ފިލްމު 'ރޭސް 4' ގައި މި ފްރެންޗައިސްގެ ތިން ވަނަ ފިލްމުގެ ވާހަކަ ނުހިމެނޭނެ

ފިލްމު "ރޭސް 4"ގެ ލީޑް އެކްޓަރު ސައިފް އަލީ ޚާން--ފޮޓޯ/ކެޗްނިއުސް

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ބޮލީވުޑްގެ ތުރިލަ ފްރެންޗައިސް ފިލްމު "ރޭސް"ގެ ހަތަރު ވަނަ ފިލްމުގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހު ފަށަން ނިންމާފައިވާ ކަމަށް ފިލްމުގެ ސްކްރީން ރައިޓަރު ޝިރާޒު އަހުމަދު ބުނެފިއެވެ.

ސައިފް އަލީ ޚާން ލީޑް ރޯލްއިން ފެންނާނެ "ރޭސް 4"ގެ ފިލްމުގެ ފެށުން ގެންނަން ނިންމާފައި ވަނީ އެ ފްރެންޗައިސްގެ ފުރަތަމަ އަދި ދެވަނަ ބަޔާ ގުޅުވައިގެން ކަމަށް ވެސް ޝިރާޒު ވަނީ ބުނެފައެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ފިލްމު "ރޭސް3"ގެ ކާސްޓުގައި ސައިފް ހިމެނިފައި ނުވުމެވެ.

ފިލްމު "ރޭސް 1" އަދި "ރޭސް 2"ގެ މުހިއްމު ތަރިންގެތެރޭ ސައިފް ހިމެނުނުއިރު އެ ފިލްމުތަކުގެ މެއިން ލީޑް އެކްޓަރަކީ ވެސް ސައިފްއެވެ.

ފިލްމު "ރޭސް 2"ގެ ޕްރޮމޯޝަން ހަފްލާއެއްގައި ފިލްމުގެ ކާސްޓުން--ފޮޓޯ/އެމިރޭޓްސް247

ފިލްމު "ރޭސް 4"ގެ ލީޑް އެކްޓަރަކީ ސައިފް ނަމަވެސް ވަރަށް މުހިއްމު ރޯލަކުން އެކްޓަރު ސިދާތު މަލްހޯތްރާ ފެންނާނެކަން ޝިރާޒު ވަނީ ކަށަވަރުކޮށްދީފައެވެ. ފިލްމުގައި ހިމެނޭ އެހެން ކާސްޓުންގެ މައުލޫމާތު ޓިޕްސް ފިލްމްސްއިން ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ޝިރާޒު ވަނީ މައުލޫމާތު ދީފައެވެ.

ސަލްމާން ޚާން ލީޑް ރޯލްއިން ފެނުނު "ރޭސް 3"އަށް ބެލުންތެރިންގެ ފަރާތުން ލިބުނު ފިނި ތަރުހީބާ އެކު ސްކްރީނުން ސަލްމާން ޚާން ނެގެޓިވް ރޯލްއިން ބަލަން ބޭނުންނުވާ ގިނަ ބަޔަކު ތިބިކަން އެނގުނު ކަމަށާއި މިފަހަރު "ރޭސް 4" ގެނެސްދޭނީ އޭގެ ތަޖުރިބާއަށް ބެލުމަށްފަހު ކަމަށް ޝިރާޒު ވަނީ ބުނެފައެވެ.

މި ފްރެންޗައިސްގެ ފުރަތަމަ ދެ ފިލްމުގެ ޑައިރެކްޓަރުންނަކީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ އައްބާސް-މުސްތާންއެވެ. ފިލްމު "ރޭސް 3"ގެ ޑައިރެކްޓަރަކީ މަޝްހޫރު ކޮރިއަގްރާފަރު ރެމޯ ޑިސޫޒާއެވެ. ނަމަވެސް "ރޭސް 4"ގެ ފިލްމުގެ ޑައިރެކްޓްކުރާނީ މީހެއް އަދި ކަށަވަރެއް ނުވެއެވެ.

comment ކޮމެންޓް