އެންމެ 60 ކުރޯޑު ރުޕީސް (7.2 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން އުފެއްދި މެޑްޑޮކް ފިލްމްސްގެ "އިސްތިރީ 2"އަށް މުޅީން އާ ރެކޯޑެއް ލިބިއްޖެއެވެ.
ފިލްމީތަރިން ކަމަށްވާ ޝްރައްދާ ކަޕޫރު އަދި ރާޖްކުމާރު ރާއޯ މުހިއްމު ރޯލް ކުޅެފައިވާ މި ފިލްމަށް ވަނީ މިހާތަނަށް އެއްވެސް ހިންދީ ފިލްމަކުން ހޯދާފައިނުވާ ފަދަ ކާމިޔާބީއެއް ބޮކްސް އޮފީހުގައި ލިބިފައެވެ.
މިދިޔަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ސިނަމާތަކުގައި ދެއްކި މި ފިލްމަށް މިދިޔަ އާދީއްތަ ދުވަހާ ހަމައަށް ލިބުނު ޖުމްލަ އާމްދަނީގެ އަދަދު ވަނީ 602.22 ކްރޯޑް ރުޕީސް (72.1 މިލިއަން ޑޮލަރު) އަށް އަރައިފައެވެ.
މި އަދަދާއެކު ފިލްމު ކުރިޓިކުން ބުނެފައި ވަނީ "އިސްތިރީ 2"އިން ތާރީޚުގެ ތެރެއަށް ވަދެފައިވާއިރު އާ ބެންޗްމާކެއް މި ފިލްމުން ޤާއިމުކޮށްފި ކަމަށެވެ.
މީގެ ކުރިން ހިންދީ ސިނަމާގެ އެއްވެސް ފިލްމަކަށް މި ރެކޯޑު ޤާއިމުކުރެވިފައި ނެތްއިރު މީގެކުރިން މި ރެކޯޑާ އެންމެ ގާތްކުރި ފިލްމަކީ ޝާހްރުކް ޚާންގެ ފިލްމު "ޖަވާން"އެވެ.
އިއްޔެއާ ހަމައަށް ފިލްމު "އިސްތިރީ 2"އަށް ލިބުނު އާމްދަނީގެ އަދަދު 847 ކްރޯޑު ރުޕީސްއަށް އަރާފައިވާއިރު ކުރިއަށް އޮތް ދުވަސްތަކުގައި މި އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް ކުރިޓިކުން ވަނީ ބުނެފައެވެ.
ބެލުންތެރިންގެ ތަރުހީބު އަދިވެސް ލިބެމުން އަންނަ މި ފިލްމަކީ އަމަރު ކޮޝިކް ޑައިރެކްޓްކޮށް ދިނޭޝް ވީޖަން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.
ހޮރޯ ކޮމެޑީ މި ފިލްމަކީ 2018 ވަނަ އަހަރު މެޑްޑޮކް ފިލްމްސްއިން ހަމަ މި ނަމުގައި ގެނެސްދިން ފިލްމުގެ ސީކުއަލްއެކެވެ.