މަސްވެެރިކަމުގެ އާބާދީއެއް އޮންނަ ރ. ދުވާފަރުގެ ނެރު ތިލަވެ، އެ ރަށު ބަނދަރަށް ވަންނަ ދޯނިތައް ބީހުމުގެ ހާދިސާތައް ދިމާވަމުން އަންނާތީ އެ މައްސަލަ ހައްލުކުރަން އެމްޓީސީސީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
މި މައްސަލައާ ގުޅުވައި، ދުވާފަރު ކައުންސިލުން 'ސަން'އަށް ބުނީ، އެ ރަށުގެ ނެރު ތިލަވާތީ، އެކަމުގެ ދަތިތައް ކުރިމަތިވަމުން އަންނަތާ ދޮޅު މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އެގޮތުން، އިއްޔެ ވެސް ދޯންޏެއް ބީހުނު ކަމަށާއި އެއީ މި މަހު ބީހުނު ހަތްވަނަ ދޯނި ކަމަށް ކައުންސިލުން މައުލޫމާތު ދެއްވިއެވެ.
ކައުންސިލުން ބުނި ގޮތުގައި، އެ މައްސަލަ ކަމާބެހޭ އިދާރަތަކުގެ ސަމާލުކަމަށް ގެނެސް، އެ ފަރާތްތަކާ ކައުންސިލުން ބައްދަލު ވެސް ކޮށްފައިވެއެވެ.
"ތިލަ ވެގެން ގޮސް ހުރޭ ގާތްގަނޑަކަށް ދޯނި ފަހަރަށް ގުޑާނުލެވޭ ވަރަށް ތިލަވެފައި. ދޯނި ފަހަރު ބީހިއްޖެއްޔާ ހަ ގަޑިއިރު ނުވަތަ ހަތް ގަޑިއިރު ފަހުން ފުން ވަނީ. އެއީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި،" ކައުންސިލުން ބުނެއެވެ.
މި ކަމާ ގުޅުވައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ދުވާފަރު ނެރު ތިލަވުމުގެ ސަބަބުން ލަފާ ފުރުމަށް ދަތިވެފައިވާ މައްސަލަ ހައްލުކުރަން ލޯކަލް ގަވަނަންސް މިނިސްޓްރީން އެމްޓީސީއާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލައަށް ހައްލެއް ހޯދުމަށް ވަރަށް އަވަހަށް ބަނދަރު ފުން ކުރުމުގެ މަސައްކަތް ފެށޭނެކަމުގެ ޔަގީންކަން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ރޭ ދެއްވާފައިވާކަން މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ.
ދުވާފަރަކީ ސުނާމީ ކާރިސާގައި ކުރިމަތިވި ގެއްލުމަށް ފަހު ރ. ކަނދޮޅުދޫ ރައްޔިތުން އާބާދުކުރި ރަށް ކަމަށްވާއިރު، ކަނދޮޅުދޫ ރައްޔިތުންނަކީ މަސްވެރިކަމުން އާމްދަނީ ހޯދަމުން އައި ރަށެކެވެ.
އެގޮތުން، އެ ކާރިސާއަށް ފަހު އެ ރަށު މީހުން ދުވާފަރަށް ބަދަލުވުމަށް ފަހު ވެސް ކުރަމުން އައީ މަސްވެރިކަމެވެ. މިހާރު ވެސް އެ ރަށުގައި ޑިންގީތަކާއި ލައިގެން ތަފާތު މަސްވެރިކަމަށް ބޭނުން ކުރާ 40 އެއްހައި ދޯނި އޮތްކަމަށް ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.