އާސެނަލް އާއި ސްޕާސްގެ ކުރިމަތިލުން އާސެނަލުން ކާމިޔާބު ކޮށްފި

އާސެނަލް އާއި ސްޕާސްގެ ކުރިމަތިލުން އާސެނަލުން ކާމިޔާބު ކޮށްފި

އިންގްލިޝް ޕްރިމިއާ ލިގުގައި އާސެނަލް އާއި ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރި މެޗު އާސެނަލް ކާމިޔާބު ކޮށްފިއެވެ.

ވާދަވެރި ނޯތު ލަންޑަން ޑާބީއެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވި މިކުރިމަތިލުން އާސެނަލް ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕާސްއިންނެވެ.

މިމެޗުގައި އަނިޔާ އާއި ސަސްޕެންޝަންގެ ސަބަބުން އާސެނަލްގެ މެދުތެރޭގެ މައި ދެތަނބުގެ ގޮތުގައި ފާހަގަ ކުރެވޭ ކެޕްޓަން މާޓިން އޮޑެގާޑް އާއި ޑެކްލަން ރައިސް އަށް ނެތުމުގެ ސަބަބުން އާސެނަލްގެ މެދުތެރެ ބަލިކަށިކޮށް ފެނިގެންދިޔަ މިމެޗު ސްޕާސްއިން ފަށާފައިވަނީ ވަރަށް ފޯރީގައެވެ.

މިގޮތުން މެޗުގެ ކުރީކޮޅު އެޓީމުންވަނީ އާސެނަލްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފައެވެ. ނަމަވެސް އާސެނަލްގެ ކީޕާ ޑޭވިޑް ރާޔާގެ ހުށިޔާރު ކަމާއެކު މިއިން އެއްވެސް ހަމަލާއެއް ސްޕާސްއަށް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. ހަމައެއާއެކު އާސެނަލްއިން ވެސް ވަނީ ސްޕާސްގެ ގޯލަށް މިމެޗުގެ ފުރަތަމަ ހާފުގައި ނުރައްކާ ކޮށްފައެވެ. މިގޮތުން ކައި ހަވާޓްޒް ފޮނުވާލި ހަމަލާ ފާހަގަ ކޮށްލެވުނެވެ.

އަބަދުވެސް ވާދަވެރި ދެޓީމުގެ ގޮތުގައި ފާހަގަ ކުރެވިފައިވާ މިދެޓީމުގެ މިކުރިމަތިލުން އިތުރަށް ހޫނުވެގެންދިޔައީ ފުރަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށް ޖޫރިއަން ޓިމްބާ ސްޕާސްގެ ޕެދްރޯ ޕޯރޯއަށް ކުރި ފައުލާއި އެކުއެވެ.

މިއާއެކު މިމެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި ވަރުގަދަ ކުޅުމެކެވެ. މިމެޗުގައި އާސެނަލްއިން ކާމިޔާބު ކުރި މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 64ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ކާމިޔާބު ކޮށްދީފައިވަނި ޑިފެންޑާ ގެބްރިއެލްއެވެ. މިލަނޑާއެކު އާސެނަލްއިން ހަމަޖެހިލިއިރު ސްޕާސްއިން ދިޔައީ މެޗުން ނަތީޖާއެއް ހޯދުމަށްޓަކައި ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތް އިތުރު ކުރެވޭތޯ ބަލަމުންނެވެ. ނަމަވެސް ލީގުގައި އެންމެ ވަރުގަދަ އެއް ޑިފެންސްގެ ގޮތުގައި ފަހަކަށް އައިސް ފާހަގަ ކުރެވިފައިވާ އާސެނަލްގެ ޑިފެންސް ފޫއަޅުވާލުމުގައި ސްޕާސްއަށް ކާމިޔާބު ލިބޭގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު އާސެނަލް މިހާރު އުޅެނީ ކުޅުނު ހަތަރު މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އަދި މިއަންނަ ހަފުތާގައި ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ދަނޑުގައި އެޓީމާއި ދެކޮޅަށް ކުޅުމުގެ ކުރިން މިހޯދުނު ކާމިޔާބީގެ ސަބަބުން ޓީމަށް އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ. ހާއްސަކޮށް އެޓީމުގެ މުހިންމު ދެކުޅުންތެރިންނާނުލާ އެންމެ ވާދަވެރި އެއް ޓީމު އެޓީމުގެ ދަނޑުގައި ބަލިކުރެވުމުން ލިބޭ ހިތްހަމަ ޖެހުން އިތުރު ވެގެންދާނެއެވެ.

މިމެޗުން ބަލިވުމުން ސްޕާސް މިހާރު އުޅެނީ ހަތަރު ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.

މިމުބާރާތުގެ ތިންވަނައިގައި އުޅޭ ނިއުކާސްލް ޔުނައިޓެޑާއި ވުލްވަހެމްޕްޓަން ވޮންޑަރާސް ބައްދަލުކުރި މެޗު ފަހަތުން އަރާ ދެ ލަނޑު އެއް ލަނޑުން ކާމިޔާބުކުރީ ނިއުކާސްލްއެވެ. މިމެޗުގައި ނިއުކާސްލްގެ ދެލަނޑު އެޓީމަށް ކާމިޔާބު ކޮށްދިީ ފަބިއަން ޝާ އާއި ހާވީ ބާންސްއެވެ. އަދި ވުލްވްސްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މާރިއޯ ލެމީނާއެވެ.

މިކާމިޔާބީއާއެކު ނިއުކާސްލްއަށް ވަނީ ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައެވެ. އަދި ވުލްވްސް އުޅެނީ އެއް ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު