ޝުޖާއު 9.4 މިލިއަނަށް ހުޅުމާލެއިން ބޮޑު ބިމެއް ބައްލަވައިގެންފި

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު: އޭނާ ވަނީ ބޮޑު ބިމެއް ހުޅުމާލެއިން ބައްލަވައިގެންފައި -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއު، ހުޅުމާލެއިން 9.4 މިލިއަން ރުފިޔާއަށް 2،000 އަކަފޫޓަށްވުރެ ބޮޑު ބިމެއް ބައްލަވައިގެންފިއެވެ.

ސިވިލް ކޯޓުން އިއްޔެ ވަނީ އެ ބިން ޝުޖާއުއަށް މިލްކުކޮށްދީފައެވެ.

ސިވިލް ކޯޓުގެ ހުކުމުން އެނގޭ ގޮތުގައި ޝުޖާއު ހުޅުމާލެއިން ބައްލަވައިގަތީ 2،196.37 އަކަފޫޓުގެ ބޮޑު ބިމެކެވެ. އެއީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައި އޮތް ބިމެކެވެ.

އެ ބިމުގެ އަގަކީ 8.8 މިލިއަން ރުފިޔާއެވެ. އެކަމަކު، ޖީއެސްޓީއާ އެކު އެ ބިން ގަންނަން 9.4 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ.

ޝުޖާއު ވަނީ އެ ފައިސާ ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ދައްކާ ޚަލާސްކޮށްފައެވެ.

ބާރަށު ދާއިރާގެ މެންބަރުކަމަށް ނިމުނު މަޖިލީސް އިންތިޚާބުގައި އިންތިޚާބުވިއިރު މިއީ އެ ދާއިރާގެ މެންބަރުކަން ޝުޖާއު ކުރައްވާ ދެވަނަ ފަހަރެވެ. ކުރިން 2014 ވަނަ އަހަރު ވެސް އެ ދާއިރާގެ މެންބަރުކަން ކުރެއްވީ ޝުޖާއެވެ.

އޭގެ ފަހުން 2019 ވަނަ އަހަރު އޮތް މަޖިލީސް އިންތިޚާބު ނާކާމިޔާބުވުމުން، 2021 ވަނަ އަހަރުން ފެށިގެން މި ފަހަރުގެ މަޖިލީސް އިންތިޚާބާ ޖެހެންދެން ޝުޖާއު ހުންނެވީ ހުޅުމާލޭ ދާއިރާގެ ކައުންސިލަރުކަމުގައެވެ. އޭނާއަކީ އަމިއްލަ ވިޔަފާރި ވެސް ކުރައްވާ ބޭފުޅެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޝުޖާއުގެ އިތުރުން، ޕީއެންސީގެ މެންބަރު އަނާރާ ނައީމް ވެސް ވަނީ އޭނާގެ ގެއެއް ލާޖައްސައިގެން ހުޅުމާލޭ އަތިރިމަތިން ގެއެއް ބައްލަވައިގެންފައެވެ. އަދި، ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވެސް ވަނީ 3.1 މިލިއަން ރުފިޔާއަށް ހުޅުމާލެއިން ފުލެޓެއް ބައްލަވައިގެންފައެވެ.

comment ކޮމެންޓް