"ހަގީގީ ބާރުވެރިކަމާއި ،މުދާވެރިކަމާއި، ހަމަޖެހުމަކީ ދުނިޔޭގައި މުއުމިނުންނަށް އޮތް ކަމެއް ނޫނެވެ. އެހުރިހާ ކަމެއް އޭނައަށް ލިބޭނީ އާޚިރަތް ދުވަހުގައެވެ. <އަބުދުﷲ ބިން މުބާރަކް ރަހިމަހުﷲ>
***
"ހަލޯ....ކާކު؟" މާޒިމް ގެ އަޑުއިވުނެވެ. އުރުޖުވާން އެ ފޯނު ކަންފަތުގައި ޖަހައިގެން ހުރި އިރު އޭނާގެ އަނގަ މަތީ އަތް އެޅުނީ ރުއިމުގެ އަޑު ނީއްވުމަށެވެ. މާޒިމްގެ އަޑު ކަންފަތުގައި ޖެހުމުން ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބުނެވެ.
" އުރުޖުވާން....." ނަބީލާ ގޮވައިލި އަޑު ކުއްލިއަކަށް އިވުނެވެ. އޭނަ ހައިރާންވެފައި ހުރެ އަވަސް ކަމާއެކު ފޯނު ކަނޑާލަން އުޅުމުން އަތުން ފޯނު ކައްސާލިއެވެ.
"ސުބްހާނައްﷲ...." އުރުޖުވާން އަށް ބާރަށް ބުނެލެވުނެވެ. ފޯނު ނަގަން ގުދު ވެވުނީވެސް އުނދަގޫކަމާއެކުއެވެ. އެވަގުތު އުރުޖުވާންގެ ކަންފަތުގައި އިވުނީ މާޒިމް އޭނާގެ ނަން ގަނެލި އަޑެވެ. އެއާއެކު އަވަހަށް ފޯނު ކަނޑާލިއެވެ. އަދި އޮފް ވެސް ކޮށްލެވުނެވެ. ބިންމަތީގައި ފައި ދަމާލައިގެން އިށީނދެވުނު ގޮތަށް އިނދެވުނީއެވެ. ގުޑިލަންވެސް ނޭނގިފައެވެ، ކޮޅަށް ތެދުވާނެ ހިތްވަރު ގެއްލި ފަޔަށް ބަރުވެފައެވެ. އެނދުގެ ފިލާގަނޑަށް ލެނގިލައިގެންއިނދެ ބޯ އަޅައިލެވުނީ އަތުޖެހޭ ހިސާބުގައި އޮތް ބާލީސް ނަގައިގެންނެވެ. ހިތުން ޒިކުރު ކުރެވުނެވެ. ހިޔާލުތާއި ދުރަށް ފިލަން ދެވެން އޮތް އެންމެ ރައްކާތެރި މިސްރާބަކީ އެއީއެވެ. އެއްވެސް އިންސާނަކަށް އޭނާއަށް ނުއުފުލޭ ފަދަ ބުރައެއް ވެރި ރައްބު ނުޖައްސަވާނެ ކަން އަމިއްލަ ނަފުސަށް ހަނދާންކޮށްދިނެވެ. ކަރުނައިގެ އަސަރު ހުރި ތެތް އެސްފިޔަތައް ބަރުވަމުންދިޔައީ ނިންޖަކަށެވެ.
***
ނަބީލާގެ އަތުގައި އޮތް ބުދު ހިފައިގެން އިނދެ ދައްކާ ވާހަކަ އިން ކިޔާ ނުކިޔާ އެއް ސާފެއްނުވެއެވެ. ބައެއް ފަހަރު ވާހަކަ ދައްކަނީ އެހެން ބަހުރުވައަކުން ހެން މާޒިމް އަށް ހީވާން ފެށިއެވެ. ނަބީލާ ގެ އެނދު ކައިރީފައި ގޮނޑި އަޅައިގެން ފާރަވެރިޔަކަށް ވެގެން މާޒިމްއިނީ އޭނާގެ މަންމަގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ. އިރުކޮޅެއްފަހުން ކުޑައިރުގެ ހަނދާންތަކަށް ފީނައިގަނެވުނެވެ. ކުރިންވެސް މަންމަ އެ ބުދު ނަގައިގެން ކުޅެން އުޅުނެވެ. މަދީނާ އަށް ހަދިޔާ ކޮށްފައިވާ އެއްޗަކަށް ވިޔަސް ސަކަރާތް ވާ ދުވަސް ތަކުގައި އެ ނަގައިގެން އެއީ ޅަކުއްޖެއްކަމަށް ހަދައިގެން ގެންގުޅުނީ މިހާރެކޭ އެއްފަދައިންނެވެ. އުރުޖުވާންގެ ވާހަކަ ދައްކައިވެސް އުޅެއެވެ. އޭރުގައި އެއީ ކާކު ކަމެއް ނޭނގުނު ނަމަވެސް މިހާރު ހުރިހާ ކަމެއް ސާފެވެ. އެވަގުތު މާޒިމް ގެ ފޯނަށް އައި ކޯލު ނެގުމުން އެކޮޅުން ދައްކާ ވާހަކަ އަޑު ނީވި ރޭންޖް ނުލިބެނީ ކަމަށް ހިތާ ތެދުވެވުނެވެ. ފޯނުން އެއްވެސް އަޑެއް ނީވުމުން ކަނޑާލަން ހެދި ތަނާ ހެން ނަބިލާ އައިސް ފޯނު ދަމައިގަންނަން އުޅުނީ އުރުޖުވާން ގެ ނަން ކިޔަމުންނެވެ. އެވަގުތު މާޒިމް ގެ ކަންފަތުގައި ޖެހުނު އަޑުން ހަގީގަތުގައިވެސް އެއީ އުރުޖުވާން ބާއޭ ހިތް ބުނަމުން ދިޔައެވެ. ނަބީލާ ފޯނު ދަމައިގަތް ވަގުތު ފޯނު ކެނޑުނެވެ.
" ލޯބި ދަރިފުޅު....މަގޭ އުރުޖުވާން....ގެއްލުނީތަ؟ދިޔައީތަ؟މާޒް ގެނެސްދޭނަން ދޯ މަންމަ އަށް...." މޮޅިވެރިކަމާއެކު ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން ހުރެ ނަބީލާ ވާހަކަދެއްކިއެވެ. ދެފައި ވަށް ކޮށްލައިގެން އެނދަަށް އެރިގޮތަށްް އާދޭސް ކުރަމުން ދިޔައީ އުރުޖުވާން ގެނެސްދިނުމަށެވެ.
" އުރުޖުވާން އަކީ ކާކު؟" ޖަވާބު އެނގިހުރެ މާޒިމް އެހިއެވެ. ނަބީލާ އެހާވަރަށް އުރުޖުވާން ހޯދަނީ ކީއްވެކަން ބަލަން ބޭނުންވިއެވެ.
" އަމާނާތެއް.....މަންމަގެ.....އެ ނާވިޔާ...ނާވިޔާ މަރުވަނީ އެއް ނު....މާޒް ދުށީމެއްނު....މިހެން ވައްޓާލީ..." ހަމަނުޖެހޭ ފާޑަށް އެކި ބަސްތައް އޭނަގެ މަންމަ ކިޔާލި ގޮތުން މާޒިމް ގެ އަތް ފިނިވިއެވެ. ނަބީލާ އެވަގުތު އޭނާގެ ބޮލުގައި ހިފަހައްޓަމުން ލޯ ފިތައި ބާރުކޮށްލިއެވެ. އޭރު އޭނަ ތުރުތުރު އަޅަމުން ދިޔައެވެ. އެއާއެކު އަވަހަށް އެނދަށް ވެއްޓިގަތް ގޮތަށް ބޮލުގައި ބާލީސް އަޅައި މޫނު ފޮރުވާލިއެވެ. އެ ހަރަކާތްތަކުން އެއީ މަންމަ އެހާ ދައްކަން ބޭނުންވާ ފަދަ ވާހަކައެއް ނޫން ކަން މާޒިމްއަށް އެނގުނެވެ. މުޅި ރޭ ހޭދަވަމުން ދިޔައީ އެއްވެސް އަރާމެއް ނެތިއެވެ. ނިދީގެ އެއްވެސް އަސަރެއް ނެތެވެ. ނަރުހުން ނިދޭފަދަ އިންޖިކްޝަނެއް ޖަހައިދިނީ ނަބީލާ އިތުރު އުނދަގޫތަކުން ސަލާމަތްކޮށްދިނުމުގެ އުންމީދުގައެވެ. ނަރުހުން އެކަމަށް ލަފާ ދިން އިރުވެސް މާޒިމްގެ ސިކުނޑިން ފޮހެލަން އެންމެ ބޭނުންވާ މަންޒަރު ކުޅެވެމުން ދިޔައެވެ. ނާވިޔާ މަރުވިދުވަހެވެ. ގައިން ހީބިހި ނަގައިދިޔައެވެ.
" މާޒިމް...." ޖައިލަމް ގޮވާލިއެވެ. މާޒިމް ސިހިފައި އެނބުރިލެވުނެވެ. ޖައިލަމް އަށް އެވާހަކަތައް އަޑު އިވުނު ކަމުގެ ބިރުވެސް ގަތެވެ.
" އައި ހޯޕް ޝީ އިޒް އޯކޭ....ތިހެން ގިނައިން މާޒިމް ފެންނަ އިނުމުން މަންމަ އަށް އަރާމު ކުރަން ލިބޭ ވަގުތު ވެސް މަދުވާނެ....ދާންވީނު ކޮޓަރިއަށް....ނަރުހުން މަންމަ ބަލާނެ...މާޒިމް ބޭނުމިއްޔާ މިތާ ކެމެރާ އެއްވެސް ލެވިދާނެ....." ޖައިލަމް ޚިޔާލުދިނެވެ. މާޒިމް ޖައިލަމް ގެ ވާހަކަ އަށް އިންކާރުކުރުމެއްނެތި ބޯ ޖަހައިލިއެވެ.
" އާނ...ޔޫ އާ ރައިޓް...ޝީ ނީޑްސް ސަމް ސްޕޭސް..." މާޒިމް ތެދުވުނެވެ. އަދި ނަބީލާގެ އަތުގައި ފިރުމާލުމަށްފަހު އެ ކޮޓަރިން ނިކުންނަން ހިނގައިގަތީ ޖައިލަމް އާއި އެކީއެވެ. އޭރު ގަޑިން ދަންވަރު ތިނެއް ޖަހައިފިއެވެ. އެ ކަން އަންގުވައިދިނީ ސިޓިންގްރޫމުގައިހުރި ބޮޑު ގަޑީގެ ކަށީގެ އަޑުންނެވެ. މާޒިމް އަވަހަށް ދާން ހިނގައިގަތީ ޖައިލަމް އެހެން ވާހަކައެއް ދައްކަން ގަސްތުކޮށްފާނެތީ އެކަމުން ސަލާމަތްވުމަށެވެ.
" ފަރަހް ބުނި ބަނޑުބޮޑު ވާހަކަ ވެސް....އަހަރެންގެ ހުރީ އެންމެ ދަރިއެއް....އެކަން ވިސްނާނެކަމަށް އަހަރެން ހީކުރަން.....މާޒިމް އަށް އެންމެ މުހިންމު މީހެއްކަމުގައި މިއަދު ވާން ޖެހޭނީ ފަރަހް....އައި ހޯޕް ޔޫ ނޯ ދެޓް ވެލް..." މާޒިމްގެ ކުރިމައްޗަށް އަރައި އިންޒާރު ދެފަދަ ގޮތަތަކަށް ޖައިލަމް ވާހަކަ ދެއްކިއެވެ. އެ އަޑާއި ރާގުގައި ހުރި ނުލަފާ ކަން މާޒިމް އަށް ވިސްނުނެވެ. މާޒިްމ އެއްޗެއް ނުބުނެ ހިނގައިގަންނަ އުޅުމުން ފަހު ބަސް ބުނެލީ ވެސް މާޒިމްގެ މޭމަތީގައި އަތް ޖައްސައިލަމުންނެވެ.
" އެންޑް ޑޯންޓް ފޮގެޓް...މާދަމާއަކީ ބޮޑު ދުވަހެއް....ތައްޔާރުވާތި...އަ ބިގް ޑޭއި ފޯ އަސް....." ސިގިރެޓު ދަމާލިއިރު ޖައިލަމް ގެ ތުންފަތުގައިވީ ނުލަފާ ހިނިތުންވުމެކެވެ.
***
ކައިވެނީގެ ރިސެޕްޝަން ހަފްލާ އޮތީ ލަންޑަންގެ އަގުބޮޑު އޮޕޭރާ ހައުސް ހޯލުގައެވެ. ބޯ މަތީގައިވާ ސީލިންގް އުސްވެފައިވީއިރު އޭގައި ވަނީ ޒަމާންވީ މަޝްހޫރު ކުރެހުންތަކެކެވެ. އިނގިރޭސީންގެ ދުވަސްވީ ތާރިޚް ދައްކުވައިދޭ ކުރެހުމެވެ. އަލިގަދަ ކުދި ޗާނދަލިއާތަށް އެލުވިފައިވީއިރު ފާރުތަކުގައި ވީ ރަން ކުލައިގެ ކުދި ލޯފޮތި ތަކެކެވެ. އެއިން ތަނުގެ ޝާހީކަމާއި މުއްސަނދިކަން ފާޅުވަމުންދިޔައެވެ. ހުދުފަށުވި އަދި ރަން ކުލައިގެ ފޮތިތަކުން މޭޒުތައް ތައްޔާރުކޮށްފައި ހުރި އިރު ރަތް ފިނިފެންމާނި ކޯނިތައް މޭޒުގެ މެދުގައި ވަށިތަކުގައި ޖަހާފައިވިއެވެ. އަދި އޭގެ ވަށައިގެން އެކި ސައިޒުގެ އުއްބަތިތަށް ދިއްލިފައިވިއެވެ. އެއިން ކޮންމެ މޭޒެއްގައި ރާފުޅިތައް ބެހެއްޓިފައިވީ ފިނި އައިސް ބާސްކެޓުތަކުގައެވެ. އެ ބުއިން އަޅާނޭ ދިގު ހިމަ ބިއްލޫރިތަށިތައް ވެސް ވި ބެހެއްޓިފައެވެ. އެ ރިސެޕްޝަނުގައި ތިބި މެހެމާނުންގެ މުއްސަނދިކަން ދައްކުވައިދެނީ އަޅައިގެން ތިބި ހެދުމުންނެވެ. ފިރިހެނުން ތިބީ ސޫޓުގައެވެ. އަންހެނުން ތިބީ އެކި ކުލަ ކުލައިގެ ޖަރީ ހެދުން ތަކުގައެވެ. އެ ހަފްލާގައި ތިބި އެންމެންގެ މޫނުތަށްވެސް ނިވާ ކޮށްފައިވީ މާސްކުތަކުންނެވެ. އެއި ފަރަހް ބޭނުންވި ޕާޓީގެ ތީމެވެ.
" ވަރަށް ފޫހި ވޭ....އޭނަ ޖެހޭތަ ހަމަ ދެން ހުދުކުލަ ލާން...." ފަރަހް އޭނަގެ ބައްޕަ ޖައިލަމް އަތުގައި ހިފަހައްޓައިގެން ހުރެ ކުދި ކިޔައިލީ ނަބީލާ އަށް ބަލަމުންނެވެ. ޕާޓީ އަށް އައުމަށް އެތަށް ހާސް ހެދުމެއްގެ ތެރެއިންވެސް ނަބީލާ ބޭނުންވީ ހުދު ހެދުމެއް ލުމަށެވެ. ފަރަހް އެކަމާއި ބޮޑާހާކައި ހެދިނަމަވެސް ފަހު ބސް މާިޒމް ބުނެލީ ނަބީލާ އާއި އެއްކޮޅަށެވެ. މާޒިމް އެ ޕާޓީގައި ހާޒިރުވާން އެދޭނަމަ ފަރަހް އަށް އޮތ އެގޮތް ގަބޫލުކުރުމެވެ.
" ސްމައިލް ދަރިފުޅާ...ސްމައިލް....ޓޭކް ނޯ ސްޓްރެސް...ބައްޕަގެ ވަރަށް މުހިންމު ބިޒްނަސް ޕާޓްނާސްވެސް އެބަ ތިބި....އެ ނަބިލާ އަށް ބޮނޑިޔެއް ދޭން....ހާސް ނުވޭ...އަދި އޮތީނު ބޮޑު މަންޒަރު..." ފަރަހް އަށް ބޯ ޖަހާލައި ހާސްނުވުމަށް ޖައިލަމް އެދުނެވެ. ފަރަހް ގެ ލޯ ވަކިނުވެ ހުރީ މާޒިމް އަށެވެ. ސޫޓެއް ލާން އެއްބަސް ނުވީތާ އައީވެސް ކަޅުކުލައިގެ ގަމީހެއްލައިގެންނެވެ. އަތު ކުރި އޮޅާލައިފާ ހުރި އަތް ދިގު ގަމީހުގައި މާޒިމް ފެންނަނީ ނިކަން ފިރހެންވަންތަކޮށެވެ. ދިގު އިސްތަށިގަނޑުގައި ދު ހުޅިޔެއް ޖހާލައިފައި ފަހަތައް އޮތް އިރު ނިތްކުރިމަތީގައިވީ ކުރު އިސްތަށިތައް އޮތީ ނިތްކުރިއަށް ވެއްޓިފައެވެ. މީހާގެ ޝަހުސިއްޔަތުގައި ސިއްރުވެރި ހިތް ދަމައިގަންނަ ފަދަ ގޮތެއް ހުއްޓެވެ. އެ ހައިބަތު އެ ޕާޓިގައި ތިބި ސޫޓު ލައިގެން ތިބި އެކަކުގެވެސް ނެތެވެ. މާޒިމް ހުރީ އޭނަގެ މަންމަ ނަބިލާ އަތުގައި ހިފަހައްޓައިގެންނެވެ. އެލޯ ހޯދަމުން ދިޔައީ އިށީންނާނެ ހަމހިމޭން ޖާގައެކެވެ. ފަރަހް އޭނާގެ ދިގު ހެދުމުގެ ފަސްބައި އަތުން ދަމަމުން ބާރު ހިނގުމުގައި މާޒިމް އާއި ދިމާ އަށް ހިގައިގަތެވެ. ދަނޑިވަޅު ބަލާފައި އޭނާގެ ރައްޓިއްސެއް ފަރަހްގެ ފަހަތުން އަޅުވާލިއެވެ.
" އާ ޔު ދަ ބްރައިޑް.....އޯ އިޒް ޝީ..." މަޖާވެފައި ސަކަރާތެއް ޖަހައިލީ އޭނާގެ ޒަމާންވީ އެކުވެރިއެކެވެ. ފިނި ހިނިތުންވުމެއް ދިނުމަށް ފަހު ފަރަހް އެ ސަމާސާ ބަލައިގަތަސް އޭނާ ހިތުގައި ނަބީލާ އަށް އޮތް ރުޅިވެރިކަން ގަދަވިއެވެ. މިއަދު ނަބިލާ ގެ ތަބީއަތަށް އައިސް ހުރި ބަދަލުން މާޒިމްވެސް ހައިރާންކުރުވައެވެ. މިޒާޖު މަޑުމައިތިރިވެފައި މީހާގެ މޫނު މަތީގައިވީ އުފާވެރިކަމެކެވެ. އެހާ މީހުން ގިނަ އިރުވެސް ޝަކުވާއެއް ނެތެވެ. ބިރެއްވެސް ނެތެވެ. އެހާ ދުވަސްކޮށްފައި މިހާ ފުރިހަމަ އަށް ތައްޔާރުވެލައިގެން ހުރި އިރު ހީވަނީ ޅަ އިރުގެ ނަބިލާ ހެންނެވެ. އެހާވެސް ޒުވާނެވެ. ހުދު ދިގު ހެދުމުގައި އެއްވެސް ޖަރީކަމެއް ނެތަސް ކަރުގައި އަޅާފައި އޮތް ހާރުގައި އިން ރަތް ޖަވާހިރު އޭނާގެ ދޮން މޫނު އަލި ކޮށްލަ ދިނެވެ.
" ހެޕީ؟" މާޒިމް އޭނާގެ މަންމަގެ އަތަށް ފިތާލަމުން އަހާލިއެވެ. ނަބީލާ ބޯ ޖަހައިލިއެވެ.
"އައިމް ނޮޓް...." ފަރަހް ތުން ދަމާލައި އޭނާގެ މޫނު ގައި އަޅާފައި އޮތް މާސްކް ނަގާލިއެވެ. މާޒިމް ފުން ނޭވާއެއް ދޫކޮށްލްމުން ފަރަހް އަށް މޫނު އަނބުރާލީ ސުވާލުކުރާފަދައަކުންނެވެ.
"މި މުޅި ދުވަހު ޔޫ އާ ވިތް ޔޯ މަދާ....އަދިވެސް ނުފުދެނީތަ....ނަރުހުންވެސް އެބަތިބި ޔޫ ޑޯންޓް ނީޑް ޓު ބީ އެރައުންޑް ހާ އޯލް ދަ ޓައިމް.... އައި ނީޑް ޓު ޗޭންޖް މައި ޑްރެސް ޓޫ...."އޭނަ ނަބީލާ އަށް ލޯ އަޅައިލިއެވެ. ނަބިލާ އެވަގުތު ޖެއްސުމުގެ ހިނިތުންވުމެއް ދިނެވެ.
"ގެގަ ބޭއްވިނަމަ މިހެން ނޫވީސް ދޯ....އޭރުވެސް ބުނިން...އެހެން ނޫނަސް މައި މޮމް ނީޑްސް މީ....މިދެން ކޮންހާ މާސްކެއްތައް އަދި ލޯމަތީ އަޅަން މިޖެހެނީ....ކިހާ އުނދަގޫ މީހުން ވަކި ކުރަންވެސް..." މާޒިމް ވެސް ކުރީ ޝަކުވާއެވެ. އެވަގުތު ފަރަހް މާޒިމް ގެ އަތުގައި ހިފާ ދަަމަމުން އޭނާ ތެދުކުރުވިއެވެ.
" ޔޫ އާ މައި ހަޒްބެނޑް އެނޑް ޔޫ ނީޑް ޓު އެކްޓް ލައިކް ދެޓް ޓޫޑޭއި އެޓްލީސްޓް....." ފަރަހް ރުޅި ގަދަވިއެވެ. ޕާޓީގެ ބައެއް މީހުންގެ ލޯތައް އެދިމާއަށް ހުއްޓުމުން ޖައިލަމް އަވަސް ފިޔަވަޅުތަކުގައި އެދިމާއަށް ދިޔައެވެ. ޖައިލަމް ގެ އެދުމަށް މާޒިމް ފަރަހް އާއި އެކު ދިޔައީ ނަރުހުންނާއި ހާދިމާއިން ނަބީލާގެ ހިދުމަތުގައި ތިބުމަށް ވައުދުކުރުވަމުންނެވެ.
" އިޒް ދިސް އިނަފް....އެކްޓް ކުރެވިއްޖަތަ؟ހިތްފުރޭހާ؟" އެ ހޯލުގެ މަތީބައިގާ އިން ޗޭންޖިންގް ރޫމާއި ހަމަޔަށް އާދެވުމާއެކު މާޒިމް ފަރަހް ގެ އަތް ފޮޅުވައިލީ ރުޅިވެރިކަމާއެކުއެވެ. ފަރަހް ދެރަވި ނަމަވެސް އެވަގުތު އޭނާއަށް މުހިންމުވީ ލައިގެން ހުރި ހެދުން ބަދަލުކުރުމަށެވެ.
"ކޭން ޔޫ ހެލްޕް..." ފަރަހް އޭނާގެ ހެދުމުގެ ފަހަތުގައި އިން ޒިބު ނައްޓައިދިނުމަށް އެދުނެވެ.
" ހެލްޕް ޔޯސެލްފް..."
އެވަގުތު ތަނުގެ އަލިކަން ފަނޑުވިއެވެ. ޕާޓީގައި މިއުޒިކުގެ އަޑުވެސް ގަދަވިއެވެ. މާޒިމް އަވަހަށް ބޭނުންވީ ނަބީޅާގެ ހާލު ބަލާލަން ދިޔުމަށެވެ. ފަރަހް އަށް މާޒިމް ބުނި ބަހުގެ އަޑު ނީވުނުތާ އޭނަ ދިޔަކަމެއް ވެސް ނޭނގެއެވެ.
ފަރަހް ގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ހެދުމުގެ ޒިބު މަޑު މަޑުން ނެއްޓެމުން ދިޔައެވެ. ފަހަތަށް އެނބުރުނީ މާޒިމް ދެކިލުމަށެވެ. ނަމަވެސް އޭނަ ފެންނާކަށް ނެތެވެ. މުޅިތަން ހޯދައިލިއެވެ. އެވަގުތު ކޮންމެވެސް މީހަކު ފަރަހްގެ އަތުގައި ހިފައި ދަމައިގަތެވެ. ނިޔަފަތިދިގު އަތެއްކަން އިހުސާސްވީ އަތުގައި ނިޔަފަތި އެޅުނުހެން ހީވުމުންނެވެ.
މާޒިމް ސިޑިން ދުވެފައި ދިޔަގޮތަށް ހޯދައިލީ ނަބީލާ ފެނޭތޯއެވެ. އެވަގުތު ޖައިލަމް އޭނާގެ މެހެމާނުންނާއެކު އެ ދިމާއަށް އަންނަ ތަން ފެނުމުން އެމީހުންނަށް ފިލުމަށް ޖީބުގައި އޮތް މާސްކު ނަގައި އަޅައިލިއެވެ. ފަނޑު އަލިކަމެއް ހުރުމުން މީހުން ވަކިކުރަން އެހާ ފަސޭހައެއް ނޫނެވެ. މީހުންގެ ތެރެއިން މާޒިމް ދިޔަ ވަގުތު އޭނާ ކޮންމެވެސް މީހަކާއި މުޑި އެރިއެވެ. އަދި ގަމީހުގެ ގޮށެއްގައި އެ އަންހެންކުއްޖާގެ ކެވެލި ކޮޅު ތާށިވިއެވެ.
"ސޮރީ...." ވަރަށް އަވަސްވެފައި މާފަށް އެދެވުނީ ދެމީހުންނަށް އެކު އެކީގައެވެ. އެމީހަކު ދާން ހިނގައިގަތުމުން ކެވެލި ކޮޅު ހަލާކުވެދާނެތީ މާޒިމް އެ އަތުގައި ހިފީ މަޑުކުރުމަށް އެދެމުންނެވެ. ދެމީހުންގެހަތަރުކަޅި ހަމަވިއެވެ. ބީރައްޓެއްސެއްނޫންކަން އެނގުނެވެ. ހިތުގައި ބިންވަޅުނެގިފައިވީ ތަފާތު އިހުސާސެކެވެ.
" އުރުޖުވާން....." މާޒިމް އަށް ކިޔާލެވުނެވެ. އެވަގުތު އުރުޖުވާން އޭނާގެ އަތް ދަމައިގަތެވެ. ކެވެލި ކޮޅުވެސް އަތުން ނެއްޓި މާޒިމްގެ ގަމީހުގައި ތާށިވިއެވެ.
ނުނިމޭ