ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި އިންގްލިޝް ޕްރިމިއާ ލީގުގެ އެސްޓަން ވިލާ އަތުން ޖަރުމަނު ބުންޑެސްލީގާގެ ބަޔާން މިޔުނިކް ބަލިވެއްޖެއެވެ.
ވިލާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާން އިންނެވެ.
މި މެޗު ވެގެންދިޔައީ 41 އަހަރުގެ މެދު ކެނޑުމަކަށްފަހު ޔޫރަޕްގެ އެންމެ ވަރުގަދަ މުބާރާތުގެ މެޗެއް ވިލާގެ ދަނޑުގައި އެ ޓީމުން ކުޅުނު ފުރަތަމަ ފަހަރަށެވެ. އެހެންކަމުން އެކަމުގެ އުފަލާއި ފޯރި ވިލާގެ ސަޕޯޓަރުން ވަރަށް ގަދައަށް ފާހަގަ ކުރަމުންދިޔަކަން ފާހަގަ ވެގެންދިޔައެވެ. އަދި މި މެޗުގައި ގިނައިރު ބަޔާންއިން ބޯޅަ ގެންގުޅުމާއެކު ވެސް އެ ޓީމަށް ވިލާގެ ޑިފެންސް ފޫއަޅުވާލުމުގައި މާ ރަނގަޅު ހައްލެއް ހޯދުނު ތަނެއް ފެނިގެނެއް ނުވިޔައެވެ.
ނަތީޖާ އަކަށް ވެގެންދިޔައީ 1982 ވަނަ އަހަރުގެ ޔޫރަޕިއަން ކަޕްގެ ފައިނަލް މެޗުން ބަޔާންގެ މައްޗަށް ވިލާއިން ހޯދި އެއް ލަނޑުގެ ކާމިޔާބީ މި މެޗުގައި ވެސް އަނެއްކާ އެ ޓީމުން ހޯދުމެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ދެ ޓީމުގެ ފަރާތުން ވެސް ވަނީ ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައެވެ. އަދި މެޗުގެ 22 ވަނަ މިނެޓްގައި ވިލާގެ ޕައު ޓޯރޭސް ބަޔާންގެ ގޯލަށް ވައްދާލި ބޯޅައިން އެ ޓީމަށް ލީޑު ނެގުނު ކަމަށް ހީވިނަމަވެސް ވީއޭއާރުން ބެލުމަށްފަހު ވަނީ އެއީ އޮފް ސައިޑް ލަނޑެއްގެ ގޮތުގައި ދައްކާފައެވެ.
މި މެޗުގައި ވިލާއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ 70 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖޯން ޑުރާން އެވެ. އޭނާ މިލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗުގެ 79 ވަނަ މިނެޓުގައި ބަޔާންގެ ކީޕަރު ތަންކޮޅެއް ބޭރަށް ނުކުމެ ހުރިކަން ފާހަގަވެ އެކަމުގެ ފައިދާ ނަގައެވެ. މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ މިސީޒަންގައި އޭނާ ކާމިޔާބު ކުރި ފަސް ވަނަ ލަނޑެވެ. މިލަނޑާއެކު މުޅި ދަނޑު އެއް އަޑަކުން ގުގުމައިގެންދިޔަކަން ފާހަގަ ވެގެންދިޔައެވެ.
މި މެޗުގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ބަޔާންގެ ފޯވާޑް ހެރީ ކޭންއަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ.
މި ކާމިޔާބީ އާއެކު ވިލާއިން މި ވަނީ މިހާތަނަށް ކުޅުނު ދެމެޗުވެސް ކާމިޔާބު ކޮށް، ހަ ޕޮއިންޓް ހޯދާފައެވެ. އަދި މި ވަގުތު އުޅެނީ ތާވަލްގެ ހަ ވަނައިގައެވެ. އަދި ބަޔާން އުޅެނީ ތިން ޕޮއިންޓާއެކު 15 ވަނައިގައެވެ.
މި މުބާރާތުގައި ކްރޮއޭޝިއަން ފުޓްބޯލް ލީގުގެ ޑީނަމޯ ޒަގްރެބް އާއި ފްރެންޗް ލީގު އާންގެ އޭއެސް މޮނާކޯ ބައްދަލުކުރި މެޗު ދެ ލަނޑު ދެ ލަނޑުން ވީ އެއްވަރެވެ. މި މެޗުގައި ޒަގްރެބްގެ ޕީޓާ ސުސިޗް އާއި މާޓިން ބަޓުރިނާ ކާމިޔާބު ކޮށްދިން ދެ ލަނޑާއެކު ދެ ލަނޑުގެ ލީޑެއް އެ ޓީމުން ނަގާފައިވަނިކޮށް މޮނާކޯއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މުހައްމަދު ސަލީސޫ އާއި ޑެނިސް ޒަކާރިއާ ކާމިޔާބު ކޮށްދިން ދެ ލަނޑުންނެވެ. މޮނާކޯ ހަތަރު ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައި އުޅޭއިރު ޒަގްރެބް އުޅެނީ އެއް ޕޮއިންޓާއެކު 28 ވަނައިގައެވެ.