ދުރުގައި ވާން ނޭދުނަސް ހިތް... 45

މަޖިލީހުން މި ދައުރުގައި ކުރި މަސައްކަތްތަކުގެ ރިޕޯޓަކަށް ފަހު، ދެން ކިޔަން ފެށި ޚަބަރަކާއެކު، ސަވާއަށް ފޯނު ބާއްވާލާފައި ޓީވީއަށް ނަޒަރު ހުއްޓާލަން މަޖުބޫރުވިއެވެ.

ފަތުޙީގެ މައްޗަށް ކުރެވޭ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކެއްގެ ސަބަބުން، އޭނާ ހައްޔަރުކުރުމަށް ސްޕްރީމް ކޯޓުގެ އަމުރެއް ހޯދުމަށް ތަހުޤީގު ޓީމުން އެދުމުން އެ އަމުރު ނެރުމަށްފަހު، ފަތުޙީގެ ޕާސްޕޯޓު ހިފައްޓަން ވެސް އަމުރުކޮށްފައިވާކަމުގައި ޚަބަރުގައި ކިޔެވެ. އެހެންނަމަވެސް، އެ ކަން ކުރުމުގެ ކުރިން ފަތުޙީ ފިލައިގެން ރާއްޖޭން ބޭރަށް ދިޔަކަމަށާއި އޭނާ މިހާރު ހުރީ ރާއްޖޭން ބޭރު ގައުމަކުން ހިމާޔަތް ހޯދައިގެން ކަމުގައިވެސް ޚަބަރުގައި ކިޔެވެ.

ކޮޓަރިން ނުކުތް އިޝްފާންއަށް ވެސް އެ ޚަބަރު އަޑު އިވުމާއެކު، އޭނާ އައިސް ސޯފާގައި އިށީނެވެ. އޭރު މަދީހާ އިނީ އިސްޖަހާލައިގެންނެވެ. ޓީވީން ދައްކާފައިހުރި ފަތުޙީގެ ފޮޓޯގަނޑަށް ބަލަންވެސް އޭނާ ބޭނުން ނުވާފަދައެވެ. އެއީ ކިހިނެއްވީ ކަމެއްކަން މަދީހާއަށް އެނގޭކަށް ލަސްތަކެއް ނުވިއެވެ. އޭނާގެ ސިކުނޑިއަށް ވަރަށް ރަނގަޅަށް އެ ކަމުގެ ފަހަތުގައި ފޮރުވިފައިވާ ސަބަބުވެސް އެނގެއެވެ. ފަތުޙީގެ ވީޑިއޯތަކާ ފޮޓޯތައް ލީކް ވުމާއެކު، އޭނާއާ އެންމެ ކައިރީގައި އުޅޭ މީހުން ވެސް އޭނާ އެކަހެރި ކޮށްލީއެވެ. އެފަދަ މީހެއްގެ ސަބަބުން ރައްޔިތުންގެ ރުޅިވެރިކަން ޕާޓީއަށް އަމާޒުވެދާނެތީ އެންމެންވެސް ފަތުޙީއާ ދެކޮޅުވީއެވެ. މަދީހާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އެ ބައެއްގެ މުހިންމު ކަމުގެ ސަބަބުން، އާއިލާއަށް ވަގުތު ނުދިން ރަޙްމަތްތެރިން ކަންތައް ކުރި ގޮތް ބަލާބަލާށެވެ. ދުނިޔޭގެ ލަދެއްގައި ބެދުނު ދުވަހު އިތުރަށް ބޭޒާރުކޮށް ލަދުގަންނުވާލީއެވެ.

"މަންމާ…." ސަވާ އައިސް މަދީހާގެ އެއްފަރާތުގައި އިށީނދެ ކުޑަކޮށް މަދީހާގެ ގައިގައި ބައްދާލިއެވެ. މަންމައަށް ހިތްވަރު ދިނުމުގެ ގޮތުން ބުނާނެ ބަހެއް ނޭނގި އޭނާއަށް އިނދެވުނުއިރު، އެ ދެމީހުންނަށް ބަލަން އިޝްފާންއަށް ވެސް އިނދެވުނީއެވެ.

"މަންމަ ކިހިނެއް ފަތުޙީއާއެކު މިހުރިހާ ދުވަހު ކެތްކުރީ؟" އެންމެ ފަހުން އިޝްފާންއަށް އެހެން ބުނެވުނީ ބޭއިޚްތިޔާރުގައެވެ.

"ވަރިވާން ބޭނުންނުވީ… ދަރިފުޅުމެން ބައްޕައަކާ ނުލާ ބޮޑުކުރަން ވެސް ބޭނުންނުވީ. އެކަމަކު ކައިރީގައި ހުރެގެންވެސް ބައްޕައެއްގެ ލޯބި ދަރިންނަކަށް ނުދެވުނު.......... އެއީ މަންމައަށް ކުރެވުނު ކުށެއްކަން އިޙްސާސްކުރެވޭ. އިޝްފާންއާ ސަވާއަށް ބަލާލީމަ އެކަން މަންމައަށް އެނގޭ. ސަވާއަށް ބައްޕައެއްގެ ލޯތްބާ އަޅާލުން އެންމެ ބޭނުންވި ދުވަހު ވެސް އެ އޯގާތެރިކަން ނުދެވުނުތާ އިޝްފާން ބައްޕަގެ ލޯތްބަށް ފެންބޮވައިގަނެފައިވީ މިންވަރު ދަރިފުޅުމެންގެ ބައްޕައަށް އަންދާޒާއެއް ނުކޮށްލެވުނު. މަންމަ އެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ބައްޕަ ބުނޭ ދަރިން ތަރުބިއްޔަތު ކުރުމުގެ ޒިންމާއަކީ އަންހެނާގެ ބޮލުގަ އެޅިފަ އޮތް ޒިންމާއެކޭ. އެކަމުގައި ފިރިހެނުންގެ އެއްވެސް ރޯލެއް ނޯވެޔޭ. އެފަދަ ވިސްނުންތަކެއް ހުރި މީހެއްގެ ފަރާތުން ކަންތައްތަކަކަށް އުންމީދުކުރުން މަންމަގެ ކުށަކީ… " މަދީހާ އިރުކޮޅަކަށް ވާހަކަ މެދު ކަނޑާލުމަށްފަހު، ފުން ނޭވާއެއް ލިޔެވެ. ހީވަނީ އަދިވެސް އޭނާ ދައްކަން ބޭނުންވާ ބައިވަރު ވާހަކަތަކެއް ހުރިހެންނެވެ. އެކަމަށް ނަފްސު ތައްޔާރުކޮށްލި މަދީހާ ސަވާއާ އިޝްފާން އާ ދެމީހުންނަށް އަވަސް ނަޒަރެއް ދިނެވެ. ދަރީން ތަރުބިއްޔަތު ކުރުމުގައި މަންމަގެ އިތުރުން ބައްޕަގެ ޒިންމާތަކެއް ވެެއެވެ. ދެމަފިރިން އެ ޒިންމާ އެކުގައި އަދާކުރާނަމަ ދަރީންނަށް އެކަމުގެ ހެޔޮ ބަދަލު އަންނާނެއެވެ. ދެރައީ އެކަން ގަބޫލުނުކުރާ މަދު ބަޔަކު ރާއްޖޭގައިވެސް އުޅޭކަމެވެ. އަނބި ދަރީންނަށްޓަކައި ފިރިން ކޮށްދޭން ޖެހޭ ހަމައެކަނި ކަމަކީ ފައިސާ ހޯދުމެއް ނޫނެވެ. އެހެންނަމަވެސް، އެއާއެކު، އަޅާލުމާ ލޯތްބާ އިޙްތިރާމް ދިނުމެވެ. ހަމަ އެގޮތަށް އަނބިމީހާވެސް ފިރިމީހާއަށް ކިޔަމަންތެރިވާން ޖެހެއެވެ. އެހެންނަމަވެސް، ފިރިމީހާ އަނބިމީހާގެ ހައްޤުތަކަށް ރައްކާތެރިނުވާނަމަ، އެ ހައްޤު ހޯދަން މަސައްކަތްކުރަން ޖެހެއެވެ. އަދި އަނިޔާވެރިކަން ތަކުރާރުވާނަމަ ވަރިއަށް އެދުމުގެ އިޚްތިޔާރުވެސް އަނބިމީހާއަށް ލިބިގެން ވެއެވެ.

"އެކަމަކު މިހާރު މަންމަ ބޭނުމެއް ނޫން ދަރިފުޅުމެންގެ ބައްޕަ…ބައްޕައާ އެކީ ދިރިއުޅޭކަށް… " މަދީހާ އެހެން ބުނެލިއިރު އޭނާގެ އަޑު ނުކުތީ މަޑުމަޑުންނެވެ. އެއީ ދަރިން ގާތު ދައްކަން ފަސޭހަ ވާހަކަތަކެއް ނޫންވިއްޔާއެވެ.

މަންމަ ބޭނުންވަނީ…." ސަވާ އެ ހިސާބަށް ބުނެފައި މަދީހާގެ ޖަވާބަކަށް އިންތިޒާރުކުރިއިރު، އިޝްފާން އެއްޗެކޭ ނުބުނެ އެ ދެމީހުންނަށް ބަލަހައްޓައިގެން އިނިއެވެ.

"ވަރިވާން…." މަދީހާ އޭނާގެ ނިންމުން ހާމަކޮށްލިއެވެ. "ވަރަށް ކެތްކޮށްފިން، އެކަމަކު ދެން ނުވާނެ."

މަދީހާ ވަނީ އަމިއްލަ ދިރިއުޅުމާ މެދު މާޔޫސްވެފައެވެ. މި ހިތާމައިގައި އުޅެ އުޅެ އޭނާ ވަރުބަލިވެއްޖެއެވެ. ސިކުނޑީގެ ހާސްކަމަށް އޭނާ ކޮންމެވެސް ކަހަލަ ލުޔެއް ބޭނުމެވެ. ކޮންމެވެސް ކަހަލަ ހަމަޖެހުމެއް ބޭނުމެވެ. ވީ އެންމެ އަވަހަކަށް ފަތުޙީގެ ކިބައިން ވަރިވާން ބޭނުންވާ ސަބަބަކީވެސް އެއީއެވެ. ނަފްސުގެ އުދާސްތަކުން މިންޖުވުމަށްޓަކަ އެވެ. މިހުރިހާ ދުވަހު އޭނާ އެ އުޅުނު ހިތްދަތި ދިރިއުޅުމުން ދުރަށް ދިޔުމަށްޓަކައެވެ.

މަދީހާގެ ދެލޮލަށް ޖަމާވި ކަރުނަތައް ސަވާ ފުހެދިންއިރު، އޭނާ މަދީހާއަށް އިޙްސާސް ކޮށްދޭން ބޭނުންވީ ކޮންމެ ޙާލެއްގައިވެސް އޭނާ މަދީހާގެ ނިންމުމަށް އިޙްތިރާމްކުރާނެކަމެވެ.

"މަންމަގެ ކޮންމެ ނިންމުމަކަށް އަހަރެމެން ދެމީހުން ރެސްޕްކެޓް ކުރާނަން…" އިޝްފާންގެ އެ ޖުމްތަކުން ހީވީ މަދީހާގެ ހިތުގައި ގަނޑުފެން އަޅާލަދިންހެންނެވެ. ވޭނުގައި ގިސްލަމުން ދިޔަ ހިތަށް އެ ޖުމްލަތަކުން ތަސައްލީއެއް ގެނެސްދިނެވެ. އިޝްފާންވެސް ތެދުވެގެން އައިސް މަދީހާގެ އެއްފަރާތުގައި އިށީނދެލިއެވެ.

ތިން މީހުން އެހެން ތިއްބާ ޒައިނާ ނުކުތެވެ.

"ތަނަކަށް ދާންތަ؟" ހިނިތުންވެލާފައި ޒައިނާ ހިނގައިގަތުމުން އިސްވެ ސުވާލުކޮށްލީ ސަވާއެވެ.

"މީ.. ފިހާރެއަކަށް. އެއްޗެއް ގަނެލަން ވެގެން." ޒައިނާ އެހެން ބުނެލާފައި، ގޮސް ގެއިން ނުކުތުމާއެކު، މަދީހާ އިޝްފާންއަށް ބަލާލިއެވެ.

"މަންމަ ވާހަކައެއް އަހާލަންތަ؟" މަދީހާ އެ ކުރަން އުޅެނީ ކޮން ސުވާލެއްކަން އެނގުނު އިޝްފާން ބޯ ޖަހާލިއެވެ.

"އިޝްފާންއަށް ޒައިނާ ކަމުދޭ ދޯ!" މަދީހާ އަހާލިއެވެ.

"ހޫމް..." ދޮގު ހެދުމުގެ ބަދަލުގައި އިޝްފާން ހާމަކުރީ ހަޤީގަތެވެ. ކޮންމެވެސް ދުވަހަކުން އެ ހަޤީގަތް މަންމައަށް އެނގޭނެކަން އޭނާއަސް އެނގޭތީއާވެސް އެކުގައެވެ.

"ދެން އެވާހަކަ ޒައިނާ ކައިރީގައި ބުނިންތަ؟" މަދީހާ ދެވަނަ ސުވާލެއްވެސް އިޝްފާންއަށް އަމާޒުކޮށްލިއެވެ. އެ ސުވާލަށް ދޭނެ ޖަވަބެއް ނޭނގުނު ފަދައަކުން އިޝްފާން އިސްޖަހާލިއެވެ. ޒައިނާ ދެކެ ކިތަންމެ ލޯބިވިއެއްކަމަކު އެ ލޯބި ފާޅުކުމަކީ އޭނާއަށް ކުރެވޭނެކަމެއް ނޫނެވެ. އޭނާ ފަދަ އެއިޑްސްގެ ޝިކާރައަކަށްވެފައިވާ މީހަކާ އެކު ޒައިނާއަށް ލިބޭނީ ކޮން އުފަލެއް ހެއްޔެވެ؟ ދިރިއުޅުމުގެ ހަޤީޤީ އުފާ ޒައިނާއަށް ހާސިލްކުރެވިދާނެހެއްޔެވެ؟ ނޫނެކެވެ. ވިއިރު އެ ލޯބި ފާޅުކޮށްފައި އެކަމަށް އިޤުރާރުވާނީ ކިހިނަކުން ހެއްޔެވެ؟

އިޝްފާން އިސްޖަހާލުމުން މަދީހާ ބަލާލީ ސަވާއަށެވެ. އެނާގެ ނަޒަރު ކިހިނެއްވީހޭ ސަވާ ކުރެން އަހާ ފަދައެވެ. ސަވާ ދެފަރާތަށް ބޯ ހޫރާލަމުން ބުމަ އަރުވާލީ އޭނާއަށް ވީގޮތެއް ނޭނގެޔޭ ބުނާ ފަދައަކުންނެވެ.

އިޝްފާން." އިސްޖެހި ގޮތަށް އިޝްފާން އިންނަން ފެށުމުން މަދީހާ ގޮވާލިއެވެ.

"އަހަރެން ފަދަ މީހަކާ އެކު ޒައިނާއަށް އުފާވެރި ޙަޔާތެއް ނުލިބޭނެ." އިޝްފާން އެހެން ބުނެލިއިރު، އެ އަޑުގައިވަނީ ބުނެދޭން ނޭނގޭ ފަދަ އަސަރެކެވެ. ޒައިނާއަށްޓަކައި އޭނާގެ ހިތުގައިވާ ލޯބި އެ އަޑުން އެކަނި ވެސް ހަމާވަމުން ދިޔައެވެ.

"އިޝްފާން މިހާރު އިސްހާލުވެއްޖައީމެއްނު. ދެން ކީއްވެ؟ "މަދީހާއަށް ބުނެވުނެވެ.

"އެކަމަކުވެސް…." އިޝްފާން މަދީހާއަށް ބަލާލުމާއެކު، އެ ދެލޮލުގައިވި އަސަރުތަކުން މަދީހާއަށްވެސް އިންތިހާއަށް އަސަރުކުރިއެވެ. އެއީ މީގެ ކުރިން އޭނާގެ ދަރިފުޅުގެ ދެލޮލުން ފެނުނު އަސަރުތަކެއް ނޫނެވެ. ހީވަނީ ޒައިނާ ނުލިބޭނެކަން ޔަޤީންވެ، އެކަމުގެ ސަބަބުން ވެރިވެފައިވާ މާޔޫސްކަމެއްހެންނެވެ.

"މަންމަ ޒައިނާއާ ވާހަކަވެސް ދައްކަފާނަން…ދަރިފުޅަށް ޒައިނާއާ ކައިވެނިކުރުމަށް އެއްވެސް ހުރަހެއް އެޅުނަކަ މަންމަ ނުދޭނަން. ކުރިން ކުރެވުނު ކުށް އިސްލާޙުކުރަން ފުރުސަތު ލިބުނީމަ އެ ފުރުސަތު ގެއްލުނަކަ މަންމަވެސް ނުދޭނަން." މަދީހާ އިޝްފާންގެ އަތުގައި ހިފައްޓާލުމާއެކު، ހިތްވަރު ދިނެވެ. އިޝްފާން ސަވާއަށް ބަލާލާފައި ހިތި ހިނިތުންވުމެއް ހަދިޔާކޮށްލިއިރު، އޭނާގެ ޙާލަތު މަދީހާގެ ކައިރީގައި ބުނުމަށް ސަވާ އިޝްރާތްކޮށްލިއެވެ. އެހެންނަމަވެސް، އިޝްފާން ދެ ފަރާތަށް ބޯ ހޫރާލުން ފިޔަވާ އިތުރު ކަމެއް ނުކުރެއެވެ.

"ޒައިނާއަށް އަހަރެން ފަދަ މީހެއް ޑިސާރވްއެއް ނުވޭ…" އިޝްފާންގެ އެ ޖުމްލަ ގެއަށް ވަންނަން އައި ޒައިނާއަށް އަޑު އިވުމާއެކު ދޮރު ކައިރީގައި އޭނާއަށް ހުއްޓެވުނެވެ. އިރުކޮޅަކު އޭނާ މަޑުކޮށްލީ އިތުރު ވާހަކަައެއް އަޑު އިވޭނެކަމަށް ނަމަވެސް، އިތުރު އެއްޗެއް ނުބުނުމުން އޭނާ ގެއަށް ވަނެވެ.

މަދީހާމެންނަށް ހީނލުމަށްފަހު ގޮސް، ކޮޓަރިއަށް ވަދެފައި ކޮތަޅު ސައިޑް ޓޭބަލްމަތީގައި ބަހައްޓަމުން އެނދުގައި އިށީނދެލި ޒައިނާގެ ކަންފަތުގައި ހީވަނީ އިޝްފާންގެ އެ ޖުމްލަތައް ގުގުމާހެންނެވެ. އެ އަޑުގައިވި އަސަރުތައް އޭނާގެ އެންމެ ހިމަނާރާ ހިސާބަށްވެސް ފޯރައިފިއެވެ. އިޝްފާންގެ އަޑުގައި ވަނީ އޭނާއަށްޓަކާ ފުން ލޯބިކަން ޒައިނާއަށް ފަހުމްވެއްޖެއެވެ. ވީއިރު، އޭނާއަށް އެ ހަޔާތުން ޖާދަ ދޭން އިޝްފާން ބޭނުންނުވަނި ކީއްވެހެއްޔެވެ؟ އިޝްފާންގެ މާޒީގެ ސަބަބުން އަމިއްލަ ނަފްސަށް އިތުބާރުނުކުރެވޭތީ ހެއްޔެވެ؟ ނޫނީ އޭނާއަށް އުފާވެރި ދިރިއުޅުމެއް ހޯދާ ނުދެވޭނެކަމަށް އިޝްފާންއަށް ހީވަނީހެއްޔެވެ؟ އެފަދަ ޚިޔާލުތަކުން ޒައިނާއަށް މަޑުމޮޅިކަން އިޙްސާސްކުރެވެމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން މާޔޫސްކަމުގެ އަސަރު އޭނާގެ މޫނުމަތިންވެސް ފާޅުވާން ފެށިއެވެ. އަމިއްލަ ހިތުގެ އިޙްސާސްތައް ހިންދާލަން މަސައްކަތްކުރަމުން ދިޔަ ޒައިނާ ފުންނޭވާއެއް ލާ ހަމަޖެހެން މަސައްކަތްކުރިއެވެ.

*****

އެގޮތުގައި ހަފްތާއެއް ފާއިތުވެގެން ދިޔަ ފަހުން، ފަތުޙީ ގާތުން ވަރިވާން ބޭނުންވާ ވާހަކަ މަދީހާ ފަތުޙީކައިރީގައި ބުނީ ފޯނުންނެވެ. އޭރުވެސް ފަތުޙީ ހުރީ ރާއްޖޭން ބޭރުގައެވެ.

"ވަރިވާށޭ…" މަދީހާގެ އެ ވާހަކައިން ފަތުޙީއަށް ލިބުނީ ކުއްލި ސިހުމެކެވެ. އެއީ މީގެ ކުރިން ދުވަހަކު ވެސް މަދީހާ ބުނެފައިވާ ވާހަކައަކަށް ނުވާތީއެވެ. އޭނާ ހެދިހާ ގޮތަކަށް ރުހިގެން ހުރި މަދީހާ އެފަދަ ނިންމުމެއް ނިންމާނެކަމަށް ފަތުޙީއަށް ހީކުރެވިފައި ނުވެއެވެ. އެހެންނަމަވެސް އޭނާއަށް ނުވިސްނުނުކަމަކީ ކެތްތެރިވެވޭނީ ވަކި މިންވަރަކަށް ކަމެވެ. ނާއިންސާފުން ކަންތައްތައް ކުރާނަމަ އަނބިމީހާ ވިޔަސް، ހައްޤު ބަސް ބުނާނެ ވަގުތު ކޮންމެވެސް ދުވަހަކުން އަންނާނެކަމެވެ.

"އާ. އަހަރެން ވަރިކޮށްދީ. " މަދީހާ ބުންޏެވެ.

"އަހަރެން މަދީހާ ވަރި ނުކުރާނަމޭ ބުނެފިއްޔާ؟" ފަތުޙީ ނުރުހުންވިކަން މަދީހާއަށް އެނގުނެވެ.

"ކޯޓަށް ގޮސްގެންވެސް ވަރިވާނަން. އަހަންނަށް އެނގޭ ތި ހުރި ޙާލަތުން ފަތުޙީއަށް މާލެ ނާދެވޭނެކަން. އެހެންވީމަ އެކަން ކުރަން ވަކި އަހަންނަކަށް އުނދަގުލެއް ނުވާނެ." މަދީހާގެ ބުނެލިއެވެ.

މަދީހާގެ ޖެހިލުންކުޑަކަމުން ފަތުޙީ ހައިރާންވިއެވެ. ހިނދުކޮޅެއްގެ ހިމޭންކަންވެސް ޚިޔާރުކުރެވުނީ އެހެންވެގެންނެވެ.

"ކިހިނެއްވީ؟ އަހަރެންގެ ހައްޤުތައް ފަތުޙީއަށް މިވީ އަހަރުތަކުގައި އަދާކުރެވުނުތަ؟ ގޭގައި ގެންގުޅޭ ނޯކަރެއްގެ ހައިސިއްޔަތުވެސް އަހަންނަކަށް ނުދޭ. އަހަރެންގެ ހައްޤުތަކުގެ ވާހަކަ ބާއްވާފަ، އެ ތިބެ ދެ ދަރިންނަށް އަދާކޮށްދެން ޖެހޭ ހައްޤުތަކާ މެދު ވެސް ފަތުޙީ ވީ އިހުމާލު. އަނިޔާއަކީ ހަމައެކަނި އަތުން ކުރާ އަނިޔާއެއް ނޫން. އަނބިދަރިންނަށް ވެވޭ އިހުމާލަކީވެސް ދެވޭ އަނިޔާއެއް. ތަނެއްގައި ޒަޚަމެއް ނުލިޔެއްކަމަކު އެއީ، ނަފްސާނީ ގޮތުން ދެވޭ ބޮޑު ގެއްލުމެއް. ފަތުޙީއަށް ނޭނގުނަސް އަދި ޤަބޫލުކުރަން ބޭނުން ނުވިޔަސް، ފަތުޙީ ވަނީ އަހަރެމެންނަށް އަނިޔާވެރިވެފައި. ދެމަފިރިން ދެމެދު އޮންނަން ޖެހޭ ފަދަ ގުޅުމެއް އަހަރެމެން ދެމެދު އޮތްތަ؟ އަހަަރެމެންނަށް ކުޑަ ވަގުތުކޮޅެއްވެސް ދިނިންތަ؟" މަދީހާ އޭނާގެ ޝަކުވާތައް ސުވާލުތަކެއްގެ ސިފައިގައި ފަތުޙީއަށް އަމާޒުކޮށްލިއެވެ. އޭނާ ހީވަނީ އެ ހިތުގެ ހުރިހާ އުދާސްތަކެއް އެއްފަހަރާ ބޭރު ކޮށްލަން ބޭނުންވެފައިވާ މީހެއް ހެންނެވެ.

"މަދީހާ!" ފަތުޙީ ވާހަކަ ދައްކަން އުޅުނު ނަމަވެސް، އެ ފުރުސަތެއް މަދީހާ ނުދިނެވެ.

"ކިހިނެއްވީ؟ މި ވާހަކަތައް އަޑު އަހަން އުނދަގޫވީތަ؟ ވިސްނާލަބަލަ. އާއިލާއާ އަނބިދަރިންނަށް ދޭން ޖެހޭ ވަގުތުތައް ޤުރުބާންކޮށްފަ ފަތުޙީ އުޅުނީ ސިޔާސީ މީހުންނާއެކު އެމީހުންގެ ކައިރީގައި. އަބަދުވެސް މަސައްކަތްކުރީ އަމިއްލަ ފައިދާއެއް. ވަގުތު ދިނީ އެ މީހުންނަށް. އެކަމަކު މިއަދު އެމީހުން ކޮބާ؟ ފަތުޙީގެ ސަބަބުން އެމީހުންގެ އަބުރަށް ހުތުރު ވެދާނެތީ ހަމަ އެ ކޮރަޕްޝަންގަ ފަތުޙީއާއެކު، ތިބި މީހުން މިހާރު އެ ތިބީ ފަތުޙީއާ ދެކޮޅަށް. އަދިވެސް މީ ލިބުނު ފިލާވަޅަކަށް ނުވޭތަ؟ އަހަންނާ އިނދެގެން ހުރެ ހިލޭ އަންހެނުންނާ ގުޅުން ބާއްވަމުން ދިޔައީ، އަހަރެންނަށް ކުޑަ ޤަދަރަކުންތަ؟ އެހެންވީމަ މިއަދު އަހަރެން ބޭނުމެއް ނޫން ފަތުޙީއާއެކު އުޅޭކަށް. އަހަރެން ވަރިކޮށްދީ. ކޯޓަށް ގޮސް އެންމެނަށް މިކަންތައް އެނގުނީމަ ފަތުޙީ ވާނީ އިތުރަށް ބޭޒާރު…" އިތުރު ވާހަކައެއް ދައްކާނެ ފުރުސަތު ފަތުޙީއަށް ދިނުމެއްނެތި މަދީހާ ފޯނު ކަނޑާލިއެވެ. އޭގެ އިރުކޮޅެއްފަހުން ފޯނަށް އައީ މެސެޖެކެވެ. މަދީހާ މެސެޖް ބަލާލުމާއެކު، ފުން ނޭވާއެއް ދޫކޮށްލިތަން ފެނުނެވެ. އެއީ ފަތުޙީގެ މެސެކެވެ. އޭގައި ބުނެފައިއޮތީ އޭނާ މަދީހާ ވަރިކޮށްފިކަމަށާއި، ކޯޓަށް ގޮސްގެން އިތުރަށް ކަންތައްތައް ކުރިއަށް ގެންދިޔުމަށެވެ.

