"ބައެއްފަހަރު ރަގަޅު ހިތްހެޔޮ މީހުންނަކީވެސް ތިބާއަށް ލިބޭ ނިއުމަތްތަކެވެ. ލިބިފައިވާ ނިއުމަތްތައް ގުނާ އަދަދުނުކުރެވޭހާ ގިނައެވެ. ހިތާމައިގެ ވަގުތުގައިވެސް ދެއްވި ނިއުމަތްތައް ހަނދާންކޮށް ﷲއަށް ހަމްދުކޮށް ކެތްތެރިވާށެވެ. ދުނިޔެއަކީ ވަގުތީ ފާލަމެއްކަމާއި ހުރިހާ ކަމެއް ފުރިހަމަވާނީ ދާއިމީ މަންޒިލަށް ދިޔުމުންކަން ތިބާގެ ނަފުސަށް ވިސްނައިދޭށެވެ."

***

އެކަމަކު ޒަވީ ވަރަށް ޕްލޭންކޮށްގެން ހުރީ އެކީ ކިޔަވަންދާން....ދަރިފުޅު ތި ވާހަކަ ނުބުނަންތަ؟ ވިލްދާން ކަންބޮދުވެފައި ސުވާލުކުރިއެވެ.

"އަދި ނުބުނަން...އެކަމަކު އައިމް ޝުއާ...ޒަވީ ވިލް ބީ އޯކޭ އިތް އިޓް..." މައިރާ ހިނިތުންވެލިއެވެ. ވިލްދާން ބޯކަހައިލާ ސަހަރް އަށް ލޯ އަޅައިލިއެވެ.

"ދެން ބައްޕަ ސްޓްރެސް ނުވެބަލަ....ދޯ މަންމާ...." ސަހަރް ގެ ކޮނޑުގައި އަތް ބަްވާލަމުން މައިރާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ސަހަރް ބޯ ޖަހައިލާފައި މައިރާ އާއި އެއްބައިވެލިއެވެ.

މިއަދަކީ މައިރާ ގެ ހަޔާތުގެ އާ ފެށުމެކެވެ. ދުވަހަކުވެސް ހިތަށް ނުލިބޭފަދަ އުފާވެރިކަމަކާއި ފިނިކަމެއް ހިތަށް ލިބިފައިވިއެވެ. އޭނަ ހެއްދެވި ފަރާތަށް ދުޢާކުރީ ދިރިއުޅުން ބާއްޖަވެރިވުމަށެވެ.

މައިރާމެން ކޮޓަރީގައި ތިއްބާ އެ ގޭގެ ޚާދިމާއިން އޭނާ ޕާޓީ އަށް ލާން ހަމަޖެހިފައި އޮތް ހެދުން އިސްތިރިކޮށްގެން ގެނެސް ދިނެވެ. ސާފު ރީތި ހުދު ހެދުމެކެވެ. ޖަރީ ކަމެއް ނެތް ސާފު ހުދެކެވެ. ސަހަރްގެ ލޯ ތެންމާލިއެވެ. މައިރާ އެ ހެދުމަށް ބަލަހައްޓައިގެން ހުރިއިރު އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެ ހެދުން ލައިގެން އޭނާ އެތައް އިރެއް ވަންދެން ހުންނަން ޖެހޭނެ ކަމެވެ. އެއީވެސް އަދި އެތައް ބަޔެއްގެ ކުރިމަތީގައެވެ.

" ވައިޓް....ކީއްވެ ދެން ވައިޓް ލާން ޖެހެނީ....މީ އަސްލު ކިހާ ފޮއްޗެއް..." މައިރާ ޝަކުވާގެ ރާގުގައި ބުނެލިއެވެ. ސަހަރް އޭނާގެ ލޮލަށް ޖަމާވި ކަރުނަތައް ފޮހެލަމުން މައިރާގެ މޫނުގައި ހިފަހައްޓާފައި މަޑުމަޑުން ފިތައިލިއެވެ.

" އެންމް ދުވަހެކޭ ދަރިފުޅާ....އެހެން ނޫނަސް އަބަދަކު މިކަހަލަ ދުވަހެއް ނާންނާނެ....ފޯ މެމޮރީސް..." ސަހަރް މަޑު މަޑުން މައިރާ ކައިރިކޮށްލަމުން މޭގައި ޖައްސާ ބާރުކޮށްލިއެވެ. މައިރާ އަށް އޭނާގެ މަންމަ ގެ އުފާވެރި އިހުސާސްތައް ހާމަވީ އެ ހިތް ތެޅޭ ބާރުމިނުންނެވެ.

