މިއީ މީޓިއޮރޮލޮޖިކަލް ސާވިސަސްގެ މީޓިއޮރޮލޮޖިކަލް ޓެކްނީޝަން އަބްދުﷲ ނައީމްގެ އިނގިރޭސި ލިޔުއްވުމެއްގެ ތަރުޖަމާއެވެ.
މިއީ ޗައިނާ ސަރުކާރުން އިންތިޒާމުކޮށްގެން މިދިޔަ އަހަރު ބޭއްވި 'ވޯކިން ކެޕޭސިޓީ އެންހޭންސްމެންޓް ވިތް މީޓިއޮރޮލޮޖިކަލް ސައުންޑިން ބޯއި' ތަމްރީނު ކޯހުގެ ތަޖުރިބާއާ ގުޅޭ ލިޔުމެކެވެ. އެ ކޯސް ބޭއްވީ ނަންޖިން ޔުނިވާސިޓީ އޮފް އިންފޮމޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ (ނުއިސްޓް)ގައި، މިދިޔަ އަހަރުގެ ސެޕްޓެމްބަރު 13އިން ނޮވެމްބަރު 15އަށެވެ. އެ ތަމްރީނު ތެރެއިން އަޅުގަނޑަށް ވަރަށް ގިނަ ކަންތައްތައް ދަސްވެ، ރަނގަޅު ތަޖުރިބާއެއް ކުރެވުނެވެ. އެހެންވެ، އެ ތަމްރީނާ ގުޅޭ ގޮތުން އަޅުގަނޑުގެ ވިސްނުން ހިއްސާކޮށްލާނަމެވެ.
ނުއިސްޓްގައި ބޭއްވި ތަމްރީނު ޕްރޮގްރާމަކީ އަޅުގަނޑު މިހާތަނަށް ބައިވެރިވި އެންމެ ފުރިހަމަ ތަމްރީނު ޕްރޮގްރާމެވެ. އެ ޕްރޮގްރާމްގެ އިންތިޒާމުތައް އަޅުގަނޑު އުއްމީދު ކުރި ވަރަށް ވެސް ފުރިހަމަވެފައި، އަޅުގަނޑަށް ވަރަށް ހިތްހަމަޖެހުމާއެކު އެ ދެ މަސް ހޭދަކުރަން ލިބުނެވެ. އެގޮތުން އަޅުގަނޑުމެންނަށް ބޭނުންވާ ކާބޯތަކެތި ހޯދުމަށާއި ބަސް ދަތުރުތަކަށާއި އިތުރު ބޭނުންތަކަށް ނުއިސްޓްއިން ސްޓޫޑެންޓް ކާޑެއް ފޯރުކޮށްދިނެވެ.

ނުއިސްޓް ޔުނިވާސިޓީގެ ބައެއް މުވައްޒަފުންނާއި ސެމިނާގެ ބައިވެރިންނާއެކު ކުލާހުގައި --
އަޅުގަނޑުމެންނަށް ތަމްރީނު ޕްރޮގްރާމް ނަގައިދެއްވީ ގާބިލު ޕްރޮފެސަރުން ކަމަށްވާއިރު، ކޮންމެ ސެޝަންއަކަށް ފަހު ވެސް އަޅުގަނޑުމެން އަލަށް ދަސްވި ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް އޮޅުން އަރާ ކަމެއް އޮތް ނަމަ ސާފުކުރީމެވެ. ބައެއް ޕްރޮފެސަރުން ކުލާހުގައި ކުރާނެ މަސައްކަތްތަކާއި، ސެޝަނަށް ފަހު އަމިއްލަ ކުރާނެ މަސައްކަތްތައް ވެސް ހަވާލުކުރެއްވިއެވެ. އަދި އަޅުގަނޑުމެންނަށް ލެބްތަކަށް ގޮސް، އެކްސްޕެރިމެންޓުތައް ހެދުމުގެ ފުރުސަތު ވެސް ފަހިކޮށްދިނެވެ. އެ ޕްރޮގްރާމަކީ ކަނޑުތަކާ ގުޅޭ ގޮތުން ތަމްރީނުތައް ދިނުމަށް ރާވާފައިވާ ޕްރޮގްރާމެއް ކަމުން އެ މައުޟޫއާ ގުޅޭ ގިނަ ކަންތައްތަކެއް އަޅުގަނޑުމެންނަށް އުނގަންނައިދިނެވެ. އެގޮތުން ކަނޑުގެ ސަތަހައާ އެއްގޮތް ސަތަހަތަކުގައި ދެ ބާވަތެއްގެ ރާޅު އުފެދޭ ގޮތާ ގުޅުންހުރި އެކްސްޕެރިމެންޓުތަކެއް އަޅުގަނޑުމެން ހެދީމެވެ.
ކޮންމެ ހަފުތާ ބަންދެއްގައި ނުއިސްޓްއިން އިންތިޒާމުކޮށްގެން ސަގާފީ ކްލާސްތަކެއް ވެސް ބޭއްވިއެވެ. އެ ސެޝަންތަކުގައި ޗައިނާގެ ސަގާފަތާއި ބަހާ ގުޅޭ ގޮތުން އަޅުގަނޑުމެންނަށް އުނގަންނައިދިންއިރު، އަޅުގަނޑުމެންނާއި އެހެން ގައުމުތަކުން ވެސް އަމިއްލަ ސަގާފަތާ ގުޅޭ މައުލޫމާތު ހިއްސާކުރިއެވެ.
އެ ތަމްރީނު ޕްރޮގްރާމުން ޗުއްޓީއަށް ލިބުނު ދުވަސްތަކުގައި ގައުމު ބަލައިލުމަށާއި ބާޒާރުކުރުމަށް އަޅުގަނޑުމެން ގެންދިޔައެވެ. އަދި ކޮންފިއުޝިއަސް ޓެމްޕުލް، ޒީ ޖިން މައުންޓެއިން، ނަންޖިން އައި ފަދަ މުހިންމު ތަންތަނަށް އަޅުގަނޑުމެން ޒިޔާރަތް ކުރީމެވެ. ހަމައެއާއެކު ލިއަންޔުންގަން، ހައިފެއި، ވޫޝީ، ގުއަންގްޝޯ އަދި ޝަންހާއީ ފަދަ ބައެއް ސިޓީތަކަށް ވެސް އަޅުގަނޑުމެން ގެންދިޔައެވެ. އެ ދަތުރުތަކުގައި ހައި ސްޕީޑް ރޭލާއި މަތިންދާބޯޓު ބޭނުންކުރިއިރު، އެ ތަންތަނުގެ ސްޕޭސް ސެންޓަރުތަކާއި މީޓިއޮރޮލޮޖިކަލް ސެންޓަރުތަކާއި އޯޝެން ބޯއި ސެންޓަރުތަކާއި ދަނޑުވެރިކަމާ ބެހޭ ލެބްތަކަށް ވެސް އަޅުގަނޑުމެން ޒިޔާރަތްކުރީމެވެ.
މީގެ އިތުރުން އެ ސިޓީތަކުގެ އެންމެ މަޝްހޫރު ތަންތަނަށް ނުއިސްޓްއިން އަޅުގަނޑުމެން ގެންގޮސް، އަޅުގަނޑުމެންނަށް ލިބެނީ ރަނގަޅު ނަތީޖާއެއްކަން ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެހެންވެ، އެފަދަ ދަތުރެއް އަޅުގަނޑުމެންނަށް ދެއްވި ކަމަށްޓަކައި ޗައިނާގެ ސަރުކާރާއި އެމްބަސީއަށް ޝުކުރު ދަންނަވަމެވެ. އަދި މި ތަމްރީނު ޕްރޮގްރާމުގެ އިތުރު ބަޔެއް ވެސް ވީހާވެސް އަވަހަށް ބާއްވާނެ ކަމަށާއި އެ ޕްރޮގްރާމުގައި ވެސް އަޅުގަނޑަށް ބައިވެރިވެވޭނެ ކަމަށް އުއްމީދު ކުރަމެވެ.

ޝަންހާއީ ވެދާ ސެންޓަރުގެ ބައެއް މުވައްޒަފުންނާއި އަޅުގަނޑުމެންގެ އިތުރުން ނުއިސްޓްގެ ބައެއް މުވައްޒަފުން ބައިވެރިވި މަޝްވަރާ ބައްދަލުވުމެއްގެ ތެރެއިން --
ޗައިނާއަށް ދިޔުމުގެ ކުރިން އެގައުމު ސިފަވެފައި އޮތީ އިމާރާތްތަކުން ފުރިފައިވާ ގައުމެއްގެ ގޮތުގައެވެ. ނަމަވެސް ނަންޖިންއިން ފެނުނީ ތަފާތު، އަޅުގަނޑު ހައިރާންކޮށްލި މަންޒަރެކެވެ. ނަންޖިންއަކީ ހުރިހާ ކަމެއް ވެސް ތަރުތީބުކުރެވިފައިވާ ތިމާވެއްޓާ ރަށްޓެހި ސިޓީއެކެވެ. ކުންޏެއް ނެތި، ގަސްތަކުން ފުރިފައިވާ ސިޓީއެކެވެ. އަދި ޗައިނާގެ ރައްޔިތުން ފާހަގަކުރެވުނީ އަދަބުވެރި، ތައުލީމީ ބަޔެއްގެ ގޮތުގައެވެ. އެއީ އެހެން ގައުމުތަކަށް ނަމޫނާއެކެވެ.
އަޅުގަނޑު ޗައިނާއަށް ދިޔައިރު ކަންބޮޑުވި އެއް ކަމަކީ އެގައުމުގެ ކާނާ ތަފާތުވުމެވެ. އެގޮތުން ފުރަތަމަ ހަފުތާގައި ކެއުމަށް އުނދަގޫތަކެއް ދިމާވި ނަމަވެސް އޭގެ ފަހުން ޗައިނާގެ ކެއުމާ އަޅުގަނޑު ގަޔާވެއްޖެއެވެ. އަޅުގަނޑަށް އެންމެ ކަމުދިޔަ ކާނާގެ ތެރޭގައި ޗައިނާގެ ސޫޕްތަކާއި ބީފް ރާމެން ނޫޑްލްސް އާއި ހޮޓްޕޮޓް އާއި ޑަމްޕްލިންސް ހިމެނެއެވެ. އަދި ކުރިން ހީކުރިގޮތާ ޚިލާފަށް، ޗައިނާގެ ކާބޯތަކެތީގެ މީރުކަން އެނގި، ރާއްޖެ އައުމުން ވެސް އެ ކާނާ ކެއުމަށް ބޭނުންވިއެވެ.

ސެޕްޓެމްބަރު 23: ޓްރެއިނިން ޕްރޮގްރާމުގެ ބައިވެރިންނާއެކު އޯލްޑް ގޭޓް އޮފް ނަންޖިންގައި --
އެ ތަމްރީނު ޕްރޮގްރާމުން އަޅުގަނޑުގެ މަސައްކަތުގެ ދާއިރައަށް މުހިންމު ބަދަލުތަކެއް ގެނެސްދިނެވެ. އެ ޕްރޮގްރާމުގެ ކުރިން އަޅުގަނޑު ގަބޫލުކުރަމުން އައީ، ކަނޑުގެ ރާޅުތަކާއި އޮއިވަރު، އެޓްމޮސްފެރިކް މޫވްމަންޓްތަކާ އެއްގޮތް ކަމަށެވެ. ނަމަވެސް ކަނޑާއި ވައިގައި ސާކިއުލޭޝަން ޕެޓާންތަކުގައި ފާހަގަކުރެވޭ ބަދަލުތަކެއް ހުރިކަން އަޅުގަނޑަށް ފަހުން އެނގުނެވެ. އަދި އެކްމަން ޓްރާންސްޕޯޓްސް އާއި އިންޓާނަލް ވޭވްސް އާއި އޯޝެން ޑައިނެމިކްސްއާ ގުޅުން ހުރި އިތުރު މައުލޫމާތު އަޅުގަނޑަށް ލިބުނެވެ.
ޑައިވަރެއްގެ ވެސް ހައިސިއްޔަތުން ދިޔަ މީހެއްގެ ގޮތުން، ޑައިވިންއާ ގުޅުންހުރި އާ މައުލޫމާތުތަކެއް އެނގުނެވެ. އެގޮތުން ރަށްތަކުގެ ކައިރީގައި އޮންނަ ވަރުގަދަ އޮއިވަރާއި ތިލަ ތަންތަނުގައި ހުންނަ ފަރުތަކާ ޖެހިގެން އޮންނަ ފުން ސަރަހައްދުގެ ނުރައްކަލާ ގުޅޭ ގޮތުން އެނގެން ޖެހޭ ކަންތައްތަކެއް އަޅުގަނޑަށް ދަސްވިއެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ވަނީ ކަނޑުގައި ދިމާވާ ހާދިސާތަކުގައި އަމަލުކުރާނެ ގޮތްތައް ވެސް ދަސްކޮށްދީފައެވެ. އޭގެ ތެރޭގައި، ކަނޑަށް ގެއްލޭ މީހުން ހޯދުމަށް ރާޅުގެ އޮއިވަރާއި ހަރަކާތްތަކާއި ވަޔަށް ބަލައިގެން މީހުންގެ ހޯދުމުގެ މަސައްކަތްތައް ފަސޭހަކުރެވޭނެއެވެ. އެހެންވެ، ދަސްކުރުމުގެ މިފަދަ ފުރުސަތެއް ދިނުމުން އަޅުގަނޑު ޝުކުރުވެރިވާކަން އަނެއްކާވެސް ފާހަގަކުރަމެވެ.
މި ތަމްރީނު ޕްރޮގްރާމަށް ފަހު، ރާއްޖޭގައި ތިބި ޕްރޮފެސަރުންނާ ގުޅިގެން ވެސް އަޅުގަނޑު ދިރާސާއެއް ހެދީމެވެ. އަޅުގަނޑަށް މި ޕްރޮގްރާމުން ދަސްވި ކަންތައްތައް އެ ދިރާސާ ކުރިއަށްގެންދިޔުމަށް ބޭނުންކުރީމެވެ. އަދި މުސްތަގުބަލުގައި ޗައިނާގެ ޕްރޮފެސަރަކާ އެއްކޮށް ވެސް މުހިންމު ދިރާސާއެއް ހަދަން ފުރުސަތު ލިބޭނެ ކަމަށް އުއްމީދުކުރަމެވެ.
އަޅުގަނޑު މިހާތަނަށް ދަތުރުކުރި ގައުމުތަކުގެ ތެރެއިން އެންމެ އީޖާދީ، ކުރިއަރައިފައިވާ، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރަށްޓެހި ގައުމެއްގެ ގޮތުގައި ފާހަގަވެފައިވަނީ ޗައިނާއެވެ. ޗައިނާއިން އަންނަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ލިބޭ ގެއްލުމުގެ މައްސަލަ ހައްލުކުރުމުގައި އިސް ދައުރެއް އަދާކުރަމުންނެވެ. އެގައުމުން ކުރާ މަސައްކަތްތަކަށް އަޅުގަނޑު ޝުކުރުވެރިވަމެވެ.