އިންގްލިޝް ޕްރިމިއާ ލީގުގައި ލިވަޕޫލާއި ވުލްވަހެމްޕްޓަން ވޮންޑަރާސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ލިވަޕޫލުން ތާވަލްގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ވުލްވްސްގެ ދަނޑުގައި ކުޅުނު މިމެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. ތާވަލްގެ އެންމެ ފުލުގައި އުޅޭ ވުލްވްސް އިން މިމެޗު ފަށާފައިވަނީ ވަރަށް ފޯރީގައެވެ.
މިގޮތުން މެޗުގެ ކުރީކޮޅު ނުރައްކާތެރި ދެތިން ހަމަލާ އުފައްދާ ލިވަޕޫލް ހާސްކޮށްލިއެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ލިވަޕޫލުންވަނީ މެޗުގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އިބްރާހިމާ ކޮނާޓޭއެވެ.
މިއާއެކު މިމެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ލިވަޕޫލުން ލީޑުގައި އޮވެގެންނެވެ. މިމެޗުގެ ދެވަނަ ހާފު ވުލްވްސް އިން ފެށީ ފުރަތަމަ ހާފެކޭ އެއްގޮތަށް ވަރަށް ފޯރިއާއެކު މެޗުން ނަތީޖާ އެއް ނެރުމުގެ އުންމީދާއެކުއެވެ.
މިއާއެކު މެޗުގެ 56ވަނަ މިނެޓްގައި އުފެއްދި ހަމަލާއެއްގައި ވުލްވްސް އިންވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ރަޔާން އައިޓް ނޫރީއެވެ. މިމެޗުން ލިވަޕޫލް މޮޅުވި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 61ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން މުހަންމަދު ސަލާހް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިމެޗުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމުން ވެސް އުފެއްދިއެވެ.
މިކާމިޔާބީ އާއެކު ލިވަޕޫލުން މިވަނީ މިހާތަނަށް ކުޅުނު ހަ މެޗުން ލިބިފައިވާ 15 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައަށް ކުރިއަށް ޖެހިލައިފައެވެ. ލިވަޕޫލަށް އެއްވަނަ ލިބުމުގައި ކުރިން އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ނިއުކާސްލް ޔުނައިޓެޑް ކުޅުނު މެޗު އެއްވަރު ވުން މުހިންމު ދައުރެއް އަދާކުރިއެވެ.
މިމުބާރާތުގައި ކުޅުނު އެހެން ބައެއް މެޗުތަކަށް ބަލާލާއިރު ބްރެންޓްފަޑް އާއި ވެސްޓް ހޭމް ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްލަނޑު އެއްލަނޑުންވީ އެއްވަރެވެ. އަދި ފުލަމް އާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ފުލަމްއެވެ.