މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށާއި ފަތުރުވެރިކަމަށް ނުރައްކާ އެބައޮތް ކަމަށާއި މިކަމަށް އަވަސް ހައްލެއް ހޯދަންޖެހޭ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
ދިވެހިރާއްޖޭގެ އިގުތިޞާދު ބަރޯސާވެފައިވަނީ ފަތުރުވެރިކަމާއި މަސްވެރިކަމުގެ މައްޗަށެވެ. މި ދެ ދާއިރާއަކީ ޤައުމުގެ ޖީޑީޕީ އާއި ވަޒީފާގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހިއްސާކުރާ ދާއިރާތަކެވެ.
މިއަދު ނެރެފައިވާ ވޯލްޑް ބޭންކުގެ ރިޕޯޓެއްގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މި މުހިންމު ދާއިރާތަކަށް ބޮޑެތި ނުރައްކާތަކާ ކުރިމަތިލާން ޖެހިފައި ވާކަމަށެވެ. އަދި މިހާރު ވެސް ފަރުތަކާއި މަސްވެރިކަމަށް ކުރަމުންދާ އަސަރުތައް މެދުރާސްތާގައި އިތުރަށް ގޯސްވާނެކަމުގެ އިންޒާރު ވަނީ ދީފައެވެ.
މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިގުތިޞާދަށާއި ތިމާވެއްޓަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަން ފާހަގަކޮށް، މި ނުރައްކާތަކަށް ހައްލު ހޯދުމަށްޓަކައި، ވޯލްޑް ބޭންކުން މިއަދު ނެރުނު ރާއްޖޭގެ 'ކަންޓްރީ ކްލައިމެޓް އެންޑް ޑިވެލޮޕްމަންޓް ރިޕޯޓް' (ސީސީޑީއާރު)ގައި މޫސުމަށް އަންނަ ބަދަލުތަކަށް އެކަށީގެންވާ ގޮތަށް ހަރަކާތްތެރިވުމަށް މުހިންމު މަގުތަކެއް ފާހަގަކޮށްފައިވެއެވެ. މީގެ ތެރޭގައި މި ދާއިރާތައް ރައްކާތެރި ކުރުމަށާއި އިޤްތިޞާދުގެ ހަރުދަނާކަން ކަށަވަރުކުރުމަށް ބޭނުންވާ މާލީ އިސްލާހުތައް ހިމެނެއެވެ.
އަދި ރާއްޖޭގެ ފަރުތަކަކީ ގޮނޑުދޮށް އުފެދުމަށާއި، ރަށްތައް ރައްކާތެރިކުރުމަށާއި، ފަތުރުވެރިކަމަށް ވަރަށް މުހިންމު ގުދުރަތީ ވަސީލަތެއް ކަމަށާއި ނަމަވެސް މި ފަރުތައް އަވަސް ސްޕީޑެއްގައި ހަލާކުވަމުން ދާކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
ސީސީޑީއާރް ގައި ލަފާކޮށްފައިވާ ގޮތުގައި ދުނިޔޭގެ ޖައްވުގެ ހޫނުމިން ދެ ޑިގްރީ ސެލްސިއަސްއަށްވުރެ މަތިވެއްޖެނަމަ ހުރިހާ ފަރުތަކެއްހެން ނެތިގެން ހިނގައިދާނެއެވެ. މިކަމުން ސަބަބުން ރާއްޖޭގެ ފަރުތައް ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅުތައް ހަރުދަނާކުރުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.
އެ ރިޕޯޓުގައި ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ އަސަރުތައް ވަޒަންކޮށް 2100 ވަނަ އަހަރާ ހަމައަށް 0.9 މީޓަރަށް އުފުލިދާނެކަމަށް ލަފާކޮށްފައެވެ. އަދި އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ، 2050ވަނަ އަހަރާ ހަމައަށް އާންމުކޮށް 10 އަހަރަކުން އެއްފަހަރު އަންނަ ފެންބޮޑުވުމުގެ ހާދިސާތަކުގެ ސަބަބުން ރާއްޖޭގެ ޖުމުލަ މުދަލުގެ 3.3 ޕަސަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަމަށް ވަނީ ބުނެފައެވެ.
މިކަމަށް ހަރުދަނާ އިންވެސްޓްމަންޓްތަކެއް ކުރެވިއްޖެނަމަ، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ޖީޑީޕީއަށް ކުރާނެ އަސަރު ދެބައިކުޅަ އެއްބަޔަށް ކުޑަކުރެވިދާނެކަން ވޯލްޑް ބޭންކުން ވަނީ ފާހަގަކޮށްފައެވެ.
ރާއްޖެ، ނޭޕާލް އަދި ސްރީލަންކާގެ ވާލްޑް ބޭންކްގެ ކަންޓްރީ ޑިރެކްޓަރު ޑޭވިޑް ސިސްލެން ވިދާޅުވީ، ރާއްޖެ މިހާރު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތަކާއި މިހާރު ދިމާވެފައިވާ އިޤްތިޞާދީ ގޮންޖެހުންތައް ފައްޔަރުވެފައިވާ ނާޒުކު ހިސާބެއްގައި ކަމަށެވެ.