ދުރުގައި ވާން ނޭދުނަސް ހިތް... 47

"އަހަރެންވެސް ލޯބިވޭ… ޒައި ދެކެ ވަރަށް ވަރަށް ބޮޑަށް ލޯބިވޭ!"

އިޝްފާންގެ އެ ޖުމްލައާއެކު، ޒައިނާގެ ހިތް ބާރު މިނުގައި ތެޅެން ފެށިއިރު، ލައިލައި އިން ނޭވާވެސް އަރުތެރޭގައި ތާށިވިއެވެ. ސިކުނޑީގެ މަސައްކަތް ހުއްޓި މީހާ ގަނޑުވިއެވެ. އިޝްފާންގެ އެ ޖުމްލަތައް ގަބޫލުނުކުރެވުނު ފަދައަކުން ޒައިނާ އިންއިރު އިޝްފާންގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

"ޒައީ…" ޒައިނާއަށް ހަމަ ބިމަށް އާދެވުނީ އިޝްފާން ގޮވާލުމާއެކުގައެވެ.

"އަ… އާނ…" ބުނާނެ އިތުރު އެއްޗެއް ޒައިނާއަކަށް ނޭނގުނެވެ. އިޝްފާންއާ ނަޒަރު ވަކިކޮށްލަމުން އިސްޖަހާލި ޒައިނާއަށް ހިނިތުންވެވުނެވެ.

"އެކަމަކު…." އެ ހިސާބަށް ބުނެފައި އިޝްފާން މަޑުޖެހިލީ ޒައިނާ އޭނާއަށް ބަލާލަން ދެނެވެ.

"އެކަމަކު… ކިހިނެއްވީ؟" ޒައިނާ އިޝްފާންއަށް ބަލާލަމުން ސުވާލުކޮށްލިއެވެ. އިޝްފާން އޭނާއަށް ހަޤީގަތް ހާމަކުރަން އުޅެނީ ބާއޭ ޒައިނާގެ ހިތަށް އެރިއެވެ.

"އަހަންނަށް ޒައިއަށް އަހަރެންގެ ދިރިއުޅުމުން ފުރުސަތު ދެވޭކަށް ނެތް.." އިޝްފާން އޭނާގެ ހިތުގައި އަތް އަޅާފައި ބުނެލިއެވެ. ޒައިނާއާ ދުރުވާން އޭނާގެ ހިތް ނޭދުނެއްކަމަކު، މިއީ ތަޤުދީރުގެ ިނިޔާއެވެ. ދެންމެ ލޯބި ހާމަކުރެވުމަކީ އޭނާއަށް ކުރެވުނު ކުށެއްކަމުގައި ސިކުނޑި އިންޒާރުދޭން ފެށިއެވެ. ޖަޒުބާތުގައި ޖެހި ހިނދުކޮޅަކަށް ހުރިހާކަމެއް ހަނދާން ނައްތާލަން ޒަމީރު މަޖުބޫރުކުރުވުމުން އެގޮތަށް ކަންތައް ކުރެވުނީއެވެ. އެހެންނަމަވެސް، އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ޒައިނާ އިތުރަށް އޮޅުން ފިލުވަން ސުވާލު ކުރުމުންވެސް، އިޝްފާންއަށް ދުރުބަލާލެވުނީ އެ ވާހަކަ ޒައިނާ ކައިރީގައި ބުނާނެ ގޮތެއް ނުވިސްނުމުންނެވެ.

އޭނަ ވާހަކަ ދައްކަ ދައްކާވެސް އިޝްފާން އެއްޗެއް ނުބުނުމުން، ޒައިނާ އެންމެ ފަހުން ޖޯލިން ތެދުވި އެވެ. އެއަށްފަހު، ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. އެވަގުތު އަނެއްކާވެސް ސިހުނީ އިޝްފާން ވާހަކަ ދެއްކުމުންނެވެ.

"އައެމް ސޮރީ ޒައިނާ… ވަރަށް ބޮޑަށް ސޮރީ." އިޝްފާން އެހެން ބުނެލުމާއެކު، ޒައިނާ އެނބުރި ބަލާލިއިރު އިޝްފާން އިނީ އިސްޖަހައިގެންނެވެ. ހީވަނީ ޒައިނާއާ ހަތަރު ކަޅި ހަމަކުރަން ވެސް ޖެހިލުންވެފައި އިންހެންނެވެ.

ދެލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ޒައިނާ ފުހެލިއެވެ. އިޝްފާން އެގޮތަށް ކަންތައް ކުރި ސަބަބު އެނގޭތީ މިއަދު އޭނާގެ ހިތުގައި އެކަމާ މެދު އެއްވެސް ހިތްބުރަކަމެއް ނެތްނަމަވެސް، ހިތުގައި ޝަކުވާ އުފެދުނީ އިޝްފާންގެ ބަލި ޙާލަތު އޭނާއަށް ސިއްކުރީތީއެވެ. ޒައިނާއަށްވެސް ބުނަންވީ އެއްޗެއް ނޭނގި ހުރެވުނީއެވެ. އޭނާ ގޭތެރެއަށް ވަނީ އިޝްފާން ދެން އިތުރު އެއްޗެއް ނުބުނާނެކަން އެނގޭތީއެވެ. ކޮޓަރިއަށް ވަދެ އެނދުގައި އޮށޯތް ނަމަވެސް، ޒައިނާއަށް ނިދޭ ގޮތެއް ނުވިއެވެ. އިޝްފާންގެ އަޑުގައިވި އަސަރުތައް އޭނާގެ މުޅި ނަފްސަށް ލޮޅުން އަރުވާލައިފިއެވެ.

*****

އޭގެ އެއްދުވަސް ދޫކޮށްފައި ދެން އައި ދުވަހަކީ ކައިވެނީގެ ދުވަސްކަމުން، އެ ދުވަހު ހޭލިގޮތަށް އެންމެންވެސް އުޅުނީ ވަރަށް ބުރަކޮށެވެ. ކޯޓަށް ދާން ސަވާ ތައްޔާރުކުރުމުގައި އެހީތެރިވީ ޒައިނާއެވެ.

ސަވާ ލާފައިހުރީ އެއްކޮށް ދިގު، ކަނޑު ނޫކުލައިގެ ހެދުމެކެވެ. ދެފަރާތުން މިނާ އެސްތަކެއް ޖަހާލާފައިވާއިރު، ބަންދާ ދިމާލުން ވަނީ ކުދި ރޫތަކެއް ނަގާލާފައެވެ. ކަޅާ ނޫކުލައިގެ ބުރުގާއެއް އަޅާފައިހުރިއިރު، ކޮށްފައިވާ ލުއި މޭކަޕާއެކު، އޭނާގެ ރީތިކަން ވަނީ ދެގުނަ ކޮށްދީފައެވެ. ސަވާމެން ކޯޓަށް ދިޔައިރު، ރީހާންވެސް އޭނާގެ އާއިލާއާއެކު ބޭރުގައި މަޑުކޮށްލައިގެން ހުރިއެވެ. ގަޑި ޖެހުމާއެކު، ކައިވެނި ކުރެވޭ ތަނުގައި ހުރި ގޮނޑިތަކުގައި އެންމެން އިށީނެވެ.

ރީހާންގެ ދުލުން އަނބި ގަބޫލުކޮށްފީމޭ ބުނި ވަގުތު، ސަވާގެ އަތްފައި ފިނިވެ މީހާގެ އެތެރެ ހައްޓަށް ބުނެދޭން ނޭނގޭ ޖަޒުބާތުތަކެއްގެ އަސަރު ވެރިވިއެވެ. އެތައް އަހަރުތަކެއްގެ ފަހުން ރީހާންގެ ހައްޤަކަށް އޭނާ ވެގެން ދިޔައީއެވެ. އެއީ ހާދަ ދިގު އިންތިޒާރެއްގެ ނިމުމެވެ. ހިތްދަތިކަމާ، ވޭނުގެ ސިލްސިލާއަކަށްފަހު، އުފާވެރިކަމުގެ ބާބެއް އޭނާގެ ޙަޔާތުން ހުޅުވެނީއެވެ. ދިރިއުޅުމުގެ އައު މަޤްސަދެއް ލިބިއްޖެއެވެ. އައު އުންމީދުތަކެއް އުފަން ކުރުވައިފިއެވެ. ސަވާއެކޭ އެއްގޮތަށް ރީހާންއަށްވެސް ވެފައިވަނީ އެފަދަ ގޮތެކެވެ. ކުރި އިންތިޒާރުގެ ނިމުން ވަރަށް ވެސް ފޮންޏެވެ. އޭނާގެ ލޯބި އޭނާއަށް މިލްކުވީއެވެ. ސަވާއަކީ މިއަދުން ފަށައިގެން އޭނާގެ އަނބިމީހާއެވެ. ދުވަހަކު ސަވާގެ ހިތުގައި ނުޖެއްސުމަށް ރީހާން އަމިއްލަ ނަފްސަށްވެސް ވައުދުވިއެވެ. ކޯޓުން ބޭރުގައި އެންމެންވެސް ރީހާންއާ ސަވާއާ އެކު ފޮޓޯ ނެގިއެވެ. އެއަށްފަހު، ގެއާ ދިމާލަށް ދާން ހިނގައިގަތެވެ.

"ޕްލީޒް ޓޭކް ކެއަރ އޮފް ހާ އިނގޭ… " ރީހާންއާ އެކު އެކަނިވި ވަގުތު ބަލާފައި އިޝްފާން ބުނެލީ އެންމެނާއެކު، ސަކަރާތްޖަހަމުން ދިޔަ ސަވާއަށް ބަލާލަމުންނެވެ.

"އައި ޕްރޮމިސް. ދުވަހަކު ދެރައެއް ނުދޭނަން." ރީހާން ޔަޤީންކަން ދިނުމުން އިޝްފާންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ރީހާން އޭނާގެ ދޮންތައަށް ދެރަގޮތެއް ނުހަދާނެކަމުގެ ޔަޤީންކަން އޭނާއަށް އޮތެވެ. ސަވާ ދެކެ އެހާ ލޯބިނުވާނަމަ އެތަކެއް އަހަރެއް ވަންދެން ރީހާން އިންތިޒާރުނުކުރީހެވެ.

"މިހާރު އޯކޭތަ؟" ރީހާން އެހެން އަހާލ،ީ އިޝްފާންގެ މޫނުމަތީގައި އޭރުވެސް ވަރުބަލިކަމުގެ އަސަރު ވާތީއެވެ.

"ހޫމް. ބޭސް ކާން ފެށީމަ ވައިރަލް ލޯޑް ދަށްވިޔަސް، ވަރުބަލިކޮށް ހުންނަނީ…" އިޝްފާން ބުނެލިއެވެ.

ލުއިކޮށް ހިނިތުންވެލާފައި، އިޝްފާންގެ ކޮނޑުގައި ޖަހާލުމާއެކު، ރީހާން ސަވާގެ ކައިރިއަށް ގޮސް ހުއްޓުނެވެ.

ގެއަށް ގޮސް އުފާވެރި ވަގުތުކޮޅެއް އެންމެން އެކުގައި ހޭދަކުރިއެވެ. އިޝްފާންގެ ނޭވާއަށް އުނދަގޫވާން ވެށީ އެވަގުތެވެ. އެހެންނަމަވެސް އެންމެންގެ އުފާވެރިކަން ޚަރާބުކޮށްލަން ބޭނުންނުވާތީ، އޭނާ ކެތްކޮށްލައިގެން ހުރީއެވެ. ޖެހިގެން އައި ދުވަހު، ރީހާންގެ އާއިލާ މީހުން މާލެ ފުރުމުން އެމީހުން ފުރުވާލާފައި މަދީހާއާ ސަވާ އާ ދެމީހުން ގެއަށް ދިޔައިރު، ގޯތިތެރޭގައި ހުރި ޖޯލީގައި ޒައިނާ އޮށޯވެލައިގެން އޮތެވެ. ޒައިނާ އޮތް ގޮތުން އޭނާ އެއޮތީ ވަރަށް ފުން ވިސްނުމަކަށް ގެއްލިފައިކަން ސަވާއަށް އެނގުމުން މަދީހާ ކައިރީގައި ގެއަށް ވަންނަން ބުނެފައި ސަވާ މަޑުކޮށްލީ ޒައިނާގެ ގާތުގައެވެ.

"ޒައި…" ޒައިނާ ސިހުނީ ސަވާ ގޮވާލުމުންނެވެެ. ހިނިތުންވެލި ޒައިނާ އިތުރު އެއްޗެއް ނުބުނުމުން، ޖޯލީގައި އިށީންނަމުން ސަވާ ވާހަކަ ދެއްކިއެވެ.

"އިޝްފާން ދެކެ ވަރަށް ލޯބިވޭ ދޯ…" ސަވާގެ އެ ސުވާލުން ޒައިނާ ހައިރާންވީ އެހާ ފާޅުކަން ބޮޑު ގޮތެއްގައި އެފަދަ ސުވާލެއް ސަވާ ކޮށްފާނެކަމުގައި އޭނާއަށް އުންމީދުވެސް ކުރެވިފައި ނުވާތީއެވެ. ޒައިނާ، ޖަވާބެއް ނުދީ އިސްޖަހާލުމުން ސަވާ އެ ސުވާލު ތަކުރާރުކޮށްލިއެވެ. އެންމެފަހުން އާއެކޭ ބުނުމުގެ ގޮތުން ޒައިނާ ބޯ ޖަހާލިއެވެ.

"އިޝްފާން މީހަކު މަރާލި ނަމަވެސް، އެކަމުން ވެސް ފަރަޤު ނުވާ ވަރަށް ލޯބިވޭ ދޯ…" ސަވާ ދެވަނަ ސުވާލެއް ވެސް ޒައިނާއާ އަމާޒުކޮށްލިއެވެ. ދޮގު ހެދުމުގެ ބޭނުމެއް ނުފެންނާތީ އާއެކޭ ބުނުމުގެ ގޮތުން މިފަހަރުވެސް ޒައިނާ ބޯ ޖަހާލިއެވެ.

"އިނގޭތަ އިޝަފާންގެ އަތުން މަރުވީ ކާކުކަން؟" ސަވާ އަހާލިއެވެ.

"ނޫން…" ސަވާ ދައްކަން އެ އުޅޭ ވާހަކައެއް ނޭނގި ޒައިނާ ނުތަނަވަސްވިއެވެ.

"އަހަރެމެންގެ ބޮޑު ބޭބެ. ވާފިރު……… އަހަރެން ރޭޕްކޮށްލި މީހަކީ އެއީ. އެ މަންޒަރު އިޝްފާންއަށް ފެނުނު ރޭ އޭނާގެ އަތުން ވާފިރު މަރުވީ…." އެންމެ ފަހުން ސަވާ ހަޤީޤަތް ހާމަކޮށްލިއެވެ.

"ކުޑައިރުން ފަށައިގެން އަހަރެމެން ދެމީހުންނަށްވެސް ބައްޕައެއްގެ ލޯތްބެއް ނުލިބޭ. އެ ލޯބި އިޙްސާސް ކޮށްލާނެ ފުރުސަތެއް ނުލިބޭ… އެކަމުން އެންމެ ބޮޑު އަސަރެެއް ކުރީ އިޝްފާންއަށް. ބައްޕަގެ އަޅާލުން ކުޑަކަމާއި، ބޭވަފާތެރިކަން އެހާ ކުޑައިރު ފެނުނު އިޝްފާންއަށް އެކަމާ ކޯޕް ކުރާނެ ރަނގަޅު ގޮތެއްގެ ބަދަލުގައި ގޯސް މަގު ޚިޔާރުކުރެވުނީ…. މަންމައާއި ބައްޕަ ދެކެ ރުޅި އައެއް ކަމަކު، އަހަންނަކީ އޭނާއަށް ވަރަށް މުހިންމު މީހެއް އަސްލު. އެހެންވީމަ އެފަދަ އަނިޔާއެއް އަހަންނަށް ލިބޭތަން ބަލަން އޭނާއަށް ކެތްނުކުރެވުނީ. އަހަރެން ކޮންމެހެން އެކަންތައް ޖަސްޓިފައި ކުރަނީ އެއްނޫން. އެކަމަކު… ބައްޕަ ޤަބޫލެއް ނުވި ފަތުޙީއަށް އަދަބު ދޭކަށް. ބައްޕަ އުޅުނީ އޭނަ ފުރުވާލަން. އެކަންތައް އެނގުމުން އިޝްފާން….." އެހިސާބުން ސަވާ ވާހަކަ މެދު ކަނޑާިލި ނަމަވެސް، ވީގޮތް ޒައިނާއަށް ނަގައިގަނެވުނެވެ. އޭނާ ސަވާގެ އަތުގައި، ހިފައްޓާލަމުން ހިތްވަރު ދިނެވެ.

*****

ރޭގަނޑުގެ ނާސްތާކުރަން އިޝްފާން އިންއިރުވެސް، މުޅި މީހާގެ ހަށިގަނޑުގައި ވޭން އަޅަމުން ދިޔައެވެ. ނާވާއަށް އުނދަގޫވެ ހޮޑުލަވާގޮތްވެސް ވާން ފެށިއެވެ. ކިތަންމެ ކެތްކުރި ނަމަވެސް، އޭނާއަށް މާގިނައިރަކު އެގޮތުގައި އިނދެވޭ ގޮތެއް ނުވިއެވެ. ބޮލަށް އެނބުރުން އަރަން ފެށިއެވެ. ހަމައެއާއެކު މުޅި މީހާގެ ހަށިގަނޑުގައި މަޑުމަޑު ތުރުތުރު އެޅުމެއްވެސް އުފެދިއްޖެއެވެ. އިޝްފާންއަށް އަންނަމުން ދިޔަ ބަދަލުތައް މޭޒު ދޮށުގައި ތިބި އެންމެންނަށް ފާހަގަކުރެވުނެވެ.

"ހިނގާ މަރުކަޒަށް ދާން." މަދީހާ ހާސްކަމާއެކު ބުނެލިއެވެ. އިޝްފާންވެސް ދެކޮޅެއް ނުހަދައެވެ. ކެތްވާވަރަށް ވުރެ ބޮޑަށް އޭނާގެ ހަށިގަނޑުގައި ވޭން އަޅަމުން ދިޔައީތީއެވެ.

ހޮސްޕިޓަލަށް ގެންދެވުމާއެކު، އެޑްމިޓްކޮށް ފުއްޕާމާގެ އިންފެކްޝަނަކަށް ޝައްކުކުރެވޭތޯ ޓެސްޓްތައް ހެދުމަށް އަތޮޅު ހޮސްޕިޓަލަށް ފޮނުވުނެވެ. ޑޮކްޓަރު ބުނީ ދޫކޮށްލާނީ ނަތީޖާ ލިބުމަށްފަހު ކަމުގައެވެ. އަދި ނަތީޖާ ލިބެން ދެ ދުވަސް ނޫނީ ތިން ދުވަސް ނަގާނެކަމުގައި ވެސް ބުންޏެވެ. އެޑްމިޓްކޮށްފައި އައިވީއާއި ބޭސް ދޭން ފެށުމުންވެސް އިޝްފާންގެ ޙާލު ރަނގަޅެއް ނުވެއެވެ. ދެވަނައަށް ވީ ދުވަހު އޭނާގެ ޙާލު މާ ބޮޑަށް ދެރަވިއެވެ. ހުންވެސް މަޑުވާގޮތް ނުވުމުން އެންމެފަހުން އެމަރޖެންސީގައި މާލެ ފޮނުވާލަން ޑޮކްޓަރު ނިންމިއެވެ.

ހޮސްޕިޓަލު ގޮނޑިބަރީގައި އިށީނދެލައިގެން އިން ޒައިނާގެ ހިތުގެ ތެޅުން ވަނީ އަވަސްވެފައެވެ. އިޝްފާން ދެކިލާ ހިތުން އޭނާގެ ކެތްތެރިކަން ކޮޅުންލަމުން ދަނީއެވެ. އެހެންނަމަވެސް، އެތެރޭގައި މަދީހާއާއި ސަވާ ހުރުމުން ވަންނަން ނުކެރި އޭނާއަށް އިނދެވުނީއެވެ. އިރުއިރުކޮޅަކާ ވޯރޑަށް ވަންނަ ދޮރާ ދިމާލަށްވެސް އޭނާއަށް ބަލާލެވެއެވެ. އިޝްފާންއަށް ގޮތެއް ވެދާނެތީ ޒައިނާ ވަނީ ވަރަށް ބޮޑަށް ހާސްވެފައެވެ.

އިޝްފާންގެ އަތުގައި ހިފައްޓާލައިގެން ސަވާ އިންއިރު، އޭނާގެ ދެލޮލުން ވެސް ކަރުނަތައް ފައިބަމުން ދިޔައެވެ. މަދީހާއަށް ވެސް ރޮވެން ފެށުނީ ބޭއިޚްތިޔާރުގައެވެ.

އޮކްސިޖަން ގުޅާފައި އިޝްފާން އޮތްއިރު، އޭނާގެ ހަމަހޭވެރިކަންވެސް ހުރީ ކިރިޔާއެވެ. އަތުން އިޝާރާތްކޮށްލާފައި ކައިރިއަށް އައުމަށް އިޝްފާން ސަވާގެ ގާތުގައި އެދުމުން، ސަވާ ކުޑަކޮށް ގުދުވެލިއެވެ. އިޝްފާން ކޮންމެވެސް އެއްޗެއް ބުނި ނަމަވެސް، އެ ބުނި އެއްޗެއް ސާފުވާގޮތެއް އޭނާއަކަށް ނުވިއެވެ. އެހެންކަމުން އިތުރަށް ކައިރިވެލަމުން އޭނާ އިޝްފާން އެބުނާ އެއްޗަކަށް ސަމާލުވެލިއެވެ.

"ޒައި… ޒައިނާ…" އުނދަގުލުން އިޝްފާންއަށް ބުނެވުނީ އެވަރަށެވެ. ސަވާ އަވަސްވެގަތީ އިޝްފާން ބުނި ކަންތައް ކޮށްދިނުމަށެވެ. އޭނާ ނުކުމެ ޒައިނާއަށް ގޮވާލިއެވެ.

ސަވާއާއެކު، އެތެރެއަށް ވަތް ޒައިނާގެ ދެލޮލުންވެސް މިހާރު ކަރުނަތައް އޮހޮރެނީއެވެ. އިޝްފާން އެ ޙާލުގައި ވާތަން ބަލަން އޭނާ ކެތްކުރާނީ ކިހިނަކުން ހެއްޔެވެ؟ ވަރު ދެރަ ގޮތަކަށް ލޯ ހުޅުވާލައިގެން އޮތް އިޝްފާންގެ ލޮލުގައި ޒައިނާ އަޅައިގަތުމާއެކު، އޭނާ ބޮލުގެ އިޝާރާތްކޮށް އަންނާށޭ ބުނެލިއެވެ. ލަސް ފިޔަވަޅުތަކެއްގައި، ޒައިނާ ގޮސް އިޝްފާންގެ ކައިރީގައި ހުރި ގޮނޑީގައި އިށީނުމުން، އިޝްފާން އޭނާގެ އަތުގައި ހިފައްޓާލިއެވެ. އިޝްފާންގެ އެ ބީހިލުމުން ޒައިނާއަށް ކުރެވުނީ ބުނެދޭން ނޭނގޭ އަސަރެކެވެ. އޭނާ އަނެއް އަތް އިޝްފާންގެ އަތް މަތީގައި ބާއްވާލިއެވެ. މަދީހާއާ ސަވާއާ ދެމީހުން ދުރަށް ޖެހިލީ އެ ދެމީހުންނަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

"ސޮރީ…" އިިޝްފާން އެދުމުން ޒައިނާ އިޝްފާންގެ އަޑު އިވޭހާ ކައިރިވިއެވެ. "އައި ލަވް ޔޫ… އައި އެމް ސޮރީ…."

"ވާހަކަ ނުދައްކަބަ!!! އަހަންނަށް ހުރިހާކަމެއް އެނގެޔޭ. އިޝްފާން ކީއްވެގެންކަން އަހަރެން ދުރުކޮށްލީވެސް އެނގެޔޭ. އަހަރެންގެ ހިތުގައި އިޝްފާންއާ ދޭތެރޭ އެއްވެސް ހިތްބުރަކަމެއް ނެތް. އެއަށްވުރެ ބޮޑަށް އަހަރެން ލޯބިވޭ… އައި ލަވް ޔޫ ޓޫ…" ތުރުތުރު އަޅަމުންދިޔަ އަޑަކުން ޒައިނާއަށް އެހެން ބުނެވުނުއިރު އޭނާގެ އަޑުވެސް ނުކުތީ މަޑުމަޑުންނެވެ. އިޝްފާންގެ ކުރިމަތީގައި ނުރޯން ކިތަންމެ ހިތްވަރު ކުރިނަމަވެސް، އޭނާގެ ދެލޮލުގެ ތެރެއަށް ޖަމާވެފައި ހުރި ކަރުނަތައް އެސްފިޔަތަކާ ޖަދަލުކުރުމަށްފަހު، ތިރިއަށް ފައިބައިގެން ދަނީއެވެ. އެ މަންޒަރު ފެނުނު އިޝްފާން އޭނާގެ އަތް ހިއްލާލާފައި ޒައިނާގެ ކަރުނަތައް ފުހެދިން ނަމަވެސް ހިތުގެ އުދާސްތައް ކަރުނައިގެ ސިފައިގައި ބޭރުވުން ނުހުއްޓުނެވެ. އިޝްފާންގެ ޒައިނާގެ ކޯތާފަތުގައި އަތް ޖައްސާލައިގެން އިރުކޮޅަކު އޮތުމަށްފަހު، އަތް ތިރިކޮށްލީ ވަރުބަލިވެ އަތް ވާޅުވާގޮތްވުމުންނެވެ.

"ކިހިނެއް އެނގުނީ…" އިޝްފާން އެ ސުވާލު ކޮށްލުމުން މަންމަ ގާތުގައި އެވާހަކަތައް ބުނި ރޭ އިއްތިފާޤަކުން އޭނާއަށް އަޑު އިވުނީކަމުގައި ޒައިނާ ބުންޏެވެ.

"ސޮރީ… އަހަރެން ނެތަސް ބީ ހެޕީ…… ޒައި ފެނުނު ފުރަތަމަ ދުވަހުވެސް އަހަންނަށް ޒައި ޚާއްސަވި. ޒައިއާ ދުރުވީ އިތުރު ގޮތެއް ނެތީމަ.! އަހަރެންގެ ހިތް ޒައިއާ ދުރުގައިވާކަށް އެންމެ ހިނދުކޮޅަކުވެސް ނޭދޭ" އިޝްފާން ފަހު ފަހަރަށް ބުނެލީ އެހެންނެވެ. އޭނާ ދެލޯ މަރާލުމާއެކު، އެ ދެލޮލުގެ ތެރެއިންވެސް ކަރުނަތައް ފައިބައިގެން ދިޔައެވެ. އުފަލެއްގެ ހިލަމެއް ވާއިރަށް އެ އުފަލެއް ބީވެގެން ދަނީ ކީއްވެގެންހެއްޔެވެ؟ ހިތާ ދެކޮޅަށް ޒައިނާއާ ދުރުގައި އޭނާ ހުރީ ކޮންމެެހެން ކެތްވާތީއެއް ނޫނެވެ. އެހެންނަމަވެސް، ހުރިހާ ހިތާމައަކުން ޒައިނާ ސަލާމަތްކޮށްދޭން ބޭނުންވާތީއެވެ.

އިޝްފާންއަށް ބަލަހައްޓައިގެން އިން ޒައިނާގެ ޙާލަކީވެސް އެއީއެވެ. އެތަކެއް ދުވަހަކަށްފަހު، ލިބެން އުޅުނު އުފާވެރިކަން އަތުން ބީވެގެން އެ ދަނީ އޭނާގެ ލޯ ކުރިމަތީގައެވެ. ހުރިހާ ހިތާމަތަކެއް ހިތުތެރޭގައި ވަންހަނާކޮށްކޮށް އޭނާ ބަލިކަށިވެއްޖެއެވެ. ތަޤުދީރު އޭނާއާ މިކުރަނީ ކޮން ކަހަލަ ސަމާސާހެއް ހެޔެވެ؟ ހިތުގައި އުފެދިފައިވާ ހައިޖާނުތަކުގެ ސަބަބުން އޭނާގެ ދެލޮލުން ފައިބަމުން އެދަނީ ދިލަ ހޫނުކަމުގެ ކަރުނައެވެ.

"ހުރިހާކަމެއް ހަމަޖެހިއްޖެ. މިހާރު ފުރަން ތައްޔާރުވާންވީ…" ފުރުމުގެ ހުރިހާކަމެއް ހަމަޖައްސާފައި ވޯރޑަށް އައިސް ވަތް ރީހާން މަދީހާއާ ސަވާއަށް ބަލާލިއެވެ.

"އެންބިއުލާންސް ރެޑީގަ. އެކޮޅުން ސީ އެންބިއުލާންސްވެސް ތައްޔާރުގަ…" ރީހާން ބުނެލިއެވެ. އޭގެ އިރުކޮޅެއްފަހުން ނަރުހުން ތަކަކާއެކު ޑޮކްޓަރު އައިސް ވަނެވެ. އެއަށްފަހު، ރިޕޯޓްތައް ލިބިއްޖެކަމުގައި އޭނާ ބުންޏެވެ.

"އަސްލު ހަށިގަނޑުގައި ވަރަށް ބޮޑަށް އިންފެކްޝަންގެ އަސަރު ފެތުރިފަ ހުރީ… އޭގެ އިތުރުން ނިއުމޯނިޔާގެ އަސަރުވެސް ވަރަށް ބޮޑަށް ފުއްޕާމެއަށް ކޮށްފަ ހުރީ… " ޑޮކްޓަރު ބުންނެވެ. އެއަށްފަހު، ވީ އެންމެ އަވަހަކަށް ފުރަން ބުނެފައި، ނަރުހަކުވެސް އެމީހުންނާއެކު ދާނެކަމުގައި ބުންނެވެ.

ސްޓްރެޗާއަށް އިޝްފާން ލުމަށްފަހު، އެންބިއުލާންސްއަށް އަރުވަން ވެގެން ގެންދިޔަ ވަގުތު، އޭނާގެ ހަށިގަނޑު ތުރުތުރު އަޅަން ފެށިއެވެ. އެންބިއުލާންސްއަށް ރަނގަޅަށް ނޭރުވި އުޅެނިކޮށް އިޝްފާންގެ ހަރަކާތްތައް މަޑުވާން ފެށިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު