ހަތަރު އުދަރެސް ފެނުޖެހުނު ކަހަލަ އިހުސާސެއް ނިމާލަށް ކުރެވުނެވެ. ދަރިފުޅުގެ ކައިވެންޏަށް ސައުވީސް ގަޑިއިރު ނުވަނީސް އެދަރިފުޅު ހުވަފަތް ވަނީ ހެއްޔެވެ؟ ނިމާލަށް އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ. ހިތާއި ހިތުން ދުއާކުރެވެމުން ދިޔައީ އެންމެންގެ ފުރާނަ ވެސް ސަލާމަތް ކުރެއްވުން އެދިއެވެ.
********
"އަހަރެން ކޮންތާކުން އެ ލޭ ހޯދާނީ؟ ކާކަށް ގުޅާނީ؟" އަމީރާ ރޮމުން ހުރި ތަނަށް ތިރިވިއެވެ. "މިހާ ބޮޑު ރަށެއްގަވެސް ލިމްޔާގެ ބައްޕަ ނޫން މީހެއްގެ ގައިގަ އެ ލޭ ނުހުންނާނެ. އެކަމަކު، މުސްތަފާއަށްވެސް ލެއެއް ނުދެވޭނެ. އެއީ ބަލި މީހެއް. ހުރީ ވަގުތުން އާދެވޭ ހިސާބަކުވެސް ނޫން"
"ކޮންކަހަލަ ލެޔެކޭ ބުނީ؟" ނިމާލު ކުރިއަށް ޖެހިލަމުން އަމީރާއާއި ސުވާލުކުރިއެވެ.
"އޭ ޕޮޒިޓިވް" ނިމާލު ސުވާލުކުރިގޮތުން އަމީރާއަށް އުއްމީދެއް ލިބުނެވެ. ކަރުނަތަކަށް ހުއްޓުމެއް އައެވެ.
"އަމީރާ ހާސްނުވޭ!" ނިމާލަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވާއެކެވެ. "މާތްﷲގެ އިރާދަފުޅުން އަހަރެންގެ ގައިގަ ހުންނަނީ ތި ލޭ. އަހަރެން މިހުރީ ލޭ ދޭން ތައްޔާރަށް"
ނަފީސާގެ ދެލޯ ކަރުނުން ފުރުނެވެ. އަމިއްލަ ފިރިމީހާ އާއިމެދު ފަހުރުވެރި ވެވުނެވެ. އޭގެ ކުރިން ނިމާލުދެކެ އައިސްފައިވާ ރުޅި ފިލައިގެން ދިޔައެވެ. ނިމާލަކީ އަމިއްލައެދުން ބޮޑު މީހެއް ނޫންކަން އެންމެ އަމަލަކުން ސާބިތުކޮށްދީފިއެވެ.
"ހެޔޮނުވާނެ. އަހަރެންގެ ދަރިފުޅު ސަލާމަތްކޮށްދީ. ބަދަލުގައި އަހަންނަށް ވެވުނު ކޮންމެ ކަމެއް ކޮށްދޭން އަހަރެން މިހުރީ ތައްޔާރަށް...." އަމީރާ ދުވެފައި ގޮސް ނިމާލުގެ ފައިބުޑަށް ތިރިވިއެވެ.
ލޭ ދިނުމަށް ނިމާލު އެއްބަސްވި ނަމަވެސް ސަލާންޖަހައި އާދޭސްކުރަން ފެށިއެވެ. އަމީރާ ހީވަނީ މޮޔަވެފައިވާ މީހެއް ހެންނެވެ. އެއްފަހަރާ އެތައް ހިތާމައެއް ތަހަންމަލު ކުރަން ޖެހުމުން އެހިތަށް ކެތްނުވީއެވެ. އަމިއްލަ ދަރިފުޅުގެ ފުރާނަ ސަލާމަތްކުރުމަށް އޭނާ ހުރީ ކޮންމެފަދަ ގުރުބާނީ އެއްވެސް ވާން ތައްޔާރަށެވެ.
"އަމީރާ ހިތްވަރުކުރޭ!" ނަފީސާ ގޮސް އަމީރާ ނެގިއެވެ.
ލޭ ދިނުމަށް ނިމާލު އެތެރެއަށް ވަން މަންޒަރު ބަލަން ހުރި ޔަލްވީގެ ހިތް އަވަސްވީ ކީއްވެކަމެއް ނޭނގުނެވެ. ބައްޕަދެކެ ކިތަންމެ ރުޅި އަޔަސް، ދެރަގޮތެއް ވާކަށް ޔަލްވީ ބޭނުމެއް ނުވެއެވެ. ލޭ ދިނުމަކީ ހަށިގަނޑަށް ނުރައްކާވާ ކަމެއްހެން ޔަލްވީއަށް ހީވަނީއެވެ.
ވަގުތުތައް ފާއިތުވަމުން ދިޔައީ ހިތްތަކަށް ލިބިފައިވާ ނުތަނަވަސްކަން އިތުރު ކުރުވަމުންނެވެ. އެންމެންވެސް ބޭނުންވަނީ ކެތްތެރިކަމެއްނެތި ކުރަމުންދިޔަ އިންތިޒާރަށް އުފާވެރި ނިމުމެއް އަންނާށެވެ. އެހެނަސް، ތަގުދީރުގެ ނިޔާއަކީ ބަދަލުވާނޭ އެއްޗެއް ނޫނެވެ. ވަގުތު ޖެހުމުން ކޮންމެ ކަމެއްވެސް ވެ ނިމިދެއެވެ.
އެމަޖެންސީ ރޫމުގެ ދޮރު ހުޅުވާލުމާއިއެކު އެންމެންނަށް އެއްފަހަރާ އެދިމާއަށް ބަލާލެވުނެވެ. އޭރު ޑޮކްޓަރާއިއެކު ނަރުސް ކުއްޖަކު ނުކުންނަނީއެވެ. މުޅި މާހައުލު އެކީހެން ހިމޭންވިއެވެ. ޑޮކްޓަރު ބުނާނީ ކީކޭ ހެއްޔެވެ؟ އެންމެންގެ ފުރާނަ ސަލާމަތްވި ހެއްޔެވެ؟ އަމީރާ ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. ނަފީސާގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެފައި ޔަލްވީވެސް ހަށިގަނޑު ސީދާކޮށްލިއެވެ. ޔަލްވީގެ ހިތް ވަނީ އަވަސްވެފައެވެ. ޑޮކްޓަރުގެ މޫނުމަތީގެ އަސަރުތައް ހުރިގޮތުން ލިބެން އުޅެނީ އުފާވެރި ހަބަރެއް ނޫންހެން ހީވިއެވެ. އެއްޗެއް ބުނަން އުޅެފައި ޑޮކްޓަރު އިސްޖަހާލިގޮތުން އަމީރާގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ.
"ޑޮކްޓަރ ހެޔޮނުވާނެ.... ބުނޭ އަޅުގަނޑުގެ ދަރިފުޅު ސަލާމަތުން އެބަހުއްޓޭ.... އެއްވެސް ކަމެއް ނުވެޔޭ.... ބުނިވަރަކަށް ލޭވެސް ދީފީމެއްނު...." އަމީރާ ރޯން ފެށިއެވެ. ލިމްޔާ އާއި ދޭތެރޭ ވިސްނުނު ވަރަކަށް އަމީރާގެ ހިތް ދިޔައީ ކުދިކުދިވަމުންނެވެ.
"އައި އޭމް ވެރީ ސޮރީ ޓު ސޭ ދިސް. ބަޓް....." ވަކި ހިސާބަކަށް ބުނުމަށްފަހު ޑޮކްޓަރު ހުއްޓާލިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލިއެވެ.
"މަރަކީ އެއްވެސް މީހަކަށް ހިފެހެއްޓޭނެ އެއްޗެއް ނޫން.. އަޅުގަނޑުމެންނަށްވެސް ކުރެވޭނީ މަސައްކަތް. އެކަމަކު ފުރާނަ ގެންދެވުން ވަނީ އެހެން ފަރާތެއްގެ ބާރުގެދަށުގަ..." އިތުރު ތަފްސީލް ދިނީ ނަރުސްކުއްޖާއެވެ. ދޭންޖެހޭ ހަބަރުގެ ގޮތުން އެ ވާހަކަ ބުނަން ނަރުސްކުއްޖާވެސް ހުރީ އުނދަގޫވެފައެވެ.
"ކީކޭ އެބުނީ؟ ކީކޭތަ ޑޮކްޓަރު އެބުނީ؟ ނަފީސާ އަނގައިން ބުނެބަލަ. ކީއްވެތަ އެއްވެސް މީހަކު އެއްޗެކޭ ނުބުނެ ތިތިބެނީ އޭނ؟ އަހަރެންވެސް މީ އިންސާނެކޭ. ދަރިއަކު ހެޔޮ ހާލުގަ ބަހައްޓަން އަހަރެންވެސް ބޭނުމޭ.... މިހެން ހަދަން ހެޔޮވާނީ ކިހިނެއް؟" ފަހަރަކު މީހެއްގެ ކައިރިއަށް ގޮސްފައި އަމީރާ ވާހަކަ ދައްކަމުން ދިޔައެވެ. ކެތްތެރިކަން ކޮޅުންލައިގެން ދިޔުމުން އަމީރާގެ ހިތްވަނީ އަވަސްވެފައެވެ. ކިޔޭ ނުކިޔޭ އެއްޗެއް އަމީރާއަށް ނޭނގެއެވެ.
"އަމީ..." ނަފީސާ މަސައްކަތްކުރީ އަމީރާ ހަމައަކަށް އެޅުވޭތޯއެވެ.
"އަހަރެންގެ ދަރިފުޅަށް ކަމެއް ވީތަ؟ ޔަލްވީ ދަރިފުޅާ! ހެޔޮނުވާނެ ދައްތަ ކައިރީ ބުނެބަލަ ވީގޮތެއް. ކީކޭތަ ޑޮކްޓަރު އެބުނީ؟ ނަފީސާ..." ފަހަރަކު މީހެއްގެ ކައިރިއަށް ގޮސް އަމީރާ ސަލާންޖަހަމުން ދިޔައީ މޮޔަވެފައިވާ މީހަކު ފަދައިންނެވެ. ކުރެވޭ ނުކުރެވޭ ކަމެއްވެސް އަމީރާ އަކަށް ނޭނގެއެވެ.
"ދައްތާ.... އިހަށް އަޅުގަނޑުމެން މިދައްކާ ވާހަކަ އަޑުއަހާލަބަލަ...." ނަރުސްކުއްޖާގެ އަޑަށް އަމީރާ ހިމޭންވިއެވެ. "ލިމްޔާގެ ހާލު އަންނަނީ ރަނގަޅުވަމުން... ވަރަށް އަވަހަށް ވޯޑަށް ބަދަލުކުރެވޭނެ... އޭރުން ދައްތަ ބޭނުން ވަރަކަށް ލިމްޔާ އާއިއެކީ ވަގުތު ހޭދަކުރަންވީ. އެކަމަކު، މިވަގުތު ދައްތަވެސް އަޅުގަނޑުމެންނަށް އެއްބާރުލުންދީ!"
އަމީރާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. ހުރިހާ ހިތާމަތަކެއް އެއްފަހަރާ ފިލައިގެންދިޔަ ކަހަލަ އިހުސާސްއެއް ކުރެވުނެވެ. އަމީރާގެ ތުންފަތް މައްޗައް ހިނިތުންވުމެއް ވެރިވީ ދަރިފުޅު ނުރައްކަލުން ސަލާމަތްވި ހަބަރު ލިބުމުންނެވެ.
"އަޅުގަނޑު މިދައްކާ ވާހަކަ ހުރިހާ ބޭފުޅުންވެސް ވަރަށް ރަނގަޅަށް އަޑު އައްސަވައްޗޭ! އަޅުގަނޑުމެންނަށް އަބަދު އުފާވެރި ހަބަރެއްވެސް ނުދެވޭނެ. އެންމެންގެ ފުރާނަ ސަލާމަތެއްވެސް ނުކުރެވޭނެ" އަމީރާގެ ހާލު ފެނި، ނަރުސްކުއްޖާ ވާހަކަ ދެއްކީ ވިސްނައިގެންނެވެ. "އަޅުގަނޑުމެންނަށް ރަޒީނާގެ ފުރާނަ ސަލާމަތް ކުރެވޭގޮތެއް ނުވި"
"ކީކޭ؟ ރަޒީނާ އަށް ކިހިނެއްވީ؟ އެކަމަކު ދެންމެ އެއްނު ބުނީ ލިމްޔާގެ ހާލުވެސް އަންނަނީ ރަނގަޅުވަމުންނޭ.... ދެން ކީއްވެ ރަޒީނާގެ ފުރާނަ ސަލާމަތް ނުކުރެވެންވީ؟ ހެޔޮވާނީ ކިހިނެއް؟ ބުނޭ ތީ ދޮގެކޭ.... ބުނޭ.... ހިނގާ ބަލަން. އަހަރެން ގަބޫލެއް ނުކުރާނަން ކަލޭމެން ތިދައްކާ ވާހަކައެއް.. ރޭގަވެސް ހަމަ ރަނގަޅަށޭ ހުރީ. ނަފީސާ ހިނގާބަލަ އަހަންނާއެކީ.... ރަޒީނާ އަހަރެމެން ދޫކޮށްފައެއް ނުދާނެ.... ރަޔާން އެހާލުގަ އޮއްވާ ރަޒީނާ ހިނގައިދާނެތަ؟ ތީ ހުސް ދޮގު.... ކަލޭމެން ތީ ދޮގު ހަދާ ބައެއް..... ދުރަށްދޭ މިތަނުން...." އަމީރާ ހަޅޭއްލަވައިގަތެވެ. އަމީރާ ނަރުސްކުއްޖާ އާއި ދިމާއަށް ދިޔަގޮތުން އެކުއްޖާވެސް ޖެހިލުންވެގެން ފަހަތަށް ޖެހުނެވެ.
ރަޒީނާއަށް ފަރުވާ ދޭން ފެށިތާ މާގިނަ އިރެއް ނުވެ، މިފާނަވަނިވި ދުނިޔެ އާއި އަލްވަދާއު ކީއެވެ. ޑޮކްޓަރުން ކިތަންމެ މަސައްކަތް ކުރި ނަމަވެސް ވަގުތު ޖެހުމުން، ކޮންމެ މީހެއްގެ ފުރާނަވެސް ގެންދަވާނެއެވެ. މަރަކީ އެއްވެސް މީހަކަށް ހިފެހެއްޓޭނެ އެއްޗެއް ނޫނެވެ.
ޖެހި ބުދެއްހެން ޔަލްވީ ހުރީ ދެލޯ ބޮޑުކޮށްލައިގެންނެވެ. އެސްފިޔަ ޖަހާލަންވެސް ނޭނގިފައެވެ. ރަޔާންގެ މަންމަ އަބަދުގެ އަބަދަށް ވަކިވީ ހެއްޔެވެ؟ މަރަކީ ކިހާ ކައިރީގައި ވާ އެއްޗެއް ކަމާއިމެދު ޔަލްވީއަށް އޭގެ ކުރިން ވިސްނާލެވިފައެއް ނުވެއެވެ. ރޭގައި ރަޒީނާ ކާރުގައި ގެއަށް ދިޔުމުން ޔަލްވީ އެތައް ޝަކުވާއެއް ކުރިއެވެ. ހިތާއިހިތުން އެތައް އެއްޗެއް ކިޔެވެ. ނަފުރަތު ކުރިއެވެ. ޔަލްވީގެ ހިތް ބިރުން ރޫރޫއަޅައިގަތެވެ. ކަންތައް ކުރެވުނު ގޮތް ހިތަށް އަންނަމުންދިޔަ ވަރަކަށް ޔަލްވީއަށް އަމިއްލަ ނަފުސު ކުށްވެރި ކުރެވެން ފެށިއެވެ.
"އަމީރާ! ހެޔޮނުވާނެ... ކެތްތެރިވެބަލަ" އެކުވެރިޔާގެ ގައިގައި ހިފަހައްޓާލައިގެން ހުރެ ނަފީސާ ނަސޭހަތްދެމުން ދިޔައެވެ. "މިއަދު އަމީރާ ބަލިކަށިވީމަ އެހެން މީހުންނަށް ހިތްވަރު ދޭން ހުރީ ކާކު؟ ވިސްނާލަބަލަ ރަޔާންއާ ދޭތެރޭ. އަމިއްލަ ދަރިފުޅާ ދޭތެރޭ. އަމީރާ ބަލިވެފަ އޮތްތަން ލިމްޔާއަށް ފެނިއްޖެއްޔާ ކިހިނެއްވާނީ؟ މަރަކީ އެއްވެސް މީހަކަށް ހިފޭއްޓޭނެ އެއްޗެއް ނޫން.... ކޮންމެ މީހެއްގެ ވެސް އަޖަލު ހަމަވީމަ އެމީހަކު ގެންދަވަން ހުރި ގޮތަކަށް ގެންދަވާނެ.... ދުނިޔެމަތީ ތިބި އިންސާނުން ރޮއިހެދީމަ ކާކު މައްޔިތާއަށް ހެޔޮ ދުއާ ކޮށްދޭން ތިބޭނީ؟ މިވަގުތު އަހަރެމެންނަށް އޮތީ ރަޒީނާއަށް ހެޔޮ ދުއާކުރުން..."
ނަފީސާގެ އެތައް ނަސޭހަތަކަށްފަހު އަމީރާ ހަމައަކަށް އެޅުނެވެ. ނަމަވެސް އެދެލޮލުން އަންނަމުންދިޔަ ކަރުނައަކަށް ނިމުމެއް ނައެވެ.
********
ކިތަންމެ ހިތްވަރު ކުރި ނަމަވެސް އަފްސަމްގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. އެހާ އަވަހަށް ރަޒީނާ ވަކިވެގެން ހިނގައިދާނެ ކަމަކަށް އޭނަ ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ. ފަހަތަށް ފިޔަވަޅު އަޅަމުން ގޮސް، އަފްސަމް ސިއްހީ މަރުކަޒުގެ ތެރެއިން ނުކުތެވެ.
"ކާކުތަ ނިޔާވެގެން އެއުޅެނީ؟" އަފްސަމް ނުކުތުމާއިއެކު ބޭރުގައި ތިބި މީހުންގެ ސުވާލުތައް އަމާޒުވާން ފެށިއެވެ.
އެއްވެސް މީހެއްގެ ސުވާލަކަށް ޖަވާބުދިނުމެއްނެތި އަފްސަމް ދިޔައީ އަތިރިމައްޗަށެވެ. އަތިރިމައްޗަށް ނުކުތުމާއިއެކު ރަޒީނާ އަދި ރަޔާން އާއި އެކު އަތިރިމަތީގައި ހޭދަކުރެވުނު ވަގުތުކޮޅު ހިތަށް ސިފަވިއެވެ. އެވަގުތުކޮޅު ވެގެން ދިޔައީ ކިހާ އަގުހުރި ވަގުތުކޮޅަކަށް ހެއްޔެވެ؟ އަފްސަމް ގޮސް، ހެނދުނު ރަޒީނާ ވެއްޓުނު ތަނުގެ މެދުގައި ހުއްޓިލިއެވެ. ކުޑައިރުކޮޅަކު ވެލިގަނޑަށް ބަލަން ހުރި އަފްސަމްގެ ބަޑި ފަޅައިގެން ދިޔައެވެ. ކެތްތެރިކަން ކޮޅުންލިއެވެ. އަފްސަމް ހުރިތަނަށް ތިރިވިއެވެ. ފަސްގަނޑުގައި އަތުން ފިރުމަމުން ދިޔައީ ހިތަށް ލިބިފައިވާ ޒަހަމަށް ލުޔެއް ލިބޭނެކަމުގެ އުއްމީދުގައެވެ.
"މަންމާ! ކީއްވެ؟ ކީއްވެ އެހާ އަވަހަށް ތި ދިޔައީ؟ މަންމަ ބުނި ކޮންމެ ކަމެއް ކޮށްދޭނަމޭ. ޕްލީޒް ކަމް ބެކް......" އަފްސަމް ރޮމުން ވާހަކަ ދެއްކިއެވެ. އެ އަޑު ރަޒީނާއަށް ނީވޭނޭކަންވެސް އަފްސަމަށް އެނގެއެވެ.
އަފްސަމްގެ އަޑުގައި ވީ ވޭނީ އަސަރެވެ. ހެނދުނު ނަފީސާއާއިއެކު ހޭދަކުރެވުނީ ފަހު ވަގުތުކޮޅަށް ވާނޭކަން ކުރިން އެނގުނުނަމަ، އޭނާ އެވަގުތުކޮޅު ނިމިގެންދިޔަ ނުދިނީހެވެ. ހުރިހާ ވަގުތެއް ހޭދަކުރީހީ ރަޒީނާއާއި އެކުގައެވެ.
ތަފާތު ހިޔާލުތަކުން އަފްސަމްގެ ހިތަށް ތަދުކުރަމުން ދިޔައެވެ. ދަރިފުޅާ އޭ ކިޔާ ގޮވާލާކަށް ރަޒީނާއެއް ދެން ނާންނާނެއެވެ. މަންމާ އޭ ކިޔާ ގޮވާލުމުގެ ފުރުސަތުވެސް ދެން ނުލިބޭނެއެވެ. ދެއަތުން ވެލިގަނޑުގައި ބާރަށް ޖަހަމުން އަފްސަމް ހަޅޭއްލަވައިގަތެވެ. ތަގްދީރުގައި އަފްސަމަށް މައެއްގެ ލޯބި ލިބުން ނުވަނީ ހެއްޔެވެ؟ ދެލޯ މަރާ ބާރުކޮށްލައިގެން އިން އިރު އަފްސަމްގެ އެތެރެހަށީގައި އުތުރިއަރަމުންދިޔަ އިހުސާސްތައް ހުއްޓުވޭތޯ މަސައްކަތްކުރަމުން ދިޔައެވެ.
********
ލިމްޔާގެ ހާލު ރަނގަޅުވުމުން ވޯޑަށް ބަދަލުކުރެވުނެވެ. ދަރިފުޅު ފެނުމާއިއެކު، އަމީރާއަށް އުފަލުން ރޮވުނެވެ. އެދަރިފުޅު ސަލާމަތުން ފެންނާނެ ކަމަށް އޭނަ ހީވެސް ނުކުރެއެވެ. ނަމަވެސް މާތްﷲގެ އިރާދަފުޅާއިއެކު އެދަރިފުޅު އަނބުރާ އޭނާއަށް ލިބިއްޖެއެވެ.
އަމީރާ ފެނުމާއިއެކު ލިމްޔާއަށް ރޮވެން ފެށުނެވެ. އަމީރާ ކައިރިއަށް އައުމުން ލިމްޔާއަށް އަމީރާގެ ގައިގައި ބާރަށް ބައްދާލެވުނެވެ. މަންމައާއި އަލުން ބައްދަލުވެވިދާނެކަމަށް ލިމްޔާ ހީވެސް ނުކުރާ ކަހަލައެވެ. އަމީރާގެ ދުޅަވެފައިވާ ދެލޯ ފެނި ލިމްޔާގެ ހިތުގައި ރިއްސާލިއެވެ. ގައިގެ އެތައް ތަނެއްގައި ވޭން އަޅަމުންދިޔަ ނަމަވެސް ލިމްޔާ ކެތްތެރިވަމުން ދިޔައީ މަންމައަށްޓަކައެވެ.
"ދަރިފުޅާ! މިތަނަށް ވަރަށް ތަދުވޭތަ؟" ލިމްޔާގެ ނިއްކުރި އާއި ދިމާއިން ބެންޑޭޖްކޮށްފައި އޮތް ތަނުގައި އަތް ޖައްސާލަމުން އަމީރާ ސުވާލުކޮށްލިއެވެ.
"ކުޑަކޮށް..." ގަދަކަމުން ހިނިތުންވެލަން މަސައްކަތް ކުރަމުން ލިމްޔާ ބުނެލިއެވެ.
"މަންމާ! ރަޔާން؟" ކުއްލިއަކަށް އެއްޗެއް ހަނދާންވެގެން އަހައިލާހެން ލިމްޔާ ސުވާލުކުރިއެވެ.
(ނުނިމޭ)