ޕޮގްބާގެ ބޭން 18 މަސް ދުވަހަށް ކުޑަކޮށްފި

ޔުވެންޓަސްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ -- ފޮޓޯ/ ގެޓީ

އިޓާލިއަން ސެރީއާގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ފަރަންސޭސިވިލާތުގެ ޕޯލް ޕޮގްބާ މަނާ ބޭހެއް ބޭނުން ކުރިކަން ސާބިތު ވުމާ ގުޅިގެން އޭނާއަށް އިއްވި ހަތަރު އަހަރުގެ ބޭން 18 މަސް ދުވަހަށް ކުޑަކޮށްފިއެވެ.

ޕޮގްބާގެ ބޭން ކުޑަކޮށްފައިވަނީ އޭނާގެ މައްޗަށް އިއްވި ހަތަރު އަހަރުގެ ބޭން އާ ގުޅިގެން އެކަން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއަށް ހުށަހެޅުމުގެ އެ ފަރާތުންނެވެ.

ކޯޓް އޮފް އާބިޓްރޭޝަންގެ މިނިންމުމާ ގުޅިގެން ޕޮގްބާއަށް މިހާރު މި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޔުވެންޓަސް އާއެކު އަލުން ފަރިތަ ކުރުން ތަކުގައި ބައިވެރިވެވޭނެއެވެ. އަދި މި އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އޭނާއަށް އަލުން ކުޅެން ފެށޭނެއެވެ.

ޕޮގްބާ ސަސްޕެންޑް ކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހު އިޓަލީވިލާތުގެ ނޭޝަނަލް އެންޓި ޑޯޕިން ޓްރައިބިއުނަލް އިންނެވެ. ޕޮގްބާ ސަސްޕެންޑް ކޮށްފައިވަނީ އެ ފަރާތުން މިދިޔަ އަހަރުގެ އޮގަސްޓް މަހު ސީޒަންގެ ފުރަތަމަ މެޗަށް ފަހު ހެދި ޓެސްޓެއްގައި ޕޮގްބާގެ ހަށިގަނޑުން ޓެސްޓޮސްޓެރޯންގެ އަސަރު ހުރިކަން ފާހަގަ ވުމުންނެވެ.

ޕޮގްބާ ހާމަކުރިގޮތުގައި އޭނާގެ ހަށިގަނޑުން އެކަން ފާހަގަ ވެފައިވަނީ ޑޮކްޓަރަކު އޭނާއަށް ބޭނުން ކުރަން ދިން ނިއުޓްރިޝަން ސަޕްލިމެންޓެއްގައި އެބާވަތް ހިމެނިފައިވުމުން ކަމަށާއި ނަމަވެސް އޭނާއަށް އެކަން އޭރު ނޭނގޭ ކަމަށެވެ. އަދި އެނގި ހުރެ މަނާ ބޭހެއް ބޭނުން ނުކުރާނެކަމަށް ވެސް އޭނާ އެންމެ ފުރަތަމައިން ފެށިގެން ބުނަމުންދިޔައެވެ.

އޭނާގެ މައްޗަށް ފުރަތަމަ ނެރުނު ހަތަރު އަހަރުގެ ބޭން ނިމެންދެން އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހުނު ނަމަ ޕޮގްބާއަށް ދެން ކުޅުމުގެ ތެރެއަށް އާދެވުނީހީ 2027 ވަނަ އަހަރުއެވެ. އޭރު އޭނާގެ އުމުރުން ހުންނާނީ 34 އަހަރު ވެފައެވެ.

ކޯޓް އޮފް އާބިޓްރޭޝަންގެ މިނިންމުމަށް ޕޮގްބާ ވަނީ ޝުކުރު އަދާކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު