ވާދަވެރި ކުޅުމަކާއެކު އާސެނަލުން ސައުތެމްޕްޓަންގެ މައްޗަށް ކުރި ހޯދައިފި

އިންގްލިޝް ޕްރިމިއާ ލީގުގައި އާސެނަލް އާއި ސައުތެމްޕްޓަން ބައްދަލުކުރި މެޗު އާސެނަލުން ދެއްކި މޮޅު ކުޅުމާއެކު ކާމިޔާބު ކޮށްފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ 3-1 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމުން ވެސް އުފެއްދި ނަމަވެސް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގައިފައިވަނީ ސައުތެމްޕްޓަން އިންނެވެ. މެޗުގެ 55 ވަނަ މިނެޓުގައި ސައުތެމްޕްޓަން އިން އުފެއްދި ހަމަލާއެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކެމެރޮން އާޗާއެވެ.

މި ލަނޑު ވެގެންދިޔައީ މުޅި ދަނޑަށް ހަމަހިމޭންކަން ގެނުވާ އާސެނަލްއަށް ސިހުން ގެނުވި ކަމަކަށެވެ. ނަމަވެސް މި ލީޑު ސައުތެމްޕްޓަންއަށް ދެމެހެއްޓޭވަރުވީ އެންމެ ތިން މިނެޓަށެވެ. މެޗުގެ 58 ވަނަ މިނެޓްގައި އާސެނަލުން ވަނީ ކައި ހަވާޓްޒް ޖަހައިދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

އަދި މި މެޗުގެ 68ވަނަ މިނެޓުގައި އާސެނަލަށް މެޗުގެ ލީޑު ނަގައިދިނީ ބަދަލު ކުޅުންތެރިޔާ ގެބްރިއެލް މާޓިނެއްލީއެވެ. އަދި ފަހު ލަނޑު މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ކެޕްޓަން ބުކާޔޯ ސާކާއެވެ. މި ކާމިޔާބީއާއެކު އާސެނަލް ވެފައިވަނީ ޕްރިމިއާ ލީގުގެ ތާރީހްގައި އަމިއްލަ ދަނޑުގައި ކުޅުނު 400 މެޗު ކާމިޔާބު ކުރި ދެވަނަ ޓީމަށް ވެގެން ގޮސްފައެވެ.

އާސެނަލް މިހާރު އުޅެނީ ކުޅުނު ހަތް މެޗުން ލިބިފައިވާ 17 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ. އަދި ސައުތެމްޕްޓަން އުޅެނީ އެއް ޕޮއިންޓާއެކު ތާވަލްގެ 19 ވަނައިގައެވެ.

މި މުބާރާތުގައި ބްރެންޓްފަޑް އާއި ވުލްވަހެމްޕްޓަން ވޮންޑަރާސް ބައްދަލުކުރި މެޗު 3-5 އިން ކާމިޔާބު ކޮށްފައިވަނީ ބްރެންޓްފަޑްއެވެ. މި މެޗުގައި ބްރެންޓްފަޑްއިން ކާމިޔާބު ކުރި ފަސް ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނޭތަން ކޮލިންސް، ބްރަޔަން އެމްބެއުމޯ، ކްރިސްޓިއަން ނޯގާޑް، އީތަން ޕިކޮކް އަދި ފަބިއޯ ކަވާލިއޯއެވެ.

އަދި ވުލްވްސްގެ ތިން ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެތިއުސް ކޫންޔާ، ޔޯގެން ސްޓްރޭންޑް ލާސެން އަދި ރަޔާން އައިޓް ނޫރީއެވެ.

މިކާމިޔާބީއާއެކު ބްރެންޓްފަޑް މިހާރު އުޅެނީ 10 ޕޮއިންޓާއެކު ތާވަލްގެ ނުވަ ވަނައިގައެވެ. އަދި ވުލްވްސް އުޅެނީ އެންމެ ޕޮއިންޓަކާއެކު އެންމެ ފުލުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު