އޮޕް-އެޑް: ވިޔަފާރި ފަހިކުރުމާ ގުޅޭ ގޮތުން ކަސްޓަމްސް އޮފިޝަލުންނަށް ބޭއްވި ސެމިނާގެ ތަޖުރިބާ

ޗައިނާގެ ބެލްޑް އެންޑް ރޯޑް އިނިޝިއޭޓިވް (ބީއާރްއައި)ގައި ހިމެނޭ ގައުމުތަކުގެ ކަސްޓަމްސް އޮފިސަރުންނަށް ޚާއްސަކޮށް، ގައުމުތަކުގެ މެދުގައި ވިޔަފާރި ފަހިކުރުމާ ބެހޭ ގޮތުން ބޭއްވި ސެމިނާގެ ތެރެއިން --

މިއީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ސީނިއާ ސުޕްރިޓެންޑެންޓް، އާމިނަތު އާގިލާގެ ލިޔުއްވުމެއްގެ ތަރުޖަމާއެވެ.

ޗައިނާގެ ބެލްޑް އެންޑް ރޯޑް އިނިޝިއޭޓިވް (ބީއާރްއައި)ގައި ހިމެނޭ ގައުމުތަކުގެ ކަސްޓަމްސް އޮފިސަރުންނަށް ޚާއްސަކޮށް، ގައުމުތަކުގެ މެދުގައި ވިޔަފާރި ފަހިކުރުމާ ބެހޭ ގޮތުން ބޭއްވި ސެމިނާއެއްގައި ރާއްޖޭގެ ކަސްޓަމްސް ސާވިސްގެ ފަރާތުން ބައިވެރިވުމުގެ ޝަރަފު އަޅުގަނޑަށް ލިބުނެވެ. މި ސެމިނާގައި ވިޔަފާރި ފަސޭހަކުރުމާއި އެއްބާރުލުން ހަރުދަނާކުރުމުގެ މަޤްޞަދުގައި، ބީއާރްއައިގައި ބައިވެރިވާ އެކި ގައުމުތަކުގެ ކަސްޓަމްސް އޮފިޝަލުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ވިޔަފާރި ދާއިރާގެ މާހިރުން ބައިވެރިވިއެވެ.

ބީއާރްއައި އަކީ ޗައިނާއާއި ދުނިޔޭގެ އެހެން ގައުމުތަކާ ދެމެދު ވިޔަފާރި ކުރިއެރުވުމަށް އަމާޒުކޮށްގެން، މޮޑަން ސިލްކް ރޯޑެއް ތަރައްޤީކުރުމަށް އެކުލަވައިލައިފައިވާ މަޝްރޫއެކެވެ. ޗައިނާގެ މަޤްޞަދަކީ ބައިވެރިވާ ގައުމުތަކުގެ އިޤްތިޞާދު ގުޅުވައިލައި، ވަރުގަދަ އިޤްތިޞާދުތަކެއް ބިނާކުރުމަށް މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރުމަށް އެހީތެރިވުމެވެ.

އަޅުގަނޑުމެންގެ ސެމިނާގެ ފުރަތަމަ ދުވަހުގައި އަލިއަޅުވައިލީ ޗައިނާއަށް ގެނައި އިގުތިސާދީ އިސްލާހުތަކަށް ފަހު ގައުމުގެ ސިޔާސީ މަސްރަހާއި އިގުތިސާދާއި މުޖުތަމައަށާއި ސަގާފަތަށް އައި ބަދަލުތަކާއި އޭގެ ފަހުން ހާސިލުކުރެވުނު ކަންތައްތަކަށެވެ. އެގޮތުން އަޅުގަނޑުމެންނަށް އެނގުނު ކަންތައްތަކުގެ ތެރޭގައި ޗައިނާއަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޤައުމުކަމާއި، ތަފާތު 56 ނަސްލަކަށް ނިސްބަތްވާ މީހުން އެގައުމުގައި ދިރިއުޅޭކަން ހިމެނެއެވެ. މި ޤައުމަކީ ޘަޤާފީ ތަރިކައިން މުއްސަނދި ޤައުމެއް ކަމާއި، ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނޭ 55 ތަނެއް ހުންނަ ކަމާއި، ޖަޔަންޓް ޕަންޑާއަކީ ޤައުމީ ޚަޒާނާއެއްގެ ގޮތުގައި ހިމެނޭކަން ވެސް އެނގުނެވެ. އަދި ޗައިނާގެ ޒަމާންވީ ކަސްޓަމްސް ނިޒާމާ ގުޅޭ ގޮތުން މައުލޫމާތު ލިބި، އެއީ ގައުމުގެ އެތެރޭގައި ކުރި ދަތުރުތަކަށް 'ބޯޑަރ ފޯޓްސް'ގެ ގޮތުގައި ފެށި ނިޒާމެއްކަން ވެސް އެނގުނެވެ.

އެ ސެމިނާގައި ޗައިނާގެ ޤައުމީ ޙާލަތުގެ ޚުލާޞާއެއް ގެނެސްދިންއިރު، ބައެއް މުހިންމު ނުކުތާތަކަށް އިސްކަންދީފައިވެއެވެ. އެގޮތުން 1978 ވަނަ އަހަރު ތައާރަފު ކުރި 'ރިފޯމް އެންޑް އޯޕެނިން އަޕް' ސިޔާސަތަށް ފަހު އެގައުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކޮށްފައިވެއެވެ. މުއްސަނދި ތާރީޚެއް އޮވެ، މިހާރު ވެސް ބާރު ސްޕީޑުގައި ކުރިއަރަމުން އަންނަ ޗައިނާ، ދަނޑުވެރިކަމަށް ބަރޯސާވެފައި އޮތް މުޖުތަމައަކުން ދުނިޔޭގެ އެންމެ ބިޔަ އަދި އެންމެ ހަލުވިކޮށް ކުރިއަރާ އެއް އިގުތިސާދަކަށް ބަދަލުވުމުގައި އެ ސިޔާސަތު ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާކަން ސެމިނާގައި ކިޔައިދިނެވެ.

ސިޔާސީ ގޮތުން ބަލާއިރު، ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީޕީސީ)ން ވަނީ ގައުމަށް ތަރައްގީ ގެނައުމުގައި އިސް ދައުރެއް އަދާކޮށްފައެވެ. އެގައުމުގެ އިގުތިސާދީ މަސްރަހުގައި، އުމްރާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ އާއި އުފެއްދުންތެރިކަމަށް ބޮޑެތި އިންވެސްޓްމެންޓުތައް ކޮށްފައިވާ ދައުލަތުގެ އަދި އަމިއްލަ ކުންފުނިތައް ހިމެނެއެވެ. އިޖްތިމާޢީ ނަޒަރަކުން ދެކޭއިރު، ޗައިނާގެ އާބާދީގެ ދިރިއުޅުމުގެ ފެންވަރު ވަނީ ބޮޑުތަނުން މަތިވެފައެވެ. ފަޤީރުކަން ކުޑަވެ، ތަޢުލީމާއި ޞިއްޙީ ޚިދުމަތްތަކަށް ވާސިލުވުމުގެ ފުރުޞަތުތައް ވަނީ އިތުރުވެފައެވެ. ސަގާފީ ގޮތުން، ޗައިނާ ވަނީ އޭގެ މުއްސަނދި އާދަކާދަތައް ހިފަހައްޓައި، އެއާއެކު ޒަމާނީ އަދާތައް ވެސް ޝާމިލުވެފައިވާ ވެއްޓެއް އުފައްދައިފައެވެ.

އަޅުގަނޑުގެ ޒިޔާރަތުގައި، ބީއާރްއައިގައި ޗައިނާގެ ކަސްޓަމްސްއިން އަދާކުރާ މުހިންމު ދައުރާ ބެހޭގޮތުން މުހިންމު މަޢުލޫމާތުތަކެއް ލިބުނެވެ. ބީއާރްއައި އަކީ އޭޝިއާ، ޔޫރަޕް އަދި އެފްރިކާގެ މެދުގައި ގުޅުމާއި އެއްބާރުލުން އިތުރުކުރުމަށް ޗައިނާއިން ފަށާފައިވާ ދުނިޔޭގެ ފެންވަރުގެ ތަރައްޤީގެ ސްޓްރެޓެޖީއެކެވެ. ބެލްޓް އެންޑް ރޯޑް މަގުތަކުގައި ވިޔަފާރި ފަސޭހަކުރުމަށާއި ވިޔަފާރި ކުރާ މާހައުލު ރަނގަޅުކުރުމަށް ޗައިނާގެ ކަސްޓަމްސްއިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި ކަސްޓަމްސްގެ އިޖުރާއަތުތައް ލުއިކުރުމާއި، ކްލިއަރެންސްއަށް ނަގާ ވަގުތު ކުރުކުރުމާއި، ބޯޑަރު ހުރަސްކޮށް ކުރެވޭ ވިޔަފާރީގެ ހަރުދަނާކަން އިތުރުކުރުން ހިމެނެއެވެ.

މި ސެމިނާއަކީ ވިޔަފާރިއާ ގުޅޭ ގޮތުން ގިނަ ކަންތައްތަކެއް ދަސްކުރުމުގެ އިތުރުން ސަގާފީ މައުލޫމާތު ވެސް މުއްސަނދިކޮށްދިން ސެމިނާއެކެވެ. މި ސެމިނާގައި ހިއްސާކުރި މައުލޫމާތާއި ބަދަހިކުރެވުނު ގުޅުންތަކަކީ، ގައުމުތަކުގެ މެދުގައި ވިޔަފާރި ކުރުން އިތުރަށް ފަސޭހަ ކުރުމަށް އެޅޭ ފިޔަވަޅަކަށް ވާނެއެވެ.

މި ސެމިނާގެ އެއް ސެޝަންގައި ޗައިނާގެ ކަސްޓަމްސްއިން އިމްޕޯޓް އާއި އެކްސްޕޯޓް ތަފާސްހިސާބުތައް ބަލަހައްޓާ ގޮސް ވެސް ދަސްވިއެވެ. އެގޮތުން ގައުމުގެ އިމްޕޯޓާއި އެކްސްޕޯޓް އިތުރުވެފައިވާ މިންވަރު ފާހަގަކޮށް، ވިޔަފާރިއާ ގުޅޭ ތަފާސްހިސާބުތަކުގެ ނިޒާމާ ގުޅޭ ތަފުސީލު ހިއްސާކުރިއެވެ. ޗައިނާއިން 2001 ވަނަ އަހަރު ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) އާ ގުޅުނު ފަހުން އެގައުމުގެ ބޭރުގެ ވިޔަފާރި ހަލުވިކަމާއެކު އިތުރުވެ، މިހާރު ވަނީ އެންމެ ގިނައިން ތަކެތި އެކްސްޕޯޓް ކުރާ ގައުމަކަށް ވެފައެވެ. ޗައިނާއިން މި ކުރިއެރުން ހޯދީ ޓެކްނޮލޮޖީއާއި، ޞިނާޢީ ކުރިއެރުންތަކާއި، އަދި ހިންގުމުގެ ބަދަލުތައް، މިސާލަކަށް ޑިޖިޓަލައިޒޭޝަން އާއި އާޓިފިޝަލް އިންޓެލިޖެންސް އާއި ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން އައު ފުރުޞަތުތައް އުފައްދައިގެންނެވެ.

އެ ސެމިނާގައި ބައިވެރިވި ހުރިހާ ޤައުމަކަށް ވެސް އަމިއްލަ ސަގާފަތާއި ގަބޫލުކުރުންތައް ދައްކުވައިދެވޭ ގޮތަށް، އެގައުމެއްގެ ރިޕޯޓު ހުށަހެޅުމުގެ ފުރުސަތު ލިބުނެވެ. ވީމާ މި ތަޖުރިބާއިން އަޅުގަނޑުމެންގެ ތަރިކައާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް ފުރުސަތު ލިބުމުގެ އިތުރުން އެހެން ގައުމުތަކުގެ މީހުންނާ ގުޅުން ބަދަހިކޮށް، ވަޒީފާގެ މާހައުލަށް ވެސް މުހިންމު ގުޅުންތަކެއް އުފެދިގެންދިޔައެވެ.

ޝަންހާއީ ކަސްޓަމްސް ކޮލެޖުގެ ލިންގަން އިންޓަނޭޝަނަލް ކެމްޕަސްއަށް ކުރި ޒިޔާރަތަކީ ވެސް މި ސެމިނާގެ މުހިންމު ބަޔެކެވެ. މި ޒިޔާރަތުގައި ކަސްޓަމްސްގެ އިޖުރާއަތުތަކާއި ޢަމަލީ ގޮތުން ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ދެއްކިއެވެ. އެ ކެމްޕަސްގައި އެންމެ ފަހުގެ ޓެކްނޮލޮޖީތައް ބޭނުންކުރާ މަންޒަރު ފެނުންވީ ހަޤީޤަތުގައިވެސް ވަރަށް ގިނަ ކަންތައްތައް ދަސްވި ތަޖުރިބާއެކެވެ. މި ޒިޔާރަތުން ލިބުނު ޢަމަލީ މަޢުލޫމާތާއި ސެމިނާގައި ހިއްސާކުރި އިލްމީ ވާހަކަތަކުން، އަމިއްލަ ގައުމުގައި އަމަލު ކުރެވޭނެ ގޮތްތަކުގެ ވިސްނުން އުފެދުނެވެ.

ޗައިނާގެ ބައިނަލްއަޤްވާމީ ވިޔަފާރީގެ މައި އެއް ދޮރޯށި ކަމަށްވާ، ޝަންހާއީ ވަނީ ވިޔަފާރި ފަސޭހަކުރުމަށާއި ސަރަޙައްދީ ގުޅުން އިތުރުކުރުމަށް ގިނަ ސްޓްރެޓެޖީތަކެއް ތަންފީޛުކޮށްފައެވެ. ޝަންހާއީ ޕައިލޮޓް ފްރީ ޓްރޭޑް ޒޯން (ޕީއެފްޓީޒެޑް) އަކީ ޗައިނާގައި އިދާރީ އައު ގޮތްތައް ކުރިއެރުވުމަށް ޤާއިމުކޮށްފައިވާ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދެކެވެ. މީގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ސަރުކާރުގެ މަސައްކަތްތައް އަވަސްކުރުމާއި، އައު އިދާރީ ނިޒާމުތައް ދިރާސާކުރުމާއި، އިންވެސްޓްމަންޓާއި ވިޔަފާރި ކުރިއެރުވުން ހިމެނެއެވެ.

މި ޒޯންގައި އަމަލުކުރާ ގޮތްތައް 'ޕައިލެޓް' ގޮތްތަކުގެ ގޮތުގައި ބަލައި، އެހެން ސަރަހައްދުތަކުގައި އެންމެ އެކަށީގެންވާ ބަދަލުތައް ގެނެސްގެން ބޭނުން ކުރެވޭނެއެވެ. ޝަންހާއީ ކަސްޓަމްސްއިން ވަނީ ޗައިނާގެ ބައިނަލްއަޤްވާމީ ވިޔަފާރި ކުރިއެރުވުމަށް އެހީތެރިވުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އެއާއެކު ޝަންހާއީ ވެފައި ވަނީ ދުނިޔޭގެ އެހެން ކަސްޓަމްސް އިދާރާތަކަށް ނަމޫނާއަކަށެވެ. ޝަންހާއީ ކަސްޓަމްސްގެ ކާމިޔާބީން ދައްކުވައިދެނީ ކަސްޓަމްސްގެ ޚިދުމަތްތައް ޒަމާނީކުރުމާއި ވިޔަފާރިން ދުނިޔެ ގުޅުވާލުމަށް ކުރާ މަސައްކަތްތަކުގެ އެދެވޭ ނަތީޖާއެވެ.

މި ސެމިނާގެ ތެރެއިން ޔީވޫ ސިޓީއަށް ކުރި ދަތުރަކީ ވެސް އަޅުގަނޑުމެންގެ މައުލޫމާތު މުއްސަނދިކޮށްދިން ދަތުރެކެވެ. އެގޮތުން ލިޒޫ ވިލެޖަށް ކުރި ޒިޔާރަތުން، ކުދި އަވަށްތަކަށް ދިރުން ގެނައުމަށް ކުރާ މަސައްކަތްތައް ފާހަގަވިއެވެ. މީގެ އިތުރުން އަޅުގަނޑުމެން ޔީވޫ ކަސްޓަމްސްއަށާއި، ޔީވޫ މޯލްޑް މޯލްއަށާއި އެހެނިހެން ތަންތަނަށް ޒިޔާރަތްކުރީމެވެ.

މި ސެމިނާގެ ތެރެއިން އަޅުގަނޑުމެންގެ ހުރިހާ ބައިވެރިންގެ މެދުގައިއާއި ޗައިނާ ކަސްޓަމްސްގެ އޮފިޝަލުންނާ ވަރަށް ގާތް ގުޅުންތަކެއް އުފެދުނެވެ. އެހެންކަމުން އަޅުގަނޑުމެންގެ އަމިއްލަ ޤައުމުތަކަށް އެނބުރި ދާން ދަތުރުފެށީ އުފަލާއި ހިތާމައިގެ އިހުސާސްތައް އެކުއެކީގައި ކުރެވުނެވެ.

މުޅި ދަތުރަށް ބަލާއިރު، ބެލްޓް އެންޑް ރޯޑްގައި ހިމެނޭ ގައުމުތަކުގެ ވިޔަފާރި ފަހިކުރުމަށް ކަސްޓަމްސް އޮފިޝަލުން ބޭއްވި މި ސެމިނާއިން އަގުނުކުރެވޭ ތަޖުރިބާތަކެއް ލިބިއްޖެއެވެ. ބައިނަލްއަޤްވާމީ ވިޔަފާރީގައި ކަސްޓަމްސްގެ މުހިންމު ދައުރާ ބެހޭގޮތުން، ޚާއްޞަކޮށް ޗައިނާގެ ކަސްޓަމްސްއިން ގެންގުޅޭ އީޖާދީ ފިޔަވަޅުތަކާ ގުޅޭ ގޮތުން، މުހިންމު މަޢުލޫމާތު ލިބުނެވެ. އެ ސެމިނާގައި ކަމާ ގުޅުންހުރި މާހިރުން ހިއްސާކުރި މަޢުލޫމާތާއި، އަޅުގަނޑުމެންގެ މެދުގައި އުފެދުނު ގުޅުންތަކުން، އަޅުގަނޑުމެންގެ ކަސްޓަމްސްގެ ހިންގުންތައް ވަރަށް ބޮޑަށް ހަރުދަނާ ކުރެވޭނެއެވެ. އެ ސެމިނާގެ ތެރެއިން އުނގެނުމާއި، ޚިޔާލު ބަދަލުކުރުމާއި، ޗައިނާގެ މުއްސަނދި ސަޤާފަތާއި މެހެމާންދާރީ ތަޖުރިބާކުރުމުގެ ފުރުޞަތު ލިބުނުކަމަށްޓަކައި އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ. މި ތަޖުރިބާއިން އަޅުގަނޑުމެންގެ ފަންނީ މައުލޫމާތު އިތުރުވުމާއެކު، އަޅުގަނޑުމެންގެ ޤައުމުތަކުގެ ދެމެދުގައިވާ ގުޅުންތައް ބަދަހިވެ، ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދެމެހެއްޓެނިވި ކާމިޔާބީގެ ހިއްސާއަކަށް ވެވިއްޖެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު