ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޕްރައިވަސީ ރެގިއުލޭޓަރުން، ސޯޝަލް މީޑިއާ ޕްލެޓްފޯމް މެޓާއަށް 91 މިލިއަން ޔޫރޯ (101.5 މިލިއަން ޑޮލަރު) ގެ ޖޫރިމަނާއެއް ކޮށްފިއެވެ. މި ޖޫރިމަނާ ކޮށްފައިވަނީ ބައެއް ޔޫޒަރުންގެ ޕާސްވާޑްތައް އެންކްރިޕްޓް ނުކޮށް ރައްކާކޮށްފައިވާތީއެވެ.
މި މައްސަލައިގެ ތަޙްޤީޤު މީގެ ފަސް އަހަރު ކުރިން ފެށިފައިވަނީ، މެޓާއިން އަމިއްލައަށް ޔޫޒަރުންގެ ޕާސްވޯޑްތައް އެއްވެސް ރައްކާތެރިކަމެއްނެތި ރައްކާކޮށްފައިވާކަން އައިލެންޑްގެ ޑޭޓާ ޕްރޮޓެކްޝަން ކޮމިޝަން (ޑީޕީސީ) އަށް އެންގުމުންނެވެ. އޭގެ ތެރެއިން ބައެއް ޕާސްވާޑްތައް 'ޕްލެއިންޓެކްސްޓް' ގޮތުގައި ރައްކާކޮށްފައިވާ ކަމަށް އެކުންފުނިން ކަށަވަރު ކޮށްދީފައިވެއެވެ.
އަދި އެ ދުވަސްވަރު މެޓާއިން މި ތުހުމަތުތަކަށް އިޢުތިރާފުވެފައިވާ ކަމަށް ވެސް ޑީޕީސީން ބުނެފައިވެއެވެ. އެހެންނަމަވެސް އެ ޕާސްވާޑްތައް ބޭރުގެ އެއްވެސް ފަރާތަކަށް ލިބިފައި ނުވާ ކަމަށް މެޓާއިން ބުނެފައިވެއެވެ.
"ޔޫޒަރުންގެ ޕާސްވާޑްތައް ޕްލެއިންޓެކްސްޓް ގޮތުގައި ރައްކާކޮށްގެން ނުވާނެކަން އެންމެންނަށް ވެސް އެނގެން ޖެހޭނެ، އަދި އެފަދަ އަމަލަކީ ބަލައިގަނެވޭނެ އަމަލެއްނޫން، އެއީ މިފަދަ މަޢުލޫމާތު މީހުންނަށް ލިބުމުން ނުރަނގަޅު ގޮތުގައި ބޭނުންކުރުމުގެ ނުރައްކާ އޮތުމުން،" އައިރިޝް ޑީޕީސީގެ ޑެޕިއުޓީ ކޮމިޝަނަރު ގްރަހަމް ޑޯއިލް ވިދާޅުވިއެވެ.
ޑީޕީސީއަކީ އެމެރިކާގެ ގިނަ އިންޓަނެޓް ކުންފުނިތަކުގެ ޔޫރަޕިއަން ޔޫނިއަންގެ އޮޕަރޭޝަންތައް އައަލެންޑްގައި ހުރުމުގެ ސަބަބުން، އެ ކުންފުނިތަކުގެ މައި ރެގިއުލޭޓަރެވެ.
މިއީ މެޓާ ކުންފުނި މިފަދަކަމެއްގައި ޖޫރިމަނާކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މިހާތަނަށް މެޓާއަށް ޔޫރަޕިއަން ޔޫނިއަންގެ ޖެނެރަލް ޑޭޓާ ޕްރޮޓެކްޝަން ރެގިއުލޭޝަން (ޖީޑީޕީއާރު) ގެ ދަށުން ޖުމްލަ 2.5 ބިލިއަން ޔޫރޯގެ ޖޫރިމަނާ ކޮށްފައިވެއެވެ.
މީގެ ތެރޭގައި 2023ވަނަ އަހަރު ކުރި 1.2 ބިލިއަން ޔޫރޯގެ ރެކޯޑް ޖޫރިމަނާވެސް ހިމެނެއެވެ. މެޓާއިން ވަނީ މި ޖޫރިމަނާ އިސްތިއުނާފު ކުރަމުންދާ ކަމަށް ބުނެފައެވެ.
މި ޖޫރިމަނާ ތަކުން ދައްކައިދެނީ ޑޭޓާ ރައްކާތެރިކަމާ ގުޅޭ ޤަވާޢިދުތަކާ ޚިލާފުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުގެ ބޮޑުކަމެވެ. އަދި ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން ވެސް ޑޭޓާ ރައްކާތެރިކަމަށް އިތުރަށް ސަމާލުކަން ދޭންޖެހޭކަން ހާމަކޮށްދެއެވެ.