"ލޯބިވާ މީހަކު ނޫނީ އެއްޗެއް ގެއްލިދާނެތީ ބިރުން އުޅޭކަށް ނުވާނެއެވެ. ދުނިޔޭގެ އެއްވެސް އެއްޗަކީ ތިބާގެ މިލްކެއް ނޫނެވެ. ހުރިހާ އެއްޗެއް މިލްކުވެ ވޮޑިގެންވަނީ ޚާލިގުވަންތަ ﷲއެވެ. ހުރިހާ އެއްޗެއް ދޫކޮށްފައި ކަށްވަޅަށްދާން ޖެހޭނެ ދުވަހެއް އަންނާނެ އެވެ. ވީމާ ދުނިޔެއަށް ފޮނުއްވި މަގުސަދު ހަދާން ނައްތާނުލާ އަޅުކަމުގައި ގިނަވަގުތު ހޭދަކުރަންވާނެއެވެ. ތިބާ ލޯބިވާ މީހުންނާއެކީ ނިމުމެއްނެތް އުފަލުގައި ޖަންނަތުގައި އުޅެވޭނީ ﷲ އެންގެވިގޮތަށް އުޅުނު އަޅުންނަށެވެ. "

***

"ފަރަހް އެންމެ ކުރިން އަތު ޖެހުނު ހެދުމެއް ލައިގެން އަވަހަށް އެތަނުން ނިކުމެގެން ދުވެފައި ދިޔައިރު އޭނާއަށް އެ ފެންނަނީ އަސްލު ނަބީލާ ކަމުގައިވެސް ޝައްކުވިއެވެ. ޔަގީނެވެ. މިއީ ނަބީލާގެ ސިފައިގާ ހުރި ޖިންނިއެކެވެ. ކުއްލިއަކަށް ނަބީލާ އޭނަގެ އަތުގައި ހިފެހެއްޓިއެވެ. ބާރަށެވެ.

" އަދި މިއީ ފެށުމެއް....." ފަރަހް ގެ ކަންފަތް ދަށުގައި ވައި އަޑަކުން ބުނެލިގޮތުން އޭނާގެ މުޅި ހަށިގަނޑު ގަނޑުވިއެވެ. ނަބީލާ އޭނަ ސިއްސުވާލާފައި އެ ތަނުން ނިކުމެގެން ދިޔަ އިރުވެސް ބުދެއްހެން ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކުއްލިއަކަށް ބޭރުން އިވުނު އަޑުފަށްގަޑުން އިތުރަށް ބިރުގަނެ މޭގައި އަރް އަޅައިލެވުނެވެ. މިއޮތްފަދަ އުފާވެރި ރޭ ޚަރާބުވާންވީ ކީއްވެހެއްޔެވެ؟ މުޅިންވެސް އެ ސުންޕާ އުރުޖުވާންގެ ވިހަކަމެވެ. ހިތާހިތުން އެތިވަރު ގޮވަމުން ދެފައި ތަޅަައިގަތެވެ.

ފަރަހްގެ ލޮލުގައި އަޅާފައިވާ އަނދުން ފޭދިފައިވާއިރު ތުންފަތުގައި ހާކާފައި ހުރި ލިޕްސްޓިކް ވެސް ހުރީ ފޮހެވިފައެވެ. ފަރަހް އޭނާ ހުރި ހާލަތެއް ނުބަލާ ކޮޓަރިން ބޭރަށް ނިކުމެ ތިރިއަށް ބަލައިލިއެވެ. މިއުޒިކުގެ އަޑު މަޑުވެފައި ވީ އިރު އިވެމުން ދިޔައީ މީހުންގެ ހަޅޭކުގެ އަޑެވެ. ފިސްތޯލެއް ހިފައިގެން ހުރީ ކާކުކަން ނޭނގޭ މީހެކެވެ. އެނގޭހާ ވަރަކީ އިސްކޮޅުން ދިގު ރޫފަ ހެޔޮވަރު ޒުވާނެއް ކަމެވެ. އޭނަ ހުރީ ބޮލުން ފެށިގެން ފަޔާ ހަމަޔަށް ކަޅު ސޫޓެއްގައި ނިވާވެގެންނެވެ. ތޮތްޕެއް އަޅާފައި ވުމުން މަތިން ބަލާއިރު އެމީހާގެ ލޯ ވެސް ފެންނަނީއެއް ނޫނެވެ. އޭނާގެ ދެ ފަރާތުގައި ދެ ބޮޑީގާޑުން ތިބި އިރު އެމީހުންވެސް ތިބީ ބަޑި ހިފައިގެންނެވެ.

" އާހް....އަ ބެރެޓާ އެމް 9.....އަ ކްލާސިކް..." ޖައިލަމް ހުރީ ހަމައިން ނެއްޓިފައިހުރި ހާލަތެއްގައެވެ. އޭނަ ފިސްތޯލަ ހިފައިގެން ހުރި މީހާއާއި ދިމާލަށް ހިނގާފައި ދިޔައެވެ. އެނބުރެމުން ކަހަލަ ގޮތަކަށް ހެމުން ދިޔައިރު ހީވީ މުއިޒިކަށް ނަށަމުން ދާ މީހެއް ހެންނެވެ. ކައިރީގައި ތިބި ސިކިއުރިޓީ އިން ހުއްޓުވަން މަސައްކަތް ކުރުމުން އެމީހުންނަށް ބަވާލިއެވެ.

" ޝޫޓް....އައި ލަވް އަ ގުޑް ޝޫޓިންގ....ކިލިންގް އިޒް އަ ވާވް ފީލިންގް...." ބަޑީގައި ނިތްކުރި ޖައްސާލަމުން ޖައިލްމް މޮޔައެއް ހެން ވާހަކަ ދެއްކިއެވެ. ބަޑީ ހިފައިގެން ހުރި މިހާ ހުރީ ހަރަކާތެއް ނެތި ހުއްޓިފައި ހުރި މީހެއް ހެންނެވެ. ފަރަހް އެ މަންޒަރު ބަލަން ހުރިއިރު އޭނާގެ ހިތުގެ ތެޅުން އިންތިހާއަށް ބާރެވެ. އެތާ ތިބި އެހެން މީހުންގެ ހާލަތަކީވެސް އެއީ އެވެ. ބަޑި ދިއްކޮށްގެން ހުރި ޒުވާނާ ޖައިލަމް ގެ ގިރުއާނުގައި ހިފާފައި ކަންފަތް ކައިރީގައި އެއްޗެއް ބުނެލިކަން އެނގެއެވެ. އެވަގުތު ފަރަހް އަށް ވެސް ހަޅޭއްލަވައިގަނެވުނެވެ. އެތާ ތިބި އެންމެންގެ އަޑުވެސް ގަދަވިއެވެ. އެ ޒުވާނާ ޖައިލަމްގެ ގިރުވާނުން ދޫކޮށްލުމުން އޭނާ ވެއްޓުނީ ބިންމައްޗަށެވެ. އެ ޒުވާނާ މައްޗަށް އިސް އުފުލައި ބަލާލި ހިނދު ފަރަހް އާއި ދިމާއަށް ލޯ ހުއްޓިއެވެ. އެ ނުރައްކާތެރި ނަޒަރުންވެސް އަސްލު ޝިކާރައަކީ ފަރަހްކަން އަންގައިދިނެވެ. ބަޑީގެ ވަޒަން އައީ ސީދާ އޭނައާއި ދިމާލަށެވެ.ފަރަހް ކަކުލު ހުޅުން ވާގި ދޫވާހެން ހީވެ ބެލްކަނީގެ ލަކުނޑި ރެލިންގައި ހިފާލެވުނެވެ.

" ފަހަދް...." އޭނަގެ ހިތް ހީވީ އެފުށް މިފުށަށް ޖެހުނީ ހެންނެވެ.

މާޒިމް ދުވަމުން ނިކުތީ ނަބީލާ ހޯދުމަށެވެ. އެއިރު ކެނާން އާއި މީކާއިލްވެސް އެކި ދިމަ ދިމާ ހޯދަމުން ދިޔައީ އުރުޖުވާން ގެ ޚަބަރެއް ނުވެގެންނެވެ. ނާޝިދުގެ އަތުގައި ހިފަހައްޓައިގެން ހުރި އިރު މަދީނާ އަށް ރޮވެމުން ދިޔައެވެ. އޭނަ ހުރީ އިންތިހާއަށް ބިރުގެންފައެވެ.

"މަންމަ ކޮބާ؟މިއީ ކޮން ސަކަރާތެއް.....ބިރުދައްކައިގެން މަންމަ ގެންދަންތަ ތި މަސައްކަތް ކުރަނީ..." މާޒިމް ގެ އަޑު ގަދަވިއެވެ. ނަބީލާ ނާޝިދުއާއި ދިމާ އަށް ފުންމައިގެން އައީ ވެސް އެވަގުތުއެވެ.

***

އުރުޖުވާންގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ބަޑީގެ އަޑަށް އޭނަ ސިއްސުވާލައި ކޮންމެ ފަހަރަކު ބޭރަށް ނިކުންނަން ފިޔަވަޅު އަޅާފައިވެސް ހުއްޓުން އަރަނީ މާޒިމް އަށް ވި ވައުދު ހަނދާންވެއެވެ. އަތުގައި ފޯނެއް ނެތުމުން މީކާއިލްއަށް ގުޅާނެ ގޮތެއް ނެތި ގޮތް ހުސްވެފައި ހުރެވުނީއެވެ.

"ޔާ ﷲ .....ޕްލީޒް ހެލްޕް އަސް...."އޭނަ ދެއަތް އުފުލާ ދުޢާ ކުރިއެވެ.

އެރޭގެ އުޑުމަތިވެސް ބަދަލުވާހެން ހީވެންފެށިއެވެ. ވައިރޯޅިތަށް ބާރުވެ ފިނީގެ އަސަރު ގަދަވާންފެށިއެވެ. ވަރުގަދަ ތޫފާނެއް އެ ރީތި ރޭގަނޑު ހިސާރުކުރިހެން ހީވިއެވެ. ކޮނޑުމަތީގައި އޮތް ކޯޓު ހަށިގަނޑުގައި ރަގަޅަށް އޮޅައިލާ ދެއަތުން ބައްދައިލެވުނެވެ. އޭނަގެ އަނގައިން ފިނި ދުން ބޭރުވިއެވެ. ހިތް އިތުރަށް ފިނިވެ ބިރުގަތެވެ. ފަހަތުން ކޮންމެވެސް މީހެއްގެ ފިޔަވަޅުގެ އަޑު އިވެން ފެށިއެވެ. އުރުޖުވާން ގެ ލޮލުގެ ވިދުން ގަދަވީ މާޒިމް ކަމަށް ހިތާއެވެ.

"މާޒް..." އުރުޖުވާން އެނބުރިފައި އެ ދިމާއަށް ދުއްވައިގަތެވެ. ފިޔަވޅުތައް މަޑު ޖެހިލައި ފަހަތައް ޖެހެވުނީ ނަބީލާ ފެނުމުންނެވެ. ނަބީލާގެ މޫނު މަތީގައިވީ ލުއި ހިނިތުންވުމެކެވެ.

" ބިރުގަތީތަ؟" އުރުޖުވާންގެ ދަތް ދޮޅީގައި ހިފާ އިސް އުފުލާލަމުން ނަބީލާ އަހާލިއެވެ. އުރުޖުވާން ދެކޮޅަށް ބޯ ހޫރާލީ ނޫނެކޭ ބުނަމުންނެވެ. އޭނާ ފެނުމުން ނަބީލާ ސަކަރާތް ވެދާނެތީ ބިރުގަންނަނީއެވެ. އުރުޖުވާން އަށް ނަބީލާ ގެ މޫނަށް ރަގަޅަށް ބަލައިލެވުނެވެ. މާޒިމް ގެ ލޮލުގައިވަނީ ހަމަ އެ ރީތި ކަމެވެ. އެ ހިނިތުންވުމެވެ. އުރުޖުވާންގެ މައުސޫމު މޫނު ގައިވެސް ނަބީލާ ފިރުމާލިއެވެ.

" ޑޫ ޔޫ ލަވް ހިމް؟" ނަބީލާ ކުރި ސުވާލުން އުރުޖުވާން ހައިރާންވިއެވެ. މާޒިމް ދެކެ ވާ ލޯބި އެހާ ފާޅުކަންބޮޑީ ހެއްޔެވެ؟ އޭނަ ރަކިވިއެވެ. ނަބިލާ ހޫމް އަޅުވައިލީ ޖަވާބަކަށް އެދިއެވެ. އުރުޖުވާން ފުން ނޭވާ އެއް ދޫކޮށްލަމުން ބޯ ޖަހައިލިއެވެ. މާޒިމް ކުރިމަތީގައި އެއްބަސް ނުވިޔަސް ނަބީލާގެ ކައިރީގައި އެލޯތްބަށް އިއުތިރާފްވާކަށް ޖެހިލުމެއްނުވިއެވެ. ޖަވާބު ލިބުމުން ނަބީލާ ފެންކަޅިވިއެވެ. އުރުޖުވާން ޖެހިލުންވީ ނަބީލާގެ މޫނަށް އެރި ކުލަވަރުންނެވެ.

ވައި ގަދަވެ ވިލާތައް އުޑުމަތި ބަނަ ކޮށްލިއިރު ވިދި ޖަހާލާ ގޮތުން މުޅިތަން އަލިވެގެން ދިޔައެވެ. ނަބީލާގެ ހިތަށް ވެސް ކުރުވީ އެފަދަ ތޫފާނީ އަސަރެކެވެ. އޭނަ ޓެރެހުގެ ރެއިލިނގް އާއި ދިމާއަށް ހިނގައިގަތެވެ. އުރުޖުވާންވެސް ފަހަތުން ދިޔައެވެ.

" ވާރޭ ވެހެނީ ކަންނޭނގެ...ހިނގާ މިތާ މަޑޫކޮށްލަން...މާޒް ވެސް އަންނާނެ އިރުކޮޅަކުން..." އުރުޖުވާން ނަބީލާގެ މޫނަށް ބަލައިލީ ވާރޭ ތިކި ޖަހަން ފެށުމުންނެވެ. އޭނަގެ ޖުމްލަތައް ނީވުނީކަމަށް ހީކޮށް ނަބީލާގެ އަތުގައި ހިފުނެވެ. އެވަގުތު ނަބީލާ ރުޅިވެރި ލޮލަކުން އުރުޖުވާންއަށް ބެލިއެވެ. އުރުޖުވާންގެ ހިތް ހުއްޓުނުހެން ހީވިއެވެ.

" ކީއްވެ އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލީ؟ ކަލޭ ދެކެ އޭނަ ލޯބިވާނެ ކަމަށްތަ؟" ނަބީލާ އަތް ފޮޅުވާލަމުން އަޑު ގަދަ ކުރިއެވެ. އަދި އުރުޖުވާންގެ ކަނދުރާގައި ހިފެހެއްޓިއެވެ.

" ކީއްވެ އަހަރެންނަށް އެފަދަ ބޮޑު ލަނޑެއް ދިނީ؟މަދުވީ ކޯޗެއްތަ ބުނެބަލަ؟....އައި ގޭވް ޔޫ އެވްރިތިންގް....އެވްރީތިނގް....ވައި ނާޝިދު؟ކީއްވެ އޭނަ؟" ނަބީލާގެ އަޑު އެތަނުގައި ގުގުމައިލިއެވެ. އުރުޖުވާން ސަލާމަތް ވުމަށް އެއަތް ނައްޓަން މަސައްކަތް ކުރި ނަމަވެސް ނަބީލާ ގެ ބާރު މާ ގަދައެވެ. ވާރޭވެސް ބޯކޮށްލީ އެވަގުތުއެވެ.

"މަންމާ....................." ކެނާންއަށް އެ މަންޒަރު ފެނުމުން އަޑުކޮޅަށް ގޮވާލިއެވެ. ނަބީލާ އެ ފަރާތަށް ބަލާލުމަށް ފަހު އުރުޖުވާން ގެ ބޯ ރެއިލިން އިން ބޭރަށް ކޮށްޕާލިއެވެ.

" ކައިރި ވިއްޔާ ނިމުނީ....ވައްޓާލާނަން..." ނަބިޅާ ދިނީ އިންޒާރެކެވެ. އުރުޖުވާން އަށް އެ އުސް އިމާރާތުގެ ތިރި ފެނުމުން ލޯ މަރާލެވުނެވެ. މިއީ އޭނާގެ ހަޔާތުގެ އެންމެ ފަހު ހިނދުކޮޅު ކަމުގައި ގަބޫލުކުރެވުނެވެ.

" ނާޝިދު ތި އައީ ނާވިޔާގެ ސަލާމަތަށްތަ؟" ނަބިލާގެ ވާހަކަތައް އުރުޖުވާންގެ ސިކުނޑިޔަށް ނަގައިގެނުވުނީ ދެނެވެ. ނާވިޔާ އާއި ނާޝިދުގެ ގުޅުމެއް އޮތީހެއްޔެވެ؟ އެއީ މާޒީގެ ބޮޑު ސިއްރެއްބާއެވެ. ނަބީލާގެ އަރަތެއްފަދަ ވާހަކައިގެ ހައްލަކީ އެއީބާވައެވެ. ކޮންމެ ފިޔަވަޅެއް ފަރުވާތެރިކަމާއެކު އަޅަމުން ކެނާން އެ ދިމާއަށް އައެވެ. އޭނަ ކައިރިވާ ވަރަކަށް އުރުޖުވާންގެ ކަރު ރެލިންގް އިން ބޭރަށް ކޮށްޕާލައެވެ. ފައި ބިންމައްޗަށް ނުފޯރާއިރު ހަށިގަނޑުގެ ބޮޑުބައި އެލުވިފައި އޮތީ ބޭރަށެވެ.

" ޕްލީޒް ލިސިން...." ކެނާން އާދޭސް ކުރިއެވެ. ނަބީލާ އެ ދިމާއަށް މޫނު އަނބުރާލައި އަތުގެ އިޝާރާތުން ކައިރިނުވުމަށް އެދެމުންދިޔައެވެ.

" ޑޫ ޔޫ ލަވް ހާ؟ނާޝިދު.....ނާވިޔާތަ ނޫނީ އަހަރެންތަ؟" އެ ސުވާލުން ކެނާންވެސް ސިއްސުވާލިއެވެ. ނަމަވެސް އެވަގުތު އެ ކަމާއި ވިސްނުމަށްވުރެ އުރުޖުވާން ސަލާމަތްކުރުން މުހިންމެވެ.

" ނޫން.....އޯލްވޭސް ޔޫ...އިޓް އޯލްވޭސް ބީން ޔޫ...." ކެނާން ކައިރިވެލަމުން ބުނެލީ ނަބީލާ މައިތިރިކުރުމަށެވެ. ނަބީލާގެ އަނެއް ފަރާތުން ދިޔަ މިކާއިލްއަށް ގޮސް އުރުޖުވާން ގެ އަތުގައި ހިފުނީ ހަމަ ކިރިޔާއެވެ. ދެމީހުން އެކީ ބިންމައްޗަށް ވެއްޓުނު ވަގުތު ނަބީލާ ބާރަށް ރޮއެގަތެވެ. އަތުން މޫނު ފޮރުވަމުންނެވެ.

"އައި ކިލްޑް ހާ.....ނާޝިދު. އަހަރެން އަތުން އޭނާ މަރުވެއްޖެ..." ނަބީލާ ރޮއިގަތެވެ. މީކާއިލް އަވަހަށް އުރުޖުވާން ތެދުކޮށް އޭނާގެ ކައިރިޔަށް ލައް ކޮށްލިއެވެ. އުރުޖުވާން އަށް ބަލައިލެވުނީ ކެނާން އަށެވެ. ކެނާންވެސް ހުރީ ލިބުނު ޝޮކެއްގެ ސަބަބުން ހުއްޓުން އަރާފައެވެ. ނަބީލާ ބިންމަތީ އޮށޯވެލީ ކުރުގެޅިގެންނެވެ. ވާރޭގެ ބޯ ތިކިތައް އެންމެނަށް ހަމަލާދެމުން ދިޔައީ ސުމާރެއްނެތްފަދަ ގޮތަކަށެވެ.

***

މާޒިމް ގެ އަޑު އިވުމާއެކު އެ ޒުވާނާ ރޭހެއް ޖަހައިލިފަދައިން ދުއްވައިގަތެވެ. އަދި އޭނާގެ ހިމާޔަތުގައި ތިބި ދެމީހުން އެ ޒުވާނާ އަށް މަގު ކޮށައިދިނެވެ. މާޒިމް އެމީހުން ފަހަތުން ދުވިނަމަވެސް ކާމިޔާބުވާގޮތެއް ނުވިއެވެ. އޭނަ އެކަން ހުއްޓާލާފައި މަންމަ ހޯދުމަށް މުޅި ތަން ހޯދަން ފެށިއެވެ. މަދީނާ އާއި ނާޝިދުވެސް އުޅުނީ އެ މަސައްކަތުގައެވެ. ޕާޓީއަށް އައި މެހެމާނުން ނިކުމެގެން ދިޔައީވެސް ހަމަ އެވަގުތު ކަމުން އެންމެން ހެން އޮތީ ތޮއްޖެހިފައެވެ. އެންމެންވެސް ތެޅެމުން ފޮޅެމުން ދުވަމުން އެކަކު އަނެކަކަށް ކޮށްޕަމުން ދިޔައީ އެމީހެއްގެ ރައްކާތެރިކަން ހޯދުމަށެވެ.

އެ ނުރައްކާތެރި ހަމަލާވެސް ޖައިލަމްއަށް ވީ މަޖާކަމަކަށެވެ. އޭނަ ހަޅޭއްލަވަމުން ދިޔައެވެ.

"މްމްމް....ފެމިލީ ރީޔުނިޔަން......ޔޭޔި..." މާޒިމް ގެ ކޮނޑުގައި އަތް އަޅަމުން ޖައިލަމް ޖެއްސުމުގެ ރާގެއްގައި ބުނެލިއެވެ. ފަރަހް ރުޅި ގަދަވެފައި ހުރެ އޭނަގެ ބައްޕަ އަށް ބަލައިލިއެވެ. އަލިފާނުގެ ބެލުމެކެވެ. މިރެޔަކީ އޭނާއަށް ހާއްސަ ވާންވީ ރެޔެއް ކަމުގަިއވިޔަސް ހުރިހާ ކަމެއް ވެދިޔައީ ދިމާ އިދިކޮޅަށެވެ. މުސީބާތަކަށް ފަހު މުސީބާތެކެވެ.

އޭނަގެ ހިތް ބުނަމުން ދިޔައީ އެއީ ފަހަދް ކަމަށެވެ. އޭނަގެ ޕާޓީ ގަސްތުގައި ޚަރާބުކޮށްލީއެވެ.

" މެޑަމް...." ފަރަހް ގެ ހާދިމާ އެވަގުތު މާ ނޭވާލަމުން އައީ ފަރަހް ގެ ހިދުމަތަށެވެ. ފަރަހް ސިހިފައި އެނބުރި ބަލައިލިއެވެ.

"ކޮން މެޑަމް އެއް...މިހާ އިރު ވީއިރު ކޮންތާކު...." ހާދިމާގެ މޫނު މަތީ އެތި ފަހރެއް ޖަހަމުން ފަރަހް ސުވާލުކުރިއެވެ.

" މާޒިމް ބޮސް....މަންމަ..." ގިސްލެވެމުން އޭނާ ވާހަކަ ދެއްކި ނަމަވެސް އަޑުއެހުމެއް ނެތި އޭނާ ދުރަށް ކޮށްޕާލައި ފަރަހް ދިޔައީ މާޒިމް ގާތަށް ތިރިޔަށެވެ.

" ޝީ ކޭން ޑައި...އެ ނަބީލާ އަކާ ހެދި މިރޭ ވެސް މި ޚަރާބުވީ....ދެންވެސް ބައްޕަ ގެޔަށް ގެންދެބަލަ...." ފަރަހް އަމުރުކުރިއެވެ.

މާޒިމް އެވަގުތު ސިޑިން މައްޗަށް އަރާފައި ޓެރެސް އާއި ދިމާއަށް ދިޔައީ ފަރަހް ގެ ކުރި ކަނޑާލަމުންނެވެ. ފަރަހް އޭނާ އަށް ގޮވާލުމުން އަޑު އިވުނު ކަމަކަށް ނެހެދިއެވެ. ސިޑިމަތިން ދިމާވީ މަދީނާއާއެވެ.

" ހެލޮވީން މޭކަޕެއްތަ؟....ވަރަށް ގުޅޭ...." މަދީނާގެ ރާގުގައިވީ ޖެއްސުންކުރާފަދަ ގޮތެކެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު