ޔަމާލްގެ ދެލަނޑާއެކު ބާސެލޯނާއިން ޖިރޯނާގެ މައްޗަށް ކާމިޔާބީ ހޯދައިފި

މިމެޗުގައި ބާސާގެ ތަރިއަކަށް ވެގެންދިޔައީ އަރަމުން އަންނަ ޒުވާން ހުނަރުވެރިޔާ ލެމީން ޔަމާލް --

ސްޕެނިޝް ލަލީގާގެ ތާވަލްގެ އެއްވަނައިގާ އުޅޭ އެފްސީ ބާސެލޯނާ އާއި ޖިރޯނާ ބައްދަލުކުރި މެޗު ބާސާއިން ކާމިޔާބު ކޮށްފިއެވެ.

ޖިރޯނާގެ ދަނޑުގައި ކުޅުނު މިމެޗު ބާސާއިން ކާމިޔާބު ކޮށްފައިވަނީ 4 ލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާސާއިންނެވެ.

މިދިޔަ ސީޒަންގައި ޖެރޯނަ ބަލިކުރަން ބާސާއަށް އުދަގޫވެފައިވުމާއެކު މިމެޗަށް ބާސާއިން ނިކުތީ ވަރަށް ބޮޑަށް ތައްޔާރުވެގެންކަން ފާހަގަވެގެންދިޔައެވެ. މިދިޔަ ސީޒަންގައި ލީގުގައި ޖިރޯނާގެ ދަނޑުގައި ކުޅުނު މެޗު އެޓީމު ކާމިޔާބު ކޮށްފައިވަނީ 4 ލަނޑު 2 ލަނޑުންނެވެ. މިމެޗުގައި ބާސާގެ ތަރިއަކަށް ވެގެންދިޔައީ އަރަމުން އަންނަ ޒުވާން ހުނަރުވެރިޔާ ލެމީން ޔަމާލްއެވެ.

މިގޮތުން މިމެޗުގައި ބާސާއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 30ވަނަ މިނެޓުގައި ޖަހައިދީ އެޓިމަށް ލީދު ނަގައިދިނީ ޔަމާލްއެވެ. އަދި މިލަނޑު ކާމިޔާބު ކުރިތާ ހަތް މިނެޓް ފަހުން ޔަމާލްވަނީ ބާސާގެ ލީޑު ފުޅާވެސް ކޮށްދީފައެވެ. މިމެޗުގައި ޖިރޯނާއަށް ޕެނަލްޓީއެއް ލިބިގެންދިޔަކަމަށް ކުޑައިރު ކޮޅަކަށް ހީވެގެންދިޔަ ނަމަވެސް ބާސާގެ ޑިފެންޑާ އިނީގޯ މާޓިނޭޒްގެ އަތުގައި ބޯޅަ ޖެހުނު ހާދިސާވަނީ ވީއޭއާރުން ބެލުމަށްފަހު ޕެނަލްޓީ ނުދިނުމަށް ނިންމާފައެވެ.

މިމެޗުގެ ދެވަނަ ހާފު ބާސާއިން ފެށީ ފުރަތަމަ ހާފު ނިންމާލި ހިސާބުންނެވެ. މިގޮތުން ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓްގައި ޑަނީ އަލްމޯ ޖަހާދިން ލަނޑާއެކު ބާސާއިން މިމެޗުގައި ތިން ލަނޑުގެ ލީޑެއް ނެގިއެވެ. މިލަނޑާއެކު އަލްމޯ ވަނީ 2011ވަނަ އަހަރަށް ފަހު ބާސާގެ ޖާޒީގައި ކުޅުނު ތިން މެޗުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ.

މިމެޗުގައި ބާސާއިން ކާމިޔާބު ކުރި ފަހު ލަނޑު މެޗުގެ 64ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ޕެޑްރީއެވެ.

މިމެޗުގައި ޖިރޯނާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 80ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ ކްރިސްޓިއަން ސުޓުއާނީއެވެ. މިމެޗުގެ 86ވަނަ މިނެޓުގައި ބާސާގެ ފޯވަޑް ފެރާން ޓޯރޭޒް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންވަނީ ރަތް ކާޑު ދައްކާފައެވެ. މިކާޑު އޭނާއަށް ދައްކާފައިވަނީ ކުޅެން އެރިތާ 17 މިނެޓް ވީ ތަނާއެވެ.

މިކާމިޔާބީއާއެކު ބާސާ މިހާރުއުޅެނީ ކުޅުނު ފަސް މެޗު ކާމިޔާބު ކޮށް ލިބިފައިވާ 15 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި ދެވަނައިގައި އުޅޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑްގެ މައްޗަށް ބާސާއިން މިހާރު ވަނީ 4 ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު