ދުރުގައި ވާން ނޭދުނަސް ހިތް... 46

ކޮޓަރީގެ ދޮރު ކައިރީގައި ފާރުގައި ލެނގިލައިގެން ހުރި ޒައިނާއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ހެންނެވެ.

ދެލޯ ބޮޑުކޮށްލެވުމާއެކު ލާލާ ހުރި ނޭވާވެސް ހިނދުރީގައި ތާށިވެގެން ގޮސް މެއަށް ވެސް ގޮތެއް ވިއެވެ. އިވުނު އަޑު ޤަބޫލުނުކުރެވުނު އިރު، އެއީ ދޮގެއްކަމުގައި ވިސްނައިދޭން އަމިއްލަ ނަފްސު ކުރަމުން ދިޔަ މަސައްކަތަށް ސިކުނޑި ހުރަސް އަޅަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން ގަބުވެފައި ޒައިނާއަށް ހުރެވުނީއެވެ. އޭރުވެސް އިޝްފާންގެ އެ ޖުމްލަތައް ހީވަނީ އޭނާގެ ކަންފަތުގައި ގުގުމަމުން ދާ ހެންނެވެ. ލިބުނު ޝޮކެއްގެ ސަބަބުން ސިކުނޑި މަސައްކަތްކުރަން ފެށީވެސް އިރުގަނޑެއް ފަހުންނެވެ. އިޝްފާން އޭނާ ދުރުކޮށްލި ސަބަބަކީ އެއީ ހެއްޔެވެ؟ އެފަދަ ބޮޑު ބައްޔެއްގެ ޝިކާރައަކަށް ވެފައިވާތީ ހެއްޔެވެ؟ އެކަމުން ލިިބިގެން ދާނެ ގެއްލުމަކުން އޭނާ ރައްކާތެރިކޮށްދޭން ހެއްޔެވެ؟ ދެން އެވާހަކަ އޭނާ ކައިރީގައި ނުބުނީ ކީއްވެހެއްޔެވެ؟

"އަހަރެން ބޭނުމެއް ނޫން، ކުޑަ ދުވަސްކޮޅެއްގެ އުފާތަކަކަށްފަހު، އިތުރު ހިތްދަތިކަމެއް ޒައިނާއަށް ދޭކަށް. އަހަންނަށް އެނގޭ މާ ގިނަ ދުވަހު ދެން އަހަރެން ދުނިޔޭގައި ނުުހުންނާނެކަން." އެ ސުވާލުގެ ޖަވާބު ޒައިނާއަށް ލިބުނީ ދެން އިޝްފާން ހާމަކޮށްލި ވާހަކައިންނެވެ. އޭނާ ދެކެ އިޝްފާން އެ ވަނީ އެއްވެސް އަމިއްލަ އެދުމެއް ނެތް ތެދުވެރި ލޯތްބެއްކަން ޒައިނާއަށް ފަހުމްވުމާއެކު، ދެލޮލުގެ ތެރެއަށް ޖަމާވެފައި ހުރި ކަރުނަތައް އޭގެ މަޤާމް ދޫކޮށް ފައިބައިގެން ހިނގައްޖެއެވެ. ހަމަ އެއާއެކު ވޭނީ އާހެއް އޭނާގެ ދެ ތުންފަތް ފޫ އަޅުވާލާފައި ނުކުތެވެ.،އޭނާއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. އަމިއްލަ ހިތުގެ އިޙްސާސްތަކަށް ބާރު ފޯރުވަން ނުކުޅެދުނު އެވަގުތުކޮޅު ވެގެން ދިޔައީ ޒައިނާއަށް ކެތްނުކުރެވޭ ފަދަ ތަކުލީފުތަކެއް ލިބިދިން ވަގުތުކޮޅަކަށެވެ. އަމިއްލަ ހިތުގެ ޙާލަށް ވިސްނާލުމެއްނެތި އިޝްފާން އެ އިސްކުރީ އޭނާގެ ހިތުގެ ޙާލެވެ. އެހިތަށް ވާނެ ގޮތަކާ ދޭތެރޭގައެވެ. ވީއިރު އެ ލޯބީގެ ތެދުވެރިކަމާމެދު، އޭނާއަށް ކުޑަވަގުތު ކޮޅަކަށް ނަމަވެސް ޝައްކުކުރެވުނީ ކީއްވެހެއްޔެވެ؟

ފާރުގައި ލެނގިލައިގެން އެތައް އިރަކު ޒައިނާއަށް ވިސްނަން ހުރެވުނެވެ. އެންމެފަހުން އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން އޭނާ ފުންނޭވާއެއް ލާ ހަމަޖެހެން މަސައްކަތްކުރިއެވެ. ކޮޓަރިން އޭނާ ނުކުތީީ ސަވާގެ ކައިރީގައި ކޮންމެވެސް ވާހަކައެއް ބުނަން ނަމަވެސް މިހާރު އެކަންތައްވެސް ހަނދާނުން ކައްސާލައިފިއެވެ.

ޒައިނާ ގޮސް ކޮޓަރިއަށް ވަދެ އެނދުގައި އިށީނދެލައިގެން އިންނަތާ އެތަކެއް އިރެން ވީފަހުން ސަވާ އައިސް ކޮޓަރިއަށް ވަނެވެ.

"ހޭ…" ސަވާގެ އަޑު މަޑުނަމަވެސް، ކޮންމެވެސް ވަރެއްގެ އުފާވެރިކަމެއް އެ އަޑުގައި ވެއެވެ.

"ހާއި…" މާޔޫސްވެފައި އިންނަމަވެސް، އެ އަސަރު ފާޅުނުކޮށްވޭތޯ ޒައިނާ މަސައްކަތްކުރިއެވެ. ހިނިތުންވާން މަސައްކަތް ކުރިނަމަވެސް، އެކަން ނުކުރެވުނީ ހިތަށްކޮށްފައިވި އަސަރެއްގެ ބޮޑުކަމުންނެވެ.

"ކަމެއް ވީތަ؟" ޒައިނާގެ މޫނުމަތިން ފެނުނު މާޔޫސްކަން ފާހަގަ ކުރެވުނު ސަވާ ސުވާލުކޮށްލިއެވެ. "އާރ ޔޫ އޯކޭ؟"

"ޔާ… އައި އޭމް އޯކޭ. އިޓްސް ޖަސްޓް… ބޮލުގަ ރިއްސަނީ…" ޒައިނާ ދޮގެއް ހަދާލީ މަޖުބުރުވެގެންނެވެ. އޭނާއަށް ހުރިހާކަމެއް އެނގުނުކަން އަންގާކަށް ޒައިނާ ބޭނުމެއް ނޫނެވެ.

"ބޭސް ކާންވީނު… ގެނެސްދެންތަ؟" ސަވާ ސުވާލުކޮށްލިއެވެ.

"ބޭސް ކާ ވަރެއް ނޫން. ނިދާލީމަ އޯކޭވާނެ." ޒައިނާ އެހެން ބުނެލާފައި ގަދަކަމުން ހިނިތުންވެލިއެވެ.

ޒައިނާއަށް ބަލަން ހުރެފައި ސަވާ އޭނާގެ ކައިވެނީގެ ތާރީޚް ކަނޑައެޅިއްޖެކަން ހާމަކޮށްލީ އުފަލުން ހުރެއެވެ.

"ކޮން އިރަކު؟" ޒައިނާ ސަވާގެ އެ އުފަލުގައި ބައިވެރިވާން މަސައްކަތްކުރިއެވެ.

"ނެކްސްޓް ވީކްގަ. މި ހަފްތާ ތެރޭގައި ފޯމު ލާންވެގެން މިއުޅެނީ…" ސަވާ ބުންޏެވެ.

"މާލެ ދޯ ދަނީ!" އެހެން ބުނެވުނުއިރު ޒައިނާގެ ތުންފަތްމަތީގައިވީ ހިނިތުންވުން ފަނޑުވެއްޖެއެވެ. އެމީހުން މާލެ ދިޔުމުން އޭނާ ދެން ވަންނާނީ ކޮން ތަނަކަށް ހެއްޔެވެ؟

"މިރަށުގައި ކުރަނީ." ޒައިނާއަށް އައި ބަަލުތައް ދެނެގަނެވުނު ސަވާ ބުނެލިއެވެ. "މަންމަވެސް، އިޝްފާންވެސް ބޭނުމެއް ނޫން އަދި މާލެ ދާކަށް." ސަވާ އެހެން އެބުނީ ކީއްވެގެންކަން އެނގޭތީ ޒައިނާ އިތުރު އެއްޗެއް ނުބުނެއެވެ.

"އަހަރެން ވަރަށް އުފާވެއްޖެ. އައި އެމް ސޯ ހެޕީ ފޯ ޔޫ…" ޒައިނާ ހަޤީގަތުގައިވެސް ސަވާއަށްޓަކައި އުފާކުރިއެވެ. ޚާއްސަކޮށް ޙަޔާތުގައި ސަވާ ބަރުދާސްތު ކުރި ކަންތައް އެނގުމަށްފަހު، އެހިތްވަރުގެ ސަބަބުން އޭނާގެ ހިތުގައި ސަވާއަށް ދެވިފައިވަނީ ޚާއްސަ ގަދަރެކެވެ.

"މި ވީކްގަ ރީހާންމެން އަންނާނެ!" ސަވާ އެހެން ބުނުމުން ޒައިނާ އައިސް ސަވާގެ ގައިގައި ބައްދާލާފައި މަރުހަބާ ކިޔެވެ.

**** ހަފްތާއެއް ފަސް*********

ރީހާން އޭނާގެ އާއިލާ ގޮވައިގެން އެ ރަށަށް އައުމުން ސަވާ އިޝްފާންގެ ބަލި ޙާލަތުގެ ވާހަކަ ކިޔައިދިނެވެ. އަދި ޙާލަތު ހުރި ގޮތުން އެ ހިތާމައިގެ ވަގުތު ބޮޑު ޕާޓީއެއް ބާއްވަން ބޭނުންނުވާ ާކަމުގައިވެސް ސަވާ ބުންޏެވެ. ސަވާގެ އެދުމަށް ރީހާން ރުހުނީ، އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް ސަވާގެ ހިތުގެ ހަމަޖެހުން އޭނާއަށް މުހިންމުވީމައެވެ.

ގަޑިން ރޭގަނޑު އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. ރީހާންއާ އެކު ސަވާ ބޭރަށް ނުކުމެލީ ކައިވެނީގެ ކުރިން ދައްކަން ޖެހޭ ވާހަކަތައް ހުރުމުންނެވެ. ކައިވެންޏަކީ އިތުބާރާ، ލޯތްބާ، ތެދުވެރިކަމުގެ މައްޗަށް ބިނާވެގެންދާ މާތް ގުޅުމަކަށް ވީ ހިނދު، އެއްވެސް ކަމެއް ރީހާންއަށް ސިއްރުކުރާކަށް ސަވާ ބޭނުމެއް ނޫނެވެ. މީގެ ކުރިން ރީހާންގެ ކައިރީގައި ނުބުނެ ހުރި ހުރިހާ ވާހަކައެއްވެސް އޭނާ ރީހާންއާ ހިއްސާކުރަން ނިންމީ އެހެންވެގެންނެވެ. ސަވާ ބޭނުންވަނީ މާޒީ ހަނދާން ނައްތާލާފައި މުޅިން އާ ފެށުމަކުން ފަށާށެވެ.

ސަވާއާ ރީހާންއާ ދެމީހުން ގޮސް ބީޗުގައި މަޑުކޮށްލިއެވެ.

ރީއާންގެ އަތުގައި އަތް އަޅުވާލައިގެން ހުރެ، އެއް ހަމައެއްގައި ހިނގަމުން ދިޔަ ސަވާ އޭނާއާ ނަޒަރު ސީދާކޮށްލަން ޖެހިލުންވެގެން އުޅޭހެން ހީވެ ރީހާން މަޑުޖެހިލިއެވެ. އެއަށްފަހު، އޭނާ ސަވާއާ ދިމާލަށް އެނބުރުނެވެ. ސަވާ އިސްޖަހާލިތަން ފެނި ރީހާން ސަވާގެ އިސް އުފުލުވާލިއެވެ. ރީހާންއާ ހަތަރު ކަޅި ހަމަވި ސަވާގެ މުޅި ހަށިގަނޑުގަައިވެސް ފިނިކަމެއް ދައުރުކޮށްލިއެވެ. ސަވާގެ ލޮލަށް ނަޒަރު ހުއްޓާލި ރީހާންއަށްވެސް އިރުކޮޅަކު ސަވާގެ އެ ދޮލޮލަށް ބަލަހައްޓައިގެން ހުރެވުނެވެ. އެ ދެލޮލުގައި އެވާ އަސަރުތައް މާނަ ކުރާކަށް ރީހާންއަކަށް ނޭނގުނެވެ.

ހިތްގައިމު އެ މާހައުލުގެ ހިމޭންކަން ފޫދުއްވަމުން ދިޔަ ރާޅުތަކުގެ މިއުޒިކީ އަޑު މުޅި ހިސާބުގައި ހުރިއިރު، ހަނދުވަރުގެ ރިހި އަލިން ތަނުގައި ފަނޑު އަލިކަމެއްގެ އަސަރު ހުއްޓެވެ. ޖެހެމުން ދިޔަ ތެތްފިނި ވައިރޯޅިތަކުންވެސް ހީވަނީ އެ މާހައުލުގެ މަސްތުކަން އިތުރުކޮށްދެމުން ދިޔަހެންނެވެ. އަމިއްލަ ހިތުގެ އިޙްސާސްތައް ކޮންޓްރޯލްކުރަން ރީހާންއަށް އުނދަގޫވަމުން ދިޔައެވެ.

"އަހަރެން ގާތު ވާހަކައެއް ބުނަން ބޭނުންވީތަ؟" ސަވާގެ އަތުގައި ހިފައްޓާލަމުން ރީހާން ސުވާލުކޮށްލުމާއެކު، ސަވާ ބޯ ޖަހާލިއެވެ.

"ސަވާ! ބުނެބަލަ! ކިހިނެއްވީ؟" ރީހާން އޯގާތެރިކަމާއެކު، ސުވާލުކޮށްލިއެވެ.

"އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން. މެރީ ކުރުމުގެ ކުރިން އެއްވެސް ކަމެއް ސިއްރުކޮށްފަ ބާއްވާކަށް ބޭނުމެއް ނޫން." ސަވާ އެހެން ބުނެފައި ދުރުބަލާލުމުން ރީހާންއަށް ވެސް ކުޑަ ނުތަނަވަސްކަމެއް ވެރިވިއެވެ. ސަވާ އެ ބުނަން އުޅެނީ ކޮން ވާހަކައެއް ބާއޭ އޭނާހެ ހިތަށް އެރިއެވެ.

"ރީހާން! އަހަރެންގެ ބޮޑުބޭބެގެ ވާހަކަ ބުނީމެއްނު" ސަވާ ވާހަކަ ފެށުމަށްފަހު، ރީހާންއާ ފަސްދިނެވެ.

"ވާފިރު؟" ރީހާން ޔަޤީންކޮށްލުމުގެ ގޮތުން ސުވާލުކޮށްލިއެވެ.

"ހޫމް. އޭނަ މަރުވީކީ ނޫން. އަސްލު…. އޭނަ މަރާލީ…. އެރޭ އިޝްފާންއަށް އެ މަންޒަރު ފެނުނީ… އޭނަ……..... ވާފިރު މަރުވީ އިޝްފާންގެ އަތުން. " ސަވާ އެހެން ބުނެފައި މަޑުޖެހުނީ ރީހާންގެ ޖަވާބެއް ބޭނުންވާ ފަދައަކުންނެވެ. "އައި އެމް ސޮރީ… ކުރިން ނުބުނެވުނީމަ. އެކަމުގެ ސަބަބުން އިޝްފާން ޖަލަށްވެސް ލީ…." ސަވާގެ އަޑު މަޑުވުމާއެކު، އޭނާއަށް ރޮވުނީކަން ރީހާންއަށް ދެނެގަނެވުނެވެ.

"އިޓްސް އޯކޭ އޭ… އަހަރެން މާޒީގެ ވާހަކައެއް ނާހަމެއްނު. ދެން ކީއްވެ ސަވާ އަލުން ތި ވާހަކަ ދައްކަނީ؟" ރީހާން ސަވާ އޭނާއާ ދިމާލަށް އަނބުރާލާފައި ސަވާގެ ކަރުނަތައް ފުހެދިނެވެ.

"އެރޭ އިޝްފާން ހުރީ ހަމައަކު ނޫން. ފަހުން އިޝްފާން ޖަލަށް ލީ ބައްޕަ… އެއީ ބައްޕަގެ ހަޤީގަތް އެންމެނަށް ހާމަކުރާނެކަމަށް ބުނުމުން…" ހާސްވެފައި ހުރިވަރުން ހުރިހާ ވާހަކައެއް އެއްފަހަރާ ކިޔައިދޭން ސަވާއަށް ދަތިވިއެވެ. ސަވާ ވާހަަކަތައް ކިޔައިދޭން ފެށި ގޮތުން އެއް ހާދިސާއާ އަނެއް ހާދިސާ ގުޅުވާލަން ރީހާންއަށް ދަތިވި ނަމަވެސް، ސަވާގެ ވާހަކަތައް ރަނގަޅަށް އަޑު އަހާލުމުން ވާނުވާ އޭނާއަށް ސާފުވެއްޖެއެވެ.

"ދެން އެވާހަކަ ނުދައްކާ… ޕްލީޒް ބޭބީ…" ރީހާން އެދުނެވެ.

"ރީހާންގެ ފެމިލީ އޯކޭތަ؟" ސަވާ ސުވާލުކޮށްލީ، އަދިވެސް ޔަޤީން ނުކުރެވޭ ފަދައަކުންނެވެ.

"ދޭ އާރ ވެރީ އޯޕެން މައިންޑެޑް… ކުށްކުރީ ސަވާގެ ބައްޕައެއްނު. ސޯ ޑޯންޓް ވޮރީ… އިނގޭ… ދެން ހުއްޓާލާ…" ރީހާން ސަވާގެ ކަރުނަތައް ފުހެދިނުމަށްފަހު، ކޯތާފަތުގައި ފިރުމާލިއެވެ.

"ތޭންކްސް ރީހާން.." ސަވާ ކަރުނައިގެ ތެރެއިންވެސް ހިނިތުންވެލިއެވެ. ރީހާން ފަދަ ޙަޔާތުގެ ބައިވެރިއެއް ލިބުނީތީ އޭނާ، ﷲއަށް ޝުކުރުވެރިވިއެވެ.

ދެވަނަ ސިކުންތުގައި ސަވާ އަނެއްކާވެސް ކަމެއް ހަނދާންވާފަދައަކުން ރީހާންއަށް ބަލާލިއެވެ.

"ބައްޕައަކާ ނުގުޅޭ…" ސަވާ ބުނެލިއެވެ.

"އެކަމާ ހާސްނުވޭ… ކޯޓުން ވަލީގެ ކަންތައް ހަމަޖެހޭނެ." ރީހާން ސަވާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

"ލަވް ޔޫ…" ރީހާން ބުނެލުމާއެކު ސަވާ ލަދުން އިސްޖަހާލިއެވެ.

"ބުނޭ…" ރީހާން އަމުރުކޮށްލާ ރާގަކަށް އެހެން ބުނެލުމާއެކު، ސަވާ ގާތަށް ހިނި އައެވެ.

"އަހަރެންވެސް…" ސަވާ ބުނެލިއެވެ.

"މާދަން ނޫން އަނެއް ދުވަސް އަންނަންދެން ކެތްވެސް ނުކުރެވޭ ވަރުވެއްޖެ." ސަވާގެ ތުންފަތްމަތިން ފެނުނު ހިނިތުންވުމުގެ ސަބަބުން، ރީހާން އިތުރަށް ސަވާ ލަދުގަންނުވާލަން ބޭނުންވިއެވެ. ވީވެސް އެހެންނެވެ. ރީހާންގެ އެ ސަމާސާއިން ސަވާގެ މޫނު ލަދުން ރަތްވިއެވެ.

ދެމީހުން އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލާފައި ރީހާން ސަވާ ގެއަށް ލާން ދިޔައެވެ. ރީހާންމެން ތިބެނީ އެ އޯކިޑް ވިލާ އާ މާ ދުރުނޫން ގެސްޓް ހައުސް އެއްގައެވެ. ގެއަށް ވަދެފައި ދޮރު ލެއްޕުމުގެ ކުރިން ސަވާ ރީހާންއަށް އަތުން ހަނާ އަޅާލިއެވެ. އޭނާ އެނބުރިލިއިރު، އިޝްފާން ސޯފާގައި އޮތެވެ. ލޯ މަރާލައިގެން އޮތުމުން ސަވާ ހީކުރީ އިޝްފާން އޮތީ ނިދާފައިކަމަށެވެ.

ސަވާ ގޮސް ކޮޓަރިއަށް ވަތްއިރުވެސް، ދެފަރާތަށް ފުރޮޅި ފުރޮޅި ޒައިނާ އޮތެވެ.

"ނުނިދަންތަ؟" ގަޑިއަށް ބަލާލަމުން ހައިރާންކަމާއެކު، ސަވާ ސުވާލުކޮށްލިއެވެ.

"ނިދިފަ ހޭލެވުނީ…" ޒައިނާ ދޮގެއް ހަދާލިއެވެ. އިތުރު އެއްޗެއް ބުނުމެއްނެތި ސަވާވެސް ފާޚާނާއާ ދިމާލަށް ހިނގައިގަތެވެ. މޫނު ދޮވެލައިގެން ނިދާ އެއްޗެހި ލައިގެން ނުކުމެ އެނދުގައި އޮށޯވެލިތާ ގިނައިރެއްނުވެ ސަވާއަށް ނިދިއްޖެއެވެ. ސަވާއަށް ބަލާލުމަށްފަހު، ޒައިނާ ތެދުވީ ދެނެވެ. އޭނާ ހާސްވަނީއެވެ. ހީވަނީ ހަތަރު ފަރާތުން މީހާ ފިތޭހެންނެވެ. ގޮތް ނޭނގޭ އެ އުނދަގޫތަކުގެ ސަބަބުން އޭނާގެ ނަފްސުގެ ހަަމަޖެހުން ވަނީ އެކީ ގެއްލިފައެވެ. އެންމެފަހުން ޒައިނާ ތެދުވިއެވެ. އޭނާ ބޭނުންވަނީ ސާފު ވައިރޯޅިއެކެވެ. ނިދާ ހެދުމުގެ މަތިން ދިގުހެދުން ލާފައި ކަޅުކުލައިގެ އާދައިގެ ބުރުގަލެއް އަޅާލުމަށްފަހު، ގޮސް އޭނާ ކޮޓަރިން ނުކުތެވެ. އެވަގުތު ހައިރާންކަމެއް ލިބުނީ ގޭގެ ދޮރު ކުޑަކޮށް ހުޅުވިފައި ހުރުމުންނެވެ. އަނެއްކާ ސަވާ ގެއަށް އައިއިރު ދޮރު ތަޅުނުލާ ހުރީ ހެއްޔެވެ؟ އެހެން ހިތަށް އަރާ ކުރިއަށް އަޅާލި ފިޔަވަޅާއެކު، ސޯފާގައި އިޝްފާން ނެތްތަން ފެނުނެެވެ.

އިރުކޮޅަކު ހުރުމަށްފަހު، ޒައިނާ މަޑުމަޑުން ގޮސް ދޮރުން ބޭރަށް ބޯ ދިއްކޮށްލިއެވެ. ޖޯލީގައި އޮށޯވެލައިގެން ލޯ މަރާލައިގެން އޮތް އިޝްފާން ފެނުމާއެކު، އޭނާ މަޑުމަޑުން ގޮސް ޖެހިގެން ހުރި ޖޯލީގައި އިށީނެވެ. އިޝްފާންއަށް ހަމަހޭވެރިކަންވީ އެހިސާބުންނެވެ. ކައިރީގައި މީހަކު އިށީންކަން އިޙްސާސްވެ ސިހިފައި އޭނާއަށް ދެލޯ ހުޅުވާލެވުނެވެ. އިތުރަށް ހައިރާންވީ އޭނާއާ ޖެހިގެން ހުރި ޖޯލީގައި އިށީނދެގެން އޭނާއާ ދިމާލަށް ބަލަހައްޓައިގެން އިން ޒައިނާ ފެނުމުންނެވެ.

"ޒައިނާ…" އިޝްފާންއަށް ގޮވާލެވުނެވެ.

"ކިހިނެއްވީ؟ ޔަޤީން ނުކުރެވެނީތަ؟ ޖިންނިއެއެއް ނޫނޭ މީ..." ލުއި ހިނިތުންވުމަކާއެކު، ޒައިނާ ބުންޏެވެ. ޒައިނާ އެހާ ހަމަޖެހިފައި އިންތަން ފެނުމުން އިޝްފާންއަށްވެސް ހިނިތުންވެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާ ދެކެން ބޭނުންވާ މަންޒަރަކީ އެއީއެވެ. ޒައިނާ އުފަލުގައި ހުންނަ ތަނެވެ. އަބަދުވެސް ހިނިތުންވެފައި ހުންނަ މަންޒަރެވެ.

"އެނގޭ ޖިންނިއެއް ނޫންކަން. ޖިންނީގެ ބިންމަތީގަ ފައެއް ނުޖެހޭނެ. ޒައިނާގެ ފައި ގައިމު ޖެހޭ އެބަ…" ސަމާސާ މޫޑެއްގައި އިޝްފާން އެހެން ބުނެލިނަމަވެސް، އެ އަޑުގައި ވަނީ ވަރުބަލިކަމެވެ.

"އާރ ޔޫ އޯކޭ؟" އިޝްފާންގެ ހިކި އަނަރޫފަވަމުންދާ ހަށިގަނޑަށް ނަޒަރު ހިންގާލަމުން ޒައިނާއަށް އެ ސުވާލުކޮށްލެވުނީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ.

"ހޫމް. ކިހިނެއްވީ؟" އިޝްފާން ބޯ ޖަހާލިއެވެ.

"ދެން ކީއްވެ ނުނިދާ ތީނީ؟" ޒައިނާ އިސްވެ އިޝްފާންއާ ސުވާލުކުރަން ފެށުމުން އިޝްފާންއަށް ހަިއރާންކަމެއް ލިބުނު ނަމަވެސް، އެކަމުން އޭނާގެ ހިތަށް އުފާވެރިކަމެއް ލިބުނެވެ. ނަތީޖާއެއްގެ ގޮތުން ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެސް ވެރިވިއެވެ. އެހެންނަމަވެސް، ދެވަނަ ސިކުންތުގައި، އެ ހިނިތުންވުން ފަނޑުވެގެން ދިޔަ މަންޒަރު ޒައިނާއަށްވެސް ފެނުނެވެ.

"ކިހިނެއްވީ؟" ޒައިނާ އަހާލިއެވެ.

"ޒައި ވެސް ނުނިދަމެއްނު..." ކުރިން ކުރި ސުވާލަށް އިޝްފާން ޖަވާބު ދިނެވެ.

އިޝްފާންގެ ދުލުން އޭނާގެ ނަން އެފަދަ ގޮތަކަށް ކީ ފުރަތަމަ ފަހަރު ކަމުން ޒައިނާގެ ހިތުގެ އިޙްސާސްތައް އުތުރެން ފެށިއެވެ. ހިތުގައިވާ ޖަޒުބާތުތައް ހީވަނީ އޭނާގެ އަމިއްލަ ނަފްސަށް، އިޝްފާން ދެކެ އޭނާ ވާ ލޯބި ބަޔާންކުރަން މަޖުބޫރުކުރުވާ ހެންނެވެ. އިޝްފާންގެ ދެލޮލަށް ބަލަހައްޓައިގެން ޒައިނާއަށް އިނދެވުނުއިރު، އިޝްފާންވެސް ޒައިނާއާ ނަޒަރު ވަކިކޮށްލަން ބޭނުންނުވާ ފަދައެވެ. ހީވަނީ މިރޭ އޭނާ ވެސް ޒައިނާއާ ދުރަށް ދާން ބޭނުން ނުވާހެންނެވެ. ބޭނުންވަނީ ޒައިނާގެ ހުރިހާ ނުތަނަވަސްކަމެއް ދުރުކޮށްދޭށެވެ. ހުރިހާ ތަކުލީފެއް ލުއިކޮށްދޭށެވެ. އަދި އޭނާގެ ހިތުގައި ޒައިނާއާ މެދު ވާ އިޙްސާސްތަކުގެ ފުންކަމާއި އޭނާ ލޯބިވާ މިންވަރު ވެސް ހާމަކޮށްދޭށެވެ. ޒައިނާ ނޫން މީހަކު އޭނާގެ ޙަޔާތަށް ގެނައުމަށް ދުވަހަކު ބޭނުން ނުވާ ކަމުގައި ބުނެ އިޤުރާރުވާށެވެ. މާގިނަ ދުވަހެއް ދެން އޭނާއަށް ނެތޭ އިޝްފާންއަށް ހީވަނީއެވެ. އެހެންކަމުން އެހިތުގެ މުރާދު ހާސިލްކުރުމަށް ހިތް ޖަދަލުކުރުމުގެ ނަތީޖާއެއްގެ ގޮތުން، އެ އެދުންތަކާ ދެކޮޅު ނުހެދުނީއެވެ. އެންމެ ފަހަރަކު ނަމަވެސް، ޒައިނާއާ ލޯބިން ވާހަކަ ދައްކާލަށް އޭނާގެ ހިތް ބޭނުންވީއެވެ.

"އަހަރެންވެސް ނުނިދިގެން…" ޒައިނާ ބުނެލިއެވެ.

"އެއީ.." އިޝްފާން ޒައިނާއާ ނަޒަރު ވަކިކޮށްލިއެވެ.

"ވިސްނޭތީ…." އެހެން ބުނެލާފައި އިރުކޮޅަކު ޒައިނާ މަޑުޖެހިލިއެވެ. "އިޝްފާންއާ މެދު…"

"އަހަރެން ދެކެ އެހާވެސް ލޯބިވޭތަ؟" އެހެން އަހާލިއިރު، އިޝްފާންގެ އަޑުން ވޭނާ ކެކުޅުން ނޫން އެއްޗެއް ފާޅެއް ނުވެއެވެ.

"އިޝްފާން ގަބޫލުކުރަން ބޭނުންނުވަނީނު…." މިފަހަރު ޒައިނާގެ އަޑުވެސް ނުކުތީ މަޑުންނެވެ.

"ނޫން. ޒައިގޮތަށް އަހަރެންވެސް…." ޒައިނާގެ ވޭނުން ފުރިގެންވީ އަޑު ޖެހުމާއެކު، އިޝްފާންއަށް ވެސް އޭނާގެ އަމިއްލަ ހިތުގެ އިޙްސާސްތައް ކޮންޓްރޯލެއް ނުކުރެވުނެވެ. އިޝްފާން އެބުނި ޖުމްލަތައް ގަބޫލުނުކުރެވިފައި ޒައިނާ އިންދާ އޭނާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"އަހަރެންވެސް ލޯބިވޭ… ޒައި ދެކެ ވަރަށް ވަރަށް ބޮޑަށް ލޯބިވޭ!"

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު