ބްރަޓިސްލާވާ ބަލިކޮށް ސެލްޓިކުން ފެށުން ރަނގަޅުކޮށްފި

--

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސް ގައި ސްކޮޓިޝް ޕްރިމިއާ ލީގުގެ ސެލްޓިކް އާއި ސްލޮވަކް ސުޕާ ލީގާގެ ސްލޮވަން ބްރަޓިސްލާވާ ބައްދަލުކުރި މެޗު ސެލްޓިކް އިން ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފިއެވެ.

ސެލްޓިކްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބު ކޮށްފައިވަނީ 1-5 އިންނެވެ. މިއީ ޗެމްޕިއަންސް ލީގުގެ ސީޒަނެއްގައި ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވި ފުރަތަމަ ފަހަރެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސެލްޓިކް އިންނެވެ. މި މެޗު ސެލްޓިކް އިން ފަށާފައިވަނީ ވަރަށް ފޯރީގައެވެ. މިގޮތުން މެޗުގެ 17 ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ސެލްޓިކްއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ.

މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލިއަމް ސްކޭލްސްއެވެ. ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔައެވެ.

މި މެޗުގައި ސެލްޓިކްއިން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 47 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީ އެޓީމުގެ ލީޑު ފުޅާކޮށްދިނީ ކިޔޯގޯ ފުރުހާޝީއެވެ. އަދި މެޗުގެ 56 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ސެލްޓިކްގެ ތިންވަނަ ލަނޑު ޖަހައިިދިނީ އާން އެންޖެލްސްއެވެ.

ބްރަޓިސްލާވާއިން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 60 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ކެވިން ވިމާއެވެ. ސެލްޓިކް އިން މިމެޗުގައި ކާމިޔާބު ކުރި ހަތަރު ވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ޑައިޒެން މައިޑާ ކާމިޔާބު ކޮށްދިން އިރު ފަހު ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެޑަމް އިޑާއެވެ.

މި ކާމިޔާބީއާއެކު ސެލްޓިކްއިން ފެށުން ރަނގަޅުކުރިއިރު ދެވަނަ މެޗުގައި އެޓީމު ރަށުން ބޭރުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ޖަރުމަނު ބުންޑެސްލީގާގެ ބޮރޫޝިއާ ޑޯޓްމުންޑްއާއެވެ. އަދި ބްރަޓިިސްލާވާ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އަމިއްލަ ދަނޑުގައި އިންގްލިޝް ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީއާއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު