ހާލަންޑްގެ ދެލަނޑާއެކު ސިޓީއިން ބްރެންޓްފަޑް ބަލިކޮށްފި

އިންގްލިޝް ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ބްރެންޓްފަޑް ބައްދަލުކުރި މެޗު ސިޓީއިން ކާމިޔާބު ކޮށްފިއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމުނ ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރާ 1-2 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. ނަމަވެސް މި މެޗުގެ ފެށުން ރަނގަޅުވީ ބްރެންޓްފަޑްގެއެވެ.

މިގޮތުން މެޗުގެ ފުރަތަމަ މިނެޓުގައި އެޓީމުން އުފެއްދި ހަމަލާއެއްގައި ބްރެންޓްފަޑްއިން ވަނީ މެޗުގެ ލީޑު ނަގާ އެންމެން ސިއްސުވާލައިފައެވެ. މެޗުގެ ކުޅުން ފެށިތާ 23 ވަނަ ސިކުންތުގައި ބްރެންޓްފަޑްއިން ކާމިޔާބު ކުރި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޔޮއާން ވީސާއެވެ.

މި ލަނޑު އެޓީމަށް ކާމިޔާބު ކުރެވުމުގައި ސިޓީގެ ޑިފެންސްގައި ޖޯން ސްޓޯން އާއި ކީޕާ އެޑަސަން ބޯޅައަށް މަސައްކަތް ކުރުމުގައި އެރި އޮޅުން ބޮޑު ބައެއް ކުޅުނެވެ.

މިއީ ސިޓީ ކޮޅަށް އިދިކޮޅު ޓީމަކުން ކާމިޔާބުކުރި އެންމެ އަވަސް ލަނޑުގެ އިތުރުން މިފަހަރުގެ ޕްރެމިއާ ލީގުގައިވެސް މިހާތަނަށް ޓީމަކުން ކާމިޔާބު ކުރި އެންމެ އަވަސް ލަނޑެވެ.

މިލަނޑާއެކު ސިޓީއިން ހަމައަކަށް އެޅޭނެކަމަށް ބެލެވިގެންދިޔަ ނަމަވެސް މެޗުގެ ފުރަތަމަ ފަނަރަ ވަރަކަށް މިނެޓު ސިޓީ ފެނިގެންދިޔައީ ވަރަށް ހާސްކަންމަތީ ޓީމު ހަމައަކަށް ނޭޅި ކުޅެމުންދިޔަ ތަނެވެ. މިގޮތުން މިވަގުތު ކޮޅުގެ ތެރޭގައި ބްރެންޓްފަޑްއަށް ވަނީ މެޗުގެ ލީޑު ފުޅާކުރާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެން ގޮސްފައެވެ.

މި މެޗުގައި ސިޓީ ހަމައަކަށް އެޅިގެންދިޔައީ މެޗުގެ 19 ވަނަ މިނެޓުގައި އެޓީމުން އުފެއްދި ހަމަލާއެއްގައި އާލިން ހާލަންޑް ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ހިސާބުންނެވެ.

އަދި މެޗުގެ 32 ވަނަ މިނެޓުގައި ސިޓީގެ ކީޕާ އެޑަސަން ކުރިއަށް ފޮނުވާލި ބޯޅައަކުން އުފެއްދި ހަމަލާ ކާމިޔާބުކޮށް ހާލަންޑްވަނީ މި މެޗުގައި ސިޓީއަށް ލީޑު ނަގައިދީފައެވެ. މިއީ މިސީޒަންގައި އޭނާ ކާމިޔާބުކުރި 9 ވަނަ ލަނޑެވެ. އަދި ސިޓީއަށް ކާމިޔާބު ކޮށްދިން 103 މެޗުގައި ޖަހާދިން 99 ވަނަ ލަނޑެވެ.

މި މެޗުގެ ދެވަނަ ހާފުގައި ސިޓީއަށް ވަނީ އެޓީމުގެ ލީޑު ފުޅާކުރާނެ ރަނގަޅު ފުރުސަތު ތަކެއް ލިބިގެން ގޮސްފައެވެ. އަދި ހާއްސަކޮށް ހާލަންޑަށްވަނީ ޖެހިޖެހިގެން ތިން މެޗުގައި ތިންވަނަ ހެޓްރިކް ހެދުމަށް ރަނގަޅު ދެތިން ފުރުސަތު މިހާފުގައި ލިބިގެން ގޮސްފައެވެ.

ނަމަވެސް 1946 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ތިންް މެޗުގައި ހެޓްރިކް ހަދާ ފުރަތަމަ ކުޅުންތެރިޔާއަށް ވުމަށް ހާލަންޑަށް ލިބިގެންދިޔަ ފުރުސަތުގެ ބޭނުން ހިފޭގޮތެއްނުވިއެވެ.

މި މެޗުގެ ދެވަނަ ހާފުގައި ބްރެންޓްފަޑްއިން ދިފާއަށް އިސްކަން ދިން ނަމަވެސް ލިބުނު މަދު ފުރުސަތުތަކުގައި އެ ޓީމުން ވެސް ވަނީ ސިޓީއަށް ނުރައްކާކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު