ސިއްޚީ ފަރުވާއަށް ޣައްޒާއިން ބޭރަށް އެންމެ ގިނަ ބަޔަކު ފޮނުވީ އިއްޔެ

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ އަލް ނާސިރު ހޮސްޕިޓަލުގައި އަންހެނަކު ކުޑަކުއްޖަކު ގޮވައިގެން. ސިއްޚީ ފަރުވާއަށް ގިނަ ބަޔަކު ޣައްޒާ ބޭރަށް ފޮނުވައިފާ ކަމަށް ޑަބްލިިޔުއެޗްއޯ އިން ބުނޭ. ފޮޓޯ/ރޮއިޓާސް

އިސްރާއީލުން ޣައްޒާގައި ހަނގުރާމަ ފެށިފަހުން ބޭސްފަރުވާއަށް ޣައްޒާއިން ބޭރަށް މިހާތަނަށް އެންމެ ގިނަ މީހުން ފޮނުވީ އިއްޔެ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ، (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ ސަރަހައްދުން ބޮޑެތި އަނިޔާތައް ލިބިފައިވާ 97 ބަލިމީހުން ޚާއްސަ ބޭސް ފަރުވާއަށް އަބޫދާބީއަށް ފޮނުވައިފައިވާ ކަމަށެވެ. އޭގެތެރޭގައި 45 ކުޑަކުދިންނާއި، ކެންސަރު ފަދަ ސީރިއަސް ބަލިތައް ޖެހިފައިވާ މީހުންވެސް ހިމެނެއެވެ.

އެ މީހުންނާއެކު އެހީތެރިންގެ ގޮތުގައި 155 މީހުން ވެސް ވަނީ އަބޫދާބީއަށް ފޮނުވައިފައެވެ.

އަބޫ ދާބީއަށް ފޮނުވި މީހުންނަކީ ޣައްޒާގައި މިވަގުތު ތިބި އަވަސް ފަރުވާއަށް ބޭނުންވާ 10،000 މީހުންގެ ތެރެއިން މަދު ބައެއް ކަމަށްވެސް ޑަބްލިއުއެޗްއޯ ފާހަގަކުރެއެވެ.

ފަލަސްތީނުގެ ސިއްޚަތާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު އޮކްޓޯބަރު ހަތް ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 41،118 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 95،000 އަށް ވުރެ ގިނައެވެ.

ޑަބްލިއުއެޗްއޯއިން ބުރާސްފަތި ދުވަހު ބުނީ ޖުލައި 23 އާ ހަމައަށް ހަނގުރާމައިގައި ޒަޚަމްވި މީހުންގެ ތެރެއިން ގާތްގަޑަކަށް 22،500 މީހުންނަށް ވަނީ އެ މީހުންގެ ދިރިއުޅުން ބަދަލުކޮށްލަން ޖެހޭފަދަ އަނިޔާތައް ލިބިފައެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ވަރަށް ބޮޑަށް އަނިޔާވި މީހުންގެ ތެރޭގައި އެތައް ހާސް އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށާއި ގިނަ ބަޔަކަށް އެއް އަނިޔާއަށް ވުރެ ގިނަ އަނިޔާ ލިބިފައިވާ ކަމަށެވެ.

comment ކޮމެންޓް