" މަންމަ ބޭނުންގޮތެއް.....އެކަމު..ނޯ މޭކްއަޕް....އެ ފައުންޑޭޝަނާއި ދަވާދު ހޭކީމަ ހީވާނީ ޖޯކަރެއްހެން......ޕްލީޒް ޑޯންޓް އާސްކް ފޯ ދެޓް...." މައިރާ ލޯބިން ބުނެލިގޮތުން އޭނަގެ މަންމައަށް ހެވުނެވެ. މައިރާ ބޮޑުވީ މުއްސަނދިކަމާއި ބޭނުންވި ހުރިހާ އެއްޗެއް ލިބިގެން ނަމަވެސް އޭނާގެ އުޅުމުން އެފަދަ އެއްވެސް ކަމެއް ފާޅުނުވެއެވެ. އާދައިގެ ގޮތެއްގައި ހުންނަން އަބަދުވެސް ބޭނުންވެއެވެ. ދެއްކުންތެރި ކަމުގެ ކަންފުޅެއް ނެތް ސާދާ ހިތްތިރި ފުރާނައެކެވެ. ނަމަވެސް މިއަދަކީ އޭނާގެ މަންމަ އަށް ވެސް ހާއްސަވާނެ ދުވަހެއްކަމުން މަންމަ އެދޭފަދަ ގޮތަށް ކަންތައް ކުރުމަށް އޭނަ ބޭނުންވީއެވެ.

***

އަހެދް ލޯ ފޮހެމުން ދުވެފައިގޮސް ކޮޓަރިއަށް ވަންތަން ބަލަން ނައީމްއަށް ފެނުމުން ވަގުތުން ސުވާލުތަކުން ސިކުނޑި ފުރައިލިއެވެ. ވީ ކަމެއް ބަލަން ކެތްމަދުވިއެވެ. ބޭރު ހޯދައިލީ އަދިނާ ފަހަތުން އަންނާނެކަމުގެ ޔަގީންކަމުގައެވެ. ނަމަވެސް އެއްވެސް މީހަކު ނުފެނުމުން އޭނާ ކަންބޮޑުވިއެވެ.

" ނައީމް.....ކޮން ފިކުރެއްގަ....މިއަދު ލާ ސޫޓު ހެޔޮވަރުކުރަން މީހުން އެބަ ތިބި އައިސް....މަރްވާން އެބަ އުޅޭ ނައީމު ނުފެނިގެން...." ސަކީނާ ފާޑަކަށް ބުނެލިއެވެ. ނައީމު ތުން އަނބުރާލީ ސަކީނާގެ ފަރާތުން މިންޖުވާނެ ގޮތަކާއި މެދު ވިސްނަމުންނެވެ. ސަކީނާ ދޫ ނުކުރާނޭ ކަން އެނގޭތީ އަވަހަށް އެބުނި ތަނަކަށް ދިޔައީ އަދިނާ އަށް ފޯނު ކުރަމުންނެވެ.

އަހެދް ލޯގަނޑުކުރިމަތީގައި ހުރެ އޭނާގެ އަމިއްލަ ސޫރައަށް ބަލައިލިއެވެ. ލޯ ފޮހެމުން ދިޔަަނަމަވެސް އެ ލޮލުން ކަރުނަ ނުހިކެއެވެ. އެއާއެކު ކޮޓަރީގެ ހަރުގަނޑެއްގައި އަޅުވާފައި ހުރި ހެދުމަށް ބަލައިލެވުނެވެ. ނާޒުކު ލޭހާއި ދިގު ފޮތިން ފަހާފައިވާ ރީތި ކަވި މަސައްކަތަކެއް ކޮށްފައިވާ ހެދުމެކެވެ. އެ ހެދުން ފަހާފައިވަނީ އޭނާ އެދުނު ގޮތަށެވެ. އެ ހެދުން ލާން ކުރި ދިގު އިންތިޒާރަށް މިއަދު ނިމުން އަންނާނެ ކަން އެނގުނަސް އެއީ އޭނާގެ ހިތުގައި އެ އުފަލެއް ނެތެވެ. ވަނީ ބަރުކަމެކެވެ. މިއަދަކީ އޭނާގެ އުންމީދުތަކުގެ ނަތިޖާ ފެންނަން ވީ ދުވަސް ކަމުގައި ވިޔަސް އެ ހެދުމަށް ބަލަމުންދިޔަ އިރު ހިތުގައި ރިއްސައެވެ. މުރުތަސިމްއަށް ހަގީގަތް އެނގުމަށްވުރެ ބޮޑަށް ދެރަވަނީ މުރުތަސިމްގެ ލޮލުގައި އޭނާއަށް ވި ލޯތްބާއިއެކު ދިން އިއްޒަތްވެސް ގެއްލުމުންނެވެ.

" އައި ވޯންޓް ކްރައި....އައި ކާންޓް....މުރުތަސިމް ވިލް ހޭވް ޓު މެރީ މީ....މަންޒިލާއި ހަމަޔަށް އައިސް މިހާ ފަސޭހައިން އައި ވޯންޓް ގިވް އަޕް....."

އަހެދް އޭނާގެ އަމިއްލަ ނަފްސަށް ޔަގިންކަންއެރުވިއެވެ. އެގެޔަށް އައި މަގްސަދު ހަނދާންކޮށްލަދިނެވެ. އޭނާއަށް އޭނާގެ އާއިލާ ގެއްލުނު ސަބަބު ހަނދާންކޮށްދިނެވެ. މުރުތަސިމް ދެކެ ވާ ލޯތަބަށް އިންކާރުކުރެވެނީ ހިތާ ދެކޮޅަށްނަމަވެސް އެއީ ހަގީގަތް ކަމުގައި ނަފްސަށް ވިސްނަދޭން މަސައްކަތްކުރިއެވެ. މުރުތަސިމް އޭނާއާއިމެދު ކަންތައް ކުރާނީ ކިހިނެއް ކަމެއް ނޭނގުނު ނަމަވެސް އެ ކަމާއި މެދު ނުވިސްނަން ބާރުއެޅިއެވެ. ދޮރުގައި ޓަކި ޖަހާ އަޑު އިވުނު ނަމަވެސް އެކަމަކަށްވެސް ފަރުވާލެއް ނެތެވެ.

އޭނަ ލޯ ފޮހެލުމަށްފަހު މޭކަޕް ސާމާނުތައް ނަގާ އަތުރައިލިއެވެ.

***

މުރުތަސިމް ކާރު ދުއްވާލީ ބާރަށެވެ. ބްރިޖް މަތީން އެހާ ބާރަށް ދިޔައީ އެއްވެސް ވިސްނުމެއް ނެތިއެވެ. ކާރު ހުއްޓީ އެއާޕޯޓަށެވެ. އޭނާއަށް މިއަދު އެލީޒީގެ ލޯތްބާއި އޭނާގެ ވަފާތެރިކަން ހަނދާނަށް އައެވެ. ފޯނުން އެލިޒީ އަށް ގުޅާލިއެވެ. އެންމެ ފަހަރަކު ނަމަވެސް އެ ފޯނު ނަގައިތޯއެވެ. ދައްކާނީ ކޮން ވާހަކައެއް ކަން ނޭނގުނަސް މިވަގުތު އޭނާ ބޭނުންވަނީ އެލީޒީއެވެ. މާފަށް އެދުމަށެވެ. އެލީޒީ ގެ ފޯނެއް ނުނަގަތާ އޭނާއާއި ދިމާވާނެހެން ހީވާ މީހެއްގެ ފޯނަކުންވެސް ޖަވާބެއް ނުލިބެއެވެ. އެއާޕޯޓު ލޯންޖަށް މުރުތަސިމް ދުވެފައި ދިޔައީ އެތަނުން ބައްދަލުވެދާނޭ ކަމުގެ އުއްމީދުގައެވެ. މުރުތަސިމް ހިތް އަވަސްވެފައި ހުރެ ފެންނަ އެންމެން ގާތު އެލީޒީ ވީތަނެއް އެނގޭތޯ ސުވާލުކުރަމުން ދިޔައީ މޮޔައެއް ހެންނެވެ. ކުއްލިއަކަށް އޭނަގެ ލޮލުގައި އަޅައިގަތީ އެލީޒީގެ ބޭންޑްގައި އުޅޭ ކުއްޖެކެވެ. އޭނާ އަވަހަށް މުރުތަސިމް އަށް ފިލަން ދާން ހެދުމުންވެސް ފަހަތުން ގޮސް އަރާ ހަމަކުރިއެވެ. އޭރު ބޭންޑްގެ އެހެން ޒުވާނުންވެސް އައިސް ހުއްޓުނެވެ.

"ސޮރީ ބްރޯ....އެލީޒީގެ ވާހަކައެއް ވެއްޖިއްޔާ ޑޯންޓް އާސްކް..." ސުވާލެއް ކުރުމުގެ ކުރިން އޭނާ ބުނެލިއެވެ.

"ޕްލީޒް.....އިޓްސް އިމްޕޯޓެންޓް....އައިމް ގެޓިން މެރީޑް ޓުޑޭއި....އައި ނީޑް ޓު ޓޯކް ޓު ހާ..." މުރުތަސިމް އާދޭސްކުރިއެވެ. ބޭންޑުގެ އެހެން މެންބަރުންގެ މޫނަށް ނަޒަރު ހިންގާލާފައި ފުން ނޭވާ އެއް ދޫކޮށްލަމުން ޖެހިލުންވެފައި ހުރެ އޭނަ ބުނެލިއެވެ.

" އެލީޒީ ކުއިޓް.....އާފްޓާ ޔޫ ގައިސް ބްރޯކް އަޕް.....ރިސޯޓްތަކުންވެސް ވަރަށް ގުޅާ...މުސާރަވެސް ބޮޑުކުރި....އެކަމަކު އެލީޒީ އެންމެނަށް އަލްވަދާއު ކިޔައިފި....ނޭނގޭ ދިޔަ ތަނެއްވެސް....ނުވެސް ބުނޭ....ޖަސްޓް ޑިސްއެޕިއާޑް....ވަރަށް ފަހުން މެސެޖެއް ކުރި އެކަމަކު އެއީ ލަންޑަން ނަންބަރެއް....." އޭނާ ކިޔައިދިނެވެ. މުރުތަސިމް ގެ ހިތް ގެނބުނެވެ.

" މެސެޖުގައި ކީކޭ ބުނީ..." ހާސްކަމާއެކު މުރުތަސިމް ސުވާލުކުރިއެވެ.

"ޤުރުއާންގެ އާޔަތެއް....ފޮނުވާފަ ބޮލޮކް ކޮށްލާފަ އިނީ އެހެންވެ ރިޕލައި އެއް ނުކުރެވުނު........" އެޒުވާނާ އެ ނަމްބަރު ދިނެވެ.

މުރުތަސިމްގެ ފޯނުން އެ ނަމްބަރަށް ގުޅީމައިވެސް ހަބަރެއް ނުލިބުމުނެވެ. އެކަނިވެލާ ބޯ ހަމަޖައްސައިލަން ގޮސް އޭނަ އިށީނީ ޖެޓީ ކޮޅުގައެވެ. އެންމެ ގިނައިން އެލީޒީ އެތަނެއްގައި ހުންނަން އެންމެ ގަޔާ ވާ އެއް ތަނެވެ. ހާސްކަން ފިލުވައިލަން އެތަން އެލީޒީ ހިޔާރުކުރަނީ ކީއްވެ ކަން މުރުތަސިމް އަށް ވިސްނުނީ ކިރިޔާއެވެ.

***

މެހެމާނުންގެ އެމީހުންގެ އަމިއްލަ ވާހަކަ ތަކުގައި މަޝްއޫލުވެގެން އުޅުނު އިރު ޒަހްރާ ގެ ލޯ ހޯދަމުން ދިޔައީ މުރުތަސިމް އެވެ. އަހެދް ގެ ކޮޓަރީގެ ދޮރު ކައިރީތިބެ ނައީމު އާއި އަދީނާ ޓަކި ޖަހަމުން ދިޔަ އިރު އެއްވެސް ޖަވާބެއް އަހެދް ވެސް ނުދެެއެވެ. އަނގައިން ބުނެނުލާ ތާ ދޮރު ވެސް ހުޅުވާނުލިއެވެ. ޒަހްރާގެ ހިތް ބިރުގަންނަން ފެށިއެވެ. ބާބިލް ތަޅުދަނޑިފަތި ހިފައިގެން އައީ އަނެއްކާ އަހެދް އަށް ބޮޑު ކަމެއް ދިމާވީކަމަށް ޒަހްރާ ބުނަމުންދާތީއެވެ.

" ސެލޫން ގަ ވީ ކިހިނެއްތަ؟" ޒަހްރާ ޖޫރީއާއި ސުވާލުކުރިއެވެ. އެކުއްޖާގެ މޫނު މަތީގައިވި ހާސްކަން ކިޔާލެވުނީއެވެ. ކަމެއް ގޯސްކޮށް ވެއްޖެކަން ޒަހްރާގެ ހިތް ބުނަމުންދިޔައެވެ.

ނައީމު ކަޅި އަޅާ ގޮތުން އަދީނާ ބިރުން މަރުވާވަރުވިއެވެ. އެ އަލިފާނުގެ ބެލުމުން އޭނަ ފިއްސާލާނެފަދައެވެ. އޭނަ ވަކި ކުރާނީ ކީއްހެއްޔެެވެ؟

އެންމެންގެ ހާސްކަމަށް ނިމުމެއް އައީ މުރުތަސިމް ފެނުމުންނެވެ. އޭނަ ގޭގެ މައި ދޮރުން ވަނީ މެހެމާނުންގެ ތެރެއިންނެވެ. ގަޔަށް ހެޔޮވަރު ސޫޓުގައި ހުރިއިރު ފިރހެންވަންތަވެފައި ރީއްޗެވެ. ޒަހްރާގެ މޫނުމަތި އުޖާލާވި ނަމަވެސް އޭނާގެ ސުވާލުތަކަށް ޖަވާބު ބޭނުންވިއެވެ. މުރުތަސިމް އޭނާއަށް ކުރިމަތިވީ އެއވެސް ސުވާލަކަށް ބެލުމެއް ނެތި އަހެދް ގެ ކޮޓަރީގައި ޖެހީ އެންމެ ޓަކިއެކެވެ. ވަގުތުން ދޮރު ހުޅުވުނެވެ. އަހެދް ކައިވެންޏަށް ތަތްޔާރުވެފައިވީ އެންމެ ފުރިހަމަ ގޮތެއްގައެވެ. ހޫރު ޕަރީއެއްފަަދައެވެ. މުރުތަސިމް ކުރިޔަށް ޖެހިލައި އަހެދް ގެ އަތުގައި ހިފިއެވެ. އެ އަތަށް ފިތާލިއެވެ. ނައީމު އަށް ބެލުނީ އަދީނާ ގެ މޫނަށެވެ. ކޮންމެވެސް ނުބައެއް ހިނގަިއފިކަން ވިސްނިއްޖެއެވެ.

" ކައުންޓް ޔޯ ޑޭއިސް......" މުރުތަސިމް ބުނެލީ އަހެދް ގެ ކަންފަތް ދޮށުގައެވެ. އަހެދްގެ މުޅިގައިން ހީބިހި ނަގައިދިޔައީ އެވަގުތުއެވެ.

"މޫނު ނާޅަނީތަ؟" ސަކީނާ އަށް ފާހަނގަވީ އަހެދް މޫނު ފޮތިކޮޅު ނާޅާކަމެވެ. މުރުތަސިމް ޖެއްސުމުގެ ހިނިގަނޑެއް ޖަހާލިއެވެ. ތަނުގެ ހަސްކަން ފިލުވައިލަން ނައީމު ވެސް ހިނިގަނޑުގައި ބައިވެރިވެލީ ވީގޮތެއް ނޭގި ހުރެއެވެ.

" މިއަދުން ފެށިގެން މީހުން އެމީހުންގެ އަސްލު ސޫރައިގައި ފެންނަން ފެށީނު.....ނޯ މޯ ހައިޑިން....ދޯ އަހެދް..." މުރުތަސިމް ބުނެލި ގޮތުން ޒަހްރާގެ ހިތުގައި ހާސްކަން އިތުރުވިއެވެ. އަހެދް އެއްވެސް އެއްޗެއް ނުބުނެ ރަކިވެފައި ހުރި އިރު އޭނާގެ ހިތް ނުތަނަވަސްވާންފެށިއެވެ.

" ހޫން އޭރުވެސް މަށަށް އެނގެޔޭ...." ސަކީނާ އޭނާގެ ޖުމްލަ ފުރިހަމަ ނުކޮށް އަނގަޔށް ގޮތެއް ހަދައިލިއެވެ. އަހެދް އަށް އޭނާގެ އަމިއްލަ ނަފްސުގެ އަގެއް ނެތް ކަމުގެ އިހުސާސް ކުރެވެން ފެށުނެވެ. އެ މަލާމާތަށް ހަމްދަރުދީވެފައި ބަލަން ހުރެވުނީ ބާބިލް އަށެވެ.

"ކޮބާ...ލަސްވަނީ ނު...ލެޓްސް ގޯ...." އަލްބާން އަވަސްކުރަން އެންމެން ގާތު ބުނަމުންދިޔައެވެ. އޭރު މެހެމާނުން ގެ އިތުރުން މައިރާ އާއި ޒަވިޔާގެ ކައިވެނި ކޮށްދިނުމަށް ކޯޓުގެ ގާޒީންވެސް ހާޒިރުވެއްޖެއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު