޓެހިވެގެން އުޅޭއިރު މުއްސަނދި ކުދިން އުޑުގައިވާ ތަރިބާލަދޭން ބުނާނެ އެކަމަކު މެރީކުރީމަ އެ ލޯބި ހަނދާންނެތި ހިތަށް އެރިގޮތެއް ހަދާލާނެ..."މައިރާ ތެދުވެގެންގޮސް އުށްބައްތީގެ ހުޅުކޮޅާއި ކުޅެންފެށިއެވެ.ރެޔާން މައިރާގެ އަތުގައި ހިފެހެއްޓީ އަތް ފިހިދާނެކަމުގެ ބިރުންނެވެ. ރެޔާންގެ އެ ހަރަކާތުން މައިރާއަށް ބަލާލެވުނީ ރުހުމުގެ ލޮލަކުންނެވެ.ރެޔާން ހަގީގަތުގައިވެސް އޭނަދެކެ ހާދަ ލޯބިވެއެވެ.
"އެއީ މޮޔައިން ދައްކާ ވާހަކަ... އަހަންނަށް ކޮށްދެވޭނެކަމަކީ އަހަރެމެން ވަކި ގެއެއްގައި އުފާވެރި ހުވަފެނީ ދިރިއުޅުމެއް ވޭތުކުރުން..ކޮންމެ ދުވަހަކީ ރޮމެންޓިކް ރީތި ދުވަހަކަށް ހެދުން..ދެން ހަނީމޫނަށް ސްވިޒަރލެންޑަށް ދިއުން... އެއީ މޭއި އެންމެ ރުހޭތަން ކަމަށްވާތީ... އަހަރެން ކޮންމެކަމެއްގައި އަހަރެން އަމިއްލަ ރުހުމަށްވުރެ މޭއި ބޭނުންވާކަންތަކަށް އިސްކަންދެން.. ވީއިރު... ކޮންމެހެން ނުޖެހޭނެ ނުވާކަމެއް ކޮށްދޭނަމޭ ބުނާކަށް... އަހަރެންމިހިރީ ކޮށްދެވޭވަރުގެ ކޮންމެކަމެއް އަހަރެންގެ ލޯތްބައްޓަކައި ކުރަން..އެއީ ފުރާނަ ދުއްވާލުންކަމަށް ވިޔަސް ހެޔޮ... އުޑުން ތަރިބާލަދޭން އެއީ ދުރުން ފެންނަހާ ރީތި އެއްޗެއްނޫން.." ރެޔާން ހެމުން މައިރާ ލައްވާ އެއްޗެކޭ ބުނުވަންވެގެން ބުނެލައިފިއެވެ.
އުޑުން ތަރި ބާލާ ވާހަކައަކީ ރެއިން..." މައިރާ ރެޔާންގެ އިސްތަށިގަޑު ހާވާލަމުން ސަމާސާކޮށްލިއެވެ.އެވަގުތު ކޮންމެވެސް މީހެއްގެ ފިޔަވަޅުތަކުގެ އަޑުއިވުމުން މައިރާ އަވަހަށް ދުރަށް ޖެހިލައިފިއެވެ. މައިރާ ގެ ހަމައެކަނި ބިރަކީ ރެޔާންގެ މަންމަ ޒިޔާމާއަށް އެދެމީހުން އެކީގައި ތިއްބާ ފެނިދާނެތީއެވެ.މައިރާ ފެންނަ ކޮންމެ ފަހަރަކު ޒިޔާމާ ލޯއަޅާލާފައި އޭނަ މައިރާދެކެ ނުރުހޭވަރު އަންގާލަދެއެވެ. ޒިޔާމާ އެހާބޮޑަށް މައިރާދެކެ ނަފްރަތުކުރާ ސަބަބެއް އެއްގޮތަކަށްވެސް މައިރާގެ ވިސްނުމަކަށް ނާދެއެވެ. ކޮންމެވެސް ސިއްރެއް އެކަމުގައިވެއެވެ. އެ ސިއްރު އެގެން މައިރާ ކިތަންމެހާވެސް ބޭނުމެވެ. ޒިޔާމާ ކިތަންމެ ނުރުހުނަސް ދެ ޒުވާނުންނަށް ލިބިފައިވަނީ ރަނުގެ ފުރުސަތެކެވެ.މައިރާގެ ކޮޓަރީގެ ދޮރުތައް ހުޅުވާލެވެނީ ރެޔާންގެ ކޮޓަރީގެ ބެލްކަންޏާއި ދިމާލަށް ކަމަށްވާތީ ދެ ޒުވާނުން ރޭގަނޑު ނިދަންދެން އެދިމާލުގައި ވާހަކަދައްކަން މަޑުކުރެއެވެ. ކިތަންމެ ރެއެއް ދެ ޒުވާނުން އެގޮތުގައި ވަނީ ހޭދަކޮށްފައެވެ.

މިއަދުވެސް ވިއްސާރަވިލާތަކުން އުޑުމަތި ބައްދާލާފައިވެއެވެ. އައިޒާން ގަރާޖުން ނުކުމެގެން އައިސް ގެއަށް ވަންއިރު ގެވަނީ ފަޅަށެވެ. އެއްވެސް މީހެއްގެ ހިލަމެއްނުވެއެވެ. މިއަދު އައިޒާން ހެނދުނު ބޭރަށް ދިޔަގޮތަށް ގެއަށް ވަދެނުލާތީ ގެ ހީވަނީ ސުނާމީ އަރާފައިވާތަނެއްހެނެވެ. މެންދުރު ކޭ ތަށިތައް ނުނަގާ ހުރިއިރު އެތަންމިތަނަށް ދާ ހެދުންތައް ގުޅައަކަށް ޖަހާފައި ހުއްޓެވެ. ތެލިތަށިތައް ނުދޮވެހުރުމުން އައިޒާން ވަކިން ފޫހިވިއެވެ.
" ނީލް..." އައިޒާން ރުޅިވެރިކަމާއިއެކު ތަންކޮޅެއް ބާރަށް ގޮވާލައިފިއެވެ. މިހާރު އެކުއްޖާ ވާހަކަފޮތެއް ހިފައިގެން އެނދުގައި ޕޮޕްކޯން ކެއުމަށް ނޫނީ ކަންނެތްކަމުން ދެފައި ދަމަދަމާފައި ނިދާލަން އޮވެދާނެއެވެ.
"މިގޭގައި އަންހެނަކު ނޫޅެނީތަ؟ އަހަންނަށްވެސް ކޮންމެ ދުވަހަކު މިމަސައްކަތެއް ނުވާނެ އިގޭ..." އައިޒާން އިސްތަށިގަނޑުގައިވާ ފެންތައް ފޮޅާލަމުން ސޯފާގައި އިށީދެ ރިމޯޓުން ޓީވީ ހުޅުވިއެވެ. ޓީވީއިން ބަލާހިތްވާ އެއްޗެއް ނުދައްކާތީ އޭނަ އިރުގަޑެއް ވާންދެން ޗެނެލްތައް ބަދަލުކުރަމުން ދިޔައެވެ. ގިނަތަންތަނުން ފެންނަނީ ހިންދީ ފިލްމުތަކާއި ސީރީޒްތަކެވެ. މަންމަމެނަށް ބަސް ނޭގޭއިރުވެސް މިކަމަށް ދެވިހިފާފައިވަނީ މާ ވަރަކަށެވެ.
އައިޒާން ޓީވީ ނިވާލާފައި ނީލާގެ ކޮޓަރީގެ ދޮރުމައްޗަށް އެރީ ނީލާ ކުރާކަމެއް ބަލާލުމަށެވެ. މިދުވަސްކޮޅު ނީލާ ހުންނަނީ އަބަދު ބަލިވެފައެވެ. އެ އުފާވެރި ރީތިކުއްޖާ ނެގިމަޑުވެފައި ހުންނަތަން ފެނުމުން އައިޒާންއަށް އުދަގޫވެއެވެ. މިފަދަ ގެއެއްގައި ހުރި ހަމައެކަނި ދިރޭ ފުރާނައަކީ ނީލާކަމަށް އައިޒާން ދެކެއެވެ.އެހާ ރީތިވެފައި ހަޔާތުގެ އެންމެ އުދަގޫ މަރުހަލާ ކަޑައްތުކުރަމުން ދާ ޅަ ކުއްޖެކެވެ.
ނީލާ އޮތީ އެނދުގައި ހުރަހަށް ކަހަލަ ގޮތަކަށް ބަންޑުންނެވެ.
"ނީލް... ކިހިނެއްވީތަ" އައިޒާން ގެ ހިތް ފިނިވެގެން ދިޔައެވެ. އައިޒާން އައިސް ނީލާ ގެ ގައިގާ ހިފާފައި އުއްޑުން ބޭއްވިއިރު ނީލާގެ ދޮންމޫނު ހީވަނީ ހުދުކަފަކޮޅެއްހެނެވެ. ލޯހުޅުވާލީ ވަރުދެރަގޮތަކަށެވެ. އެ މޫނު ދަލުން ފެންވެރެމުން ދިޔައެވެ. އައިޒާން ގެ މެޔަށް ގޮތެއްވީ އެނދު ލެއިން ފެވިފައި ވުމުންނެވެ.އައިޒާން ޖީބުގައިވާ ފޯނު ނެގިއިރު އަތުގެ އިނގިލިތައް ތުރުތުރުއަޅައެވެ. ނަސީބު ދެރަކަމުން ފޯނުގެ ބެޓެރީވަނީ ހުސްވެފައެވެ.
"ބޭ...ބޭ... އަހަރެން ނަކަށް ތަނެއް ނުފެނޭ... މަރުވަނީ. ބައްޕަ... ވަރަށް ގޯސް... އޭނަ... އަށް ދުވަހަކު ބޭބެވެސް ހިތްހެޔޮނުކުރާތި..." ނީލާ ހުއްޓަ ހުއްޓާފައި އެހެން ބުނަމުން އައިޒާންއާއި ދިމާލަށް އަތްދިއްކޮށްލިއެވެ. އެ މޫނުން ފެނުނީ އިންތިހާ ދަރަޖައިގެ މައުސޫމްކަމާއިއެކު ކަންބޮޑުވެފައިވާކަމުގެ ކުލަވަރެވެ. އައިޒާން ނީލާގެ ގަޑުފެންކޮޅެއްހާ ފިނި އަތުގައި ހިފާފައި ފިތާލަމުން ނީލާއަށް ހިތްވަރުދިނެވެ. ލޯ މަރާނުލަން އެދެމުން އެނދުމަތީގައި އޮތް ފޯނުނެގިއެވެ. އައިޒާންގެ ހިތަށް ވަމުންދިޔައީ ނުބައިގޮތެކެވެ.
"ނޫން ދޫނި... އެއްވެސްކަމެއްނުވާނެ... މުޅިން ރަގަޅުވާނެ..." އައިޒާން އަސަރާއިއެކު އެހެން ބުނަމުން ނީލާގެ އިސްތަށިގަނޑުގައި ފިރުމާލައިފިއެވެ. ނީލާ އައިޒާންގެ އަތުގައި ހިފާ ބާރުކޮށްލިއިރު ނީލާގެ ލޮލުން ފައިބަމުން ދިޔައީ ވޭނީ ކަރުނަތަކެކެވެ އައިޒާން އެމްބިއުލެންސްއަށް ގުޅުމުގެ ނިޔަތުގައި ފޯނުނެގިއިރު އޭނައަށް ނުރޮވިއިނީ ކިރިޔާއެވެ. އޭނަގެ ލޯބިވާ ކުޑަ ކުޑަ ކޮއްކޮގެ ހަޔާތުގެ އުއްބައްތި އަބަދުގެ އަބަދަށްޓަކައި ނިވެމުންދަނީއެވެ. އެންމެ ފަހުގެ ސިކުންތުކޮޅު އޭނަގެ އަތުތެރޭގައި ގުނަމުންދަނީއެވެ. (ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު