ރަޔާން ސޯފާއިން ތެދުވިއެވެ. ކޮފީތަށި ހުސްވި ނަމަވެސް ނިދިފިލައިގެން ނުދެއެވެ. ޔަލްވީ ނިދާހާއިރުކޮށްފައި، ރަޔާން ގޮސް ކޮޓަރިއަށް ވަނެވެ. ރަޔާންގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އެނދުގައި ލޯބިކޮށް ނިދާލާފައި އޮތް ޔަލްވީއެވެ. ކުރު ސޯޓަކާއި ކުޑަ ޓީޝާޓުކޮޅެއް ލައިގެން އޮތްއިރު ހަށިގަނޑުން ބޮޑުބައެއް އޮތީ ހާމައަށެވެ. ބާލީހުގައި ބައްދާލައިގެން އޮތީ ކުޑަކުއްޖަކު ނިދާލާފައި އޮންނާނެހާ އަރާމުކޮށެވެ.
********
ރަޔާން އިސްޖަހާލިއެވެ. ޔަލްވީ އަކީ މިހާރު އޭނާގެ އަނބިމީހާ ވިޔަސް، އެ ދިރިއުޅުމަށް އާދަވާން ރަޔާން އަދި ވަގުތު ބޭނުންވެއެވެ. އެކުގައި އުޅުމަށް ދެމީހުން ދަސްވާންޖެހެއެވެ.
ރަޔާން ފާހާނާއަށް ވަދެ ފެންވަރާލައިގެން ނުކުތެވެ. އޭރުވެސް ޔަލްވީ އޮތީ ގަދަ ނިދީގައެވެ. ނިދާފައި އޮންނައިރު މައުސޫމެވެ. ބޮޑާކަމުގެ އެއްވެސް އަސަރެއް ޔަލްވީގެ މޫނުން ފެންނާކަށް ނެތެވެ. ރަޔާން ގޮސް އެނދު ކައިރީގައި ހުއްޓުނެވެ. ޔަލްވީއަށް ބަލަން އިރުކޮޅަކު ހުރުމަށްފަހު، މަޑުމަޑުން ޔަލްވީ އާއި ދިމާއަށް ގުދުވެލިއެވެ. ޔަލްވީއަށް ހޭލެވިދާނެތީ ރަޔާންގެ ހަރަކާތްތައް ގެންނަމުން ދިޔައީ ވަރަށް މަޑުމަޑުންނެވެ. ރަޔާން މަޑުމަޑުން ޔަލްވީގެ އަތްދަށުގައި އޮތް ބާލީހަށް ދަމައިލިއެވެ.
ޔަލްވީ ފުރޮޅިލިއެވެ. ރަޔާންގެ އަތާއިއެކު ބާލީހުގައި ބައްދައިލިއެވެ. އޭރު ދެމީހުންގެ މޫނު ވަނީ ނުރައްކާތެރި ދަރަޖައަކަށް ކައިރިވެފައެވެ. އެކަކު އަނެކެއްގެ ނޭވާގެ އިހުސާސް ކުރެވޭނެކަން ގައިމެވެ. ރަޔާންގެ ހިތުގެ ހިނގުން މަޑުޖެހުނެވެ. އެހާގާތުން ޔަލްވީގެ ރީތި ސޫރަ ފެނުމުން ހިތަށް ގޮތެއް ނުވާނީ ކާކުގެ ހެއްޔެވެ؟ ރަޔާންއަށް ހަމަޖެހުމެއް ލިބުނީ އޭރުވެސް ޔަލްވީ އޮތީ ފުން ނިންޖެއްގެ ތެރޭގައި ކަން އެނގުމުންނެވެ.
ކުޑައިރުކޮޅަކު ހަރަކާތެއް ނުކޮށް އިނުމަށްފަހު، ރަޔާން އޭނާގެ އަތް މިނިވަންކުރިއެވެ. ޔަލްވީގެ އަތްދަށުން ބާލީސް ނަގައިގެން އެތަނުން ދިޔުމަށް އަވަސްވެގަތެވެ. ބޯ ރަޖާގަނޑެއް މުށިތަކުގެ މަތީގައި ފަތުރާލުމަށްފަހު، ރަޔާން އޮށޯތެވެ. ޔަލްވީ އާއި ދިމާއަށް ބަލައިލިއެވެ. ރަޔާން ވިސްނައިލިއެވެ. ޔަލްވީއާއި އެއް އެނދެއްގައި ނިދާކަށް ޔަލްވީ ރަޔާނަށް ފުރުސަތެއް ނުދޭނެއެވެ. ދެމީހުންނަށްވެސް އެންމެ ރަނގަޅު ގޮތަކީ އެކަކު އަނެކަކު ބޭނުންވާގޮތަށް ކަންކަން ކޮށްދިނުމެވެ. ރަޔާން ޔަލްވީގެ ފަރާތުން ބޭނުންވަނީ އެންމެ ކަމެކެވެ. އެއީ ރަޔާންގެ މަންމައަށް ހެޔޮކޮށް ހިތުމެވެ.
********
ނިދެމުން ދަނިކޮށް ލިމްޔާއަށް ސިހިފައި ހޭލެވުނީ އޭނާގެ ފޯނަށް މެސެޖެއް އައި އަޑު އިވުމުންނެވެ. ދަންވަރު މެސެޖުކުރާނެ މީހަކު ނުހުންނާނެކަން ލިމްޔާއަށް އެނގެއެވެ. ލިމްޔާ ފޯނު ހުޅުވައިލިއެވެ. ލިބިފައި އޮތީ ރަޔާންގެ މެސެޖެކެވެ. ގަބޫލު ނުކުރެވިގެން ދެފަހަރަކު ލޯ އުނގުޅައިލުމަށްފަހުގައިވެސް ލިމްޔާ ފޯނު ބެލިއެވެ. މެސެޖުކޮށްފައި އޮތީ ރަޔާނެވެ. ލިމްޔާއަށް ފުންމައިގެން ތެދުވެވުނެވެ.
"ރެން؟..." ދަންވަރު ރަޔާން މެސެޖުކުރުމުން ލިމްޔާ ހައިރާންވިއެވެ. މެސެޖު ހުޅުވަންވެސް ނޭނގިފައި ލިމްޔާއަށް އެތައް އިރަކު އިނދެވުނެވެ.
"ދަރިފުޅާ! ކިހިނެއްވީ؟..." އަމީރާގެ އަޑަށް ލިމްޔާ ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް ފޯނު ފުރަގަހަށް ލައި ފޮރުވިއެވެ. އަމީރާވެސް އިނީ ތެދުވެއެވެ.
"މި... މި.... ނިދި ނާންނާތީ...." ލިމްޔާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. މަންމަގެ ކުރިމަތީގައި ދޮގު ހަދާކަށް ވެސް ނުކެރުނެވެ.
"ފޭސްބުކަށް ވަދެގެން ނޯވެ ދެން ނިދާބަލަ" އަމީރާ އޮށޯތެވެ.
"އޯކޭ މަންމާ.." ލިމްޔާ ވަރަށް އަވަހަށް އެއްބަސްވިއެވެ.
ލިމްޔާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެފަދަ ވަގުތެއްގައި ރަޔާން މެސެޖުކުރިކަން އަމީރާއަށް އެނގޭކަށް ލިމްޔާ ބޭނުމެއް ނުވިއެވެ.
"ލިމް... ހައު އާ ޔޫ ފީލިންގް ނައު...." ރަޔާންގެ މެސެޖު ލިމްޔާއަށް ކިޔުނު އަދަދުވެސް ނޭނގުނެވެ. ބޭއިހުތިޔާރުގައި ހިނިތުންވެލެވުނެވެ. ރަޔާން އޭނާއާއިމެދު ވިސްނާކަން އެނގި، ލިމްޔާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. މެސެޖުގެ ޖަވާބު ލިޔުމަށް ތައްޔާރުވެލި ލިމްޔާގެ ހަރަކާތް ހުއްޓުނެވެ.
"އެއީ މިހާރު މީހެއްގެ ފިރިއެއް..." ލިމްޔާގެ ހިތަށް އެރި އެއްޗަކުން ތުންފަތްމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ.
********
ރަޒީނާ ފަތިސްނަމާދު ކޮށްގެން ނުކުތްއިރު، ރަޔާން އިނީ ސިޓިންގްރޫމުގައި ކޮންމެވެސް އެއްޗެއް ލިޔާށެވެ. ފަތިސްނަމާދުކޮށްގެން އައިސް އޮފީހަށް ދާންވަންދެން ރަޔާން އަބަދުވެސް ނިދައެވެ. ކައިވެނީގެ ފުރަތަމަ ދުވަހު ރަޔާން އެހާ އަވަހަށް ހޭލަފާނެކަމަށް ރަޒީނާ ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ.
"ދަރިފުޅާ! ހާދަ ހެނދުނަކާ ހޭލައިގެން ތިއުޅެނީ؟" ރަޔާނާއި ދިމާއަށް ހިނގައިގަންނަމުން ރަޒީނާ ސުވާލުކުރިއެވެ. "ސައިތައްޓެއް ހަދާލަދެންތަ؟ ކޮބާ ޔަލްވީ؟ ހޭލައިފިތަ؟"
ރަޔާން އާއި ޔަލްވީގެ ގުޅުން އެހާ ރަނގަޅު ނޫންކަން ރަޒީނާއަށް ވަނީ އެނގިފައެވެ. ކައިވެނި ކުރެވުމަށްފަހުވެސް ދެމީހުންގެ މޫނުމަތިން އުފާވެރިކަމުގެ ކުޑަވެސް މިންވަރެއް ރަޒީނާއަށް ފެނިފައެއް ނުވެއެވެ. ރަޔާންގެ ކައިރިން އެކަން އޮޅުންފިލުވަން ކިތަންމެ ބޭނުންވި ނަމަވެސް އެއީ އެހާ ރަނގަޅުކަމެއް ނޫންކަމުގައި ރަޒީނާ އޭނާގެ އަމިއްލަ ހިތަށް ވިސްނައިދިނެވެ.
"ސައިބޯނީ ފަހުން. މިގަޑީ ބޭނުންވަނީ ކޮފީއެއް..." ރޭގައި ރަނގަޅަށް ނުނިދޭތީ ރަޔާންގެ މޫނުން ފެންނަމުންދިޔައީ ވަރުބަލިކަމެވެ. "ޔަލްވީ އަދި ހޭނުލާ. ރޭގަ އެހާ ލަހުން ނިދީމަ ވަރަށް ވަރުބަލިވެފަ ހުންނާނެތީ ނުގޮވީ...."
"އާނ ދަރިފުޅު ތިހެދީ ރަނގަޅަށް. އެހާ އަވަހަށް ގޮވާނެކަމެއްނެތް" ރަޒީނާ ހިނިތުންވެލިއެވެ. "ދަރިފުޅު ތަނަކަށް ތަދުވަނީތަ؟ ހާދަ އެހެން ކަހަލަ ގޮތަކަށް ތި އިންނަނީ؟"
"ނޫނޭ މަންމާ. މާބޮޑުކަމެއް ނުވޭ. ކުޑަކޮށް ބުރަކަށީގަ ރިއްސާތީ މިއުޅެނީ. އިއްޔެ މާގިނަ މަސައްކަތް ކުރީމަ ވީގޮތެއް އެއީ. މިހާރު ކަސްރަތުވެސް ކޮށްނުލެވޭތީއޭ މިހެން މިވަނީ" ރަޒީނާގެ އެންމެ ސުވާލަކަށް ރަޔާން ދިން ޖަވާބު ދިގުކަމުން ރަޒީނާ އިނީ އަޖައިބުވެފައެވެ. ރަޔާން ވާހަކަ ދެއްކި ގޮތުން ހީވީ ކަމަކަށް އެއްބަސްނުވާން ބަހަނާ ދެއްކި ހެންނެވެ. ރަޒީނާގެ ހިތުގައި ސުވާލު އުފެދުނީ އެހެންވެއެވެ.
"މި ހިތަށް އަރަނީ ކުޑަކޮށް ކަސްރަތުކޮށްލަން އަތިރިމައްޗަށް ދާންވީއޭ" ރަޒީނާ ކޮފީތަށި ހިފައިގެން އައުމުން ރަޔާން ބުނެލިއެވެ.
ރަޔާން ގެއިން ނުކުތްއިރު، އިރު އެރުމުގެ އަސަރުތައް އުޑުމަތިން ފެންނަން ހުއްޓެވެ. އަތިރިމަތީގައި މީހަކު ފެންނާކަށް ނެތެވެ. ކުޑަކޮށް ދުވެލާ ކަސްރަތުކޮށްލުމަށްފަހު، ރަޔާން ގޮސް ވެލިގަނޑުގެ މަތީގައި ޖައްސާލިއެވެ. ކަސްރަތުކޮށްލުމުން، ގައިގެ ރިހުމަށް ލުޔެއް ލިބުނެވެ.
ދެލޯ އުނގުޅަމުން އަފްސަމް އަތިރިމައްޗަށް ނުކުތެވެ. އެކި ފަރާތްފަރާތް ހޯދައިލުމަށްފަހު، ރަޔާން އޮތް ދިމާއަށް މިސްރާބުޖެހިއެވެ. އަފްސަމްގެ މޫނުމަތިން ފެންނަމުން ދިޔައީ ނިދީގެ އަސަރެވެ.
"މީ ކޮން ގަޑިއެއްތަ މީހުންނަށް އުނދަގޫކުރަން" ރަޔާންގެ ކައިރީގައި އޮށޯންނަމުން އަފްސަމް ބުނެލިއެވެ. "އަދި އަށެއްވެސް ނުޖަހައޭ. ކީއްވެގެންތަ އަހަންނަށް ގުޅައިގެން މިތަނަށް ތި ގެނުވީ؟"
"އެކަނިވީމައޭ..." ޖެއްސުމުގެ ރާގަކަށް ރަޔާން ބުނެލިއެވެ.
"އަންހެނުން އޮތެއްނު ކައިރީގަ. އޭނަ ކައިރީ ނޯވެވިގެން މިތަނަށް އައިސް ތިއޮތީ ކީއްކުރަންތަ؟ ގޮސް އޭނައަށް އުނދަގޫ ކޮށްބަލަ. އަހަރެން ހީކުރީ މީހަކާ އިނީމަ އަހަންނަށް ދެން އެހާ ބާރު ބޮޑެއް ނުވާނެކަމަށް..." އަފްސަމްވެސް ރަޔާނާއި ދިމާކުރިއެވެ.
"ބަލާބަލަ އެއޮއް ނަގާ ސަޅި ރާޅު. މިހާރު ކޮންދުވަހެއްތަ އެގޮތަށް ރާޅެއް ނުނަގާތާ. މިކަހަލަ ފުރުސަތެއް ލިބޭނީ މަދު ފަހަރަކު އިނގޭ" ރަޔާން ބުނެލިއެވެ.
"އޭ އަސްލުވެސްތަ؟" އަފްސަމް ފުންމައިގެން ތެދުވެ، މޫދާއި ދިމާއަށް ބަލައިލިއެވެ. ފެނުނު މަންޒަރުން އަފްސަމްގެ ނިދިވެސް ފިލައިގެން ދިޔައެވެ. "ސަޅިއޭ. ހިނގާ އަވަހަށް. ލަސްކުރާނެކަމެއް ނެތް. އެބަ އަންނަން ސާމާނުތައް ހިފައިގެން"
އަފްސަމް އަންނާނެ އިރެއްގެ އިންތިޒާރުގައި މަޑުކޮށްލައިގެން އިން ރަޔާންއަށް ފަހަތުން މީހެއްގެ ހިލަމެއް ވީހެން ހީވިއެވެ. ރަޔާންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ދެ އެކުވެރިން އަބަދުވެސް އެކަކު އަނެކަކަށް ސަމާސާ ކުރެއެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފުމަށް ރަޔާން އަވަސްވެގަތެވެ. ރަޔާން އެއިންގޮތަށް އިނދެ ވެލިމުށެއް ނެގިއެވެ. ފިޔަވަޅުތަކުގެ އަޑު ދާދި ކައިރިން އިވުމުން، ވެލިމުށް ފަހަތަށް އުކާލިއެވެ.
އެއްޗެއް ވެއްޓުނު އަޑު އިވުނެވެ. ރަޔާން ހިފަހައްޓައިގެން ހުރި ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ރަޔާން ހީކުރީ އަފްސަމްގެ ހަމަލާއެއް އޭނައަށްވެސް އަންނާނެ ކަމަށެވެ. އެކަމަކު އަފްސަމްގެ ހަބަރެއް ނުވިއެވެ. ރަޔާން ފަސް އެނބުރި ބަލާލިއެވެ. އެއާއިއެކު ރަޔާންއަށް ދެލޯ ބޮޑުކޮށްލެވުނެވެ.
"ކިހިނެއް ތިހެދީ؟" ބަނޑުގައި އަތް އަޅައިގެން އޮވެ އަފްސަމް ހެނީއެވެ.
ވެއްޓިފައި އޮތީ ރަޒީނާއެވެ. ރަޒީނާގެ މުޅި މޫނުގައި އޮތީ ހުސް ވެއްޔެވެ. ރަޔާންއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް މަންމަ ނެގިއެވެ. އަދި މަންމަގެ ގައިގައި ހުރި ވެލިތައް ފޮޅާލަދިނެވެ.
"ސޮރީ. ހީކުރީ އަފްސަމް ކަމަށް...." ރަޔާން ބުނެލިއެވެ. ކުރެވުނު ކަންތަކުން ރަޔާން ހުރީ ވަރަށް ދެރަވެފައެވެ. އެކަހަލަ ވަގުތެއްގައި ރަޒީނާ އެތަނަށް އައިސްދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ.
"އެވަރު ކަމެއް ނޫނޭ އެއީ. މަންމަ ކުނި އުކާލާފަ އަންނަނިކޮށް ދަރިފުޅު މިތާ އެކަނި އިންތަން ފެނިގެން މިއައީ" ރަޒީނާ ހިނިތުންވެލިއެވެ.
"އަފްސަމް، ދަރިފުޅުވެސް މިހާ ހެނދުނާ ހޭލައިގެންތަ ތިއުޅެނީ؟ ބޮޑެތި ރާޅު ނަގާތަން އެބަ ފެނެއޭ" ލާނެތް ރާގަކަށް ރަޒީނާ ބުނެލިއެވެ.
"ކިހިނެއް ނިދަން އޮންނާނީ؟ ބޭރުން ނަގާ ރާޅަށް ވުރެ އެތެރެއިން ނަގާ ރާޅު ބޮޑޭ...." ރަޔާން އާއި ދިމާއަށް އެއްލޯ މަރާލަމުން އަފްސަމް ބުނެލިއެވެ. އަފްސަމް އެހެން ބުނުމާއިއެކީ ރަޔާން އަފްސަމް އާއި ދިމާއަށް ލޯ ހަނިކޮށްލިއެވެ.
"ތީ ކޮންކަހަލަ މީހެއްތަ؟ މަންމައަށް އެނގުނުނަމަ ޔޯ؟" ރަޒީނާ ދިޔުމުން ރަޔާން ގޮސް އަފްސަމްގެ ކަނދުރާމައްޗަށް އަތް ލައި، ކަރަން ވާންކޮށްލިއެވެ. "ނޭނގެ ނުބައި މާނައެއް ނޫން ކަމެއްވެސް މަންމަ ނަގާނީ...."
"މަބުނީ ދޮގެއްތަ އަޅެ؟ އެތެރޭން ނަގާ ރާޅު ބޮޑެއް ނޫންތަ؟ އާނ އެހެންވެތާ މިހާ ހެދުނާވެސް ނިދަން ނޯވެވިގެން މިތަނަށް އައިސް ތިއުޅެނީ.... އާނ ދެން އެކަމަކު އަހަންނަށްވެސް ފައިދާއެއް ކޮށްފި. އަހަންނަށް ހީވަނީ ދުވަސްކޮޅަކުން ރާޅެއް ނުނަގައިގެން ކަންނޭގެ އަހަރެން ހުންނަން ޖެހޭނީ. އަދި އެވެސް ތިގޭ ދޮރުމަތީ" އަފްސަމް ހީގަތެވެ. އޭނާ ހުރީ ރަޔާނާއި ދިމާކުރާ ހިތްވާ ކަހަލަ މޫޑެއްގައެވެ.
"އަހަންނަށްވެސް އަންނާނެ އެނގޭ ދުވަހެއް. އެދުވަހަކުން ބަލާނަމޭ ކޮންތާކުންތޯ ބޮޑެތި ރާޅު ނަގަނީ.... ވަގުތު ބޭކާރު ނުކޮށް ދެންވެސް ހިނގާބަލަ" އަފްސަމްގެ އަތުގައި ހިފައި ދަމައިގަންނަމުން ރަޔާން ބުނެލިއެވެ.
މޫދުގައި އެތައް އިރަކު އުޅުމަށްފަހު ރަޔާންއަށް ގެއަށް އާދެވުނީ މެންދުރުވާން އުޅެނިކޮށެވެ. ގޭތެރެއިން ޔަލްވީ ފެންނަން ނެތުމުން އަދިވެސް ހޭނުލަނީކަން ރަޔާންއަށް އެނގުނެވެ. ރަޒީނާ ސުވާލުކުރާނެ ކަން އެނގޭތީ، މަންމަ ފެނުމުގެ ކުރިން ކޮޓަރިއަށް ވަނުމަށް ރަޔާން އަވަސްވެގަތެވެ.
(ނުނިމޭ)