އޮޕް-އެޑް: ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގާބިލުކަން އިތުރުކުރުމާ ގުޅޭ މަހާސިންތާގެ ތަޖުރިބާ

ޗައިނާގައި، ތަރައްގީވަމުން އަންނަ ގައުމުތަކުގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާބިލްކަން ބިނާކުރުމަށް ބޭއްވި މަހާސިންތާގެ ތެރެއިން --

މިއީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރު އާމިނަތު ޝަހުލާގެ ލިޔުއްވުމެއްގެ ތަރުޖަމާއެވެ.

ޗައިނާގައި ކުރިއަށްގެންދިޔަ، ތަރައްގީވަމުން އަންނަ ގައުމުތަކުގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާބިލްކަން ބިނާކުރުމުގެ މަހާސިންތާގައި ބައިވެރިވުމަކީ ޕްރޮފެޝަނަލް އަދި އަމިއްލަ ހަޔާތުގައި ވެސް ކުރެވުނު އާދަޔާ ހިލާފު ތަފާތު ތަޖުރިބާއެކެވެ. އެއީ ޗައިނާގެ މުއްސަނދި ސަގާފަތް ބެލުމާއެކު، ކާރިސާތަކަށް ތައްޔާރުވުމާއި މެނޭޖްމަންޓާ ބެހޭ އިލްމާއި ޚިޔާލު ބަދަލުކުރުމަށް ލިބުނު ފުރުސަތެކެވެ. މި ފުރުޞަތުގެ ސަބަބުން ޑިޒާސްޓާ މެނޭޖްމަންޓާއި މޫސުމީ ވިލުންވެރިކަމާ ބެހޭގޮތުން އަޅުގަނޑަށް ގިނަ ކަންތައްތަކެއް ދަސްވިއިރު، ރާއްޖެ އައިސް މިކަންކަމަށް އަމަލު ކުރުމަށް މަސައްކަތް ކުރާން ނިންމީމެވެ.

ޗައިނާއަށް ދިޔުމުން ފުރަތަމަ ކުރެވުނު އިހުސާސްތައް

ޗައިނާއަށް ދެވުމާއެކު، އެޤައުމުގެ ކުރީގެ އާދަކާދަ އާއި ޒަމާނީވަންތަކަން ގުޅިލާމެހިފައިވާ މިންވަރު ވަރަށް ބޮޑަށް ފާހަގަވިއެވެ. އެގައުމުގެ މަގުތަކުގައި ތާރީޚީ ތަރިކަތައް ފެންނަން ހުރިއިރު، އެގައުމުގައި ތާރީޚާއި ސަގާފަތަށް އޮތް ލޯބި ދައްކުވައިދެއެވެ. އަދި، އާންމު ޚިދުމަތްތައް ލިބުން އަވަސްވުމާއި ތިމާވެއްޓާ ރައްޓެހި މާހައުލެއް އުފެއްދުމަށް އިސްކަންދީފައިވާ އުމްރާނީ ތަރައްގީގެ މަސައްކަތްތަކުން، ޗައިނާއިން ދެމެހެއްޓެނިވި ކަމަށް އިސްކަންދޭ މިންވަރު އެނގެއެވެ.

ހަމައެއާއެކު، އެ ސެމިނާ އިންތިޒާމުކުރި ފަރާތްތަކުންދިން މެހެމާންދާރީގެ ސަބަބުން، އެގައުމަށް އަލަށް ދިޔަ ބައިވެރިންނަށް ބީރަށްޓެހިކަން އިހުސާސެއް ނުކުރެވުނެވެ. މެހެމާންދާރީގެ ނަތީޖާއަކަށްވީ، މުޅި އިވެންޓުގައި ވަރުބަލިކަން އިހުސާސްނުވެ ފުރިހަމައަށް ސަމާލުކަން ދެވުމެވެ.

ސެމިނާ: މައުލޫމާތުން މުއްސަނދިވެފައި

މި ސެމިނާގައި ހަތް ޤައުމެއްގެ ބައިވެރިން އެއްވެ، ގުދުރަތީ ކާރިސާތައް މެނޭޖުކުރުމާއި ހުއްޓުވުމަށް ޗައިނާއިން ގެންގުޅޭ ޒަމާނީ ގޮތްތައް ދިރާސާކުރިއެވެ. މީގެ ތެރޭގައި ޗައިނާއަށް ކޮންމެ އަހަރަކު ކުރިމަތިވާ ފެންބޮޑުވުމާއި، ބިންހެލުމާއި ތޫފާންތައް ފަދަ ގުދުރަތީ ކާރިސާތަކާ ގުޅިގެން ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން ފުންކޮށް މަޝްވަރާކުރެވުނެވެ.

މިފަދަ ކާރިސާތަކުން ތިމާވެށްޓަށް އަސަރުކުރުމުގެ އިތުރުން އިންސާނުންގެ ދުޅަހެޔޮކަމާއި، ވަށައިގެންވާ މާހައުލާއި ވަސީލަތްތަކާއި އިގުތިޞާދަށް ވެސް އަސަރުކުރެއެވެ.

އެހެންވެ، ސެމިނާގައި އެންމެ ބޮޑަށް އަލިއަޅުވާލި ކަންތައްތަކުގެ ތެރޭގައި ގުދުރަތީ ކާރިސާތަކުގެ ސަބަބުން ދިމާވާ މާލީ އަދި އިޖުތިމާއީ ގެއްލުންތަކާއި، ކާރިސާތަކުގެ އަސަރުކުރާ ތަންތަން އަލުން ބިނާކުރުމަށް ހިނގާ ބޮޑެތި ޚަރަދުތަކާއި، ސިއްހީ ނިޒާމަށް ކުރިމަތިވާ ބުރަތަކާއި ދިގު މުއްދަތަކަށް ތިމާވެއްޓަށް ލިބޭ ގެއްލުންތައް ހިމެނެއެވެ. މީގެ އިތުރުން، ފެންބޮޑުވުން ފަދަ ކާރިސާތަކުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިޔުމާއި، ބަލިމަޑުކަން ފެތުރުމާއި މުހިންމު ވަސީލަތްތައް ހަލާކުވުން ފަދަ އިތުރު މައްސަލަތަކަށް މަގުފަހިވާ ގޮތްތަކާ ބެހޭގޮތުން ވެސް މި ސެމިނާގައި މަޝްވަރާކުރެވުނެވެ.

އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަވީ، ފެންބޮޑުވުމާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކެވެ. ބޯކޮށް ވާރޭވެހުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރާއްޖެއަށް ދިމާވަމުންދާ ގޮންޖެހުންތަކާ ގުޅޭގޮތުން، ޗައިނާއާއި ރާއްޖޭގައި ގިނަ އެއްގޮތް ކަންތައްތަކެއް ހުރިކަން ފާހަގަކުރެވުނެވެ.

ޖިއޯގްރަފީގެ ގޮތުން ތަފާތު ދެ ޤައުމުކަމުގައި ވީނަމަވެސް، ކާރިސާތަކަށް ތައްޔާރުވުމާއި އޭގެ އަސަރުތަކާ ކުރިމަތިލުމަށް ދެ ޤައުމުން ވެސް ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރިކަން ފާހަގަކުރެވުނެވެ. އެހެންކަމުން މި ސެމިނާއިން ދަސްވީ ވަރަށް އަގުހުރި ފިލާވަޅުތަކެކެވެ.

މުހިންމު ނުކުތާތައް: ކާރިސާތަކާ ކުރިމަތިލުމާއި ތައްޔާރުވުން

ސެމިނާއިން ލިބުނު އެންމެ މުހިންމު އެއް މައުލޫމާތަކީ ކާރިސާތައް މެނޭޖްކުރުމުގައި ފަސްޓް އެއިޑް ނުވަތަ ފުރަތަމަ އެހީގެ މުހިންމުކަމެވެ. ވަގުތުން ދެވޭ ފަސްޓް އެއިޑްގެ ސަބަބުން ފުރާނަ ސަލާމަތްކުރެވޭނެ ގޮތް، ކާރިސާތައް ދިމާވާ ސަރަހައްދުތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރުންގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގައި އޮޅުންފިލިއެވެ. މި އުކުޅުތައް ތައްޔާރުކޮށްފައިވަނީ އެކި ގައުމުތަކުގެ ހާއްސަ ބޭނުންތަކާއި ހާލަތްތަކަށް ރިއާޔަތްކޮށްފައި ނަމަވެސް، މިއީ އާންމުކޮށް ހުރިހާ ގައުމެއްގައި ވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އުކުޅުތަކެވެ.

ގުދުރަތީ ކާރިސާތަކުގައި ޗައިނާއިން އެކި ފިޔަވަހިތަކަށް ބަހައިލައިގެން އަމަލުކުރާ 'މަލްޓި ފޭސް' ނިޒާމާ ބެހޭގޮތުން ވެސް މި ސެމިނާގައި އަޅުގަނޑުމެން ދިރާސާކުރީމެވެ. އެޤައުމުގެ ކާރިސާ މެނޭޖްމަންޓް އޮނިގަނޑުގެ ތެރޭގައި ކުރިއާލާ އިންޒާރުދޭ ނިޒާމުތަކާއި، ފެންބޮޑުވާ މިންވަރު މޮނިޓާކުރުމާއި، މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ޓީމުތައް އިންތިޒާމުކޮށްފައި އޮތުމާއި އެމާޖެންސީ ސަޕްލައި ޗެއިންތައް ހިމެނެއެވެ.

ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް މިފަދަ ނިޒާމުތައް ވަރަށް މުހިންމެވެ. ހާއްސަކޮށް މޫސުމަށް އަންނަމުންދާ ބަދަލުތައް އިތުރުވަމުންދާއިރު، ގުދުރަތީ ކާރިސާތަކުން ރައްޔިތުންނާއި ތިމާވެށި ރައްކާތެރިކުރުމަށް ވަރުގަދަ ކާރިސާ މެނޭޖްމަންޓް ނިޒާމުތައް ބިނާކުރުމުގެ މަގެއް މި ސެމިނާއިން ދައްކުވައިދިނެވެ.

ލިބުނު ފިލާވަޅުތަކުން ރާއްޖެއަށް ގެނެވޭނެ ބަދަލުތައް

ޗައިނާގައި ހޭދަކުރި ދުވަސްތަކުން އަޅުގަނޑުގެ ވިސްނުމަށް ބަދަލުތަކެއް ގެނުވިއެވެ. މި ސެމިނާގެ ސަބަބުން ފަންނީ މައުލޫމާތު އިތުރުވުމުގެ އިތުރުން، ބައިނަލްއަގްވާމީ އެއްބާރުލުން އިތުރުވެ، ސަގާފީ ގޮތުން ވެސް މައުލޫމާތު މުއްސަނދިވިއެވެ. މި ސެމިނާއަށް ފަހު އަޅުގަނޑު އެންމެ ބޭނުންވާ ކަމަކީ، ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމާ ގުޅޭ ގޮތުން ދަސްވި ކަންތައްތަކަށް ރާއްޖޭގައި އަމަލުކުރަން ފެށުމަށެވެ.

އޭގެ ތެރޭގައި ޗައިނާގައި ކާރިސާތަކަށް ތައްޔާރުވުމަށް ފިޔަވަހިތަކަށް ބަހައިލައިގެން ގެންގުޅޭ ނިޒާމު ހިމެނެއެވެ. އެ ނިޒާމުގައި ކާރިސާތަކަށް ތައްޔާރުވުމުގެ ތަމްރީނު ޕްރޮގްރާމުތަކާއި، އަވަސް އިންޒާރުގެ ނިޒާމުތަކާއި ރެޕޑް ރެސްޕޮންސް ޓީމުތައް ރާއްޖޭގައި ވެސް ބޭނުން ކުރެވިދާނެއެވެ. ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އާއި ކާރިސާތަކަށް ރައްކާތެރިވުމަށް އާންމުން ބާރުވެރިކޮށް، ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކުގެ ވިލުންތެރިކަން އިތުރުކުރެވޭނެއެވެ.

ޗައިނާގައި، ތަރައްގީވަމުން އަންނަ ގައުމުތަކުގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާބިލްކަން ބިނާކުރުމަށް ބޭއްވި މަހާސިންތާގެ ތެރެއިން --

އަބަދުވެސް ހަނދާން ހުންނާނެ ފަދަ ސަގާފީ އައު ތަޖުރިބާއެއް

ސެމިނާގެ މަސައްކަތުގެ އިތުރުން، ޗައިނާގައި ހޭދަކުރި ދުވަސްތަކުގައި އެގައުމުގެ މުއްސަނދި ސަގާފަތް ތަޖުރިބާކުރުމުގެ ފުރުސަތު ލިބުނެވެ. އެގޮތުން ޗައިނާގެ މަޝްހޫރު ތަންތަނުގެ ތެރެއިން، އެ ގައުމުގެ ބޮޑު ފާރާއި ފޮބިޑެން ސިޓީއަށް ޒިޔާރަތްކޮށް، ޗައިނާގެ ސަގާފީ ކެއުންތައް ރަހަ ބެލުމުގެ ފުރުސަތު ލިބުނެވެ. މި ތަޖުރިބާގައި އަހަރެން އެންމެ ބޮޑަށް ޝައުގުވެރިވި އެއް ތަނަކީ ސަމާ ޕެލަސްއެވެ.

މި ދަތުރުގެ ތެރެއިން ޗައިނާގެ ސަގާފަތުން ވެސް މުހިންމު ކަންތައްތަކެއް ދަސްވިއެވެ. އެގައުމުން ދެމެހެއްޓެނިވި ތަރައްގީއަށް ބޭނުންވާ ޒަމާނީ ބަދަލުތަކާއެކު، އާދަކާދަ ވެސް ހިމާޔަތް ކުރާ ގޮތަށް ތައުރީފު ހައްގެވެ. އަދި ރާއްޖެއިން ދެމެހެއްޓެނިވި ތަރައްގީއަށް ކުރާ ދަތުރާ ވެސް، ޗައިނާއިން މިހާތަނަށް އަމަލުކޮށްފައިވާ ގޮތާ ގުޅެއެވެ.

ސެމިނާއިން ފަހިކޮށްދިނީ ކުރިއަށް ދެވޭނެ މަގު

ފެނުގެ ރައްކާތެރިކަމާ ގުޅުންހުރި ޤާބިލުކަން އިތުރުކުރުމަށް ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އަމާޒުކޮށްގެން ބޭއްވި މި މަހާސިންތާއަކީ ހަޔާތް ބަދަލުކޮށްލި ތަޖުރިބާއެކެވެ. މި ސެމިނާގެ ސަބަބުން އަޅުގަނޑަށް ލިބުނީ ރާއްޖޭގައި ރާވައި ތަންފީޒުކޮށްގެން ކާރިސާ މެނޭޖްކުރާނެގޮތުގެ އަމަލީ އިރުޝާދުތަކެކެވެ. މި ސެމިނާގައި ހިއްސާކުރެވުނު އުކުޅުތަކާއި މައުލޫމާތުގެ ސަބަބުން އާންމު ރައްޔިތުން ބާރުވެރިކުރުވައި، ކާރިސާތަކަށް ތައްޔާރުވުން އިތުރުކޮށް، ކާރިސާއެއް މެދުވެރިވެއްޖެ ހާލަތެއްގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް ހަރުދަނާ ކުރެވޭނެއެވެ.

މީގެ އިތުރުން، މި ސެމިނާއިން ދައްކުވައިދިނީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުމާއި ކާރިސާތަކުގެ ނުރައްކާ ކުޑަކުރުން ފަދަ މަސައްކަތްތަކުގައި ބައިނަލްއަޤްވާމީ އެއްބާރުލުމުގެ މުހިންމުކަމެވެ. އަޅުގަނޑު ޗައިނާއިން ފުރަނީ، އާ މަގުސަދަކާއެކުއެވެ. އެއީ މި ފިލާވަޅުތަކުން އެނގުނު ކަންތައްތައް ރާއްޖޭގައި ތަންފީޒުކޮށް ދެމެހެއްޓެނިވި، ވިލުންވެރި މުސްތަގުބަލެއް ބިނާކުރުމުގެ މަގުސަދެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު