ތުރިޕްތީގެ މަންމަގެ ރޯލަށް މަދޫރީ

ބަތަލާ ތުރިޕްތީ އަދި މަދޫރީ--ފޮޓޯ/ކޮއިމޮއި

ބޮލީވުޑްގެ ކުރީގެ ބަތަލާ މަދޫރީ ޑިކްސިޓްއާއި ފިލްމު އިންޑަސްޓްރީގައި ކުރިއަރަމުން އަންނަ ޒުވާން ބަތަލާ ތުރިޕްތީ ދިމްރީ އެކީގައި ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ "ބޮލީވުޑް ހަންގާމާ"ގައި ބުނެފައިވާ ގޮތުގައި މި ފިލްމުގައި މަދޫރީ ކުޅެން ހަމަޖެހިފައިވަނީ ތުރިޕްތީގެ މަންމަގެ ރޯލެވެ. ވަކި ނަމެއް ހަމަޖެހިފައިނުވާ މި ފިލްމަކީ 2022 ވަނަ އަހަރު ރިލީޒްކުރި، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ތުރިލާ ފިލްމު "ޖަލްސާ" ގެނެސްދިން ކުންފުނިން އުފައްދާ ފިލްމެކެވެ.

ފިލްމުގައި ގެނެސްދޭން ނިންމާފައިވާ ވާހަކަ ބިނާކޮށްފައިވަނީ މަޔަކާއި އަންހެން ދަރިއަކާ ދެމެދު އޮންނަ ބަދަހި ގުޅުމުގެ މައްޗަށެވެ. މި ފިލްމުގެ މަސައްކަތް ފަށަން ނިންމާފައިވަނީ އަންނަ އަހަރުގެ މާޗު ނުވަތަ އޭޕްރިލްގައެވެ.

ފިލްމު "އެނިމަލް"އިން ބޮޑު މަޝްހޫރުކަމެއް ހޯދި ޒުވާން ބަތަލާ ތުރިޕްތީ--ފޮޓޯ/އިންޑިއާފޯރަމްސް

އިތުރު ފިލްމަކަށް މަދޫރީއާއި ތުރިޕްތީ ސޮއިކޮށްފައިވާކަމުގެ ވާހަކަތައް ދެކެވެމުންދާއިރު މި ދެތަރިން އެކީގައި ފުރަތަމަ ފަހަރަށް މަސައްކަތްކޮށްފައިވާ ފިލްމު "ބޫލް ބުލައްޔާ 3" މި އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ރިލީޒްކުރުމަށް ވަނީ ތާވަލުކުރެވިފައެވެ.

ފިލްމު އިންޑަސްޓްރީގައި އުޖާލާ ކުރިމަގެއް އޮތް ބަތަލާ ތުރިޕްތީ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި މަހުގެ 11 ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ވިކީ ވިދިޔާކާ ވޯ ވާލާ ވީޑިއޯ"އިންނެވެ. ބަތަލާ އަންނަނީ ދަރުމާ ކުންފުނިން އުފައްދާ ލޯބީގެ ފިލްމު "ދަޅަކް 2"ގެ މަސައްކަތް ވެސް ކުރަމުންނެވެ. މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

comment ކޮމެންޓް