ފީފާއިން ބޮޑެތި ބަދަލުތަކަކާއެކު މިއަންނަ އަހަރު އެމެރިކާގައި ބޭއްވުމަށް ނިންމާފައިވާ ފީފާ ކްލަބް ވޯލްޑް ކަޕްގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ 12 ސްޓޭޑިއަމް އިއުލާން ކޮށްފިއެވެ.
މި އަންނަ އަހަރުގެ ޖޫން މަހުގެ 15 އިން ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ފުރަތަމަ ފަހަރަށް 32 ޓީމު ބައިވެރިކުރުމަަށް ފީފާއިން ވަނީ ނިންމާފައެވެ.
ފީފާއިން ރާވާފައިވަނީ މުބާރާތުގެ މެޗުތައް އެމެރިކާގެ އެކި ސްޓޭޓްތަކުގައި ކުޅުމަށްފަހު ފައިނަލް މެޗު ނިއުޔޯކާ ފަސް މޭލު ދުރުގައި އޮންނައި ނިއުޖާޒީގެ މެޑްލައިފް ސްޓެޑިއަމްގައި ބޭއްވުމަށެވެ.
އެ މުބާރާތް ކުޅެން ހަމަޖެއްސި ސްޓޭޑިއަމްތައް:
· މެޓްލައިފް ސްޓޭޑިއަމް – ނިއުޖާޒީ
· ޓީކިއުއެލް ސްޓޭޑިއަމް – ސިންސިނާޓީ
· ހާޑް ރޮކް ސްޓޭޑިއަމް – މައޭމީ
· ޖިއޯޑިސް ޕާކް – ނޭޝްވިލް
· ބޭންކް އޮފް އެމެރިކާ ސްޓޭޑިއަމް – ޗާލޮޓް
· ކޭމްޕިން ވާރޅްޑް ސްޓޭޑިއަމް – އޯލާންޑޯ
· އިންޓާ އެންޑް ކޯ ސްޓޭޑިއަމް – އޯލާންޑޯ
· ރޯޒް ބޯލް ސްޓޭޑިއަމް – ލޮސް އެންޖަލިސް
· ލިންކަން ފައިނޭންޝިއަލް ފީލްޑް – ފިލަޑެލްފިއާ
· ލޫމެން ފީލްޑް – ސިއާޓަލް
· އައުޑީ ފީލްޑް – ވޮޝިންޓަން ޑީސީ
މި މުބާރާތަށް ޔޫރަޕުން އޮޓަމެޓިކުން ހޮވިފައިވާ ތިން ޓީމަކީ އިންގްލިޝް ޕްރިމިއާ ލީގުގެ ޗެލްސީ އާއި މެންޗެސްޓާ ސިޓީ އަދި ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑެވެ.
އެއީ އެންމެ ފަހުން ކުޅުނު ޔުއޭފާ ޗެމްޕިއަން ލީގުގެ ހަތަރު ސީޒަންގައި އެ މުބާރާތް ކާމިޔާބު ކޮށްފައިވާ ތިން ޓީމެވެ. އަދި ކޮއެފިޝަންޓް ރޭންކިން އަށް ބެލުމަށްފަހު ޖަރުމަނު ބުންޑެސްލީގާގެ ބަޔާން މިޔުނިކް، ފްރެންޗް ލީގް އާންގެ ޕެރިސް ސެއިންޓް ޖާމެއިން، އިޓާލިއަން ސެރީއާގެ އިންޓާ މިލާން ޕޯޗުގަލްގެ ޕޯޓޯ އާއި ބެންފީކާއަށް ވަނީ ޖާގަ ލިބިގެން ގޮސްފައެވެ.
މީގެ އިތުރުން މި މުބާރާތުގައި ހިމެނީ ދެކުނު އެމެރިކާއަށް ނިސްބަތްވާ ހަ ޓީމާއި އޭޝިއާ، އެފްރިކާ އަދި އުތުރު އެމެރިކާއަށް ނިސްބަތްވާ 12 ޓީމެވެ. އަދި އޯޝޭނިއާ ސަރަހައްދަށް އެއް ޖާގަ ކަށަވަރު ކޮށްދީފައިވާއިރު މުބާރާތް ބާއްވާ ޤައުމުގެ ހައިސިއްޔަތުން އެމެރިކާގެ އެއް ކްލަބަށް ވެސް ޖާގަ ލިބިގެންދާނެއެވެ.
މީގެ ކުރިން ފީފާއިން ކްލަބް ވޯލްޑް ކަޕް ބާއްވަމުން އައިސްފައިވަނީ ސީޒަންގެ މެދުތެރޭ ދުނިޔޭގެ ހަތް ބައްރުން ހޮވާލެވޭ އެއް ކްލަބާއެކުއެވެ. ފީފާއިން މި މުބާރާތް ކުރިން އޮތް ވަރަށް ވުރެ ފުޅާކުރުމާ ގުޅިގެން ގިނަ ފަރާތްތަކެއްގެ ފާޑުކިޔުން އަންނަނީ ފީފާއަށް ރައްދުވަމުންނެވެ. ހާއްސަކޮށް ޔޫރަޕްގެ ކްލަބް ތަކާއި ކުޅުންތެރިންގެ ފަރާތުންނެވެ. އެއީ ޔޫރަޕްގެ ގިނަ ކްލަބްތަކުން ކުޅެން ޖެހޭ މެޗުތަކުގެ އަދަދު ވަރަށް ބޮޑު ތަނުން އިތުރުވެ ކުޅުންތެރިންނަށް ސީޒަން ނިންމާފައި އަރާމު ކުރުމަށް ލިބޭ ފުރުސަތު ކުޑަ ވެގެންދާތީއެވެ.