"ނަފީސާ ދޭ ޔަލްވީއަށް ގޮވަން. ބުނޭ ހަމަ މިހާރު ތެދުވާށޭ. މީ މީހުން އުޅެންވާނެ ގޮތްތަ؟ މީހަކާ އިނދެވުނީމަވެސް ހިތަށް އެރިހާ ގޮތަކަށް އުޅެން މީ އަމިއްލަ ގެއެއް ނޫނެއްނު. ފިރިމީހާގެ ކަންތައް ކޮށްދޭން ޖެހޭނީ މިހާރު ޔަލްވީއަށް. ބަރާބަރު ފަނަރަ މިނެޓް ތެރޭ ޔަލްވީ ހުންނަންޖެހޭނީ އަހަރެންގެ ކުރިމަތީގަ" ނިމާލުގެ އަޑުގައިވަނީ ހަރުކަށިކަމެވެ.

********

ނަފީސާ ކޮޅަށް ތެދުވިއެވެ. ރަޔާނަށް ބަލައިލިއެވެ. އޭރު ރަޔާނަށްވެސް ހުރެވުނީ ނަފީސާއަށް ބަލަހައްޓައިގެންނެވެ. ނަފީސާގެ ނަޒަރުން ބުނާ ކަހަލައެވެ. ކުށްވެރިއަކީ ރަޔާނެވެ. ނިމާލު އެހާ ހަރުކަށިވީ ރަޔާންގެ ސަބަބުންނެވެ. ޔަލްވީ އޮތީ ނިދާފައިކަމަށް ބުނެވުނީތީ ރަޔާންއަށް އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ.

ނަފީސާ ލޮލުން އިޝާރާތްކޮށްލުމުން، ރަޔާން ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. އޭނާ ހުރީ ދެފިކުރެއްގައެވެ. ރަޔާން ތެދަށް ޖަވާބުދިނީ އެކަން ބޮޑު ކަންތައްގަނޑަކަށް ވާނެކަމަކަށް ނޫނެވެ.

"އަޅުގަނޑު އެހެން ބުނީ..." ކޮޓަރިއާއި އަރާ ހަމަވެފައި ރަޔާން ބުންޏެވެ. ރަޔާން މަސައްކަތްކުރީ ނަފީސާގެ ހިތް ސާފުކުރާށެވެ. އެކަމަކު، ނަފީސާ އެ ފުރުސަތެއް ނުދިނެވެ.

"މީތަ ކޮޓަރިއަކީ؟" ރަޔާންގެ ޖުމުލަ ނުނިމެނީސް، ނަފީސާ ސުވާލުކުރިއެވެ. "ދެން އެންމެ ރަނގަޅު ދިޔަސް!" ރަޔާން ބޯޖަހައިލުމުން ނަފީސާ ކޮޓަރިއަށް ވަނެވެ.

ނަފީސާ ހިތްހަމަނުޖެހުނީ ނިމާލު ދެކެއެވެ. ރަޔާންގެ ކުރިމަތީގައި ނިމާލު އެފަދަ މޭރުމަކުން ވާހަކަ ދެއްކުމުންނެވެ. ޔަލްވީއާއިމެދު ކޮންމެ ގޮތަކަށް ކަންތައް ކުރަން ރަޔާނަށް ލިބޭނީ އިތުރު ހިތްވަރެކެވެ. އަމިއްލަ ދަރިފުޅު ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން އެހެން މީހެއްގެ ކުރިމަތީގައި އެދަރިފުޅު ބޭޒާރުވެގެން ދާކަށް ނަފީސާ ބޭނުމެއް ނުވެއެވެ.

ރަޔާން ނުކުތްއިރު، ނިމާލު އިނީ ބޭރު ޖޯލީގައި އިށީނދެގެންނެވެ. ރަޔާން ފެނުމުން، ކައިރީގައި އިށީނުމަށް އެދުނެވެ. ބަސްއަހާ ކުއްޖަކު ފަދައިން ރަޔާން އިށީނެވެ.

"ވީ ކަމެއް ވެ ނިމުނީ. ކައިވެނިވެސް ކުރެވުނީ. ދެން އޮތީ ރަގަޅު ދިރިއުޅުމެއް ފެށުން" ނިމާލު ވާހަކަ ފެށީ ދުރުދުރުންނެވެ. "އެކަމަކު، ރަނގަޅު ދިރިއުޅުމެއް ފަށަން ވަރަށް ބޮޑު ގުރުބާނީއެއް ވާން ޖެހޭ"

"ލައްބަ. އަޅުގަނޑު މަސައްކަތް ކުރާނަން" ނިމާލުގެ ވާހަކަ ގެންދަންއުޅޭ މިސްރާބު އެނގުނު ފަދައިން ރަޔާން ބުނެލިއެވެ.

"ޒުވާންކަމުގެ ޖޯޝުގަ ބައެއް ކަހަލަ ގޯސްތައްވެސް ހެދޭނެ. އެއީ އިންސާނީ ތަބީއަތް" ފުން ނޭވާއެއް ދޫކޮށްލަމުން ނިމާލު ރަޔާނާއި ދިމާއަށް ބަލައިލިއެވެ. "ބުނަން މިއުޅޭ އެއްޗަކީ ތީ މިހާރު ޔަލްވީގެ ފިރިމީހާއޭ. ޔަލްވީގެ ވަރަށް ގިނަ ކަންކަން މިހާރުވެސް ރަޔާނަށް އެނގިފަ ކަންނޭނގެ އޮންނާނީ؟"

ނިމާލުގެ ވާހަކަ މެދުކަނޑާލީ ރަޔާންގެ ޖަވާބެއް ލިބެންދެނެވެ. އިސްޖަހާލައިގެން އިނދެ ރަޔާން ބޯ ޖަހައިލިއެވެ.

"މިވާހަކަ ދައްކަން ތަންކޮޅެއް ލަސްވެއްޖެ. ހަގީގަތުގަ މީ ކައިވެނީގެ ކުރިން ދައްކަންޖެހޭ ވާހަކައެއް. ކައިވެނި ކުރާ މީހާއަށް އެނގެންޖެހޭނެ ކަމެއް" ދައްކަންއުޅޭ ވާހަކައިގެ ބާވަތުން ރަޔާންގެ މޫނަށް ބަލަން އިންނާނެ ހިތްވަރެއް ނިމާލަކަށް ނުލިބުނެވެ. ޖޯލީގައި އޮށޯވެފައި އުޑުމައްޗަށް ނަޒަރު ހުއްޓައިލިއެވެ. "އަމިއްލަ ދަރިވީމަ ދިފާއުކުރާކަށް އަހަރެން ނޫޅޭނަން. ޔަލްވީއަކީ ވަރަށް ގޮތްދޫނުކުރާ ކުއްޖެއް. އަޅުކަމަށް އެއްވެސް ވަރަކަށް ސަމާލުކަމެއް ނުދޭ. އަމިއްލަ ދިރިއުޅުމުގެ އެއްވެސް ކަމަކާ ޒިންމާ ނެގުމެއް، އެހެން މީހުންނަށް ކިޔަމަންތެރިކަން އަދާ ކުރުމެއް ނޯންނާނެ. ޔަލްވީ ގަބޫލުކުރާ ގޮތުގަ ހުރިހާ ކަމެއްވެސް ވާންވާނީ އޭނަ ބޭނުންވާ ގޮތަށް. މީ އަހަރެމެންގެ އިހުމާލުން ވީ ކަމެއް. އަހަރެމެންނަށް އޭނަ ގެންގުޅެވުނީ މާބޮޑަށް ލޯބިދީގެން. ކޮންމެ ކަމެއް ޔަލްވީ ބޭނުންވާގޮތަށް ކުރަން ދޫކޮށްލެވުނީމަ މިހެން މިވީ"

ނިމާލު އިނީ ލަދުގަނެފައެވެ. އެހެންމީހުންގެ ގަދަރުލިބޭފަދަ މަތީ މަގާމެއްގައި ހުރެވުނު ނަމަވެސް، ބައްޕައެއްގެ ހައިސިއްޔަތުން ނިމާލަކީ "ފެއިލް" ވެފައިވާ މީހެކެވެ. ރަޔާނަކީ ޔަލްވީގެ ފިރިމީހާއެވެ. މައިންބަފައިންނަށްވުރެ ބޮޑަށް ޔަލްވީގެ ކަންތައްތައް ބަލަހައްޓަންޖެހޭ މީހަކީ މިހާރު ރަޔާންއެވެ.

"ޔަލްވީގެ ހުރިހާ ކަމެއްގަ ގޮތް ނިންމުމުގެ ބާރު މިހާރު އޮތީ ރަޔާންގެ އަތްމަތީގަ. ކޮންމެ ގޮތެއް ހަދައިގެންވިޔަސް އެންމެ ރަނގަޅު. އަހަރެން ރަޔާނަށް ހުއްދަ މި ދެނީ. ޔަލްވީގެ ކަށީގަ ހިފާފަ ހުރި ނުބައި އާދަތައް ހުއްޓުވައިދީ!" ނިމާލު އެދުނެވެ. "އެނގޭ މީ ފަސޭހަ ކަމެއް ނޫންކަން. އެކަމަކު، އަހަންނަށް ޔަގީން، ޔަލްވީ ބަދަލުކުރެވޭނީ ރަޔާނަށް ކަން"

ނިމާލު ދެއްކި ވާހަކަތަކާއިމެދު ރަޔާން ވަރަށް ފުންކޮށް ވިސްނިއެވެ. ކޮންމެ ގޮތަކަށް ކަންތައް ހިނގައިގެން ކައިވެނި ކުރެވުނަސް ޔަލްވީ އަކީ މިހާރު ރަޔާންގެ އަނބިމީހާއެވެ. ޔަލްވީ އިސްލާހުކުރުމަކީ ރަޔާންގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ.

"އަޅުގަނޑު މަސައްކަތް ކުރާނަން" ރަޔާން ބުނެލިއެވެ.

"ބައްޕަމެން މިއުޅެނީ ފުރަން. މިހާރު ލޯންޗްވެސް އެބައޮތް މިކޮޅުގަ. ފުރުމުގެ ކުރިން ތިކުދިންނާ ބައްދަލުކޮށްލަން މިއައީ. އެއްވެސް ކަމަކަށް ދަތިވެއްޖެއްޔާ ގުޅާފަ ބުނަންވާނެ. ކޮންމެ ކަމެއްގަވެސް އެހީތެރިކަން ލިބޭނެ....." ރަޔާންގެ ކޮނޑުގައި އަތް ބާއްވާލަމުން ނިމާލު ބުނެލިއެވެ.

ރަޔާން އެއްޗެއް ބުނަން އަނގަ ހުޅުވާލި ވަގުތު ފޯނު ރިންގުވާން ފެށިއެވެ. ގުޅީ އަމީރާއެވެ. ރަޔާން ހާސްވީ އޭގެ ކުރިން އަމީރާ ދުވަހަކުވެސް އެފަދަ ވަގުތެއްގައި ގުޅާފައި ނުވާތީއެވެ.

"ރަޔާންތަ؟" ރަޔާން ފޯނު ނެގުމާއިއެކު އަމީރާ ހާސްވެފައި ސުވާލުކުރިއެވެ. "ވަރަށް އަވަހަށް ސައިކަލުގަ އައިސްދީބަލަ މިގެއަށް...."

"ކިހިނެއްވީ؟" ރަޔާނަށް ކުއްލިއަކަށް ޖޯލިން ތެދުވެވުނެވެ. "ކަމެއް ގޯސްވީތަ؟"

"އާނ... ލިމްޔާ ވަރަށް ސަކަރާތްވެގެން މިއުޅެނީ. ހޮސްޕިޓަލަށް ގެންދަންވެގެން. އެއްވެސް މީހަކާ ނުގުޅުނު. ތި އަންނަނީ ދޯ؟" އަމީރާ ހުރީ ކެތްމަދުވެފައެވެ.

"އާނ މިދަނީ" ލިމްޔާ ކުއްލިއަކަށް ބަލިވުމުން ރަޔާން ކަންބޮޑުވިއެވެ.

"އަވަސްކުރައްޗޭ! ވަރަށް ހުން ގަދަ" އަމީރާގެ ހާސްކަން ފިލައިގެން ނުދިޔައެވެ.

"ހަމަ މިހާރު މިދަނީ" ރަޔާން ފޯނު ކަނޑާލިއެވެ.

"ކިހިނެއްވީ؟ މީހަކަށް ކަމެއްވީތަ؟" ނިމާލު ސުވާލުކުރިއެވެ.

"ވަރަށް އަވަހަށް އެބަ އަންނަން" ގެއިން ނުކުންނަން ހިނގައިގަންނަމުން ރަޔާން ބުނެލިއެވެ. "ރައްޓެހި ކުއްޖަކު ވަރަށް ބޮޑަށް ބަލިވެގެން ހޮސްޕިޓަލަށް ގެންގޮސްދޭން ބުނީމަ މިދަނީ"

********

ރަޔާން ދިޔައިރު، އަމީރާ ހުރީ ލިމްޔާ ގޮވައިގެން ބޭރަށް ނުކުމެއެވެ. ލިމްޔާގެ ގައިގައި އެއްވެސް ވަރެއް ނެތެވެ. އަމީރާގެ ކޮނޑުގައި ބޯއަޅާލައިގެން އޮތްއިރު، ދެލޯވެސް ވަނީ މެރިފައެވެ. ރަޔާން ކަންބޮޑުވިއެވެ. އަމީރާގެ އެހީތެރިކަމާއިއެކު ލިމްޔާ ސައިކަލަށް އެރިއެވެ.

"ދަރިފުޅާ! ރަޔާންގެ ގައިގަ ބާރަށް ހިފަހައްޓައިގެން އިންނައްޗޭ!" ލިމްޔާގެ ބުރަކަށީގައި ފިރުމާލަމުން އަމީރާ ބުނެލިއެވެ. ލިމްޔާ މަޑުމަޑުން ބޯޖަހާލިއެވެ.

ހޫނުގަދަ ދުވަހެކެވެ. އަވީގައި ގިނައިރު ހުންނަން ޖެހުމުން ކުރިއަށްވުރެ ވަރުދެރަވާހެން ލިމްޔާއަށް ހީވިއެވެ. ލިމްޔާ މަޑުމަޑުން ރަޔާންގެ އުނަގަނޑުގައި ދެއަތުން ހިފޭއްޓިއެވެ. އެއަށްފަހު، ބުރަކަށީގައި މޫނު ޖައްސާލިއެވެ. ރަޔާން އާއި އެހާ ގާތުގައި އިންނަންވުމުން ލިމްޔާ އުފާވިއެވެ. ހެޔޮ ހާލުގައި ހުއްޓާ އެފަދަ ފުރުސަތެއް ލިބުމަށް ހިތް އެދެވުނެވެ.

"ލިމް އޯކޭތަ؟" ސައިކަލު ދުއްވާލުމުގެ ކުރިން ރަޔާން ސުވާލުކުރިއެވެ.

ރަޔާންގެ އަޑުގައިވީ އޯގާތެރިކަމެވެ. އަޅާލުމެވެ. ލިމްޔާގެ ހިތަށް ފިނިވިއެވެ. އެ ލޯބި އަބަދުގެ އަބަދަށް ލިބުނުނަމަ، ލިމްޔާއަށްވުރެ ބޮޑު ނަސީބުވެރިޔަކު ވާނޭ ހެއްޔެވެ؟ ލިމްޔާ ބޯ ޖަހާލުމާއިއެކު ރަޔާން ސައިކަލު ދުއްވާލިއެވެ.

"މަންމަ މިދަނީ ހިނގާފަ. ލިމްޔާ އަތުގަ އޮންނާނެ އައިޑީކާޑު" ސައިކަލާއި އެއްވަރަށް ހިނގައިގަންނަމުން އަމީރާ ބުނެލިއެވެ.

********

"މީގެ ފަހުން ރަޔާން ބުނާ ކޮންމެ ކަމެއް ކުރަންވާނެ! އެންމެ ލަސްވެގެން ހެނދުނު ހައެއް ޖަހަންވާއިރަށް ނިދާ ތެދުވާތި! ގޭތެރޭގެ މަސައްކަތްތަކުގަ ރަޔާންގެ މަންމައަށް އެހީތެރިވުމަކީ ޔަލްވީ ކުރަންޖެހޭނެ ކަމެއް. އަހަރެން ރަށުގަ ނެތަސް، ޔަލްވީ އުޅޭ ނޫޅޭ ގޮތް ވަރަށް ކައިރިން ބަލަމުން ދާނަން. އަހަރެން ބުނާ ގޮތް ނަހަދައިފިއްޔާ، ނަތީޖާ ވަރަށް ގޯސްވާނެ" ނިމާލު ޔަލްވީއަށް ނަސޭހަތްދިނީ ހަރުކަށިކޮށެވެ. އެއީ ނަސޭހަތަކަށްވުރެ ބޮޑަށް ބައްޕައެއްގެ ހައިސިއްޔަތުން ދަރިއަކަށް ކުރާ އަމުރެކެވެ.

ބައްޕަ އެހާ ރުޅިއައިސްފައި ހުއްޓާ އޭގެ ކުރިން ޔަލްވީ ނުދެކެއެވެ. ނިދާ ހޭލެވުނުގޮތަށް އެފަދަ ވާހަކަތަކެއް އަޑު އަހަން ޖެހުމުން، ޔަލްވީ ހުރީ އުނދަގޫވެފައެވެ.

"އިހަށް މަޑުކުރަންވީނު ޔަލްވީ އެއްޗެއް ކަންދެން. މިހާއިރުވާއިރު ނުލާހިކު ބަނޑުހައިވެފައެއްނު ހުންނާނީވެސް" ޔަލްވީ ހުރިގޮތުން ނަފީސާގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ.

"ބަނޑުހައިވާކަށް ނުޖެހުނީހެއްނު މެންދުރުވަންދެން ނިދަން ނޯތްނަމަކާ" ނިމާލު ކުރިއަށްވުރެ ހިތްހަމަނުޖެހުނެވެ.

"ރަޔާންގަނޑުގެ ކަންތައް. ޔަގީން އަހަރެން ކުރި ކަންތަކުގެ ބަދަލު ހިފާލަން ބައްޕަ ކައިރީ ކުޓުވީކަން....." ޔަލްވީގެ ލޮލުން ކަރުނަ ހިލުނެވެ. ނިމާލު އެއްޗެހި ކިޔުމުން އެކަމާ ދެރަވެގެނެއް ނޫނެވެ. ރަޔާންދެކެ އައި ރުޅިންނެވެ.

"ތިހާ ހަރުކަށި ނުވިޔަސް...." ނަފީސާ ވާހަކަ ދައްކަން ފެށުމުން، ނިމާލު އަތުގެ އިސާރާތުން ހުއްޓާލުމަށް އެންގިއެވެ.

ދަރިފުޅާއި ދިމާއަށް ނިމާލު އެގޮތަށް ވާހަކަ ދެއްކުމުން ނަފީސާ ދެރަވިއެވެ. އެއްޗެއް ނުބުނަން ހުރި ނަމަވެސް އިތުރަކަށް ކެތެއް ނުކުރެވުނެވެ. ދެންވެސް ނިމާލު ނަފީސާއަކަށް ފުރުސަތެއް ނުދިނެވެ.

"ދަރިން ދިފާއު ކުރަން މަސައްކަތް ނުކޮށްބަލަ ނަފީސާ! އެކަމުގެ ނަތީޖާ ނަފީސާ އަކަށް ނުފެނޭތަ؟ ބަލަ ބޮޑުވެގެން މީހަކާއި އިނދެފައޭ އެހުރީ. ނަފީސާ ލަދު ނުގަތަސް އަހަރެން ލަދުގަނޭ ޔަލްވީ އެގޮތަށް އުޅޭތީ. މިއަދުވެސް މިފެނުނީ ކިހާ ދެރަ މަންޒަރެއް. އަނތްބަކު ހުރެ، ފިރިމީހާގެ އެއްވެސް ކަމެއް ނުކޮށްދޭ. މީކީ ދިރިއުޅުމެއް ނޫނެއްނު..." ނިމާލު މަސައްކަތްކުރީ ނަފީސާއަށް ވިސްނައިދޭށެވެ.

"ނިމާލެއް ނޫންތަ އޭނަގެ ކައިވެނި ކުރުވީ. އަހަންނަށް އެނގޭ އޭރުވެސް ޔަލްވީއަކަށް ނޫޅެވޭނެކަން އަހަރެމެންނާ ވަކިންނެއް. އެހެންވެއޭ އަހަރެން މިކައިވެންޏާ ދެކޮޅު ހެދީވެސް. އެކަމަކު އެގޮތް ކަމުނުދިޔައީ ނިމާލަކަށް ނޫންތަ؟" ނަފީސާ ހިތްހަމަނުޖެހުނެވެ. ފުރަތަމަ ފަހަރަށް ދަރިފުޅުގެ ދިފާއުގައި ފިރިމީހާ އާއި ދެކޮޅަށް ޖަދަލުކޮށް ބަސްބުންޏެވެ.

"ނަފީސާ!" ނިމާލުގެ ބާރު އަޑު އިވުމުން ޔަލްވީވެސް ދިޔައީ ސިއްސައިގެންނެވެ.

ނަފީސާ ހުރީ ހިމޭންވެފައެވެ. ހިތުގައި ޖެހުނުވަރުން މޭގައި އަތްއަޅާލެވުނެވެ. ރުޅިގަދަވެގެން ނިމާލަށް ދެކޮޅަށް ހިނގެން ފެށުނެވެ. ފަހަކަށް އައިސް، ރުޅި ކޮންޓްރޯލްކުރުން ނިމާލަށް ވަނީ އުނދަގޫ ކަމަކަށެވެ.

********

"އުނދަގޫތަ ތިހެން އިންނަން؟" ލިމްޔާއަށް ކަމެއް ވެދާނެތީ، ރަޔާން ސައިކަލު ދުއްވީ މަޑުންނެވެ. "ދެން މާގިނައިރެއް ނުވެ ދެވިދާނެ އިނގޭ. ހިތްވަރުކޮށްލާ!"

ރަޔާންގެ އަޑު އިވިލާ ކޮންމެ ފަހަރަކު ލިމްޔާއަށް ހިނިތުންވެލެވެއެވެ. އެވަގުތުކޮޅު ނިމިދާން ބޭނުން ނުވި ނަމަވެސް ހަށިގަނޑުގައި އަޅަމުންދިޔަ ވޭނުގެ ސަބަބުން ލިމްޔާއަށް ކެތްކުރުންވީ އުނދަގޫ ކަމަކަށެވެ.

ސިއްހީމަރުކަޒު ހުރި ގޯޅިއަށް އެޅުމަށް ރަޔާން ސައިކަލު އަނބުރާލިއެވެ. ކުރިމަތިން ބާރު ސްޕީޑުގައި އައި ސައިކަލު ރަޔާންގެ ލޮލުގައި އަޅައިގަތްއިރު މާލަސްވެއްޖެއެވެ. ލިބުނު ސިހުމުގައި ރަޔާންއަށް ސައިކަލުގެ ހުންގާނުން އަތް ދޫކޮށްލެވުނެވެ. އެވަގުތުކޮޅުގައިވެސް ރަޔާން މަސައްކަތްކުރީ ލިމްޔާ ސަލާމަތްކުރާށެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު