"ތިބާގެ ވަޒީފާއަކީ ނަމާދު އެޅުމުގެ ސަބަބަކަށް ވިޔަނުދޭށެވެ. ސަބަބަކީ މުސާރައިގާ ބަރަކާތް ނުލިބިދާނެތީއެވެ. "

***

"ޑިޑް އިޓް ހަގް މީ ބެކް..." ހިތާހިތުން ކިޔާލައި އެއީ ފަހަރެއްގައި ބެޓެރި ލައްވާފަ ހުރި އެއްޗެއް ކަމުގައި ހީކޮށްލެވުނެވެ. ގަޑި ބަލައިލާފައި އަވަހަށް ބޭނުންވީ ތާޒާ ވެލުމަށެވެ.

"ފަރަހް..." ފަރަހް އަށް ގޮވާލި ހެން ހިވުނެވެ. އޭނައަށް މުޅި ތަން ހޯދައި ބަލައިލެވުނެވެ. ދޮރު ހުޅުވާފައި ބަލައިލި އިރު ގޭގައި އުޅޭ ޚާދިމާއެއް ދޮރު ކައިރީ ހުރުމުން އޭނާ ގޮވީކަމަށް ހީކޮށް ސުވާލުކޮށްލިއެވެ. އޭނަ ބުނީ ފަރަހްއަށް ނުގޮވާ ކަމަށެވެ.

" އެކަކު ވެސް ނުގޮވާތަ؟ހްމްމްމް އެހެންވިއްޔާ އާދެބަލަ ސްޓެޗޫ އެއް ހެން ނުހުރެ ރެޑީ ކޮށްދޭން...." ފަރަހް ތުން ހަދައިލާ އަމުރު ކުރިއެވެ. ހިތް ބިރުގަތުމުން އެކަނި ހުންނަން ބިރުވެސްގަތީއެވެ. ތައްޔާރުވެލައިގެން ދަމުން އަދިވެސް އެއްފަހަރު ލޯގަނޑަށް ބަލާލެވުނެވެ. ކުރުކޮށް އޮތް އިސްތަށިގަނޑު ކަންފަތުގައި އަޅުވާލިއެވެ. ތުންފަތުގައި ހުރި މަޑު ފިޔާތޮށިކުލައިގެ ލިޕްސްޓިކްވެސް މަދުކަމަށް އަނެއްކާ ވެސް ގިނައިން ހާކާލައި ފަރިވެލިއެވ. ލައިގެން ހުރީ ސޯޓަކާއި ޓީޝާޓެކްވެ. އާއްމުކޮށް ފަރަހް ލައި އުޅޭ ފަދަ ހެދުމެވެ.

" ޕިސް ދެން ވަރަށް ބޭސިކް ފާޑު ދޯ ޖަހަނީ....." ފަރަހް ފޫހި ގޮތަކަށް ހެދުމަށް ބަލައިލިއެވެ. ޚާދިމާ އިސް ޖަހާލައިގެން ހުރެފައި ބޯ ހޫރާލިއެވެ. އަދި ގަޔަށް ސެންޓު ޖެހުމަށް އެދުނެވެ. ވަސް ގަދަ ކަމުން ނޭވާ ލާންވެސް އުނދަގޫ ވާހާ ވަރަށް ސެންޓު ގަޔަށް ޖަހަިއގެން ނިކުންނަން ދަމުން އެނބުރި ބަލައިލިއެވެ. އެނދުގައި އޮތް ޓެޑީ ގެ ލޯ ދިއްލުނުހެން ފަރަހް އަށް ހީވިއެވެ.

" މި ހާދަ ތަފާތު ބެއަ އެކޭ...." ފަރަހް އެއަށް ބަލަން ހުރިގޮތުން ހާދިމާވެސް އެއަށް ބަލއިލިއެވެ. ނަމަވެސް އޭނާއަކަށް ވަކި ޙާއްސަ ކަމެއް ފާހަނގައެއް ނުކުރެވުނެވެ.

"އެ ނަގާދީބަ....އައި ވޯންޓް ޓު ޓޭކް އިޓް ވިތް މީ...." ފަރަހް ފޮނިވެލިއެވެ. އޭނަގެ ބޭނުމަކަށް ވީ އުރުޖުވާން އަކީ އޭނާއަށް އޮޅުވާލާ ލޯބިން އުޅުނު މީހެއް ނޫން ކަން މާޒިމްއަށް އެންގުމެވެ. މި ފަދަ ވަގުތުގައި އެފަދަ ވާހަތައް ގިނައިން ދެއްކުމުން މާޒިމް ގެ ހިތުގައި އުރުޖުވާންއަށްޓަކައި ވާ ލޯބި ފިލައިދާނެ ކަމުގައި ފަރަހް އަށް ހީކުރެވުނީއެވެ.

ފަރަހް ގެސްޓް ރޫމް އަށް ވަންއިރު މާޒިމް ފެންނާން ނެތުމުން އޭނާ ދިޔަތަނެއް ހޯދަން އެންމެނަށް އެންގިއެވެ. މާޒިމް ދިޔައީ ކައިރީ ހުރި ބޭސްފިހާރައަކަށް ކަން އެނގުމުން ފަރަހް ފުން ނޭވާ އެއް ދުކޮށްލީ ހާސްކަންފިލުވަމުންނެވެ. އެހެން ހުރެފައި ނިދިފައި އޮތް ނަބީލާ ގެ މޫނަށް ކަޅި އެއްލާލެވުނެވެ. ދޮން ރީތި އޮމާން މޫނެކެވެ. ކުރީންވެސް ފަަރްހަ އަށް ނަބީލާ ވަނީ ފެނިފައެވެ. އެކަމަކު ނަބީލާ އަބަދުވެސް ފަރަހް އާއި މެދު އެހާ ހިތްހަމަނުޖެހޭކަން އޭނާއަށް އިހުސާސްކުރުވައެވެ. ކުޑައިރު ކުޅެން އަޔަސް މާޒިމް އާއި ދުރުކުރަން މަސައްކަތް ކުރާ ކަން އޭނާއަށް ފާހަނގަވިއެވެ.

" މޮޔަގަނޑު....އެނގޭތަ މީ ކާކު ކަން....މާޒް ގެ ވައިފް....ފަރަހް...." ނަބީލާގެ ކޮލުގައި އިނގިލި ޖައްސާލަމުން ފަރަހް ބުނެލިއެވެ. އެތާ ކައިރީ ތިބި ނަރުހުން އެދުނީ އޭނާ ހޭނުލެއްވުމަށެވެ. ނަމަވެސް ފަރަހް އެމީހުންވެސް ދުރުކޮށްލާފައި އެނދު ކައިރީ އިށީނެވެ. އޭރުވެސް އޭނަގެ އަތުތެރޭގައި އެ ބުދު އޮތެވެ. ފަރަހްއަށް ނޭގުނަސް އޭގައި ދިރުމެއްވިފަދައެވެ. ފަރަހް އޭނާގެ އަތުން ނަބީލާގެ ކޮލުގައި ހިފާލި އިރު އެ ދިގު ތޫނު ނިޔަފަތިތަށްވެސް ހެރޭވަރުވިއެވެ. ނަބީލާ މަޑުމަޑުން ކުކުރާލިއެވެ. އޭނަ ހިނިގަނޑެއް ޖަހައިލާފައި ދާންވެގެން ތެދުވުނުތަނާ ނަބިލާ ގެ ލޯ ހުޅުވުނެވެ. ރަތް ވެފައި ވާ ދެލޯ ބޮޑުކޮށްލާފައި ފުންމައިގެން ތެދުވެ ހިފީ ފަރަހް ގެ ކަރުގައެވެ. އެހާ އަވަހަށް އެކޮށްލި ހަރަކާތުން ފަރަހް އަށް ކުއްލި ސިހުމެއް ލިބި ސަލާމަތްވާން ހަރަކާތެއްވެސް ނުގެނެވުނެވެ. ނަރުހުން ނަބީލާ ހުއްޓުވުމަށް އުޅުމުންވެސް ނަބީލާ ގައިގާ ހުރި ބާރު ކަނޑުވާނުލެވުނެވެ. ނަބީލާ ގެ ކަޅި ހުއްޓުނީ ފަރަހްގެ އަތުތެރޭގައިވި ބުދަށެވެ. އަދި އޭތި ފަރަހް އަތުން ޖަހައިގަތެވެ. ނަބީލާ އޭނާގެ ބާރުގަދަ އަތުން ފަރަހް އުފުލާލައި ބިމަށް ހޫރައިލިއިރު ހީވީ ވަޔާއެކު ފަތެއް އުދުހިގެން ދިޔަހެންނެވެ.

" މޮޔަގަނޑާ....." ފަރަހް ވެއްޓުނުހާ ބާރަށް ތެދުވެ ގޮސް ހިފީ ނަބީލާގެ އިސްތަށިގަނޑުގައެވެ.

