ކުރިއަށްއޮތް ދެމަހެއްހާ ދުވަހު ދުނިޔެއަށް "މިނީ މޫން"އެއް ފެންނާނެ: ސައިންސް

ކްރެޑިޓް: އަންސްޕްލޭޝް/ސީސީ0 ޕަބްލިކް ޑޮމެއިން --

ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ މުއްދަތަށް ދުނިޔެއަށް އިތުރު ހަނދެއް ނުވަތަ އައު މިނީ-މޫނެއް ފެންނާނެކަމަށް ސައިންސްވެރިން ބުނެފިއެވެ.

މެޑްރިޑް ކޮމްޕްލުޓެންސް ޔުނިވާސިޓީގެ ދެ އެސްޓެރޮއިޑް ޑައިނަމިކްސް ދިރާސާވެރިން ހާމަކޮށްފައިވާ ގޮތުގައި މި މަހުން ފެށިގެން ކުޑަ އެސްޓެރޮއިޑެއް ދުނިޔޭގެ ވަށައިގެން އެއްފަހަރު ދައުރުކުރުމަށްފަހު އަނބުރާ ސޯލާ ސިސްޓަމްގެ އެހެން ހިސާބުތަކަށް ދާނެއެވެ.

ރިސާޗް ނޯޓްސް އޮފް ދަ އޭއޭއެސް ޖާރނަލްގައި ޝާއިޢުކުރި ކަރުދާހެއްގައި ކާލޯސް ދެ ލަ ފުއެންޓެ މާކޯސް އަދި ރައުލް ދެ ލަ ފުއެންޓެ މާކޯސް ބަޔާންކޮށްފައިވަނީ ދުނިޔެއިން އެސްޓެރޮއިޑްތައް ގަވާއިދުން ހިފަހައްޓާ ގޮތާއި، 2024 ޕީޓީ-5 ގެ ނަމުގައި ފާހަގަކުރެވިފައިވާ އެސްޓެރޮއިޑް ދުނިޔެއާ ކައިރިވާނެ މަގު ދައްކުވައިދޭ ހިސާބުތަކެވެ.

އެ ކަރުދާހުގައި ބުނެފައިވާ ގޮތުން މި އެސްޓެރޮއިޑަކީ ވޭތުވެދިޔަ މަހު އެސްޓެރޮއިޑް ޓެރެސްޓްރިއަލް-އިމްޕެކްޓް ލާސްޓް އެލާރޓް ސިސްޓަމްގެ ތެރެއިން ދެނެގަނެވުނު އެއްޗެކެވެ.

މީގެ ކުރިން ކުރެވުނު ދިރާސާތަކުން ދައްކާގޮތުގައި މި އެސްޓެރޮއިޑް ދުނިޔޭގައި ޖެހޭނެކަމުގެ ބިރެއް ނެތެވެ. ނަމަވެސް ދިރާސާވެރިން ލަފާކުރާގޮތުގައި މި އެސްޓެރޮއިޑް ވަގުތީގޮތުން ދުނިޔޭގެ ގްރެވިޓީގެ ތެރެއަށް ވަދެގެން ދާނެއެވެ.

ދިރާސާވެރިން ފާހަގަކުރާގޮތުގައި މި އެސްޓެރޮއިޑަކީ 10 މީޓަރުގެ ކުޑަ އެއްޗެކެވެ. މިހާރު އޭގެ ސައިޒާއި، ސްޕީޑާއި އަދި މަގު ބަލައި، ކުރިއަށް އޮތް މަސްތަކުގައި އޭތި ދަތުރުކުރާނެ މިސްރާބާއި މަގުު ހިސާބުކުރެވިފައިވެއެވެ.

މި ހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ ފަހުކޮޅު ފެށިގެން ނޮވެމްބަރު މެދުތެރެއާ ހަމައަށް 53 ދުވަހުގެ މުއްދަތަކަށް މި އެސްޓެރޮއިޑް ދުނިޔޭގެ ވަށައިގެން އެއްފަހަރު ދައުރުކުރާނެއެވެ.

މި އެސްޓެރޮއިޑްގެ މަގު ދިރާސާކުރުމުން އޭގެ އަސްލު އަންދާޒާކުރެވިފައިވެއެވެ.

ދިރާސާވެރިން ދެކޭގޮތުގައި މިއީ އަަރްޖުނާ އެސްޓެރޮއިޑް ބެލްޓުން އައި އެއްޗެކެވެ. އަރްޖުނާ އެސްޓެރޮއިޑް ބެލްޓަކީ އިރުގެ ވަށައިގެން ދުނިޔޭގެ މަގާ އެއްގޮތް މަގުތަކެއްގައި ދައުރުކުރާ ގިނަ އެސްޓެރޮއިޑްތަކެއް ހިމެނޭ ސަރަހައްދެކެވެ.

އަދި ދިރާސާވެރިން ފާހަގަކުރާގޮތުގައި 2024 ޕީޓީ5 އަކީ މީހުން އުފެއްދި ސްޕޭސް ޖަންކެއް ނޫނެވެ. އެއީ ޤުދުރަތީގޮތުން އުފެދިފައިވާ އެހެން އެއްޗަކާ އެއްގޮތް މަގެއްގައި ދަތުރުކުރާ އެސްޓެރޮއިޑް ނުވަތަ ގިނިހިލައެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް