ލިލް އަތުން ރެއާލް ބަލިވެއްޖެ

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި ފްރެންޗް ލީގް އާންގެ ލިލް އާއި އެންމެ ފަހުގެ ޗެމްޕިއަން ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު ލިލް ކާމިޔާބު ކޮށްފިއެވެ.

ލިލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލްއިންނެވެ. ނަމަވެސް މިއާއެކުވެސް ރެއާލްއަށް ލިލްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.

ލިލްގެ ފަރާތުން މި މެޗުގައި ފެނިގެންދިޔައީ ވަރަށް ރަނގަޅު ކުޅުމެކެވެ. ނަތީޖާ އަކަށް ވެގެންދިޔައީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓްގައި އެ ޓީމަށް ލީޑު ނަގާނެ ރަނގަޅު ފުރުސަތެއް ތަނަވަސްވެގެންދިއުމެވެ.

ލިލްއިން ޖެހި ހިލޭ ޖެހުމެއް ރެއާލްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ އެޑުއާޑޯ ކަމަވިންގާ އަތުން ޖަހާ ބޯޅަ މަތަކުރިކަމަށް ވީއޭއާރަށް ފާހަގަ ވުމުގެ ސަބަބުން ލިބިގެންދިޔަ ޕެނަލްޓީ ލިލްއަށް ކާމިޔާބު ކޮށްދިނީ ޖޮނަތަން ޑޭވިޑްއެވެ.

މި މެޗުގެ ދެވަނަ ހާފުގައި ވެސް ލިލްއިން ރެއާލްގެ ގޯލަށް ނުރައްކާ ކުރި ނަމަވެސް ދެވަނަ ހާފުގައި، އަނިޔާއިން އެނބުރި އައިސް މި މެޗުގައި ބެންޗުގައި އިން ކިލިއަން އެމްބާޕޭ އެރުވުމާއެކު މެޗުގެ ފަހު ވަގުތު ކޮޅު ލިލް ހާސްކަމުގެ ތެރެއަށް ވެއްޓިގެންދިޔަކަން ފާހަގަ ވެގެންދިޔައެވެ. ނަމަވެސް ރެއާލްއިން އުފެއްދި އެއްވެސް ހަމަލާއެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. ލަނޑެއް ޖެހުމާއި އެންމެ ގާތަށް ގޮސްފައިވަނީ ރެއާލްގެ ޑިފެންޑާ އެންޓޯނިއޯ ރުޑިގާއެވެ. ނަމަވެސް އޭނާގެ ހަމަލާވެސް ލީލް އިން ވަނީ ގޯލް ރޮނގުމަތިން ދިފާއު ކޮށްފައެވެ.

މި ނާކާމިޔާބީ ވެފައިވަނީ މިދިޔަ އަހަރުގެ މެއި މަހަށްފަހު މި މުބާރާތުގައި ރެއާލް ބަލިވި ފުރަތަމަ މެޗަށެވެ. އަދި މިއީ އެ ޓީމު އެންމެ ފަހުން ކުޅުނު 36 މެޗަށްބަލާއިރުވެސް ބަލިވި ފުރަތަމަ މެޗެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީލް މިހާރު އުޅެނީ 18 ވަނައިގައެވެ. އަދި ރެއާލް އޮތީ 17 ވަނައިގައެވެ.

މިމުބާރާތުގައި އޮސްޓްރިއަން ބުންޑެސްލީގާގެ ސްޓާމް ގްރާޒް އާއި ބެލްޖިއަމް ޕްރޯ ލީގުގެ ކްލަބް ބްރޫޖް ބައްދަލުކުރި މެޗު ރަށުން ބޭރުގައި އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ކްލަބް ބްރޫޖްއެވެ. މި މެޗުގައި ބްރޫޖްއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކްރިސްޓޯސް ޒޮލިސްއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު