ހިކި މޭބިސް ކަދުރަކީ އާއްމުކޮށް އަޅުގަނޑުމެން ތައްޔާރުކުރާ ޑައެޓް ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރާ ބާވަތެކެވެ.
މީގެއިތުރުން ގޭގައި ތައްޔާރުކުރާ ވަރަށް ގިނަ ކެއުންތަކުގައި ވެސް ހިކި މޭބިސްކަދުރު ބޭނުންކުރެއެވެ. އޭގެތެރޭގައި އެކި ވައްތަރުގެ ބިރިޔާނީ، ތަފާތު ވައްތަރުގެ ބަތް އަދި ފޮނި ބާވަތްތައް ނުވަތަ ޑެޒަޓް ހިމެނެއެވެ.
ކެއުންތަކުގައި ބޭނުންކުރުމުގެ އިތުރުން ހިކި މޭބިސް ކަދުރަކީ ސްނެކެއް ގޮތަށް ވެސް ވަރަށް ގިނަ މީހުން ކާން ބޭނުންކުރާ ބާވަތެކެވެ.
ހިއްކާފައި ހުންނަ އެހެން މޭވާތަކެކޭ އެއްގޮތަށް ހިކި މޭބިސްކަދުރަކީ ވެސް އޭގައި ހަކުރު އެކުލެވޭ ބާވަތެކެވެ. ގިނަ ފަހަރަށް މިގޮތަށް ހިއްކާފައި ހުންނަ މޭވާތަކުގައި ހުންނަ ހަކުރަކީ ގުދުރަތީ ގޮތުން އޭގައި އެކުލެވޭ ހަކުރަށް ނުވާތީ މާގިނައިން ހިކި މޭބިސް ކަދުރު ވެސް ބޭނުންކުރުމަށް ގިނަ މީހުން ފަސްޖެހެއެވެ.

މޭބިސްކަދުރަކީ ދިވެހިންގެ މެދުގައި މަގުބޫލު ކެއުމެއް ކަމަށްވާ ބިރިޔާނީ ކެއްކުމަށް ގިނަ ބަޔަކު ބޭނުންކުރާ ބާވަތެއް--ފޮޓޯ/ދަކިޗެން.ކޮމް
ނަމަވެސް މިއީ ވިޓަމިންސް އާއި މިނަރަލްސް އަދި އެންޓިއޮކްސިޑެންޓް ފަދަ އެހެނިހެން ނިއުޓްރިޝަނަލް ފައިދާތައް ގިނަ ބާވަތަކަށް ވުމުން ކޮންމެވެސް ވަރަކަށް ކެއުމުގައި ބޭނުންކޮށްލުން ރަގަޅުކަމަށް ސިއްހީ މާހިރުން ލަފާ ދެއްވައެވެ.
އެއްވެސް ބާވަތެއްގެ ކާއެއްޗަކީ އެ ކެއުމަށް ކަނޑައަޅާފައި އޮންނަ މިންވަރަށްވުރެ މާގިނައިން ބޭނުންކޮށްފިނަމަ ހަށިގަނޑަށް އެއިން ގެއްލުން ލިބޭނެ އެއްޗެކެވެ.
އެހެންކަމަށް ވުމުން ހިކި މޭބިސް ކަދުރު ވެސް މާގިނައިން ކާން ބޭނުންކުރާނަމަ އެކަމުން އުނދަގޫތަކެއް ހަށިގަނޑަށް އިހުސާސްވުމުގެ ފުރުސަތު އެބައޮތެވެ.

ގިނަ ބަޔަކު ހެނދުނުގެ ނާސްތާއަށް ބޭނުންކުރާ އޯޓް މީލްއަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ހިކި މޭބިސްކަދުރު ފަދަ މޭވާއަކުން--ފޮޓޯ/ޕިންޓްރެސްޓް
އެމެރިކާގެ ނިއުޓްރިޝަން މާހިރެއް ކަމަށްވާ މެގީ މޫން އެމް.އެސް އާރްޑީ ބުނެފައިވާ ގޮތުގައި މާގިނަ އަދަދަކަށް ކެއުމަށް ހިކި މޭބިސްކަދުރު ބޭނުން ކުރާނަމަ މާގިނައިން ބޮޑު ކަމުދެވި ވަރުބަލިކަން އިހުސާސްވުމުގެ ފުރުސަތު ބޮޑުވާނެއެވެ. މޫން އިރުޝާދު ދޭގޮތުގައި ކޮންމެ ދުވަހަކު ވެސް ހިކި މޭބިސްކަދުރު ކާން ރަގަޅު މިންވަރަކީ 4/1 ޖޯޑުގެ މިންވަރެކެވެ.
މިއީ ކާބޯހައިޑްރޭޓްސް މަތީ މިންވަރަކަށް އެކުލެވޭ ބާވަތަކަށް ވުމުން ހަކުރު ބަލި ހުންނަ މީހުން ހިކިމޭބިސްކަދުރު ކެއުމުގައި ހިމެނުމުގެ ކުރިން ޑޮކްޓަރެއްގެ ނުވަތަ ނިއުޓްރިޝަނިސްޓެއްގެ ލަފާ ހޯދަންވާނެ ކަމަށް މޫން ވަނީ އިރުޝާދު ދީފައެވެ.
ހަކުރުގެ މާއްދާ ނުހުންނަ ކެއުންތަކާ ދުރުވުމަށް މަސައްކަތްކުރާ ފަރާތްތަކުން ހިކިމޭބިސްކަދުރު ގަންނައިރު އާޓިފިޝަލް ހަކުރު އޭގައި ނުހުންނަ ނުވަތަ އެއްވެސް ވަރަކަށް ހަކުރުގެ މާއްދާ އޭގައި އެކުލެވިފައި ނުވާ ބާވަތެއް ހިޔާރުކުރުން މުހިއްމެވެ.