އެންބިއުލާންސްއަށް ރަނގަޅަށް ނޭރުވި އުޅެނިކޮށް އިޝްފާންގެ ހަރަކާތްތައް މަޑުވާން ފެށިއެވެ.
ޑޮކްޓަރުގެ އެދުމަށް އެމަރޖެންސީ ފަރުވާ ދޭ ކޮޓަރިއަށް އިޝްފާން އަލުން ވެއްދިއިރު، އޭނާގެ ހަރަކާތްތައް މަޑެވެ. ޑޮކްޓަރު ގޮވަން ފެށުމުން އެއްފަހަރު ވަރު ދެރަ ގޮތަކަށް ލޯ ހުޅުވާލާފައި އިޝްފާން ފަހަރަކު މީހެއްގެ މޫނަށް ބަލާލިއެވެ. އޭރު އެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އޭގެ އިރުކޮޅެއްފަހުން އިޝްފާންގެ ދެލޯ މެރިގެން ދިޔައީ މި ދުނިޔެ މައްޗަށް އޭނާ ދޫކޮށްލި ފަހު ނޭވާއާ އެކުގައެވެ. އެ މަންޒަރު ބަލަން ތިބި މަދީހާއާއި ސަވާއަށް ރޮވެން ފެށުނުއިރު، ޒައިނާއަށް ހުރެވުނީ ދެލޯ ބޮޑުކޮށްލި ގޮތަށް ހުއްޓުން އަރާފައެވެ. ރީހާންވެސް އައިސް މަދީހާއާ ސަވާ ހަމައަކަށް އަޅުވަން މަސައްކަތްކުރިއެވެ.
އަޖަލު ޖެހުމުން އެންމެ ސިކުންތެއްވެސް ލަހެއް ނުވާނެއެވެ. ފުރާނަ އޭގެ ވެރި ރަސްކަލާނގެ ހަޟްރަތަށް ދަތުރުކުރާނެއެވެ. އެއީ އެންމެންވެސް ގަބޫލުކުރާ ހަޤީގަތެކެވެ. ދުނިޔޭގެ މި ގޯއްޗަކީ ވަގުތީ ތަނެކެވެ. ދާއިމީ މަންޒިލް އޮތީ ފަހުންނެވެ. މަރަކީ ކޮންމެ އިންސާނަކަށްވެސް ކުރިމަތިލާން ޖެހޭނެ އެއްޗެކެވެ. އެ ހަޤީގަތާ އެކަކަސްވެސް ދެކޮޅެއް ނުހެދޭނެއެވެ. ނޭނގޭނީ މަރާ ބައްދަލުކުރަން ޖެހޭ ވަގުތެވެ. އެންމެ ރަނގަޅު ގޮތަކީ މަރަށް ތައްޔާރުވެ ތިބުމެވެ. ކޮންމެ ވަގުތަކުވެސް މަރުވެދާނެކަން ދަނެގެން ދުނިޔޭގެ ދިރިއުޅުމަށްވުރެ އާޚީރަތް އިސްކުރުމެވެ.
އިޝްފާންގެ ހަށިގަނޑު ހިނަވާގެއަށް ގެންދެވުނުއިރުވެސް މަދީހާއާ ސަވާ ރޮނީއެވެ. އެ ދެމީހުން މަސަލަސްކުރުން ރީހާންއަށް ދަތިކަމަށްވިޔަސް، އިތުރު މީހަކު ނެތީތީ އޭނާ ހިތްވަރުކުރިއެވެ. ޚާއްސަކޮށް ސަވާގެ ދެލޮލުން ކަރުނަތައް އޮހޮރޭ މަންޒަރު ބަލަން އޭނާއަކަށް ފަސޭހަކަމަކަށް ނުވިއެވެ.
އިޝްފާންގެ މަރުގެ ޚަބަރު ދިނުމަށް ފަތުޙީއަށް ގުޅަން ވެސް ރީހާން މަސައްކަތްކުރިއެވެ. އެހެންނަމަވެސް ގުޅޭ ގޮތުއް ނުވިއެވެ. ހިނަވާ ކަފުންކޮށްފައި މޫނު ދެއްކުން ކުރިއަށް ދިޔަވަގުތު، މަދީހާއާ ސަވާއާ ދެމީހުން އެކަކު އަނެކަކުގެ ކައިރީގައި ގޮނޑީގައި އިށީނދެލައިގެން ތިބިއިރު އެމީހުންގެ އެއްފަރާތުގައި ޒައިނާވެސް މަޑުކޮށްލައިގެން ހުއްޓެވެ.
މޫނު އަޅާ ވަގުތު ޖެހުމުން، މަދީހާއާ ސަވާއާ ދެމީހުން ގޮސް ފަހު ފަހަރަށް އިޝްފާންގެ މޫނު ބަލާލިއެވެ. ލޯބިވާ ދަރިފުޅާ އެކުގައި ހޭދަކުރެވުނު މަދު ދުވަސްތަކުގައި އެ ދަރިފުޅުގެ އެތަކެއް ހަނދާންތަކެއް މަދީހާގެ ސިކުނޑީގައި ފެވިފައިވެއެވެ. އެކި ދުވަސްމަތިން ކާ މޭޒު ދޮށުގައި ތިބެ ދެކެވިފައިވާ މަޖާ ވާހަކަތަކުން އޭނާގެ ހިތް އިތުރަށް ރޮއްވާލިއެވެ. ދެން ދުވަހަކުވެސް އެ ދަރިފުޅުގެ އަޑު އޭނާއަށް ނީވޭނެއެވެ. ދުވަހަކު އެ މޫނު ނުފެންނާނެއެވެ. އެހެންނަމަވެސް، މިއީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހަކަށް ވީތީ، ކިތަންމެ ވަރަކަށް ހިތްދަތި ވިނަމަވެސް، އެހިތަށް ކިތަންމެ ވަރަކަށް ތަދުވިނަމަވެސް، މަދީހާ ހިތްވަރުކުރަން މަސައްކަތްކުރިއެވެ.
އިޝްފާންއަށް ބަލާލުމާއެކު، ސަވާއަށް ވެސް އޭނާގެ ކަރުނަތައް ކޮންޓްރޯލެއް ނުކުރެވުނެވެ. އިޝްފާންއަކީ އެއް އިރެއްގައިވެސް ހިތް ގޯސް ޒުވާނެއް ނޫނެވެ. ވަކި ހިސާބަކުން ހެޔޮ މަގުން ކަސިޔާރު ވިޔެއްކަމަކު އެ ހިތުގައި އަބަދުވެސް މައުސޫމްކަން ވިއެވެ. އެހެން މީހުންނާ މެދު ވިސްނިއެވެ. އިޝްފާން މި ދުނިޔެއާ ވަކިވެދިޔައިރު ސަވާ އުފާކުރާ އެއްކަމެއް ވިއެވެ. އެއީ މި ވަގުތީ ޙަޔާތަށް އަލްވަދާޢު ކިޔުމުގެ ކުރިން އިޝްފާން ތަޢުބާ ވެފައި ވާތީއެވެ. ކުރެވުނު ކުށްތައް ރަނގަޅު ކުރަން މަސއްކަތްކޮށްފައި ވާތީއެވެ. އެ ހަޔާތަށް އަލުން ދިރުމެއް ގެންނަން މަސައްކަތް ކުރީތީއެވެ. ސަވާ މަދީހާ ގެ ގައިގައި ބައްދާލާފައި، ޒައިނާއަށް އަވަސް ނަޒަރެއް ދިނުމަށްފަހު، އޭނާގެ އަތް ދިއްކޮށްލިއެވެ.
ޒައިނާ ސަވާގެ އަތުގައި ހިފައްޓާލިއިރު، އޭނާގެ ހިތުގެ ތެޅުން ބާރެވެ. ކަރުނަތައް ކޮންޓްރޯލްކުރަމުން ޒައިނާ ގޮސް އިޝްފާންގެ މޫނަށް ބަލާލިއެވެ. އެވަގުތު ހިތަށް އެންމެ ތަދުވީ، އިޝްފާން ދެން ދުވަހަކު ވެސް ނުފެންނާނެތީއެވެ. އެ ޙަޔާތަށް އިޝްފާން އައީ ކުޑަ ވަގުތުކޮޅެއްގެ މެހެމާނަކަށް ނަމަވަސް، އެ އަސަރު މުޅި އުމުރު ދުވަހު، އޭނާގެ ހިތާ ފުރާނައިގައިވެސް ދެމި ހުންނާނެއެވެ. ފަހު ފަހަރަށް، ޒައިނާ އެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. އިޝްފާންގެ މޫނުން ނަޒަރު ވަކިކޮށްލަން ޒައިނާ ބޭނުންނުވާފަދައެވެ. ހިތުގައި އުފެދުނު ދިލަހޫނުކަމުގެ ސަބަބުން ޒައިނާއަށް އޭނާގެ މެއާ ދިމާލުގައި އަތް އަޅާލެވުނުއިރުވެސް ކަރުނައިގެ އަސަރު އޭނާގެ ދެލޮލުގައި ވެއެވެ. އިޝްފާން އަކީ އޭނާގެ ލޯތްބެވެ. އެއީ އަނިޔާގެ ސަބަބުން ޒަޚަމްވެފައިވާ، އޭނާގެ ހިތަށް ކުޑަވަގުތު ކޮޅަކަށް ނަމަވެސް ލިބުނު ޝިފާއެކެވެ.
މޫނު އެޅި ވަގުތު އަނެއްކާވެސް ސަވާއަށް ރޮވުނެވެ. އޭރު ރީހާން ސަވާގެ ކައިރީގައި ހުއްޓެވެ. ސަވާގެ ވޭންތައް ކުޑަކޮށް ނުދެވޭނަކަން އެނގޭ ޙާލު އެނާ ވެސް ހުރީ ގޮތްހުސްވެފައެވެ.
ކަށު ނަމާދަށްފަހު އިޝްފާން ވަޅުލީ އެ ރަށު ސަހަރާގައެވެ. ނިމިގެން އެމީހުން ހަތަރު މީހުންވެސް އައީ "އޯކިޑް ވިލާ" އަށެވެ. އެކަކުވެސް އެއްޗެއް ނުކައި ތިބީތީ، ރީހާން އެއްޗެއް އޯޑަރު ކޮށްގެން ގެނައި ނަމަވެސް، ހިތާމައިގެ ސަބަބުން އެކަކަށްވެސް ކެވޭ ގޮތެއް ނުވިއެވެ.
ކޮންމެ މީހަކުވެސް ހިތްވަރު ކުރަމުން ދިޔައީ ރޮއިގެން ވާނެ ފައިދާއެއް ނެތްކަން އެނގޭތީއެވެ. މިވަގުތު އިޝްފާންއަށް އެންމެ މުހިންމީ އެހެން މީހުންގެ ހެޔޮ ދުޢާކަން ވިސްނޭތީއެވެ.
*****
އިޝްފާން ނިޔާވުމަށްފަހު، ދެ މަސް ވަންދެން މަދީހާމެން އެ ރަށުގައި މަޑުކުރިއެވެ. ވަގުތާއެކު ހަމައަކަަަށް އެޅުނު ނަމަވެސް، އިޝްފާންގެ ހަނދާންތައް އެއިން އެކެއްގެ ހިތުގަވެއެވެ.
ރީހާންއަށް އިތުރަށް މަޑުކުރެވެން ނެތުމުން އޭނާ މާލެ ދާން ޖެހޭ ވާހަކަ ސަވާގެ ކައިރީގައި ބުނީ ރޭގަނޑު ކެއުމަށްފަހު ކޮޓަރިއަށް ވަދެފައެވެ.
ރީހާން އެނދުގައި އޮށޯވެލުމަށްފަހު، ސަވާގެ އަތުގައި ހިފައްޓާލިއެވެ. އެއަށްފަހު އޭނާ ހިނިތުންވެލިއެވެ. ސަވާވެސް ލޯތްބާއެކު ރީހާންއަށް ބަލާލިއެވެ. މިވީ ދެމަސް ދުވަހު ރީހާންގެ ލޯތްބާ އޯގާތެރިކަމުން، ސަވާއަށް ވަރަށް ބޮޑަށް ލުއިވިއެވެ. ރީހާންގެ އަތުގެ ބީހުންތަކުން ކުރިން އުނދަގޫވި ނަމަވެސް، އަތުގެ އޯގާތެރި ފިރުމުންތަކާއި ލޯބިން ސަވާގެ ހިތުގައިވި ބިރުވެރިކަން އެކީ ފިލުވާލައިފިއެވެ. ހުރިހާ ފިރިހެނުންނަކީ އެއްކަހަލަ ބައެއް ނޫންކަން ރީހާން ސަވާއަށް ސާބިތުކޮށްދީފިއެވެ. އެކަމުގެ ސަބަބުން ރީހާންއަށްޓަކައި ސަވާގެ ހިތުގައިވި ދަރަޖަ އެތަކެއް ގުނައެއް އުފުލިގެން ދިޔައެވެ.
"އެއްކަލަ ކަންތައް ބަލައިފިންތަ؟" ސަވާ ސުވާލުކޮށްލިއެވެ.
"މި ގޭގެ ކަންތައް ދޯ….އަހަރެން މިގޭ ވެރިމީހައާ ވާހަކަ ދެއްކީމަ އޭނަ ބުނީ މި ގެ ގަނެފައެއް ނޫނޯ ހުރީ. ދިގު މުއްދަތަކަށް ކުއްޔަށް ނަގާފައޯ. އެ އެއްބަސްވުން ބާތިލްކޮށްފަ ވިއްކާނަމޭ ބުނީ…" ރީހާން ބުނެލިއެވެ.
"މި ވީކް ތެރޭ އެކަންތައް ފައިނަލް ކުރެވޭނެތަ؟" ސަވާ ސުވާލުކޮށްލިއެވެ.
"އާނ. ހީވަނީ ވާނެހެން…. އަހަރެން ސުވާލެއް ކޮށްލަންތަ؟" ރީހާން ހުއްދައަކަށް އެދުނެވެ. އޭނާ އިތުރަށް ވާހަކަ ކުރިއަށް ގެންދިޔައީ ސަވާ ބޯ ޖަހާލުމުންނެވެ.
"މިގޭގައި އިޝްފާން އުޅުނީމަތަ ސަވާ މިގެ ބޭނުންވަނީ؟" ރީހާން ސަވާގެ އަތަށް ބާރުކޮށްލިއެވެ.
"އެހެންވެގެންނާ އެކީ…. އަސްލު އަހަރެން ބޭނުންވަނީ ޒައިނާއަށް މިގެ ދޭން." ސަވާ އޭނާގެ ހިތުގެ އެދުން ފާޅުކޮށްލިއެވެ.
"އޭނަގެ އެއްވެސް މީހެއް ނެތް. މިހާރު މިރަށުގައި ހުންނަން އުނދަގުލެއް ވެސް ނުވާނެއެއްނު. ޒައިނާ ކުރީގެ ފިރިމީހާއާ އެކީ އުޅުނު ގެވެސް ބޭންކަށް ނެގީމަ އޭނަވެސް މި ރަށުން ހިނގައްޖެ. އެހެންވީމަ ޒައިނާއަކަށް އުނދަގޫ ކުރާނެ މީހަކު ވެސް ނުހުންނާނެއެއްނު." ސަވާ ބުނެލިއެވެ.
"ދިޔުމުގެ ކުރިން ތިކަންތައް ނިންމޭތޯ ބަލާނަން އިނގޭ. ދެން އެކަމާ ނުވިސްނާ!" ރީހާން ސަވާގެ ހިތްހަމަ ޖައްސައިދިނެވެ. އޭނާ ސަވާއާ ގާތްވެލިއެވެ. އިތުރު ވާހަކައެއް ނުދައްކާށޭ ބުނާ ފަދައަކުން، ސަވާގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލި ރީހާންގެ ހަރަކާތްތަކުން ސަވާ ލަދުވެތިކަމާއެކު އިސްޖަހާލަމުން، ރީހާންއާ ނަޒަރު ވަކިކޮށްލިއެވެ.
"ކީއްވެ ދުރަށް ތި ދަނީ…" ސަވާ ދުރަށް ޖެހިލުމުން ލާނެތް ސަމާސާއެއް ރީހާން ކޮށްލިއެވެ. އެއާއެކު ސަވާގެ ލުއި ހުނުމުގެ އަޑު ކޮޓަރި ތެރެއަށް ފެތުރިގެން ދިޔައެވެ.
*****
އެ ހަފްތާ ތެރޭގައި ގޭގެ ވެރިމީހާއާ ވާހަކަ ދައްކާ ކޯޓުން ނިންމަން ޖެހޭ ކަންތައް ނިންމުމަށްފަހު، ރީހާން އެގެ ގަތެވެ. އަދި ސަވާ ބުނެގެން ޒައިނާގެ ނަން މައްޗަށް އެގެ ބަދަލުވެސް ކޮށްދިނެވެ.
ޒައިނާ ސޯފާގައި އިންދާ ސަވާ ރީހާންއާއެކު ކޮޓަރިން ނުކުމެގެން އައިސް ސޯފާގައި އިށީނދެލިއެވެ. އޭރު ރީހާންގެ އަތުގައި ފައިލެއް އޮތެވެ. ރީހާން ސަވާ އަތަށް ފައިލް ދިނުމުން ސަވާ ޒައިނާއަށް ފައިލް ދިއްކޮށްލިއެވެ. ޒައިނާ ސުވާލުގެ ނަޒަރަކުން ބަލަން ފެށުމުން ސަވާ އެދުނީ އޭގައި އޮތް އެއްޗެއް ކިޔާލުމަށެވެ.
"ކިޔާލަބަ. " ސަވާ ބުނެލިއެވެ.
ޒައިނާ ފައިލް ހުޅުވާލާފައި އޭގައި ލިޔެފައިވާ އެއްޗެއް ކިޔަން ފެށިއެވެ. އެއާއެކު އޭނާއަށް ހައިރާންކަމާއެކު، ސަވާއަށް ބަލާލެވުނެވެ. މަޑުޖެހިފައި އޭނާ އިންނަން ފެށުމުން ސަވާ އިޝާރާތްކޮށްލީ އޭގައި ލިޔެފައިވާ ހުރިހާ އެއްޗެއްވެސް ކިޔުމަށެވެ. ޒައިނާ އެ ފައިލްގައި ލިޔެފައި އޮތް އެއްޗެއް ކިޔާ ނިންމާލާފައި ޖަވާބެއް ބޭނުންވާ ފަދައަކުން ސަވާއަށް ބަލާލިއެވެ.
"މީ….… ކޯންޗެއް…" ޒައިނާއަށް ބުނެވުނެވެ.
"ތި ފައިލްގަ ސޮއި ކުރާ ހިސާބުން މި ގެއަކީ ޒައިނާގެ ގެއެއް." ސަވާ ހިނިތުންވެލިއެވެ.
"އެކަމަކު……" ޒައިނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާ އޭގައި ސޮއިކުރާނީ ކިހިނަކުން ހެއްޔެވެ؟ އެހާ އަގު ބޮޑު އެއްޗެއް ހަދިޔާއެއްގެ ގޮތުގައިވެސް، އޭނާ ބޭނުމެއް ނޫނެވެ.
"ދިން އިޒް ފޯ ޔޫ. އިޝްފާންއަށް ހެޔޮ ބަދަލުތައް އައުމުގެ ފަހަތުގައި ޒައިނާގެ އަތެއް ވާކަންވެސް އަހަންނަށް އެނގޭ… މީ ކުޑަ ކުޑަ ހަދިޔާއެއް… ޕްލީޒް މީގައި ހިފާ…" ސަވާގެ އާދޭސްތަކުން ޒައިނާ ފެންކަޅިވިއެވެ. ނުވެސް އެނގި ހުއްޓާ އޭނާގެ ޙަޔާތަށް އެ އައީ ކޮންފަދަ ރަނގަޅު ބައެއް ހެއްޔެވެ؟ ޒައިނާ އޭގައި ސޮއިކުރާކަށް ބޭނުމެއް ނޫނެވެ. އެހެންނަމަވެސް ސަވާގެ އާދޭސްތަކުގެ ކުރިމަތީގައި ހަތިޔާރު ބަހައްޓަން އޭނާއަށް މަޖުބޫރުވިއެވެ. ސަވާ ގަލަން ދިނުމުން ޒައިނާ ގަލަމުގައި ހިފަމުން އޭގައި ސޮއިކޮށްލިއެވެ.
"ބާކީ ކަންތައް ނިންމާލާފައި ރީހާން ލިޔުންތައް ޒައިނާއަށް ގެނެސް ދޭނެ… އިނގޭ…" ސަވާ ޒައިނާގެ ގައިގައި ބައްދާލިއެވެ.
"ތޭންކްސް……ތެންކިއު ސަ………" ސަވާއާ މުޚާތަބްކުރާނެ ގޮތެއް ޒައިނާއަށް ނޭނގުނެވެ. ސަވާގެ ނަން ނުކިޔުނު ސަބަބަކީވެސް އެއީއެވެ.
"ދޮންތަ… ދޮންތަ ކިޔާ…" ސަވާ ބުންޏެވެ. އެ ނަމުން އޭނާއާ މުޚާތަބުކުރި ހަމަ އެކަނި މީހަކީ އިޝްފާންއެވެ. އިޝްފާންގެ އިތުރުން ޒައިނާއަށް އެ ހައްޤު ދޭން ސަވާ ބޭނުންވީ ކީއްވެގެންކަމެއް އޭނާއަށް ނޭނގުނެވެ. އެނގޭހާ ވެސް އެއްޗަކީ ޒައިނާ އަކީ އިޝްފާންގެ ލޯތްބަށް ވީތީ އޭނާއަށް ޒައިނާ ވަރަށް ޚާއްސަ ވެއްޖެ ކަމެވެ.
އެރޭ ރީހާން ޒައިނާއަތަށް އެ ބުނާ ލިޔެ ކިޔުންތައް ގެނެސް ދިނެވެ. އޭގައި ހިފަމުން ޒައިނާ ސަވާއަށް އެތަކެއް ފަހަރަކު ޝުކުރުވެރިވެ އެ އެންމެންނަށް ހެޔޮ ދުޢާކުރިއެވެ. ޖެހިގެން އައި ދުވަހު ސަވާމެން އެރަށުން ފުރީ އެތަކެއް ހަނދާންތަކަކާ އެކުގައެވެ. މާލެ ދިޔުމަށްފަހު، މަދީހާ ބޭނުންވީ ވަކިން އުޅެން ނަމަވެސް، ރީހާން އެގޮތާ އެއްބަހެއް ނުވިއެވެ. އޭނާ އެދުނީ ސަވާ އާ އޭނާއާ އުޅުމަށް ގަތްފައިހުރި ޕެންޓް ހައުސްގައި، އެމީހުންނާއެކު މަދީހާ އުޅުމަށެވެ. މަދީހާ އެގޮތާ އެއްބަސްވީ ސަވާގެ އިތުރުން ރީހާންގެ އެތަކެއް އާދޭސްތަކަކަށްފަހުގައެވެ.
***އެއް އަހަރު ފަސް***
ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ސަވާ އިންތިޒާރުކުރަމުން ދިޔައީ ރީހާން އަންނާނެ އިރަކަށެވެ. އޭރު އެ މޫނުމަތީގައިވަނީ އުފާވެރިކަމެވެ. އެގޮތުގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓާ ރީހާން ކަރުގައި އަޅާފައި އޮތް ޓައީ ދޫކުރަމުން އައިސް ކޮޓަރިއަށް ވަނެވެ. ރީހާން ފެނުމާއެކު، ސަވާ ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް ރީހާންގެ ގައިގައި ބައްދާލިއެވެ. ރީހާންވެސް ލޯތްބާއެކު ސަވާގެ އުނަގަނޑުގައި އަތް ވަށާލިއެވެ. ސަވާ ރީހާންއަށް ބަލާލީ ލޯތްބާއެކުގައެވެ. މި ފާއިތުވެގެންދިޔަ އެއް އަހަރުވެގެން ދިޔައީ އޭނާގެ ޙަޔާތުގައި އައި އެންމެ އުފާވެރި އެއް އަހަރަށެވެ. ރީހާންގެ ލޯތްބާ އޯގާތެރި ފިރުމުންތަކުން އޭނާގެ ހުރިހާ ހިތާމައެއް ފިލާފައިވާ ފަދައެވެ.
"އައި ހޭވް އަ ސްޕްރައިޒް ފޯ ޔޫ…" ރީހާންއާ ދުރުވެލުމަށްފަހު، ސަވާ ބުނެލިއެވެ. އެއަށްފަހު، އޭނާ ގޮސް އެނދުގެ ސައިޑް ކަބަޑު ހުޅުވާލާފައި ނެގި ކަރުދާސްގަނޑު ހިފައިގެން އައިސް ރީހާންއަށް ދިއްކޮށްލިއެވެ. ރީހާން އެއަށް ބަލާލުމާއެކު، އެއީ ޑޮކްޓަރުގެ ރިޕޯޓެއްކަން އޭނާއަށް އެނގުނެވެ. ސުވާލުގެ ނަޒަރަކުން ސަވާއަށް ބަލާލާފައި އޭގައި ލިޔެފައިވި އެއްޗެއް ރީހާން ކިޔާލިއެވެ. އެއާއެކު، ލިބުނު ހައިރާންކަމުގެ ކުލަވަރުތަކާއެކު އޭނާއަށް ސަވާއަށް ބަލާލެވުނީ ޔަޤީންކޮށްދޭށޭ ބުނާފަދައަކުންނެވެ. ސަވާ ބޯ ޖަހާލުމުން ރީހާންއަށް ވީ އުފަލުން ސަވާ ގެނެސް އެ އަތުގެ ތެރޭގައި ހައްޔަރުކޮށްލެވުނެވެ.
"އައި އެމް ސޯ ހެޕީ. ތި އަށްވުރެ ބޮޑު އުފަލެއް އަހަންނަކަށް ދެނެއް ނުލިބޭނެ." ރީހާން އެ ހުރިގޮތަށް ހުރެ ބުނެލިއެވެ. "އައި ލަވް ޔޫ ސޯ މަޗް!"
"މީ ޓޫ. އައި ލަވް ޔޫ ޓޫ…" ސަވާ ބުނެލިއެވެ.
ސަވާއާ ރީހާންއާ ދެމީހުން އެ ޚަބަރު މަދީހާއަށް ދިނީ ޖެހިގެން އައި ދުވަހުއެވެ. އެ ޚަބަރާއެކު މަދީހާއަށް ވެސް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. އޭނާ ރީހާންއާ ސަވާއަށް މަރުޙަބާ ކިޔެވެ.
މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި އެންމެ ފަހަރަކު ނަމަވސް، ފަތުޙީގެ ޚަބަރެއް އެ އާއިލާއަކަށް ނުވެއެވެ. ފަތުޙީގެ މަތިން އެކަކުވެސް ހަނދާންނެތީކީ ނޫނެވެ. އެހެންނަމަވެސް، އޭނާ ނެތުމަކުން އެމީހުންނަށް އެކަމުން ފަރަޤެއް ނުވެއެވެ. ދެރައީ ފަތުޙީ ކުރި ކުށަށް އޭނާއަށް އަަދަބު ނުލިބުނީމައެވެ. އެހެންނަމަވެސް އެއީ ދުނިޔޭގެ އާދައެއް ނޫން ހެއްޔެވެ؟ އިންސާފަކީ މި ދުނިޔޭގައި އެންމެނަށް ލިބޭނެ އެއްޗެއް ނޫނެވެ. އަދަބަކީވެސް އޭގެ ހައްޤުވެރިންނަށް ލިބިދޭ އެއްޗެއް ނޫނެވެ. މިޒަމާނުގައި، މުދަލާއި ފައިސާ އެމީހެއްގެ އަތުގައި ގިނަ ނަމަ އަދުލު އިންސާފަކީވެސް ފައިސާއިން ގަނެލެވޭހާ ފަސޭހައެއްޗަކަށް ވަނީ ވެފައެވެ.
މިހާރު މަދީހާވެސް ވަނީ، އޭނާގެ ޙަޔާތުގެ އެ ބާބު އުމުރަށް ލައްޕާލާފައެވެ. އެމީހުންގެ އުފަލުގައި ބައިވެރިވާން އިޝްފާން ނެތުމަކީ އެހެންނަމަވެސް، މިއަދު އެމީހުންނަށް ލިބިވައިވާ ފަޅުކަމެކެވެ.
"ޒައިނާއަށް ގުޅާފަ ބުނަން ވާނެއެއްނު." މަދީހާ ބުނެލިއެވެ.
"އެ ރަށަށް ދާން ބޭނުންވަނީ…އައި މިސް ހާރ. އިޝްފާންމަތިންވެސް…. " ސަވާ ބުނެލިއެވެ.
"އިޝްފާންގެ މައްޗަށް އަހަރެމެންނަށް އޮތީ ހެޔޮ ދުޢާކުރުން. އިންޝާ ﷲ ސުވަރުގެއިން އަދި ބައްދަލުވާނެ." މަދީހާގެ ސަވާގެ ބޮލުގައި ފިރުމާލިއެވެ.
"ޑޮކްޓަރަށް ދައްކާފަ އިތުރު ކޮންޕްލިކޭޝަންއެއް ނެތިއްޔާ ހިނގާ ގޮސްލަން، ދޯ މަންމާ.." އެ މަންޒަރު ބަލަން ހުރެފައި، ރީހާން އޭނާގެ ޚިޔާލެއް ފާޅުކޮށްލިއެވެ.
"މިހާރު މި ގުޅަނީ ޒައިއަށް.…" ރީހާންގެ ވާހަކަައަށް ބޯ ޖަހާލި ސަވާ، އެހެން ބުނެފައި ޒައިނާއަށް ގުޅާލިއެވެ.
*****
އޮފީހުން އައިސް ގެއަށް ވަތް ޒައިނާ ހުރީ ވަރަށް ވަރުބަލިވެފައެވެ. އޭނާ ކޮފީއެއް ހަދާލައިގެން ނުކުމެ ސިޓިން ރޫމުގައި އިށީނދެލި ތަނާ ސަވާގެ ފޯނެއް އައެވެ. ކޮފީ ޖޯޑު ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ބަހައްޓަމުން ޒައިނާ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއިރު، އޭނާގެ ތުންފަތް މަތީގައިވަނީ ފުޅާ ހިނިތުންވުމެކެވެ.
"ހެލޯ… ޒައީ…" ސަވާގެ އަޑުގައިވި އުފާވެރިކަން ޒައިނާއަށް ވެސް ސިއްރެއް ނުވިއެވެ.
"ދޮންތަ ހާދަ އުފާ ވެފައޭ…" ޒައިނާ އެހެން ބުނެލި އިރު ސަވާގެ އެ އުފާވެރިކަން ފެނި އޭނާގެ ހިތަށްވެސް ފިނިކަން ލިބުނެވެ.
"ގެސް ވަޓް… އައެމް ޕްރެގްނެންޓް…" ސަވާ އޭނާގެ އުފާވެރިކަން ޒައިނާއާ ހިއްސާކޮށްލިއެވެ.
"ކޮންގްރެޓްސް ދޮންތާ. ވަރަށް ވަރަށް އުފާ ވެއްޖެ!." ޒައިނާ ބުނެލިއެވެ.
"މި އުޅެނީ ތިރަށަށް ދާން ވެގެން. ޑޮކްޓަރަށް ދައްކާފަ އިތުރު މައްސަލައެއް ނެތިއްޔާ އަހަރެމެން އެންމެންވެސް ދާނަން…" ސަވާ ބުނެލިއެވެ.
"އެކަަމަކު ޓްރެވެލް ކުރުން އޯކޭވާނެތަ؟" ޒައިނާއަށް ބުނެވުނެވެ.
"އަހާލާފަ ބުނާ އެއްޗަކުން… އެކަމަކު ވިހެއުމުގެ ކުރިން ކޮންމެހެންވެސް ޒައި ކައިރިއަށް ދާނަން. އިންޝާ ﷲ." ސަވާ ބުނެލިއެވެ.
"އަޞުރު ނަމާދަށް ގޮވަންދެން ޒައިނާ ސަވާއާއި ވާހަކަދައްކަން އިނެވެ. ބަންގި ގޮވުމުން ފޯނު ބާއްވާފައި، ޒައިނާ ކޮޓަރިއަށް ވަދެ ފެންވަރާ ތާޒާވެލައިގެން ނުކުމެ އަޞުރު ނަމާދުކޮށް ޤުރުއާން ކިޔަވާލިއެވެ. އަދި އޭނާ އިޝްފާންގެ މައްޗަށް ހެޔޮ ދުޢާ ވެސް ކުރިއެވެ. އެއަށްފަހު، ރީތިވެލައިގެން ނުކުމެ، ގެ ތަޅުލާފައި އޭނާ މިސްރާބުޖެހީ ރަށުގެ ފުއްޓަރާ ދިމާލަށެވެ. އާދައިގެ ފިޔަވަޅުތަކެއްގައި ހިނގަމުން ގޮސް ފުއްޓަރަށް އާދެވުމުން ޒައިނާ ގާތަކުގެ މައްޗަށް ފައިބައިގެން ގޮސް އިށީނީ، އޭނާ އަބަދުވެސް އައިސް އިށީންނަ ގާމަތީގައެވެ. އެއާއެކު އިޝްފާންގެ ހަނދާންތައް އޭނާއަށް ގޯނާކުރަން ފެށިއެވެ. މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި އާދަކޮށް ޒައިނާ ފުއްޓަރަށް އާދެެއެވެ. އެތަނުގައި ވެސް އޭނާއާ އިޝްފާންގެ ހަނދާންތަކެއް ވާތީއެވެ.
"އަންހެނަކަށް ބޮޑު ފިރިހެނަކު އެފަދަ ގޮތަކަށް އަނިޔާވެރި ވާތަން ބަލަން ހުންނާށޭތަ ތި ބުނަނީ؟ އެ ޙާލަތުގައި އެތަނުގައި ހުރީ އެހެން އަންހެނެއް ނަމަވެސް، އަހަންނަކަށް ބަލާކަށް ނުހުރެވޭނެ." އިޝްފާންގެ އެ ޖުމްލަތައް އަދިވެސް ހީވަނީ ޒައިނާގެ ކަންފަތުގައި ގުގުމާހެންނެވެ. އިޝްފާންގެ ސަބަބުން އޭނާއަށް އަނިޔާވެރި މީހެއްގެ ކިބައިން ސަލާމަތްވާން ހިތްވަރު ލިބުނެވެ. އެ ހަނދާންތަކުން އޭނާގެ ދެލޮލަށް ކަރުނަތައް ޖަމާވީ އެއްވެސް އިޚްތިޔާރެއް ނެތިއެވެ.
ފުއްޓަރުގެ ރާޅުތަކުން ތަނުގެ ހިމޭންކަން މިގުރަމުން ދިޔައިރު އިރު ޖެހެމުންދިޔައީ ލުއި ވައި ރޯޅި ތަކެކެވެ. އިތުރު މީހެއްގެ ހިލަމެއް ނުވާ އެތަނުގައި ޒައިނާ އެތަކެއް އިރަކު އިނެވެ. އެހެން އިނދެފައި ފޯނުގެ ގެލެރީ ހުޅުވާލަމުން އިޝްފާންއާއެކު، އޭނާ ނަގާފައިވާ ފޮޓޯއަކަށް ބަލާލިއެވެ. އެއީ ސަވާމެންގެ ކައިވެނީގެ ދުވަހު ނަގާފައިވާ ދޮޓޯއެވެ. އަދި އެ ދެމީހުންގެ ހަމަ އެކަނި ފޮޓޯއެވެ.
"އަހަރެންގެ ހިތް ޒައިއާ ދުރުގައިވާކަށް އެންމެ ހިނދުކޮޅަކުވެސް ނޭދޭ!" އޭނާގެ ގާތުގައި އިޝްފާން އެންމެފަހުން ބުނި އެ ޖުމްލަތައް އަދިވެސް ހީވަނީ އެ ކަންފަތުގައި ގުގުމާހެންނެވެ.
އިރުކޮޅަކު ފޮޓޯއަށް ބަލަން އިނުމަށްފަހު، ލޯމަރަލާމުން ފުންނޭވާއެއް ދޫކޮށްލަމުން ޒައިނާ ހަމަޖެހެން މަސައްކަތްކުރިއެވެ. އެގޮތުގައި އިރުކޮޅެއްފާއިތުވީ ފަހުން އޭނާއަށް ސިހުން ގެނުވީ ކެމެރާއެއްގެ ޕްލޭޝްގެ އަޑަށެވެ. ސިހިފައި ލޯ ހުޅުވާލުމަށްފަހު، ބަލާލުމާއެކު، ލޮލުގައި އަޅައިގަތީ އޭނާގެ އެއްފަރާތުގައި ކެމެރާއެއް ހިފައްޓާލައިގެން ހުރި ޒުވާނާއެވެ. އިސްކޮޅުން ދިގު އެ ޒުވާނާ ލާފައި ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ސޯޓެކެވެ. އިސްތަށިގަނޑު ޒަމާނީ ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައިވާއިރު، ހިތްގައިމެވެ. އަތުގައި އޮތް ކެމެރާ އޭރުވެސް ވަނީ ޒައިނާއާ ދިމާލަށް ދިއްކޮށްލެވިފައެވެ.
ޒައިނާގެ މޫނުމަތިން ނުރުހުންތެރިކަން ފާޅުވުމާއެކު، ދެބުމަ ގޮށްޖެހުނެވެ.
"ސޮރީ…" ކެމެރާ ތިރިކޮށްލަމުން އެ ޒުވާނާ މާފަށް އެދުނީ ޒައިނާގެ މޫނުމައްޗަށް ވެރިވި އަސަރުތައް ފެނުމާއެކުގައެވެ. ޒައިނާ ދެލޯ ބޮޑުކޮށްލައިގެން ހުރިއިރު، އެ ބޮޑު ދެލޮލުގައިވި ތެތްކަން އެ ޒުވާނާއަށް ސިއްރެއް ނުވިއެވެ. ރުޅި އައިސް ހުއްޓެއްކަމަކު އެ މޫނުމަތިން ހިތާމައިގެ ކުލަވަރު ތައްވެސް އޭނާއަށް ފާހަގަވިއެވެ.
"އާރ ޔޫ އޯކޭ؟ ރޮނީތަ؟ މީހަކު އަނިޔާ ކުރީތަ؟" އެއްފަހަރާ އެތަކެއް ސުވާލެއް އެ ޒުވާނާ ޒައިނާއާ ކޮށްލިއެވެ. ގަސްތަކު ނޫނެވެ. އެހެންނަމަވެސް، ޒައިނާގެ މޫނުމަތިން ފެނުނު އަސަރުތަކުން ސުވާލު ނުކޮށް އޭނާއަށް ނުހުރެވުނީއެވެ
"ޑިލީޓް ކޮށްލާ!" އެ ބުނި އެއްޗަކަށް ސަމާލުކަމެއް ނުދިން ޒައިނާ ބުނީ އެހެންނެވެ.
"އޯކޭ… ޑިލީޓް ކުރެވިދާނެ. އެކަމަކު… ބޭނުމިއްޔާ އެ ފޮޓޯވެސް ދީފާނަން. ބޭނުންތަ؟" ޒަައިނާއަށް ބަލާލާފައި ކެމެރާއަށް ނަޒަރު ހުއްޓާލަމުން އެ ޒުވާނާ ބުންޏެވެ. އޭނާ ފަހަރެއްގައިވެސް އެގަޑީގައި ފުއްޓަރަށް އައީ އެފަދަ މަންޒަރެއް ފެންނާނެކަމަކަށް ނޫނެވެ. އޭނާ އައީ އެތަނުގެ ފޮޓޯކޮޅެއް ނަގާލުމުގެ ނިޔަތުގައެވެ.ރާއްޖެތޭރެގެ ރަށަކަށް ދެވިއްޖެ ނަމަ އެތަނުގެ ފޮޓޯތައް ނެގުމަކީ އޭނާ އާދައަކަށް ކުރާކަމަކަށްވީތީ އެ ރަށުގެ ފޮޓޯތަށްވެސް ނަގާލަން ބޭނުންވީތީއެވެ. އެތަނުގައި އަންހެން ކުއްޖަކު އެފަދަ ގޮތަކަށް އިނުމުން މަންޒަރަށް ފުރިހަމަ ކަމެއް ލިބުމުން އެ މަންޒަރު ކެމެރާގެ ލެންސުގައި ރައްކާކުކޮށްލަން އޭނާ ބޭނުންވީތީ ފޮޓޯ ނެގުނީއެވެ.
"އަހަރެން ބޭނުމެއް ނޫން. ޑިލީޓް ކޮށްލާ…" ޒައިނާ ބުންޏެވެ.
"އޯލްރައިޓް… ޑިލީޓް ކޮށްލީ…" ކެމެރާއަށް ބަލާލަމުން އެ ޒުވާނާ ބުންޏެވެ. "ޔަޤީން ނުވަންޏާ އާދޭ ބަލަން."
"ނޫން. އޯކޭ!"އެހެން ބުނެފައި ޒައިނާ ތެދުވީ އެތަނުން ދިޔުމުގެ ނިޔަތުގައެވެ.
"ބައިދަވޭ އައެމް ނަބީލް… ޔޫ އާރ…" އެ ޒުވާނާ ތަޢާރަފް ވެލިއެވެ. ޒައިނާ އެއްޗެއް ބުނޭތޯ ނަބީލް އިރުކޮޅަކު މަޑުކޮށްލި ނަމަވެސް، ޒައިނާ އިތުރު އެއްޗެއް ނުބުނެއެވެ. ހަޤީގަތުގައި ނަބީލް ބޭނުންވަނީ ޒައިނާއާ ވާހަކަ ދައްކާލާށެވެ. އެމޫނުމަތިން އެ ފެނުނު އަސަރުތައް ފުރަތަމަ ނަޒަރުންވެސް އޭނާގެ ހިތާ ހަމައަށް ވާސިލްވެއްޖެއެވެ.
"އަހަރެން އަލަށް މި ރަށަށް މިއައީ… ތީ މިރަށު ކުއްޖެއް ދޯ…" ޒައިނާ އެއްޗެއް ނުބުނުމުން ނަބީލް ޖަވާބެއް ބޭނުންވާ ފަދައަކުން ބުމަ އަރުވާލިއެވެ.
"ތަނަކުން މީހަކު ފެންނައިރަށް ފޮށެން ޖެހޭތަ؟" އެންމެފަހުން ޒައިނާއަށް ބުނެވުނެވެ.
"ސޮރީ… ފޮށެނީ އެއް ނޫން. އެކަމަކު މި ފަަދަ ތަނެއްގެ އެކަނި އިނދެ ތިގޮތަށް ހިތާމަކުރާތަން ފެނުނީމަ ވީގޮތެއް ބަލާލަން ބޭނުންވީ. މި ކުރެވުނީ ކުށެއްތަ އަނެއްކާ؟" ނަބީލް ސުވާލުކޮށްލިއެވެ.
" އޯކޭ ސޮރީ… ހެލްޕެއް ވާންވެސް އެނގޭނީ ބުނީމައެއްނު. ހިތްހަމަ ނުޖެހުނިއްޔާ ސޮރީ…" ޒައިނާގެ ބަސް މަދުކަމުން ނަބީލް އިތުރަށް ޒައިނާ އެނގެން ޝައުޤުވެރިވުން ނޫންކަމެއް ނުވިއެވެ. އެއްޗެއް ނުބުނެ ޒައިނާ ހިނގައިގަތެވެ. އޭނާ ނަބީލް ކައިރިން ދަމުން އަވަސް ނަޒަރެއް ވެސް ނަބީލްއަށް ދިނެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވި ފަޅި ސިކުންތުކޮޅު ނަބީލްގެ ހިތަށް ގޮތެއް ވިއެވެ. އެ ބޮޑު ދެލޮލުން އޭނާއަށް ފެނުނު އަސަރުތައް މާނަކުރަން ނޭނގުނެއްކަމަކު، އެހިތަށް ހަމަގައިމުވެސް އެ ނަޒަރުން އަސަރު ފޯރުވައިފިއެވެ.
އެ އަންހެން ކުއްޖާ ފަސްދީ ދިޔުމުން ނަބީލް ކެމެރާއަށް ބަލާލިއެވެ. އެއަށްފަހު، އޭނާ ދެންމެ ނެގި ފޮޓޯ ގަނޑު ހުުޅުވާލިއެވެ. ޑިލީޓްކޮށްލައިފީމޭ ބުނި ނަމަވެސް، އޭނާ އެ ފޮޓޯގަނޑު ޑިލީޓްކޮށްނުލީ އެ ހިތް އެގޮތާ އެއްބަސްނުވީތީއެވެ. އޭނާ ކެމެރާ ހުޅުވާލަމުން ޒައިނާ ދިޔަ މަންޒަރުގެ ފޮޓޯއެއްވެސް ނެގިއެވެ.
ފަސް އެނބުރި ބަލާލަން ޒައިނާގެ ހިތް އެދުނު ނަމަވެސް، އޭނާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލިއެވެ. އިޝްފާން ވަކިވެ ދިޔުމަށްފަހު، އެހެން ފިރިހެނަކަމާ ދިމާލަށް ބަލާލަންވެސް އޭނާ ބޭނުން ނުވާފަދައެވެ.
ތެދުވެރި ލޯތްބެއްނަމަ އެ ލޯތްބެއް ހިތުން ފޮހެލުމަކީ ފަސޭހަކަމެއް ނޫނެވެ. އެ ޙަޔާތަށް އެހެން މީހެއް ގެންނަން ޒައިނާ ބޭނުންނުވަނީ ވެސް އެހެންވެގެންނެވެ. ރުހުމުގެ ލޮލުން އެހެން މީހަކާ ދިމާލަށް ބަލާލަންވެސް އޭނާގެ ހިތް އެއްބަސްނުވާތީއެވެ. މިއަދު އިޝްފާން އޭނާގެ ގާތުގައި ނެތެއްކަމަކު އިޝްފާންގެ ކޮންމެ ހަނދާންތައް އޭނާގެ ހިތާ ސިކުނޑީގަގައި ބިންވަޅު ނެގިފައިވެއެވެ. ފަނޑުވުން ނުވާދަދައިން ރައްކާކުރެވިފައިވެއެވެ. އެހެން މީހެއް ދެކެ، އަލުން ލޯބި ނުވެވޭވެނެކަމަށް ޒައިނާ ޤަބޫލުކުރާ ސަބަބަކީވެސް އެއީއެވެ. އެހެންނަމަވެސް އޭނާއަށް ނޭނގުނު ކަމަކީ، މިއަދުގެ އެ އިއްތިފާޤީ ބައްދަލުވުމަކީ އޭނާގެ ހަޔާތުގެ އައު ބާބެއްގެ ފެށުން ކަމުގައެވެ. އައު މަންޒިލެއްގެ ފެށުންކަމުގައެވެ. އަދި އައު އުންމީދުތަކެއްގެ ދިރުންކަމުގައެވެ.
(ނިމުނީ)
ނޯޓް: ٱلْحَمْدُ لِلَّٰهِ. ވާހަކަ ނިންމާލުމުގެ ހެޔޮ ތައުފީޤު ދެއްވިކަމަށްޓަކައި މާތް ﷲ އަށް ޙަމްދާއި ޝުކުރުކުރަން. ވާހަކަ ފެށިގެން ނިމެންދެން ވިދާޅުވި ހުރިހާ ކިޔުންތެރިންނަށް ވެސް ވަރަށް ބޮޑަށް ޝުކުރުދަންނަވަން. ވާހަކަ ކުރިއަށް ގެންދެވުނީ ކިޔުންތެރިންގެ ފަރާތުން ވާހަކައަށް ދެއްވި ތަރުހީބާއި އެއްބާރުލުމުގެ ސަބަބުންކަން އުފަލާއެކު ފާހަގަކޮށްލަން. ހަމައެއާއެކު ވާހަކަ ފެށިގެން ނިމެންދެން ކޮމެންޓްކުރި ހުރިހާ ކިޔުންތެރިންނަށް ވެސް އިޚްލާސްތެރިކަމާއެކު ޝުކުރުރައްދުކުރަން. މި ވާހަކައަކީ ވެސް ތިޔަ ކިޔުންތެރިންނަށް ކަމުދިޔަ، އިބުރަތްތެރި، ތަފާތު ރީތި ވާހަކައަކަށް ވީކަމަށް އުންމީދުކުރަން.
ޝުކުރިއްޔާ!