ސިއްހީމަރުކަޒު ހުރި ގޯޅިއަށް އެޅުމަށް ރަޔާން ސައިކަލު އަނބުރާލިއެވެ. ކުރިމަތިން ބާރު ސްޕީޑުގައި އައި ސައިކަލު ރަޔާންގެ ލޮލުގައި އަޅައިގަތްއިރު މާލަސްވެއްޖެއެވެ. ލިބުނު ސިހުމުގައި ރަޔާންއަށް ސައިކަލުގެ ހުންގާނުން އަތް ދޫކޮށްލެވުނެވެ. އެވަގުތުކޮޅުގައިވެސް ރަޔާން މަސައްކަތްކުރީ ލިމްޔާ ސަލާމަތްކުރާށެވެ.

********

"ކިހިނެއް ވެގެން މިއުޅެނީ؟" ސިއްހީމަރުކަޒުގެ ދޮރުމަތީގައި އެއްވެފައިވާ މީހުންތައް އެއްފަރާތްކުރަމުން ކުރިއަށް ހިނގަމުންދިޔަ އަމީރާއަށް އަހައިލެވުނެވެ. "މީހަކަށް ކަމެއްވީތަ؟"

އަމީރާ ފެނުމުން ކޮންމެ މީހަކުވެސް ހިމޭންވަނީއެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހަމްދަރުދީއެވެ. އެކަކުވެސް އެއްޗެއް ނުބުނެއެވެ.

އަމީރާ ހާސްވިއެވެ. ލިމްޔާއަށް ކަމެއް ވީބާއޭ ހިތަށް އެރިއެވެ. މީހުންތަކުގެ ތެރެއިން ފުރޭނިގެން އަމީރާ ގޮސް މަރުކަޒުގެ ތެރެއަށް ވަނެވެ. ތަނުގެތެރެ ވަނީ ހަލަބޮލިވެފައެވެ. މީހުންތަކުން ފުރި ބާރުވެފައެވެ. އެއްބަޔަކު ރޮނީއެވެ. އަނެއްބަޔަކު ހަޅޭއްލަވަނީއެވެ. ލިމްޔާމެން ހޯދަމުން އަމީރާ ކުރިއަށް ހިނގަމުން ދިޔައެވެ. ކައުންޓަރާއި ހަމައަށް ދެވުނުއިރު، އަމީރާ ހުރީ ދާހިއްލާ ފޯވެފައެވެ.

"ދަރިފުޅާ ރަޝާ! ކިހިނެއް ވެގެންތަ މިއުޅެނީ؟" އަމީރާ ސުވާލުކުރީ ކައުންޓަރުގެ ކައިރީގައި އަވަދިނެތި އުޅުނު ރަޝާއަށެވެ. ރަޝާއަކީ ރަށުންބޭރު ކުއްޖެކެވެ.

އަޑުގަދަކަމުން ރަޝާއަށް އަމީރާގެ ސުވާލު ސާފުވީ ދެތިން ފަހަރު ސުވާލު ކޮށްގެންނެވެ.

"ވަރަށް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިގެން އެއުޅެނީ" ރަޝާ ތަފްސީލް ދިނެވެ.

"އެކްސިޑެންޓެކޭ؟" އަމީރާގެ ދެލޯ ބޮޑުވިއެވެ.

"އާނ! ހަތަރު މީހަކު ގެނެސްގެން އުޅެނީ. އެކަކު ތަންކޮޅެއް ސީރިއަސްވެގެން މާލެ ފޮނުވަން އުޅެނީ މިހާރު" ޕްރިންޓުކުރި ގަނޑުތައް ހިފައިގެން ރަޝާ ހިނގައިގަތީ އޮފީސް ބަޔަށެވެ.

"މަޑުކޮށްބަލަ!" އަމީރާ ރަޝާގެ އަތުގައި ހިފެހެއްޓިއެވެ. "އެކްސިޑެންޓްވީ ކޮންބައެއް؟"

"ނޭނގެ ދައްތާ! ޑިއުޓީ ބަދަލުވި ގަޑިވީމަ އެހާ ގިނަ މައުލޫމާތެއް އަދި ނުލިބޭ..." ރަޝާ ހުރީ ލަސްވެފައެވެ. އެކަމަކު، އަމީރާ އަތުގައި ހިފައިގެން ހުރުމުން ޖަވާބުނުދީ ދާކަށް ނުކެރުނެވެ. "އާއިލާތަކަށް އެންގުމުގެ މަސައްކަތް އެބަކުރޭ... އަޅުގަނޑުވެސް ޖެހޭނީ އަހާލަން ކޮން ބައެއްތޯ. ވަރަށް އަވަހަށް ނިންމަންޖެހޭ ލިޔުންތަކެއް މީ. އަޅުގަނޑު ދެން ގޮސްލީއޭ"

********

"އަހަރެން މިބުނާ އެއްޗެއް ނަފީސާއަށް ވިސްނޭނެނަމަ ކިހާ ރަގަޅު..." އޯގާތެރިކަމާއިއެކު ނިމާލު ބުނެލިއެވެ.

ކުރެވުނު ކަންތަކާއި ނިމާލު ހުރީ ދެރަވެފައެވެ. ކިތަންމެ ރުޅި އައި ނަމަވެސް ނަފީސާ އާއި ދިމާއަށް ރުޅި އައިސްގެން ބާރަށް އެއްޗެއް ބުނާކަށް އޭނާ ބޭނުމެއް ނުވެއެވެ.

"ބައްޕަމެން މިއުޅެނީ މިއަދު ފުރަން" ޔަލްވީއަށް ބަލައިލަމުން ނިމާލު ބުނެލިއެވެ. "ބައްޕަ މިބުނި ކަންތައްތައް ދަރިފުޅުގެ ހަނދާނުގަ ބަހައްޓާތި!"

ޔަލްވީ ހުރީ ހުއްޓުން އަރާފައެވެ. ކުއްލިއަކަށް ނިދާ ހޭލެވުމުން ލިބުނީވެސް ކުއްލި ހަބަރުތަކެވެ. ނަފީސާ ދިޔުމުން ޔަލްވީއަށް ވާނީ ކިހިނެއް ހެއްޔެވެ؟ ރަޔާން ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ ޔަލްވީގެ މުޅި ދުވަސް ހަރާބުވިއެވެ. އޭރު ބަނޑުހައިވެގެން ޔަލްވީއަށް ކޮޅަށް ހުރެވެނީއެއްވެސް ނޫނެވެ.

"ދަރިފުޅު ދެން ދޭ އެއްޗެއް ކާން" ނަފީސާ ވާހަކަ ދެއްކީ ލޯބިންނެވެ.

"ރަޔާން ދެންމެ ބޭރަށް އެދިޔައީ. ދަރިފުޅު ސައިބޮއެގެން، ރަޔާން އަންނަންވާއިރަށް ކޮންމެސް ފިނި އެއްޗެއް ތައްޔާރު ކޮށްލަބަލަ. ކައްކަން ނޭނގުނަސް އެވަރުކޮށްލަން އެނގޭނެއެއްނު" ފަހު ފަހަރަށް ދަރިފުޅުގެ ބޮލުގައި ފިރުމައިލާނޭހެން ނިމާލު ޔަލްވީގެ ބޮލުގައި ފިރުމައިލިއެވެ. އެއީ ދަރިފުޅުދެކެ ލޯބިވާކަން ހާމަކޮށްދިނުމަށް ނިމާލު ކުރި ކަމެކެވެ. ހަގީގަތުގައި ޔަލްވީއާއި ދުރަށް ދިޔުމަކީ ނިމާލަށްވެސް ކުރަން ފަސޭހަކަމެއް ނޫނެވެ.

"ނަފީސާ! ހިނގާ ދާން..." ދެފިކުރެއްގައި ހުރި ނަފީސާއަށް ބަލައިލަމުން ނިމާލު އެދުނެވެ. "އަދި އެކޮޅުގަ ހުރި އެއްޗެހިވެސް ގެންނަން ޖެހޭނެއެއްނު"

މަންމަމެން ދިޔަ ދިމާއަށް ބަލަން ޔަލްވީ ހުރީ ހުއްޓުން އަރާފައެވެ. ބައްޕަ ދެއްކި ވާހަކަތަކާއިމެދު ވިސްނުނު ވަރަކަށް ޔަލްވީގެ ރުޅި ގަދަވިއެވެ.

"ޔަގީން އެ ރަޔާންގަނޑު ބައްޕަ ކައިރީ ކުޓުވީކަން. އެހެންނޫނީ ކުއްލިއަކަށް ބައްޕަ އެހާ ރުޅިއެއް ނާންނާނެ" ޔަލްވީއަށް ރަޔާންދެކެ އިންތިހާއަށް ރުޅި އާދެވުނެވެ.

"މިކަމުގެ ބަދަލު ހިފާނަން. ބަލަން ހުންނައްޗޭ!" ޔަލްވީ ތުން ފިއްތައިލިއެވެ.

ރަޔާން ގެއަށް ނާންނަހާ ހިނދަކު އޭނާއަށް ހަމަޖެހިގެން ސައިވެސް ނުބޮވޭނެއެވެ. ޔަލްވީ ބޭނުންވީ އައިސްފައި ހުރި ރުޅިގަނޑުގެ ވަރު ރަޔާނަށް ބާލައިލާށެވެ. އެނޫންގޮތަކަށް އޭނާގެ ހިތަކަށް ފިނިކަމެއް ނުލިބޭނެއެވެ.

ދޮރުމަތިން އެއްޗެއް ވެއްޓުނު އަޑަށް ޔަލްވީ ދިޔައީ ސިއްސައިގެންނެވެ. ޔަލްވީ އަވަސް އަވަހަށް ބޭރަށް ނުކުތީ، ރަޔާން އައީ ކަމަށް ހީކޮށެވެ. ދޮރުމަތީގައި މީހަކު ވެއްޓިފައި އޮތެވެ. އެމީހަކު އޮތީ ބަންޑުންނެވެ. އެތެރެއިން ޔަލްވީގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

"ރަޔާން؟" ޔަލްވީއަށް ހިތާއިހިތުން ކިޔާލެވުނެވެ.

ބަންޑުން އޮތުމުން އެމީހެއްގެ މޫނެއް ޔަލްވީއަކަށް ނުފެނުނެވެ. އެމީހަކީ ރަޔާންއަށް ވާނެނަމަ ކިހާ ރަނގަޅު ހެއްޔޭ ޔަލްވީގެ ހިތަށް އެރިއެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލި ޔަލްވީގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ވެއްޓިފައި އޮތީ ރަޔާންކަމަށް އޭނާ ނިންމިއެވެ. ޔަލްވީއަށް ލިބުނީ އާދަޔާ ހިލާފު އުފަލެކެވެ. ބަދަލުހިފަން ޔަލްވީއަށް އެއްވެސް ކަމެއް ކުރަންނުޖެހި އެކަން ނިމުނީއެވެ. މިހާރު ރަޔާނަށް އެއްޗެއް ވިސްނޭނެއެވެ. ބާރު ބާރަށް ހެވެން ފެށުމުން ޔަލްވީ އަނގަމަތީގައި އަތް އެޅިއެވެ.

ގަތްލަދުން އަފްސަމް އޮތީ ބޯ ހިއްލާލަންވެސް ނުކެރިފައެވެ. އޭނާ އެންމެ ލަދުގަތީ ޔަލްވީ ހޭ އަޑު އިވުމުންނެވެ. އަފްސަމް މަޑުމަޑުން ބޯހިއްލާލައި ބަލާލިއެވެ. އަފްސަމްގެ މޫނާއި އަނގައިގައި ވެސް ކޮންމެވެސް ވަރަކަށް ވެލީގެ އަސަރު ހުއްޓެވެ.

"ކާކު ތީ؟" ޔަލްވީއަށް އަނެއްކާވެސް ހެވެން ފެށުނެވެ.

އަފްސަމް ތެދުވެ، ގައިގައި ހުރި ވެލިތައް ފޮޅާލިއެވެ. ޔަލްވީ ކިތަންމެ ވަރަކަށް ހުނަސް، އޭނާގެ އެއްވެސް ފަރުވާލެއް ނެތެވެ. އެވަގުތު ރަޔާން ފިޔަވައި އެހެން ކަމެއް އޭނާގެ ސިކުނޑީގައި ނެތެވެ.

"ރަޔާންގެ މަންމަ އުޅޭތަ؟" އަފްސަމް ސުވާލުކޮށްލިއެވެ.

ޔަލްވީ ދެފަރާތަށް ބޯ ހޫރާލިއެވެ.

"ހިނގާބަލަ ވަރަށް އަވަހަށް ހޮސްޕިޓަލަށް...." އަފްސަމް އެދުނެވެ.

"އެ ކީއްކުރަން ހޮސްޕިޓަލަށް ދަނީ؟" ޔަލްވީގެ ހަރުކަށި ރާގުގައި ސުވާލުކުރިއެވެ.

"ރަޔާން.... ރަޔާން އެކްސިޑެންޓްވެގެން ހޮސްޕިޓަލުގަ އޮތީ" އަފްސަމަށް އޭނާގެ ޖުމުލަ ފުރިހަމަކުރަން ފަސޭހައެއް ނުވިއެވެ.

"ވަޓް؟" ލިބުނު ހަބަރަކުން ޔަލްވީގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ.

ޔަލްވީ ރަޔާންދެކެ ކިތަންމެ ރުޅި އައި ނަމަވެސް އެކަހަލަ ކަމެއް ދިމާވާކަށް ހިތެއް ނޭދެއެވެ. ޔަލްވީގެ ނިޔަތަކީ ރަޔާންގެ ފުރާނައަށް ނުރައްކާވާ ވަރުގެ ގެއްލުމެއް ދިނުމެއް ނޫނެވެ. އެފަދަ ކަމެއް ހިތަށް އެރުވުމެއްވެސް ނޫނެވެ. އޭނާ ބޭނުންވީ ރަޔާންއަށް ޖެއްސުމެއް ކުރާށެވެ. ފަހަރެއްގައިވެސް އެފަދަގޮތަކަށް ރަޔާނަށް ދެރައެއް ލިބިދާނެފަދަ ގޮތަކަށް ނޫނެވެ. ޔަލްވީ އައިސްފައިވާ ރުޅިއާއި ބަނޑުހައި ހޫނުކަން ވަގުތުން ފިލައިގެން ދިޔައެވެ. ވަގުތުން އަފްސަމް އާއިއެކު ސިއްހީމަރުކަޒަށް ދިޔުމަށް އަވަސްވެގަތެވެ.

********

ރަޔާން އެކްސިޑެންޓްވީ ހަބަރު ރަޒީނާއަށް ލިބުނީ ގެއަށް އައި މަގުމަތީގައެވެ. ރަޒީނާ އަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. ދެފައިގެ ވަރު ދޫވެ ހުރިތަނަށް ތިރިވިއެވެ. އޭރު އޭނާގެ މޭގައި ގަދަޔަށް ރިއްސަމުން ދިޔައެވެ. މެޔަށް އެރި ތޫނު ތަދާއިއެކު ރަޒީނާއަށް ނޭވާލާން ދަތިވިއެވެ.

"ދަ...ރި...ފު....ޅާ..." ގައިގައި ނެތް ހިތްވަރު ލައިގެންވެސް ރަޒީނާ ގޮވަމުން ދިޔައީ ރަޔާނަށެވެ. އެންމެ ފަހުވަގުތުގައިވެސް އެ ދަރިފުޅުގެ ގާތުގައިވާން ރަޒީނާ ބޭނުންވިއެވެ.

ނޭވާ ކުރުވެ، ރަޒީނާގެ އަޑު ނިކުންނަނީ ކިރިޔާއެވެ. އަނގަ ހުޅުވާލާ ކޮންމެ ފަހަރަކު ކެއްސާލާފައި ރަޒީނާގެ އަނގައިން އަންނަނީ ލެޔެވެ.

މަގުމަތީގައި ތިބި މީހުންގެ އެހީތެރިކަމާއިއެކު ރަޒީނާ މަރުކަޒަށް ގެންދިޔުމަށް އެންބިއުލާންސަށް އެރުވުނެވެ. ރަޒީނާގެ ހަށިގަނޑުން ގިނަ އަދަދަކަށް ލޭ ބޭރުވެފައިވުމުގެ ސަބަބުން ހަށިގަނޑުގެ ހަކަތަ ވަނީ ހުސްވެފައެވެ. ނަމަވެސް ލޯހުޅުވާލެވޭ ކޮންމެ ފަހަރަކު އޭނާއަށް ގޮވެނީ ރަޔާނަށެވެ.

ރަޒީނާ ވެއްޓިގެން މަރުކަޒަށް ގެންދާ ހަބަރު ނިމާލަށް ލިބުނީ ގެއަށް ދިޔަ މަގުމަތީގައެވެ. ދަތުރު ކެންސަލް ކުރުމަށްފަހު ނިމާލާއި ނަފީސާވެސް މަރުކަޒަށް ދިޔައެވެ. އޭރު އެންބިއުލާންސުން ރަޒީނާގެ ހަށިގަނޑު ނެރެނީއެވެ. ދޮރުމަތީގައި އަމީރާވެސް ހުރީ ހިތް އަވަސްވެފައެވެ. ރަޒީނާގެ ހަށިގަނޑު އެންބިއުލާންސުން ނެރުނު ތަން ފެނުމުން އަމީރާއަށް ދުވެފައި އެދިމާއަށް ދެވުނެވެ.

"ރަޒީނާ...." ރަޒީނާ އޮތް ހާލު ފެނުމުން، އަމީރާއަށް ހީވީ މުޅި ދުނިޔެ އެނބުރިގަތް ހެންނެވެ.

ރަޒީނާގެ ހަށިގަނޑުގައި އޮޅުލައި ގަންނަމުން އަމީރާ ބާރަށް ރޯން ފެށިއެވެ. އޭރުވެސް ރަޒީނާ ދިޔައީ ރަޔާންއަށް ގޮވަމުންނެވެ. ރަޒީނާގެ އަޑު ކިތަންމެ މަޑު ނަމަވެސް އެއަޑު އިވޭ ކޮންމެ މީހެއްގެ ހިތް ފަޅައިގެން ދާވަރު ވެއެވެ. ނޭފަތުންނާއި އަނގައިން އަންނަމުންދިޔަ ލެއިން ރަޒީނާގެ ގައިދަށުގައި އަޅާފައި އޮތް ބެޓްސީޓް ފޯވަމުން ދިޔައެވެ. ރޭގައި ރަނގަޅަށް ހުރި ރަޒީނާ މިއަދު އެ އޮތީ އެކަކުވެސް އުއްމީދުކުރިފަދަ ގޮތަކަށް ނޫނެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހާލަތު ބަދަލުވެއްޖެއެވެ.

ރަޒީނާ ގެންގޮސް އަވަސް ފަރުވާދޭ ކޮޓަރިއަށް ވައްދަންދެން އަމީރާ ރޮމުން ފަހަތުން ދިޔައެވެ. އަމީރާ ހުއްޓުވީ ނަފީސާއެވެ. އެކުވެރިޔާގެ ހާލު ފެނި ނަފީސާއަށް ހަމްދަރުދީ ވެވުނެވެ. ރަޒީނާއަށް ކަމެއް ދިމާވުމުން، އަމީރާއަށް މާބޮޑު އަސަރެއް ކުރާނެއެވެ. ހުދު ނަފީސާވެސް ހުރީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

"އަމީ! ހިތްވަރުކުރޭ! މާތްﷲގެ އިރާދަފުޅުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. ކެތްތެރިވޭ! ހިނގާ ތަނެއްގަ އިށީންނަން!" އަމީރާގެ ދެކޮނޑުގައި ހިފަހައްޓާލަމުން ނަފީސާ ބުނެލިއެވެ.

"އަހަރެމެންނަށް މިލިބެނީ ކޮން ކުށެއްގެ ސަޒާއެއްތަ؟" އަމީރާގެ އަޑު ކުރެހުނެވެ.

"ކެތްތެރިވޭ! މީވެސް އިމްތިހާނެއްކަމުގަ ބަލާ" ނަފީސާ މަސައްކަތްކުރީ އަމީރާއަށް ވިސްނައިދޭށެވެ.

ޔަލްވީ ހުރީ ހުއްޓުން އަރާފައެވެ. އޭނާ ހޮސްޕިޓަލަށް ދިޔައީ ރަޔާން އެކްސިޑެންޓްވި ހަބަރު ލިބުމުންނެވެ. އެކަމަކު، ފެނުނީ، ލެޔާއި ތަތްތެޅިފައި އޮތް ރަޒީނާއެވެ. ރަޒީނާއަށް ވެފައި އޮތްގޮތުން ޔަލްވީގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ކުއްލިއަކަށް މިވީ ކިހިނެއް ހެއްޔެވެ؟ ޔަލްވީއަށް ބަދުދުއާ ކުރެވުނީ ހެއްޔެވެ؟ ރަޒީނާމެންނަށް ދެރަގޮތް ވަނީ ޔަލްވީގެ ސަބަބުން ހެއްޔެވެ؟ ޔަލްވީގެ ދެލޯ ކަރުނުން ފުރުނެވެ. ދެފައިން ވަރު ދޫވިއެވެ. ބިރުން ގޮސް މުޅި މީހާ ތުރުތުރުއަޅައެވެ.

ނަފީސާއަށް ޔަލްވީ ފެނުނީ އަމީރާ ގެންގޮސް ގޮނޑިއެއްގައި ބޭންދިތަނާއެވެ. ނަފީސާއަށް ޔަލްވީއާއި ދިމާއަށް ދެވުނު ގޮތްވެސް ނޭނގުނެވެ.

"ދަރިފުޅާ!" ނަފީސާ ގޮވައިލި އަޑުވެސް ޔަލްވީއަށް ނީވުނެވެ. "ހިނގާ އިށީންނަން"

ޔަލްވީއަށް ހިތްވަރުދޭން ނަފީސާ އެތައް ވާހަކައެއް ދެއްކިއެވެ. ނަފީސާ ދައްކަމުންދިޔަ އެއްވެސް ވާހަކައަށް ޔަލްވީއަށް ސަމާލުކަން ދެވޭގޮތެއް ނުވިއެވެ. އޭނާގެ ސިކުނޑީގައި ވަނީ ރަޒީނާ އޮތް ގޮތެވެ. ރަޔާންއަށް ގޮވަމުން ދިޔަ ގޮތެވެ. ޔަލްވީ މަޑުމަޑުން ހިނގާލާފައި ގޮސް ގޮނޑީގައި އިށީނެވެ. ބޮލަށް އެނބުރުން އަރާހެން ހީވާން ފެށުމުން ޔަލްވީއަށް އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ. އެވަގުތު ރަޒީނާ އާއި ދޭތެރޭގައި ކަންތައް ކުރެވުނު ގޮތާއި، ކިޔުނު އެއްޗެހި ހަނދާނަށް އަންނަން ފެށިއެވެ.

"އަހަންނަކީ ވަރަށް ގޯސްމީހެއް" ޔަލްވީއަށް ބުނެވުނެވެ.

ޔަލްވީގެ ދެލޮލުން ހޯސްލާފައި ފައިބަމުންދިޔަ ކަރުނަތައް ފޮހެދޭން ނަފީސާ އިނެވެ. ދަރިފުޅު ގެނެސް މެޔާލައި ބޮނޑިކޮށްލައިގެން ނަފީސާ އެތައް އިރަކު އިނެވެ. އެ ނޫނީ ޔަލްވީ ހިތުގައި ޖެހިފައި ރުއި ތަނެއް ނަފީސާ ނުދެކެއެވެ.

ރަޒީނާގެ ގައިން ލޭމަދުވެފައިވާތީ، ލޭ ހޯދަން ޖެހުނެވެ. ރަޒީނާއަށް ލޭ ދިނީ އަފްސަމެވެ. އެހެން މީހެއްގެ ގައިން ލޭ ނެގުމަށް އަފްސަމް ބޭނުން ނުވީއެވެ. އަފްސަމްގެ މަންމަ ނިޔާވުމަށްފަހު، މައެއްގެ ލޯބި އަފްސަމަށް ލިބުނީ ރަޒީނާގެ ފަރާތުންނެވެ. އެކަނިވެރި ދިރިއުޅުމުން އަރައިގަނެވުނީ، ރަޒީނާގެ އެހީތެރިކަން ލިބުމުންނެވެ. ވީއިރު، އެކަން އޭނާ މުޅި އުމުރަށްވެސް ދަންނާނެއެވެ.

ތަނަށް އެއްވެފައިވާ މީހުންގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމަ އާއި ހިތްދަތިކަމެވެ. ހުރިހާ ހާދިސާއެއް އެހާ ކައިރީގައި ހިނގުމުން އެންމެންނަށްވެސް ވަނީ ޝޮކެއް ލިބިފައެވެ. އަމީރާގެ ހާލު ވަކިން ދެރައެވެ. ރޮއި ރޮއި ދެލޯ ދުޅަވި އިރުވެސް އަމީރާއަކަށް ހުއްޓައެއް ނުލެވުނެވެ.

ވަގުތު ފާއިތުވަމުންދިޔަ ވަރަކަށް ހިތްތަކަށް ލިބިފައިވާ ނުތަނަވަސްކަން ދިޔައީ އިތުރުވަމުންނެވެ. ކެތްތެރިކަމެއް ނެތި އެންމެން ކުރަމުންދިޔަ އިންތިޒާރަށް ނިމުމެއް އައީ އެމަޖެންސީ ރޫމުގެ ދޮރު ހުޅުވާލުމަށްފަހު ނަރުސްކުއްޖަކު ނުކުތުމުންނެވެ. އެކުއްޖާއާއިއެކު ޑޮކްޓަރަކުވެސް ނުކުތެވެ. އެންމެން ކަހަލަ ގޮތަކަށް އެދިމާއަށް ދުއްވައިގަތެވެ.

"ކޮބާތޯ ލިމްޔާގެ އާއިލާ؟" ނަރުސްކުއްޖާ ތަންކޮޅެއް ބާރަށް ސުވާލުކުރިއެވެ.

"އަ..އަ..ޅު..ގަނޑު... މި..ހުރީ" އެންމެން އެއްފަރާތްކޮށްފައި އަމީރާ ގޮސް ނަރުސްކުއްޖާގެ ކައިރީގައި ހުއްޓުނެވެ.

"ވަރަށް އަވަހަށް އޭ ޕޮޒިޓިވް ލޭ ބޭނުންވެއްޖެ!" ޑޮކްޓަރު ބުނެލިއެވެ. "ލިމްޔާގެ ހާލު އެހާ ރަނގަޅެއް ނޫން. އަވަހަށް ލޭ ނުލިބިއްޖެއްޔާ، ފުރާނައަށް ނުރައްކާވުމަކީ އެކަށީގެންވާކަމެއް. ޕޭޝަންޓް މިވަގުތު އޮތް ކޮންޑިޝަންއިން އަޅުގަނޑުމެންނަށް އެހެންތާކަށް ފޮނުވޭކަށްވެސް ނެތް"

"ބައްލަވާ! ރަޔާންގެ ހާލަތަކީ ކޮބާތޯ؟" ލިމްޔާގެ ވާހަކަ ބުނެފައި، ޑޮކްޓަރު އެތެރެއަށް ވަންނަން އުޅުމުން، ނިމާލު ސުވާލުކުރިއެވެ.

ޔަލްވީގެ ދެލޯ ވިދައިލިއެވެ. ހިތުގެ ހިނގުން އަވަސްވިއެވެ. އޭނާވެސް ހުރީ ރަޔާންގެ ހަބަރެއް އެނގެން ނުހަނު ބޭނުންވެފައެވެ.

"ރަޔާން އަދި ހޭނާރާ" ޑޮކްޓަރު ޖަވާބުދިނެވެ. "ހޭ އެރުމުން ނޫނީ އަޅުގަނޑުމެންނަށް އެއްޗެއް ބުނާކަށް ނޭނގޭނެ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އެންމެންގެ ފުރާނަވެސް ސަލާމަތްކުރެވޭތޯ...."

ހަތަރު އުދަރެސް ފެނުޖެހުނު ކަހަލަ އިހުސާސެއް ނިމާލަށް ކުރެވުނެވެ. ދަރިފުޅުގެ ކައިވެންޏަށް ސައުވީސް ގަޑިއިރު ނުވަނީސް އެދަރިފުޅު ހުވަފަތް ވަނީ ހެއްޔެވެ؟ ނިމާލަށް އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ. ހިތާއި ހިތުން ދުއާކުރެވެމުން ދިޔައީ އެންމެންގެ ފުރާނަ ވެސް ސަލާމަތް ކުރެއްވުން އެދިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު