ބަތަލާ އާލިއާ ބަޓްގެ ވަރުގަދަ އެކްޝަން ސީންތައް ހިމެނޭ ފިލްމު "ޖިގްރާ"ގެ ޓްރެއިލާ އާއްމުންނަށް ދައްކާލައިފިއެވެ.
ފިލްމުގެ ރަސްމީ ޓްރެއިލާ ރިލީޒްކޮށްފައި މިވަނީ ފިލްމުގެ ޓީޒާ ބެލުންތެރިންނަށް ދައްކާލުމާއެކު ގިނަ ބައެއްގެ ތައުރީފު ފިލްމުގެ ޓީމަށް ލިބެމުން ދަނިކޮށެވެ.
ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސް އާއި އާލިއާގެ ފިލްމު ކުންފުނި އެޓާނަލް ސަންޝައިން ގުޅިގެން ގެނެސްދޭ މި ފިލްމަކީ މި އަހަރު ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރުކުރާ އެއް ފިލްމެވެ. މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ދައްތައަކު އޭނާގެ ކޮއްކޮ ބޭރު ގައުމެއްގެ ޖަލުން ސަލާމަތް ކުރުމަށް ވާ ގުރުބާނީތަކެއްގެ މައްޗަށެވެ.
ކޮއްކޮއަށް ރައްކާތެރިކަން ހޯދައިދީ އަމާން ދިރިއުޅުމެއް ހޯދައިދިނުމަށް ކުރާ މަސައްކަތްތައް ދައްކުވައިދޭ މި ފިލްމުގައި އާލިއާގެ ކޮއްކޮގެ ރޯލްއިން ފެންނާނީ ފިލްމު "ދި އާޗީސް"ގެ އެކްޓަރު ވެދާންގް ރައިނާއެވެ. މީގެއިތުރުން މަނޯޖް ޕަހްވާ، ރާހުލް ރަވިންދުރަން އަދި އަދިތިޔާ ނަންދާ ވެސް ފިލްމުގެ ކާސްޓުގައި ހިމެނެއެވެ.

ފިލްމު "ޖިގްރާ"ގައި އާލިއާގެ ކޮއްކޮގެ ރޯލް ކުޅޭ އެކްޓަރު ވެދާންގް--ފޮޓޯ/ކޮއިމޮއި
ފިލްމުގެ ޓީޒާ ބެލުމަށްފަހު އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު ވަނީ އާލިއާ ދައްކުވައިދީފައިވާ ހުށަހެޅުމަށް ތައުރީފުކޮށްފައެވެ. އޭގެތެރޭގައި ތުރިލާ ފިލްމު ހެދުމަށް މަޝްހޫރު ޕްރޮޑިއުސަރު ރާމް ގޯޕާލް ވަރުމާ ވެސް ހިމެނެއެވެ.
މި މަހުގެ 11 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ މި ފިލްމަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާނެ ފިލްމެއް ކަމަށް ބެލެވޭއިރު އާލިއާ އަންނަނީ ޔަޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްއިން އުފައްދާ އެކްޝަން ތުރިލާއެއްގައި ވެސް މަސައްކަތް ކުރަމުންނެވެ. މި ފިލްމަކީ ސްޕައި ޔުނިވާސްއިން ދެ ބަތަލާއިން ލީޑް ރޯލްއަކުން ފެންނާނެ އެ ކުންފުނީގެ ފުރަތަމަ އެކްޝަން ފިލްމެވެ.