"ހޯޕް އައިލެންޑް" އޮޕަރޭޝަނަށް ގެނެވުމުން، ކުޑަކުދިން ރިހެބިލިޓޭޓް ކުރުމުގައި މިހާރު ދިމާވާ ގޮންޖެހުންތަކުގެ 95 ޕަސަންޓު ހައްލުވާނެ ކަމަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ވަހީދު މިރޭ ވިދާޅުވެއްޖެއެވެ.
ހޯޕް އައިލެންޑަކީ ކުށްތަކަށް އަރައިގަންނަ ކުޑަކުދިން ކުށުގެ މާހައުލުން ދުރުކޮށް، އެ ކުދިން ރަނގަޅު މަގަށް ގެނައުމުގެ ގޮތުން ސަރުކާރުން ހެދުމަށް ނިންމާފައިވާ ރިހެބިލިޓޭޝަން ފެސިލިޓީއެކެވެ.
ގާނޫނާ ފުށުއަރާ ކުޑަކުދިންގެ މައްސަލަތައް ބަލައި، އެ ކުދިން އަލުން އަނބުރައި މުޖުތަމައަށް ނެރުމުގެ ޒިންމާ މަތިކޮށްފައި އޮންނަނީ ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ)އަށެވެ.
ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން ރިބެހިލިޓޭޓް ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން އެސްއެސްޓީވީގެ ބާރު ހަތަރެއްގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ކުދިން އަލުން އަނބުރާ މުޖުތަމައަށް ނެރުމަށްޓަކައި ރިހެބިލިޓޭޓް ކުރުމަށް ބޭނުންވާ ވަސީލަތްތަކުގެ ދަތިކަން ދިމާވާކަމަށެވެ.
މި މައްސަލަ ހައްލު ކުރުމުގެ ގޮތުން އަތޮޅުތެރޭގެ ބައެއް ސަރަހައްދުތަކުގައި ކުޑަކުދިން ރިހެބިލިޓޭޝަން ސެންޓަރުތަކެއް ގާއިމް ކުރަމުންދާ ކަމަށް ޑީޖޭޖޭގެ ޑިރެކްޓަރު ޖެނެރަލް ހުނާނާ ލަތީފް ވެސް ވަނީ ވިދާޅުވެފައެވެ.
ހަސަން ވިދާޅުވި ގޮތުގައި ހޯޕް އައިލެންޑަކީ ކުޑަކުދިން ރިހެބިލިޓޭޓް ކުރުމުގެ ހުރިހާ ވަސީލަތްތަކެއް އެއްތަނަކުން ލިބޭ، އަދި ކުދިންނަށް ރަނގަޅު ފަހި ފުރުސަތުތަކެއް ހޯދައިދެވޭނެ ތަނެކެވެ.
"ޖުމުލަ ގޮތެއްގައި ޕޮލިސީ ލެވެލްގައި އަޅުގަނޑުމެންގެ މި މަސައްކަތާ ގުޅުންހުރި، އަޅުގަނޑުމެންގެ ވެސް އެންމެ ބޮޑު ހޯޕަކަށް ވެފައި އޮތީ ހޯޕް އައިލެންޑު" އޭނާ ވިދާޅުވިއެވެ.
ހަސަން ވިދާޅުވި ގޮތުގައި މިދިޔަ ދެތިން އަހަރުގެ ތަފާސްހިސާބާއި އަޅާބަލާއިރު، މި އަހަރުގެ މިހާތަނަށް ކުޑަކުދިންގެ މައްސަލަތައް މަދެވެ.
އެންމެ ގިނައިން ކުޑަކުދިންގެ ބައިވެރިވުން ހިމެނޭ ކުށުގެ ބާވަތްތައް:
- މަސްތުވާތަކެތީގެ މައްސަލަތައް
- މާރާމާރީގެ މައްސަލަތައް
- ވައްކަން ކުރުމުގެ މައްސަލަތައް
- ޖިންސީ އަމަލުތަކާ ގުޅުންހުރި މައްސަލަތައް
- މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތައް
ކުދި މުޖުތަމައުތަކުގައި ކުޑަކުދިން ކުށްކުރުމުން އެ ކުއްޖަކީ ކުށްވެރިއެއްގެ ގޮތުގައި ލޭބަލް ކުރެވޭކަން ފާހަގަކުރައްވައި ހަސަން ވިދާޅުވީ ކުއްޖަކު ކުށެއް ކުރުމަކީ އުމުރު ދުވަހަށް ކުށްވެރިއެއްގެ ސިއްކަޖެހެންވީ ސަބަބެއް ނޫން ކަމަށެވެ.
ހަސަން ވިދާޅުވި ގޮތުގައި ޑީޖޭޖޭގެ މަގުސަދަކީ ކުށެއް ކުރެވޭ ކުއްޖާއަށް އަދަބު ދިނުމުމުގެ ބަދަލުގައި އެ ކުއްޖާ އަލުން އަނބުރައި މުޖުތަމައަށް ގެނެވޭނެ ރަނގަޅު ނިޒާމެއް ގާއިމް ކުރުމެވެ.
ރާއްޖޭގައި ހިންގޭ އެކި ބާވަތްތަކުގެ ކުށްތައް މަދުކޮށް، އަމާން ވެއްޓެއް ގާއިމު ކުރުމަށްޓަކައި ސަރުކާރާއި ކަމާގުޅުންހުރި އިދާރާތަކުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.