"ފަރަހް...." މާޒިމް ގެ ބާރު އަޑު އެތަނުގައި ގުގުމައިލިއެވެ. ފަރަހް ސިހިފައި އަވަހަށް ނަބީލާއާއި ދުރަށް ޖެހިލިއެވެ. މާޒިމް އަށް އޭނާގެ މައުސޫމުކަން ދެއްކުމަށް ރޮއެގަތެވެ.

"ނަބިއްތަ.....ޝީ ވޯންޓްސް ޓު ކިލް މީ...." ފަރަހް ބިރުގެންފައި ކަމަށް ހެދި މާޒިމް އާއި ދިމާ އަށް ދުވެފައި ދިޔައެވެ. މާޒިމް އޭނަ އެއް ފަރާތަށް ކޮށްޕާލާފައި ދިޔައީ ނަބީލާ އާއި ދިމާއަށެވެ.

" ދަރިފުޅު....އާންޓް ގެ ލޯބި އުރްޖުވާން...ލޯބި ކަމަނަ..." ނަބީލާގެ މިޒާޖަށް ވެސް ބަދަލު އައެވެ. އަތުގައި އޮތް ބުދު އަތް މައްޗަށް ލައި ލޮއްސަން އުޅުނެވެ. މާޒިމް ހުރީ ހައިރާންވެފައެވެ.

"ކާކު މީތި ގެނައީ؟" މާޒިމް ބަލައިލީ އެތާ ތިބި ނަރުހުންނަށެވެ. އެމީހުން އިނގިލި ދިއްކުރީ ރޯން ހުރި ފަރަހް އާއި ދިމާއަށެވެ. މާޒިމް ގޮސް ފަރަހް ގެ އަތް ދަނޑީގައި ބާރަށް ހިފާލިއެވެ.

" ކާކު ގެ ހުއްދައަކާ އެކީ އެ ބުދު މިތަނަށް ގެނައީ....." މާޒިމް ސިއްރުން ބުނި ކަމުގައިވިޔަސް އޭނާގެ މޫނުމަތިން ރުޅީގެ ރަތްކުލަ ފެންނަން ހުއްޓެވެ. ފަރަހް އަށް ކުޅު ދިރުވަންވެސް ނުކެރިފައި ހުރެވުނެވެ.

"މަ މި ބުނީ ކާކު ހޭ ފަރަހް އަށް ހުއްދަ ދިނީ؟ތި ކަންފަތަށް އަޑު ނީވެނީތަ؟" ފަރަހް ގެ އަތަށް ކުރިއަށް ވުރެ ބާރަށް ފިއްތައިލިއެވެ. ތަދުވި ވަރުން ފަރަހް އެ އަތް ވީއްލަން މަސައްކަތްކުރިއެވެ.

" ތަދުވެޔޭ.....އެ އޮޅިގެން ބޭގް އަށް ލެވުނީ....އުރުޖުވާން ގެ އެއްޗަކަށް ވީމަތަ ތިހާ ތި ފޯރި އަރަނީ...." ފަރަހް ދަތް ކުޑިވިކާފައި އެހިއެވެ. އެވަގުތު ނަބީލާ އައިސް މާޒިމް ގެ އަތުގައި ހިފިއެވެ.

" އެ ހަންޑި....ހަންޑި ކުއްޖާ...ނުދޭނަން މި ކުއްޖާ....މިއީ މަގޭ އުރުޖުވާން އޭ...."ނަބީލާގެ އަތުގައި އޮތ ބުދު ފަރަހް އާއި ދިމާއަށް ހޫރުވައިލިއެވެ. އެވަގުތު ފަރަހް އަށް އެ ބުދުގެ މޫނު އެހެން ސިފަޔަކަށް ބަދަލުވިހެން ހީވިއެވެ. ހިތަށް ވަނީ ފިނި ހީގަނޑެކެވެ. ގައިން ނުފިލާ ކަހަލަ އުނދަަގުލެއްވެ ހިތް ބިރުވެރިކަމުން ފުރުނެވެ. އޭނަ ހަޅޭއްލަވައިގަތީ ކަންފަތު ތޫރި ފަޅައިގެންދާހާ ބާރަށެވެ. މާޒިްމ ހީކުރީ އޭނާ އެ އަތުގައި ހިފިލެއް ބާރުކަމުން ތަދުވެގެން ކަމަށެވެ. ނަބީލާ އައިސް ފަރަހް ގެ ކަރުގައި އަތް އޮޅާލިއެވެ.

" ފަހަތުގައި އަޅުވާލި ބީރައްޓެއްސެއް...." އޭނަ ކަންފަތް ދަށުގައި ބުނެލީ ވައި އަޑަކުންނެވެ. ފަރަހް ހުރީ ގުޑިލަންވެސް ނޭނގިފައެވެ. މުޅި ނަފުސްވެސް ބިރުވެރިކަމެއްގެ ތެރޭގައެވެ. މާޒިމް އޭނާގެ މަންމަ ދުރުކޮށްލާފައި އެނދުގައި ބޭއްވުނީ އުނދަގޫ ކަމާއެކުއެވެ. އަދި ނިދާ ބޭހެއް ދީ މަތަކުރުވުމަށް ނަރުހުން މަސައްކަތްކުރިއެވެ. ގަބުވެފައި ހުރި ފަރަހް ދެވޭ ނުދެވޭ ތަނެއް ނޭނގިހުރެ އެކޮޓަރިން ނިކުތީ ފެނުނު މަންޒަރު ގަބޫލުނުކުރެވި ހުރެއެވެ. ފަހަތުގައި މީހަކު ހުރި ކަމުގެ އިހުސާސްވެ އެނބުރިލެވުނީވެސް ސިހިފައި ހުރެއެވެ. އެކަކުވެސް ނެތެވެ. ބިރުން ތުރުތުރުއަޅައިގަތުމާއެކު ކުޑަކަކޫ މައްޗަށް ތިރިވެވެވުނެވެ.

"ފަރަހް...ފަރަހް..." ކޮނޑުގައި ހިފައި ތަޅުވާލީ މާޒިމް އެވެ. ފަރަހް އަށް ހީވީ ބިރުވެރި ހުވަފެނަކުން ހޭލެވުނު ހެންނެވެ. ފަރަހް އަށް ލިބުނު އުފަލަކުން މާޒިމްގެ ގައިގައި ހިފައިގަނެވުނެވެ.

" ކިހިނެއްވެގެންތަ ފަރަހް ތި އުޅެނީ؟މަންމައަކީ ބަލި މީހެކޭ....އަހަރެންގެ ހުއްދަ އާއި ނުލާ ދެން އެ ކޮޓަރިއަށް ގޮސްގެން ނުވާނެ...." މާޒިމް އޭނާ ދުރުކޮށްލަމުން ވާހަކަ ދެއްކީ ރުޅިގަދަވެފައެވެ.

" އެކަމު..މާޒް އެއް ނު ބުނީ އެ ކޮޓަރިޔަށް އައުމަށް...." ފަރަހް ގޮތްދޫކުރާކަށް ބޭނުމެއްނުވިއެވެ. އޭނަ ކިޔާ އެއްޗަކަށް ފަރުވާލެއް ނުބަހައްޓާ މާޒިމް އެތަނުން ދިޔަތަން ބަލަން ފަރަހް އިނީ ރޮވިފައެވެ. އެ ރުޅިގަނޑާއެކީގައި އޭނާ ގޮސް ވަނީ އަމިއްލަ ކޮޓަރިއަށެވެ. ދޮރު ބާރަށް ލައްޕާލަމުން ރޯ ކޮށްލީ ސިގިރެޓެކެވެ. އެއާއެކު ކޮޓަރީގެ ބޮކި ނިވިދިއްލެން ފެށުނެވެ. ނިވިދިއްލެމުން ދިޔައިރު މުޅި ކޮޓަރިއަށް އެޅެމުންދިޔައީ އެކި ފާޑު ފާޑު ހިޔަނިތަކެކެވެ. އޭނަ ހަޅޭއްލަވަން އަނގަ ހުޅުވުމުން ހީވީ އަޑުފޮށީގައި މީހަކު ބާރަށް ހިފަހައްޓާލައިގެން ހުރީ ހެންނެވެ. ފަރަހް ގެ އަތުން ސިގިރެޓް ދޫވިއެވެ. އަދި ހަށިގަނޑުން ވަރު ދެރަވެ އެނދަށް ވެއްޓުނެވެ.

***

"ދާނެ ކަމެއް ނެތް....ތިއީ އަހަރުމެންނާއި ބެހޭ މައްސަލައެއް ނޫން.............." އަހްމަދުގެ އަޑު ގަދަވިއެވެ. ސޯފާގައި މީކާއިލް އިނީ ދެއަތް ދެއަތަށް ޖޯޑުކޮށްލައިގެން އަހްމަދުގެ ހަރާކާތްތަކަށް ބަލަހައްޓައިގެންނެވެ. އުރުޖުވާންވެސް ރޮއިރޮއި ލޯ ހުރީ ރަތް ވެ ދުޅަވެފައެވެ. އެސްފިޔަ ޖަހާލަން ވެސް ނޭނގި ހުއްޓުން އަރާފައެވެ.

" އައި ވިލް ގޯ...." އުރުޖުވާން ގެ ކޯތާފަތްމައްޗަށް ވެއްޓިގެން ދިޔައީ ހޫނު ކަރުނަތިއްކެކެވެ. އޭނާގެ ހިތާ ދެކޮޅަށްވެސް ދާން އެ ބުނަނީ މާޒިމް އާއި ފަރަހް ގެ ކައިވެނީގެ ޕާޓީއަށެވެ. އެ މަންޒަރުން ހިތް ކުދި ކުދި ވިޔަސް އެއީ މާޒިމް އޭނާއަށް ދޭން ބެނުންވާ ސަޒާ ކަމުގައި ގަބޫލުކުރެވުނެވެ. އަދި ނަބީލާ އެތަނުން ސަލާމަތްކުރެވެން އޮތީ އެހުށަހެޅުން ފުރިހަމަ ކުރުމުން ކަމަށް ގަބޫލުކުރެވުނެވެ.

"އުރުޖުވާން، އަދިވެސް މަދީތަ ލިބުނު ހިތްދަތިކަން...މިބުނީނު ނުދެވޭނެއޭ.....މާޒިމް ގެ ގެ ވެސް ހުރި ލަދު ހަޔާތް ކުޑަކަން ބަލާބަލަ...." އަހްމަދުގެ އަތް މުށްކަވާލެވުނެވެ.

" ބައްޕަ ހާސް ނުވޭ...މިއީ އަޅުގަނޑު މާޒިމްގެ މޫނު ދެކޭނެ އެންމެ ފަހު ފަހަރުކަމުގައި ބަލާ...." އުރުޖުވާން އޭނާގެ ކަރުނަ ފޮހެލާފައި އަވަސް ހިނގުމެއްގައި ކޮޓަރިއާއި ދިމާލަށް ދިޔައެވެ. އަހުމަދު މީކާއިލް އަށް ލޯ އަޅައިލިއެވެ.

" އުރުޖުވާން އަކީ އަދިވެސް މާޒިމް ގެ ހައްގެއް....އަޅުގަނޑުމެން ސިއްރުކުރިޔަސް އެ ހަބަރު އުރުޖުވާން އަށް ލިބޭނެ..." މީކާއިލް އޭނާގެ ބައްޕައާއި ހަތަރުކަޅި ހަމަކުރިއެވެ.

" ނޫން....މާޒިމް ޖެހޭނީ އަހަރެންގެ ދަރިފުޅު ވަރިކުރަން....." އަހްމަދުގެ ރުޅިގަދަވިއެވެ.

" މާޒިމް ވިއްޔާ ރަނގޅުތާ ދެވަނަ އަންބެއް ހުރިކަން އަންގާލުންވެސް..... ދީނުގައި ދެ އަނބިން ހުއްދަ...އެކަން ބައްޕަ އަށް ރަނަގޅަށް އެނގޭނެ ކަމުގައި ހީކުރަން..." މީކާއިލް ނުސީދާގޮތަކަށް ބަހުގެ ހަމަލާއެއް ދިނެވެ. އަދި ގެއިން ނިކުމެގެން ދާން ހިނގައިގަތެވެ. ކޮޓަރީގެ ދޮރު ކައިރޔަށް ލެނގިލައިގެން ހުރި އުރުޖުވާންއަށް އެހުރިހާ ވާހަކަތަކެއް އިވުނެވެ. އޭނަގެ ސަމާލުކަން އަނބުރައިލީ ކެނާން ދިން ފޯނު ދިއްލުނުތަން ފެނިފައެވެ. އެއީ ކެނާން ފޮނުވި މެސެޖެކެވެ. އެއީ މާޒިމް ގެ ނަންބަރެވެ. އޭނާގެ ހިތާ ދެކޮޅަށްވެސް އެ ނަންބަރަށް ގުޅާލެވުނެވެ.

"ހަލޯ....ކާކު؟" މާޒިމް ގެ އަޑުއިވުނެވެ. އުރުޖުވާން އެ ފޯނު ކަންފަތުގައި ޖަހައިގެން ހުރި އިރު އޭނާގެ އަނގަ މަތީ އަތް އެޅުނީ ރުއިމުގެ އަޑު ނީއްވުމަށެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު