ހުވަނދު މަލަކީ މިއީ ދިވެހީންގެ ތެރޭ ޒަމާނުއްސުރެ ބޭނުންކުރަމުން އައި ވަރަށް މުހިއްމު އެހާމެ ޚާއްސަ ގަދަރެއް އެއަށް ދެވިފައިވާ މަލެކެވެ.
މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާއިރު ހުވަނދުމާ ގަހެއް ނުހުންނަ ގެއެއް ދިވެހީންގެ ތެރޭ މަދުވާނެއެވެ. މި ގަސް ނުހުންނަ ގޭގެއަށް ކޯނި ކޯނީގައި ހުވަނދުމާ ހަދިޔާގެ ގޮތުގައި ދިނުމަކީ ވެސް އޭރު ދިވެހީންގެ ތެރޭ އޮތް ރީތި އާދައެކެވެ. ނަމަވެސް، މިހާރަކަށް އައިސް އަތޮޅު ތެރޭ ރަށްރަށުގައި ވެސް ހުވަނދު މަލަކީ ލިބުން ދަތި ތަދު މަލެކެވެ.
އާއްމުކޮށް ގޭގޭގައި ހުވަނދުމާ ގަސް ހައްދާއިރު ބައެއް ރަށްރަށުގެ މިސްކިތްތަކުގައި ވެސް ހުވަނދުމާ ގަސް ހައްދައެވެ. ހަލަބޮލިކަން އިތުރުވެފައިވާ ވެރިކަން ކުރާ މާލޭގެ ބައެއް މިސްކިތްތަކުން ވެސް ހުވަނދުމާ ގަސް ކޮންމެ ވެސް ވަރަކަށް މިހާރު ވެސް ފެނެއެވެ. ހުޅުމާލެ އަދި ވިލިމާލޭގެ ބައެއް ގޭގޭގައި ވެސް ހުވަނދުމާ ގަސް ހައްދާފައި ހުރެއެވެ.
ދިވެހީންގެ ތެރޭ އާއްމުކޮށް ހުވަނދުމާ ބޭނުންކުރަނީ ފޮނި ކެއުންތައް ތައްޔާރުކުރުމަށެވެ. ޚާއްސަކޮށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ތައްޔާރުކުރާ ފޮނި ބާވަތް ނާރޮވައްފަލުދަ ތައްޔާރުކުރާ ނަމަ ހުވަނދުމަލަކީ ކޮންމެހެން ވެސް ބޭނުންވާ މުހިންމު މާއްދާއެކެވެ.
ފޮނި ކެއުންތަކަށް ބޭނުންކުރުމުގެ އިތުރުން ހުވަނދު މަލަކީ ސައި ތައްޔާރުކުރަން ވެސް ދިވެހީން އާއްމުކޮށް ބޭނުންކުރާ ބާވަތަކެވެ. ހޫނު ހޫނު ހުވަނދުމާ ކަޅު ސަޔާ އެކު ކެއުމަކަށް ނުވަތަ ހަވީރު ސަޔަކަށް އިންސާފުކޮށްލެވުމަކީ ގިނަ ބައެއްގެ ހިތަށް އުފާވެރިކަމާ އެއްވަރަށް ހިތްހަމަޖެހުން ވެސް ގެނެސްދޭ ބަޔާންނުކުރެވޭ ފަދަ އިހުސާސެކެވެ.
ހުވަނދުމާ ފެނަކީ ވެސް ވަރަށް ގިނަ ކެއުންތަކުގައި ބޭނުންކުރުމަށް ކުރިއާލާ ތައްޔާރުކޮށްލެވޭ ފެނެކެވެ. މި ފެން ތައްޔާރުކުރުމަށް ނޮފޮޅި ހުންނަ ހުވަނދުމާ ބޮށިތައް ތަންކޮޅެއް ހެނދުނު ހެނދުނާ ނުވަތަ އިރާކޮޅުގެ ވަގުތެއްގައި ބިނދެ އެއްކުރަނީއެވެ. އެއަށް ފަހު އިރުއޮއްސުމާ އެކު މާތައް ފޮޅެން ފެށުމުން މާތައް ފެން އެއްޗަކަށް އެޅުމަށް ފަހު އަނެއް ދުވަހުގެ ހެނދުނު ވަންދެން ބަހައްޓަނީއެވެ.
މާތައް އުކާލުމަށް ފަހު އޭގައި ހުރި ފެން ވަރަށް ގިނަ ދުވަސްވަންދެން ފުރިޖުގައި ރައްކާކޮށްގެން ވެސް ދިވެހިން ބޭނުންކުރެއެވެ.
ދިވެހީންގެތެރޭ ހުވަނދުމާ ކެއްކުމަށް ބޭނުންކުރާއިރު އޭޝިއާގެ ބައެއް ގައުމުތަކުގައި ހުވަނދުމާ ބޭނުންކުރަނީ ޒީނަތްތެރިވުމަށާއި ތަފާތު އެކި ވައްތަރުގެ އެސެންޝަލް ތެޔޮ ތައްޔާރުކުރުމަށެވެ.