ފްލެޓު މައްސަލައިގައި އެޗްއާރްސީއެމުން މިނިސްޓަރާ ބައްދަލުކޮށްފި

ފްލެޓު މައްސަލައިގައި އެޗްއާރްސީއެމުން ހައުސިން މިނިސްޓަރާ ވަނީ ބައްދަލު ކޮށްފައި -- ފޮޓޯ/ އެކްސް

ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިދިޔަ ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތަކުގެ މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)އިން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާ ބައްދަލުކޮށްފިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރީ ސަރުކާރުން ފްލެޓުތައް ދޫކޮށްފައިވަނީ ގޯސްކޮށް ކަމަށް، އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އޮތީ ބުނެފައެވެ.

އެ ކަމާ ގުޅިގެން މީގެ ކުރިން އެޗްއާރްސީއެމުން ބުނެފައިވަނީ ތަހުގީގުކުރަމުންދާ ފްލެޓުތަކުގެ މައްސަލައިގައި ގިނަ ބައެއްގެ ހައްގުތައް ގެއްލިގެންދާ ކަމަށް ބުނާ މައްސަލައެއް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އަދި ކޮމިޝަނުން އެ މައްސަލަ ބަލަމުން ގެންދާނީ އިންސާނީ ހައްގުތަކުގެ ނަޒަރުން ކަމަށް ވެސް ބުނެފައިވެއެވެ.

މި ކަމާ ގުޅިގެން އެޗްއާރްސީއެމުން މިއަދު ބުނީ މި ބައްދަލުވުމުގައި ގެދޮރުވެރިޔާ މަޝްރޫއާ ގުޅިގެން ކޮމިޝަނުން ބަލަމުންދާ މައްސަލައަށް ބޭނުންވާ މައުލޫމާތު ހޯދާފައިވާ ކަމަށެވެ. އަދި ހައުސިން މިނިސްޓްރީން ގެދޮރުވެރިޔާ މަޝްރޫއާ ގުޅޭގޮތުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަދާހަމަ ހޯދާފައިވާ ކަމަށެވެ.

ހައުސިން މިނިސްޓްރީއާ ހަވާލާދީ އެޗްއާރްސީއެމުން ބުނީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި މި މައްސަލައަށް އަވަސް މުއްދަތެއްގެ ތެރޭގައި ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ހައްލު ހޯއްދަވައިދެއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަަމުން ގެންދާ ކަމަށެވެ.

އަދި އެ ކޮމިޝަނުން އުންމީދުކުރަނީ، ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުން އެކުލެވިފައިވާ މި މައްސަލައަށް އަވަށް ހައްލެއް ލިބުން ކަމަށް ވެސް ބުނެފައިވެއެވެ.

މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ރައްޔިތުންނަށް ލިބުނު ގޯއްޗާއި ފްލުޓު ދިނުން ލަސްވާތީ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން، ހުޅުމާލޭގައި އަޅާ 4،000 ފުލެޓު ދިނުން ލަސްވާތީ މި ފަހުން ވެސް މާލޭގައި ރައްޔިތުން ވަނީ އެކި ފަހަރުމަތިން މުޒާހަރާ ކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން، ފުލެޓު ލިސްޓު ބާތިލުނުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފައިވެއެވެ. އެ މައްސަލަ އެ ކޮމިޓީން މިހާރު އަންނަނީ ދިރާސާކުރަމުންނެވެ.

އެކަމަކު، ސަރުކާރުން ވަނީ ފުލެޓާއި ގޯތިތައް އޭގެ ހައްގުވެރިންނަށް ރައްދުކޮށްދެއްވާނެ ކަމަށް ބުނެފައެވެ. މިނިސްޓަރު މިއަދު ވެސް ވަނީ އެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

comment ކޮމެންޓް