އުފާވެރިކަން ގެނެސް ދިނުމަށް ޚާއްސަކޮށްގެން، "ސްމައިލް ޝިހާބް ޕޮޑްކާސްޓް" ގެ ނަމުގައި ހެޕިނެސް ކްލަބުގެ ޗީފް ހެޕިނެސް އޮފިސަރު މުޙައްމަދު ޝިހާބާއެކު ސަންއިން ޚާއްސަ ޕޮޑްކާސްޓް ސީރީސްއެއް މިއަދު ފަށައިފިއެވެ.
އިޖުތިމާއީ ކަންކަމުގައި ވަރަށް ބޮޑަށް ބައިވެރިވެއުޅުއްވާ ޝިހާބުގެ ފުރަތަމަ ޕޮޑްކާސްޓް ޚާއްސަ ކުރައްވާފައިވަނީ މިއަދު ފާހަގަ ކުރާ ބައިނަލްއަގުވާމީ ޓީޗަރުންގެ ދުވަހަށެވެ. މި ޕޮޑްކާސްޓްގެ މެހެމާނަކީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ސައީދު އަޙްމަދެވެ. ޝިހާބާއި ސައީދަކީ ވަރަށް ގިނަ ދުވަހު ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ދެ ބޭފުޅުންނެވެ.
"ހިތުލޯބި" މި ނަން ދީފައިވާ ޕޮޑްކާސްޓްގައި ދެ ބޭފުޅުން ވާހަކަ ދައްކަވާފައިވަނީ ސްކޫލުތަކަކީ އުފާވެރިތަނަކަށް ހެދުމުގެ މުހިންމު ކަމުގެ މައްޗަށެވެ. އެގޮތުން ސްކޫލުތަކަކީ އުފާވެރިތަނަކަށް ހެދުމަށް ކުދިންނާއި މެނޭޖުމެންޓްގެ ގުޅުމުގެ މައްޗަށާއި ޓީޗަރުންނާއި ބެލެނިވެރިންގެ އިތުރުން ކުދިންނަށް ކުރެވޭނެ ކަންކަމަކީ ކޮބާކަމުގެ މައްޗަށް ވަރަށް ތަފުސީލީ ގޮތެއްގައި ދެބޭފުޅުން ބައްލަވާލެއްވެވިއެވެ.
ޝިހާބު ވިދާޅުވިގޮތުގައި މީގެ ފަހުން ހަފުތާއަކު އެއް ދުވަހު މި ޕޮޑްކާސްޓް ސީރީސްގެ އެޕިސޯޑެއް ގެނެސް ދެއްވާނެއެވެ. އުފާވެރިކަމަށް ޚާއްސަކޮށްގެން ގެނެސްދޭ މި ޕޮޑްކާސްޓްތަކުގައި މުޖުތަމައުގެ ތަފާތު ފަންނުތަކުގެ ތަފާތު ގިންތިތަކުގެ ބޭފުޅުން ބައިވެރިވެލައްވާނެ ކަމަށް ޝިހާބު ވިދާޅުވިއެވެ.
ސަން ސިޔާމް މީޑިއާ އާއި ހެޕިނަސް ކުލަބާ ގުޅިގެން މި ޕޮޑްކާސްޓްގެ އިތުރުން އެސްއެސްޓީވީ މެދުވެރިކޮށް ޓީވީ ޕްރޮގްރާމް ވެސް ގެނެސް ދިނުމަށް ވަނީ ނިންމައިފައެވެ. އަދި ސަން އޮންލައިން މެދުވެރިކޮށް ޚާއްސަ ކޮލަމްތަކެއް ވެސް ކުރިއަށް އޮތްތަނުގައި ގެނެސް ދެއްވާނެ ކަމަށް ޝިހާބް ވިދާޅުވިއެވެ.
ތަފާތު މުހިންމު ޕޮޑްކާސްޓްތަކެއް ގެނެސްދޭ ސަން ޕޮޑްކާސްޓްތައް ސަން އޮންލައިންގެ ޕޮޑްކާސްޓް ޕޭޖާއި ސްޕޮޓިފައި މެދުވެރިކޮށް ވެސް އަޑު އަހާލެވޭނެއެވެ. ތަފާތު ޕޮޑްކާސްޓްތަކެއް ސަންއާ ގުޅިގެން އުފެއްދުމުގެ ފުރުސަތު މި މީޑިއާއިން ވަނީ ހުޅުވާލައިފައެވެ.