ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި އިޓާލިއަން ސެރީއާގެ އިންޓާ މިލާން އާއި ސާބިއަން ސުޕާ ލީގާގެ ކްރިވެނާ ޒުވެޒްޑާ ބައްދަލު ކުރި މެޗު, އިންޓާއިން ކާމިޔާބު ކޮށްފިއެވެ.
އިންޓާގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ 4 ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންޓާއިންނެވެ.
މިމެޗުގެ ފުރަތަމަ ލަނޑު އިންޓާއިން ކާމިޔާބު ކޮށްފައިވަނީ މެޗުގެ 11 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހަކާން ޗަލަނޮގްލޫއެވެ. ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބުނެވެ.
އިންޓާގެ ދެވަނަ ލަނޑު މެޗުގެ 59 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ މާކޯ އަނޯޓަވިޗްއެވެ. ތިންވަނަ ލަނޑު މެޗުގެ 71 ވަނަ މިނެޓްގައި އެޓީމަށް ޖަހައިދިނީ ކެޕްޓަން ލައުޓާރޯ މާޓިނޭޒްއެވެ. އަދި ފަހު ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ މެހްދީ ޓަރޭމީ އެވެ. މިލަނޑުގެ އިތުރުން ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ޖަހައިދިނުމަށް މަގު ތަނަވަސްކޮށް ދީފައިވަނީވެސް ޓަރޭމީއެވެ.
މިކާމިޔާބީއާއެކު އިންޓާ މިހާރު އުޅެނީ ދެ މެޗުން ލިބިފައިވާ ހަތަރު ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައިގައެވެ. އަދި ކްރިވެނާ ޒުވެޒްޑާ އުޅެނީ 32 ވަނައިގައެވެ.
އިންޓާ މިލާންއިން މިމެޗު ކާމިޔާބު ކުރި ނަމަވެސް އޭސީ މިލާންގެ ނަސީބު ރަނގަޅެއް ނުވިއެވެ. މިލާން އާއި ޖަރުމަނު ބުންޑެސްލީގާގެ ބަޔާ ލެވަކޫސެން ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ލެވަކޫސެންއިންނެވެ. މިމެޗުގައި ލެވަކޫސެންއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 51 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ވިކްޓާ ބޮނިފޭސްއެވެ.
މިކާމިޔާބީއާއެކު ލެވަކޫސެން އިން އުޅެނީ މިހާތަން ކުޅުނު ދެމެޗު ކާމިޔާބުކޮށް ތާވަލްގެ ތިންވަނައިގައެވެ. އަދި މިލާންއަށް ދެ މެޗުން ވެސް ޕޮއިންޓެއް ނުލިބި އުޅެނީ 29 ވަނައިގައެވެ.