މެސެޖަށް ބަލަހައްޓައިގެން އިންދާ އިޝްފާން ކޮޓަރިން ނުކުތެވެ.

"ދަރިފުޅު މިހާރު ކިހިނެއް؟" މަދީހާ އެހެން އަހާލީ ރޭއްސުރެ އިޝްފާން ބަލިކޮށް އުޅޭތީއެވެ.

"މިހާރު ރަނގަޅު. ކަމެއްވީތަ؟" ސޯފާގައި އިށީންނަމުން އިޝްފާން އެހެން އަހާލީ މަދީހާގެ މޫނުމަތިން ފެނުނު އަސަރުތައް މާނަ ކުރާނެގޮތެއް އޭނާއަށް ނޭނގުމުންނެވެ. އިއްތިފާޤަަކުން އެވަގުތު ވީ ސަވާވެސް ކޮޓަރިން ނުކުތް ވަގުތަށެވެ.

"ދަރިފުޅާ… " މަދީހާ ސަވާއަށް ގޮވާލުމާއެކު، ސަވާ ވެސް އައިސް ސޯފާގައި އިށީނީ މަދީހާ ވާހަކަ އެއް ބުނަން އުޅޭކަން އޭނާއަށް ވިސްނުމުންނެވެ.

" ބައްޕަ މަންމަ ވަރިކޮށްފި." ސަވާ އިށީނުމުން މަދީހާ އެ ދެމީހުންނަށް ވަރަށް ފަރުވާތެރިކަމާއެކު، ބަލާލާފައި ބުނެލިއެވެ. އެއަށްފަހު އޭނާ ތަފްސީލް އެ ދެމީހުންނަށް ދިނެވެ.

"ފަތުޙީ…" އިޝްފާންގެ ޖުމްލަ ފުރިހަމަކުރުމުގެ ކުރިން މަދީހާ އޭނާއަށް ގޮވާލިއެވެ.

"ދަރިފުޅާ!. ކޮންމެ ގޮތެއް ވިޔަސް އެއީ ބައްޕަ. އެ ހަޤީގަތް ބަދަލެއް ނުވާނެ. ބައްޕަ ކުރި ކުށުގެ އަދަބު މި ދުނިޔޭގައި ނޫންނަމަ އެ ދުނިޔޭންވެސް ލިބިގެންދާނެ. ލޭގެ ގުޅުމެއް ނުކެނޑޭނެއެއްނު. ބައްޕަ ކޮންމެ ގޮތަކަށް ކަންތައްކުރިޔަސް އިޝްފާން ބައްޕައަށް އިޙްތިރާމްކުރުން މަންމަ އެދެނީ…" މަދީހާ އެ ބުނީ ކީކޭކަން އިޝްފާންއަށް ފަހުމްވުމާއެކު އޭނާ ބޯ ޖަހާލިއެވެ. މަދީހާ އެބުނަނީ ފަތުޙީއަށް ބައްޕައޭ ކިޔާ މުޚާތަބު ކުރަންކަން އިޝްފާންއަށް އެނގުނު ނަމަވެސް، އެކަން އެގޮތަށް ކުރަން އޭނާއަށް އުނދަގޫވާނެއެވެ. އެ ދުލުން ބައްޕައޭ ކިޔާފައި ގޮވާލި ދުވަހެއް އޭނާގެ ހަނދާނަކުވެސް ނެތެވެ.

*****

އެ ހަފްތާ ތެރޭގައި މަދީހާ ކޯޓަށް މައްސަލަ ހުށައެޅުމުން ކޯޓުން، ފަތުޙީއަށް ގުޅަން މަސައްކަތް ކުރިނަމަވެސް، ގުޅޭގޮތެއް ނުވިއެވެ. މަދީހާވެސް ފަތުޙީއާ ވާހަކަ ދެއްކޭތޯ މަސައްކަތްކުރި ނަމަވެސް، ފޯނެއް ނުނަގައެވެ. އެންމެފަހުން ފަތުޙީގެ ޣައިރު ހާޟިރުގައި ކޯޓުން މައްސަލަ ނިންމިއެވެ. ފަތުޙީ ކައިރިން ވަރިވެވުމުން މަދީހާއަށް ހީވީ އޭނާގެ ބޮލުން ބަރު އެއްޗެއް ނަގާ އެއްލާލެވުނު ހެންނެވެ. އެހާ ވަރު ހިތްހަމަޖެހުމެއް އޭނާއަށް ލިބިގެން ދިޔައެވެ.

މަދީހާ ފަތުޙީގެ ކައިރިން ވަރިވިކަން އެނގި ނިއުމާ، މަދީހާއަށް ގުޅިއެވެ. އޭނާ ބުނީ އެކަން އޭނާއަށް އެނގުނީ ކޯޓުގައި އުޅޭ އެކުވެރިއެއް މެދުވެރިކޮށްކަމެވެ. އެއަށްފަހު، ފަތުޙީގެ ޚަބަރެއްވެސް ނިއުމާ މަދީހާއަށް ދިނެވެ. ފަތުހީގެ ލޯބިވެރިޔާ އޭނާ ދޫކޮށްލާފައި ގޮސްފިކަމަށާއި އެހެންނަމަވެސް، ދެން ފަތުޙީ ރާއްޖެ ނާންނެކަމުގައި އަޑު އިވުނު ކަމުގައިވެސް ނިއުމާ ބުންޏެވެ.

ނިއުމާގެ ފޯނު ބޭއްވުމަށްފަހު، މަދީހާ ވިސްނާލިއެވެ. ފަތުޙީ ހުރީ ކޮންތާކުކަން އެނގުނު ނަމަވެސް، މައްސަލަ ބެލުމަށް އޭނަ ރާއްޖެ ނުގެނެވޭނެއެވެ. އިންސާފު ލިބޭނީ ފަތުޙީ ރާއްޖެ ގެނެވިގެން ނޫން ހެއްޔެވެ؟ ސަރުކާރުން މައްސަލަ ބަލާނަމޭ ބުނި ނަމަވެސް، ފަތުޙީމެން ފަދަ މީހުންގެ މައްޗަށް ދުވަހަކު ކުށް ސާބިތުވޭ ހެއްޔެވެ؟ އެމީހުންގެ ކުށުގެ އަބަދު އެމީހުންނަށް ލިބޭ ހެއްޔެވެ؟ މި ވާހަކަތައްވެސް ދައްކާނީ ދުވަސްކޮޅެއް ވަންދެނެވެ. އެއަށްފަހު މި ކަންތައްތައްވެސް ފަސް އަޅާ ފޮރުވިގެން ދާނެއެވެ. ވީއިރު އިންސާފު ލިބޭނީ ކިހިނަކުން ހެއްޔެވެ؟ އެހެންނަމަވެސް، މަދީހާގެ އުންމީދަކީ ކޮންމެވެސް ދުވަހަކުން ފަތުޙީގެ ކުށުގެ އަދަބު އޭނާއަށް ލިބުމެވެ.

އިޝްފާން އަނެއްކާވެސް ބަލި ވާން ފެށި ނަމަވެސް، މާލެ ދާކަށް ބޭނުމެއް ނޫނެވެ. އަނެއްކޮޅުނ މިހާރަކަށް އައިސް ކެނޑިނޭޅި ސަވާއާ ރީހާންގެ ކައިވެނީގެ ވާހަކަ އިޝްފާން ދައްކާތީ ސަވާ އޭނާގެ ކައިވެނި އަވަސްކުރުމަށް ރީހާންއާ ވާހަކަ ދެއްކުމުން އެގޮތަށް ރީހާން ވެސް އެއްބަަސްވިއެވެ.

ރޭގަނޑެކެވެ. ސަވާ ރީހާންއާ ވާހަކަ ދައްކަން ޖޯލީގައި އިންއިރު އޭނާގެ ތުންފަތް މަތީގައިވަނީ ހިނިތުންވުމެެކެވެ. އެމީހުން ވާހަކަ ދައްކަމުން ދިޔައި ކައިވެންޏާ ބެހޭގޮތުންނެވެ.

"ދެން ސަވާ ބޭނުންވާގޮތެއް ބުނެބަލަ! ތިކޮޅުގައި ކައިވެނި ކުރަންވެސް އަހަންނަށް އޯކޭ އޭ…އަހަރެން ފެމިލީ ގޮވައިގެން ގޮސްފާނަމޭ… " ރީހާން ބުނެލިއެވެ.

"އެގޮތް އޯކޭވާނެތަ؟ މަންމަވެސް އަދި މާލެ ދާކަށް އެހާ ބޭނުމެއް ނޫން. އެހެންވެ އަސްލު..." ސަވާ ހަޤީގަތް ހާމަކޮށްލިއެވެ.

"އެ އޯކޭ ވާނެޔޭ… އަހަރެންގެ ފެމިލީ އަންޑަސްޓޭންޑް ވާނެ." ރީހާންގެ އަޑުގައިވަނީ އޯގާތެރިކަމެވެ. "ސަވާ ބުނާ ޑޭޓެއް. އަހަންނަށް އޯކޭ އޭ ހަމަ… މަންމައާ ޑިސްކަސް ކޮށްލާފަ އަހަރެންގެ ކައިރީގައި ބުނެބަލަ." ރީހާން އެދުމުން ސަވާ އެގޮތާ އެއްބަސްވިއެވެ. ފޯނު ނިންމާލާފައި ގޮސް ސަވާ މަދީހާއާ އެވާހަކަ ދެއްކިއެވެ.

"މަންމައަށް އޯކޭ ސަވާ ބޭނުންވާ ކޮންމެ ގޮތެއް." މަދީހާ ބުނެލިއެވެ.

ކޮބާ އިޝްފާން؟" ސަވާ އަހާލިއެވެ.

"ކޮޓަރީގަ އެބައޮތް. ކީއްވެތަ އެވަރަށް އެ ބަލިވަނީ؟ މާލެ ދާން ވެސް އެއްބަހެއް ނުވި. މިއަދު ތެދުވެވޭ ވަރުވެސް ނުވޭ. " މަދީހާ އެހެން ބުނެލިއިރު އޭނާގެ އަޑުގައި ހާސްކަން ވިއެވެ. ސަވާގޮސް ކޮޓަރިއަށް ވަތްއިރު އިޝްފާން، އެނދުގައި އޮތީ ލޯ މަރާލައިގެންނެވެ.

ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް އިޝްފާން ވަރު ދެރަކަމާއެކު، ލޯ ހުޅުވާލިއެވެ. ސަވާ ފެނުމުން އޭނާ ހިތްވަރުކޮށްފައި ތެދުވެ އެނދުގައި އިށީނެވެ. އޭގެ އިރުކޮޅެއްފަހުން މަދީހާވެސް އައިސް ކޮޓަރިއަށް ވަނެވެ. ސަވާ އޭނާގެ ކައިވެނީގެ ވާހަކަ އިޝްފާންއާ ހިއްސާކުރުމުން އިޝްފާންގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

"މަންމަ ބޭނުންވަނީ ދަރިފުޅުގެ ކައިވެނިވެސް ވީ އެންމެ އަވަހަކަށް ކުރެވުން. ޒައިނާގެ އިއްދަ ހަމަވުމުން، އޭނައާ އެވާހަކަ ދައްކަބަލަ." އިޝްފާންގެ ހިތުގެ ޙާލު އެނގޭ މަދީހާ އެހެން ބުނެލުމާއެކު، އިޝްފާން އިސްޖަހާލި އެވެ.

"ކިހިނެއްވީ؟ ކީއްވެތަ މަންމަ ޒައިނާއާ ގުޅޭ ވާހަކައެއް ދައްކާއިރު ތިހެން މާޔޫސްވަނީ؟ ދަރިފުޅުމެން ދެ ކުދިން މަންމައަށް ކޮންކަމެއް ތި ސިއްރުކުރަނީ؟" މަދީހާއަށް ފަހަރަކު މީހެއްގެ މޫނަށް ބަލާލަމުން އެންމެ ފަހުން ބުނެވުނެވެ.

"ނޫން. މަންމާ … އައި ކާންޓް…" އިސްޖަހާލައިގެން އެ އިން ގޮތަށް އިނދެ އިޝްފާން އެހެން ބުނެލިއެވެ.

"ކީއްވެ؟ އިޝްފާން… މަންމައަށް ބަލާލަބަލަ." މަދީހާ އެދުނެވެ.

"ސަވާ!…" އިޝްފާން އެއްޗެއް ނުބުނުމުން އޭނާ ސަވާއަށްވެސް އަވަސް ނަޒަރެއް ދިނެވެ.

"ކޮންމެވެސް އެއް ކުއްޖަކު ވާނުވާ މަންމަ ގާތު ބުނެދީ ބަލަ. މީ މަންމައޭ…" މަދީހާއަށް މާޔޫސްވެފައިވާ އަޑަކުން ބުނެވުނެވެ.

"ސޮރީ މަންމާ…. " އިޝްފާން އެހެން ބުނެލާފައި ދެން ހާމަކޮށްލި ވާހަކައަކުން މަދީހާއަށް ޝޮކެއް ލިބިގެން ދިޔައިރު އިޝްފާންގެ ދެލޮލުން ކަރުނަތައް ފައިބައިގެން ހިނގައްޖެއެވެ.

"އައި ހޭވް އެއިޑްސް… އަހަރެން ކިހިނެއް ޒައިނާއާ އިންނާނީ؟ ކިތަންމެ ލޯބި ވިއެއްކަމަކު، އަހަރެން ކިހިނެއް ކައިވެންޏެއް ކުރާނީ؟" އިޝްފާން އެހެން ބުނެލިއިރު، އޭނާގެ މުޅި އެތެރެ ހަށިވެސް ހީވަނީ ފުނޑުފުނޑު ވެދާނެހެންނެވެ. ޒައިނާއަށްޓަކައި އެ ހިތުގައި އުފެދިފައިވާ ލޯބި އިންތިހާއެވެ. އެހެންނަމަވެސް ތަޤުދީރާ ދެކޮޅު ހަދާނީ ކިހިނަކުން ހެއްޔެވެ؟ އެހިތުގައި ރަނިކަން ކުރާ ސޫރައަކީ ޒައިނާއެވެ. އެހިތް ދުށުމަށް އެދޭ ހަމައެކަނި ސޫރައަކީ ވެސް ޒައިނާއެވެ. ބޭޤަރާރުކަން އޭގެ އިންތިހާގައި ވިޔެއްކަމަކު ޒައިނާއަށް އޭނާގެ ޙަޔާތުން ޖާގަ ދޭނީ ކިހިނަކުން ހެއްޔެވެ؟ މި ހުރިހާ ދުވަހު ހިތްވަރުކޮށްގެން ހުރި އިޝްފާންގެ ދެލޮލުން ކަރުނަތައް ފައިބައިގެން ދިޔައީ ބޭއިޚްތިޔާރުގައެވެ.

ކޮޓަރީގެ ދޮރު ކައިރީގައި ފާރުގައި ލެނގިލައިގެން ހުރި ޒައިނާއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ހެންނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު